ނިއުޔޯކުގައި އެފްބީއައި އޮފީހެއް ހުންނަ ސަރުކާރުގެ އިމާރާތެއްގައި އެމެރިކާގެ ކުރީގެ ސިފައިންގެ މީހަކު ހުޅު ޖަހައިފި
ނިއުޔޯކްގައި ހުންނަ ފެޑަރަލް އިދާރާތަކުގެ އިމާރާތެއްގެ ދޮރުމަތީގައި އަލިފާން ރޯކޮށް، ހަމަލާދިން އެމެރިކާގެ ކުރީގެ ސިފައިންގެ މީހަކު ހައްޔަރުކޮށްފި. ސަރުކާރާއި އިމިގްރޭޝަން ސިޔާސަތުތަކާ ދެކޮޅު މި މީހާ ހިންގި މި ހާދިސާގައި ތިން މީހަކަށް އަނިޔާވެފައިވާއިރު، އޭނާ ހައްޔަރުކުރިއިރު އަތުގައި ގިނަ އަދަދެއްގެ ހަތިޔާރު ހުރި ކަމަށް އެފްބީއައި އިން ބުނޭ
ނިއުޔޯކުގައި ހުންނަ ސަރުކާރުގެ އިމާރާތެއްގައި އެމެރިކާގެ ރައްޔިތަކު އަލިފާން ރޯކުރަން މަސައްކަތް ކުރަނީ | ސޯޝަލް މީޑިއާ
ނިއުޔޯކް ސިޓީގައި ހުންނަ މައިސަރުކާރުގެ އިދާރާތަކުގެ އިމާރާތެއްގެ ކުރިމަތީގައި ހުޅުޖެހި މައްސަލައެއްގައި، އެމެރިކާގެ ކުރީގެ ސިފައިންގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެފްބީއައި އިން ބުނެފިއެވެ.
އުމުރުން 43 އަހަރުގެ އެންޑްރޫ އަރަބާކާ ނަމަކަށް ކިޔާ މި މީހާ، ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި "26 ފެޑަރަލް ޕްލާޒާ" އިމާރާތުގެ ކައިރީގައި ޕެލެޓް ބަޑި ޖަހައި، ބަޑިބޭސް ބޭނުންކޮށްގެން ގޮއްވުންތަކެއް ގޮއްވާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ. މި އިމާރާތަކީ އެފްބީއައި އާއި، އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސް) އަދި އެމެރިކާގެ ސިޓިޒަންޝިޕް އެންޑް އިމިގްރޭޝަން ސާވިސަސްގެ އޮފީސްތައް ހުންނަ ތަނެކެވެ.
އިމާރާތުގައި ހުޅުޖަހާ މަންޒަރު
ފެޑަރަލް އެޖެންޓުން ވަނީ ކަތިވަޅިއަކާއި އެހެނިހެން ހަތިޔާރުތަކާއެކު ހުރި ތުހުމަތުކުރެވޭ މީހާ ހިފަހައްޓާފަ އެވެ.
މި ހާދިސާގައި ތިން މީހަކަށް ކުދި އަނިޔާތަކެއް ލިބިފައިވާއިރު، އޭގެ ތެރޭގައި އިމިގްރޭޝަން މައްސަލައެއްގެ އަޑުއެހުމަކަށް ގޮސް ހުރި ބިދޭސީއަކު ވެސް ހިމެނޭ ކަމަށް އެފްބީއައި އިން މައުލޫމާތުދެ އެވެ. މެންހަޓަންގެ މި ސަރަހައްދަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިމިގްރޭޝަން ސިޔާސަތުތަކާ ދެކޮޅަށް އާންމުކޮށް މުޒާހަރާކުރާ ސަރަހައްދެކެވެ.
ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ (ޑީއެޗްއެސް) އިން "އައިސް އާ ދެކޮޅަށް ހަމަނުޖެހުން ހިންގާ މީހެއް" ގެ ގޮތުގައި ސިފަކުރި މި މީހާ، އިމާރާތުގެ ވަންނަ ދޮރުމައްޗަށް އަލިފާން ހިފާ ޒާތުގެ ދިޔާ އެއްޗެއް އެޅުމަށްފަހު އަލިފާން ރޯކޮށްފައިވެ އެވެ.
އަލިފާން ނިއްވާ ފަރާތްތަކުން ވަނީ އެ ސަރަހައްދުގައި ރޯވި އަލިފާންގަނޑު ނިއްވާލާފަ އެވެ.
އެފްބީއައި އިން ބުނި ގޮތުގައި، އަރަބާކާ މި ހާދިސާ ހިންގަމުން ދިޔައިރު ސަރުކާރާ ދެކޮޅު އަދި އިމިގްރޭޝަން އިދާރާ (އައިސީއީ) އާ ދެކޮޅު ވާހަކަތަކެއް ދައްކާފައިވެ އެވެ.
އެފްބީއައި ނިއުޔޯކްގެ އެސިސްޓަންޓް ޑައިރެކްޓަރު ޖޭމްސް ބާނަކަލް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އަރަބާކާ އަތުގައި ދެ ފުރޯ އާއި، ކަތިވަޅިއަކާއި، ތިން ވަޅީގެ އިތުރުން ބަޑިބޭސް ހުރި ކަމަށެވެ.
މީގެ އިތުރުން، އޭނާ ގެންގުޅުނު އެއާސޮފްޓް ބަޑިއަކުން އިމާރާތާ ދިމާލަށް ފަސް ވަރަކަށް ނުވަތަ ހަތް ވަރަކަށް ފަހަރު ޝޫޓްކޮށްފައިވާ ކަމަށް ވެސް ބާނަކަލް ވިދާޅުވި އެވެ.
އަނިޔާވި މީހުންގެ ތެރޭގައި ސަރުކާރުގެ ދެ މުވައްޒަފުން ހިމެނޭ ކަމަށް ބާނަކަލް ފާހަގަކުރެއްވި އެވެ.
ޑީއެޗްއެސް އިން ބުނި ގޮތުގައި، އަރަބާކާ ހިފަހައްޓައި ހައްޔަރުކުރި ސެކިއުރިޓީ އޮފިސަރަށް ވެސް ވަނީ ކުދި އަނިޔާތަކެއް ލިބިފަ އެވެ.
"އޭނާއަކީ އެމެރިކާއާ ދެކޮޅު، އަދި ސަރުކާރާ ދެކޮޅު ހަރުކަށި ފިކުރުގެ މީހެއް،" ބާނަކަލް އިތުރަށް ވިދާޅުވި އެވެ.
އަރަބާކާއަކީ، 2001 އިން 2004 އަށް އެމެރިކާގެ އާންމު ސިފައިންގެ ތެރޭގައި އަދި 2004 އިން 2005 އަށް ނިއުޔޯކްގެ އާމީ ނޭޝަނަލް ގާޑުގައި މަސައްކަތް ކޮށްފައިވާ މީހެއް ކަމަށް ސީބީއެސް އިން ރިޕޯޓްކުރި އެވެ.
ސިފައިންގެ ޚިދުމަތުން ވަކިވިއިރު އޭނާ ހުރީ ސްޕެޝަލިސްޓް ރޭންކުގައި ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
ނިއުޔޯކް ސިޓީގެ މޭޔަރު ޒޯރާން މަމްދާނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މި ހާދިސާއަކީ "ނުހަނު ކަންބޮޑުވާ" ކަމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.










