އެމެރިކާގެ މިނިއަޕޮލިސް ސިޓީ ގައި މައި ސަރުކާރުގެ އިމިގްރޭޝަން އޭޖެންޓަކު ބަޑިޖަހައި 37 އަހަރުގެ އަންހެނަކު މަރާލުމާ ގުޅިގެން މުޒާހަރާތައް ފެށިއްޖެ
ފެޑެރަލް އޮފިޝަލުން އޭނާގެ ކާރުން އޭޖެންޓުންގެ ގައިގައި ޖައްސާފައިވާ ކަމަށް ބުނި ކަމުގައި ވިޔަސް މޭޔަރު ވަނީ އައިސް އޭޖެންޓުގެ އަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށް އެ ސިޓީން އެމީހުން ފޭބުމަށް ގޮވާލައްވާފައި. ޓްރަމްޕް އޭޖެންޓް ދިފާއު ކުރައްވާފައި ވާއިރު ޑިމޮކްރެޓުން މި ހާދިސާ އަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައިވޭ.

އެމެރިކާގެ މިނިއަޕޮލިސް ގައި 37 އަހަރުގެ އަންހެނަކު ބަޑިޖަހާ މަރާލުމާ ގުޅިގެން މުޒާހަރާ ކުރަނީ | އޭޕީ ފޮޓޯ
އެމެރިކާގެ މިނިއަޕޮލިސް ސިޓީ ގައި މައި ސަރުކާރުގެ އިމިގްރޭޝަން އޭޖެންޓަކު ބަޑިޖަހައި 37 އަހަރުގެ އަންހެނަކު މަރާލުމާ ގުޅިގެން އެ ސިޓީގައި ބޮޑެތި އިހުތިޖާޖުތަކެއް ފެށިއްޖެ އެވެ.
ފެޑެރަލް އޮފިޝަލުން ބުނާ ގޮތުގައި، މަރުވި ރެނީ ނިކޯލް ގުޑް ވަނީ އޭނާ ދުއްވި ކާރުން އޭޖެންޓުންގެ ގައިގައި ޖައްސައި، އެ މީހުންނަށް ގެއްލުންދޭން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ ސިޓީގެ މޭޔަރު ވަނީ، ބަޑިޖެހި އޭޖެންޓް އަމަލު ކުރީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށް ވިދާޅުވެފަ އެވެ.
'އައިސް' (އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް) އިން ހިންގާ މި އޮޕަރޭޝް އަކީ އެމެރިކާގެ މިހާރުގެ ސަރުކާރުން އެ ގައުމުގައި ދިރިއުޅޭ ހިޖުރަވެރިންނާ ދެކޮޅަށް ފަށާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ދަށުން ހިންގި އޮޕަރޭޝަނެކެވެ.
