އީރާނުން އެމެރިކާއާއެކު "ފުރިހަމަ ހަނގުރާމައެއްގެ" ތެރެއަށް ވަދެފައިވާ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ
އެމެރިކާއިން އީރާނުގެ ނިއުކްލިއާ ޕަވަރ ޕްލާންޓް ހުންނަ ސަރަހައްދަށާއި އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދިނުމާ ގުޅިގެން، އީރާނުން ވެސް ދަނީ ބަހްރައިނާއި ސޫރިޔާ ފަދަ ގައުމުތަކުގައި ހުރި އަމާޒުތަކަށް ރައްދު ހަމަލާދެމުން. މި ކުރިމަތިލުންތަކާއެކު ހުރުމުޒް ކަނޑުއޮޅި ބަންދުކޮށް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައި. ހަމަލާތައް ކުރިއަށްދިޔަ ނަމަވެސް، މެދުވެރިން މެދުވެރިކޮށް ދެ ގައުމުގެ މެދުގައި ސިޔާސީ ވާހަކަތަކެއް ދެކެވެމުންދާ ކަމަށް އީރާނުން ބުނޭ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން | ގެޓީ އިމޭޖަސް
އެމެރިކާއިން އީރާނުގެ ނިއުކްލިއާ ޕަވަރ ޕްލާންޓެއް ހުންނަ ސިޓީއަކަށް ހަމަލާދީ، އެ ގައުމުގެ އެކި ސަރަހައްދުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައި، އީރާނުން އެމެރިކާއާއެކު "ފުރިހަމަ ހަނގުރާމައެއްގެ" ތެރެއަށް ވަދެފައިވާ ކަމަށް އެ ގައުމުގެ ރައީސް ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވެސް ދަނީ އެ ސަރަހައްދުގެ އެކި ގައުމުތަކަށް ހަމަލާދެމުންނެވެ. އެގޮތުން ބަހްރައިން، އުރުދުން އަދި ސޫރިޔާގައި ހުރި އަމާޒުތަކަށް ހަމަލާދީފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ވަނީ އިއުލާނުކޮށްފަ އެވެ. މީގެ އިތުރުން، އީރާނުން ބަހްރައިންގެ އެއާ ނެވިގޭޝަން ސިސްޓަމްތަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށް ބަހްރައިނުން ވެސް ވަނީ ބުނެފަ އެވެ.
އީރާނުގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވީ މިއަދު އީރާނުން ކުރިމަތިލަމުންދާ ހަގީގަތަކީ އެމެރިކާއާއެކު ފުރިހަމަ ހަނގުރާމައެއްގެ ތެރޭގައި އޮތުން ކަމަށެވެ.
މީގެ އިތުރުން، މި ހާލަތުގައި ހަގީގަތާ ކުރިމަތިލާންޖެހޭ ކަމަށާއި، މިފަދަ ދެކޮޅުވެރިކަމެއްގެ ސަބަބުން ކުރިމަތިވާނެ ނަތީޖާތައް ގަބޫލުކުރަންޖެހޭ ކަމަށް ވެސް ރައީސް ޕެޒެޝްކިއާން ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވީ، ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ތެޔޮ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި އުފުލި ހުރްމުޒް ކަނޑުއޮޅިއާ ދުރުގައިވާ، އީރާނުގެ އުތުރާއި މެދުތެރޭގެ ސަރަހައްދުތަކަށް އެމެރިކާއިން ހޯމަ ދުވަހު ހަމަލާދީފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއާއި އިދާރާތަކުން ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
މިދިޔަ ޖޫން މަހު ސޮއިކުރި އެއްބަސްވުމަކާ ގުޅިގެން ހަނގުރާމަ މެދުކަނޑާލާފައި އޮތުމަށްފަހު، މެދުއިރުމަތީގެ ހަނގުރާމަ އަލުން ފެށުމާއެކު، ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް ދެ ފަރާތުން ކުރަމުންދާ މަސައްކަތުގެ ސަބަބުން ތެލުގެ އަގު ވަނީ ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި ނުއުފުލޭ މިންވަރަށް އުފުލިފަ އެވެ.
އެމެރިކާއާއެކު ވެފައިވާ ސުލްހައިގެ އެއްބަސްވުން އުވުމާއެކު، އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި އަލުން ބަންދުކޮށްފަ އެވެ. މީގެ ރައްދުގައި އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް އަލުން ބްލޮކްކޮށްފަ އެވެ.
ހޯމަ ދުވަހު އެމެރިކާއިން ހަމަލާދިން އީރާނުގެ ހުރިހާ ޕްރޮވިންސްތަކަކީ ވެސް އަސްކަރީ މަރުކަޒުތަކާއި ވައިގެ ދިފާއީ ނިޒާމުތައް ގާއިމުކޮށްފައިވާ ސަރަހައްދުތަކެވެ.
އީރާނުގައި އާންމުންނަށް ބޭނުންކުރާ ހަމައެކަނި ނިއުކްލިއާ ޕަވަރ ޕްލާންޓް ހުންނަ ބުޝެހްރުގެ ގަވަރުނަރު މުހައްމަދު މުޒައްފަރީ، ދައުލަތުގެ ނިއުސް އެޖެންސީ "އިރްނާ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މީގެ ކުޑަވަގުތުކޮޅެއް ކުރިން ދުޝްމަން އެމެރިކާގެ މިސައިލްތަކެއް ބުޝެހްރުގެ އެކި ސަރަހައްދުތަކަށް އަރާފައިވާ ކަމަށެވެ.
އީރާނުގެ އުތުރުގައިވާ އީސްޓް އަޒަރުބައިޖާން ޕްރޮވިންސްގެ ކްރައިސިސް މެނޭޖްމަންޓް ޔުނިޓްގެ ވެރިޔާ މަޖީދު ފަރްޝީ "އިރްނާ" އަށް ވިދާޅުވީ، އެ ސަރަހައްދަށް ދިން ހަމަލާގައި އެކަކު ޝަހީދުވެ، އިތުރު ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ.
މި ހަމަލާތައް ކުރިއަށްދިޔަ ނަމަވެސް، މެދުވެރިން މެދުވެރިކޮށް އެމެރިކާއާއެކު ސިޔާސީ ގޮތުން ވާހަކަދެކެވެމުންދާ ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވި އެވެ.
ތެހެރާންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، ބައެއް މެދުވެރިން މެދުވެރިކޮށް އެމެރިކާގެ ބައެއް ޚިޔާލުތައް އީރާނަށް ލިބިފައިވާ ކަމަށެވެ.
މަސްދަރު: އޭއެފްޕީ