މި ހާދިސާގެ ވީޑިއޯތަކުން ފެންނަ ގޮތުގައި، މަގުމެދުގައި އޮތް ކާރެއްގެ ކައިރި އަށް 'އައިސް' އޭޖެންޓުން ދާތަން ފެނެ އެވެ. އެ ކާރު ދުއްވާލަން އުޅުމުން، އޭގެ ތެރެއިން އެއް އޭޖެންޓަކު ޑްރައިވަރާ ދިމާލަށް ބަޑި ދިއްކުރާ މަންޒަރާއި، މަދުވެގެން ދެ ފަހަރަށް ބަޑިޖަހާ އަޑު އިވެ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ އިމިގްރަންޓުން ހޯދުމަށް ވައިޓް ހައުސް އިން ފަށާފައިވާ ހާއްސަ އޮޕަރޭޝަނެއްގެ ދަށުން، މިނިއަޕޮލިސް އަށް ސަތޭކަ އަށް ވުރެ ގިނަ އޭޖެންޓުން ވަނީ ފޮނުވާފަ އެވެ. މި ހާދިސާ އާ ގުޅިގެން އެ ސިޓީގެ ޑިމޮކްރެޓިކް މޭޔަރު ޖެކަބް ފްރޭ ވަނީ ވަރަށް ބޮޑަށް ކޯފާވެ، ހަރުކަށި ބަހުން ވާހަކަދައްކަވަމުން، އެ އޭޖެންޓުން ސިޓީން ފޭބުމަށް ގޮވާލައްވާފަ އެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި އިމިގްރޭޝަން އޭޖެންޓުން އެ ކާރު ކައިރިއަށް ގޮސް، އޭގެ ޑްރައިވަރު ކާރުން ފޭބުމަށް އަމުރުކުރެ އެވެ. އޭގެ ތެރެއިން އެއް އޭޖެންޓަކު ކާރުގެ ދޮރު ހުޅުވަން މަސައްކަތް ކުރަމުންދިޔަ އިރު، އަނެއް އޭޖެންޓް ހުރީ ކާރުގެ ކުރިމަތީގަ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އެ އޭޖެންޓް ހުރީ ކާރާ ކިހާ ކައިރިއެއްގައި ކަމެއް ނުވަތަ ކާރުން އޭނާގެ ގައިގައި ޖެހުނު ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް، ކާރު ދުއްވާލަން އުޅުމާއެކު އެ އޭޖެންޓް ވަނީ ބަޑިޖަހާފަ އެވެ. އޭގެ ފަހުން ކާރު ކޮންޓްރޯލުން ނެއްޓި، ކައިރީގައި ޕާކުކޮށްފައި އޮތް އެހެން ކާރެއްގައި ޖެހި އެކްސިޑެންޓްވާ މަންޒަރު ފެނެ އެވެ.
މި ހާދިސާއާ ގުޅިގެން ރައީސް ޓްރަމްޕް 'ޓްރުތް ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި ގޯސްކުރެއްވީ އެ އަންހެން މީހާ އެވެ. އޭނާ ވިދާޅުވީ، އިމިގްރޭޝަން އޭޖެންޓެއްގެ ގައިގައި ވަރަށް އަނިޔާވެރިކޮށް ކާރުން ޖައްސާފައިވާ ކަމަށެވެ. އަދި އެ އޭޖެންޓް ދިރިހުރުމަކީ ގަބޫލުކުރަން ވެސް ދަތި ކަމެއް ކަމަށާއި، މިހާރު އޭނާ އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
މިނިއަޕޮލިސް ގެ އިތުރުން އެމެރިކާގެ ބޮޑެތި އެހެން ސިޓީތަކުގައި ބުދަ ދުވަހު ބޭއްވި މުޒާހަރާތަކާއި ހިމޭން އިހުތިޖާޖުތަކުގައި އެތައް ހާސް ބަޔަކު ބައިވެރިވެ، އަންހެން މީހާ މަރާލި ހާދިސާ އާއި 'އައިސް' އިން ހިންގަމުންދާ އޮޕަރޭޝަންތަކާ ދެކޮޅަށް އިހުތިޖާޖު ކޮށްފައިވެ އެވެ.
މިނިއަޕޮލިސްގެ އެކި ސަރަހައްދުތަކުގައި ބޭއްވި ހިނގާލުންތަކުގައި، އާންމުން ވަނީ ބަޑިޖެހި ހާދިސާ ކުށްވެރިކޮށް، 'އައިސް' އެ ސިޓީން ދިއުމަށް ގޮވާލާފަ އެވެ. މުޒާހަރާގެ ބައިވެރިން "އައިސް ހައްޔަރުކުރޭ" ގޮވައި، އެ އަންހެން މީހާ މަރާލި އޭޖެންޓް ހައްޔަރުކުރުމަށް އެ ސަރަހައްދުގެ ފުލުހުންނަށް ބާރުއަޅާފައިވެ އެވެ.
މައިގަނޑު މުޒާހަރާ ބާއްވާފައި ވަނީ ހާދިސާ ހިނގި ސަރަހައްދު ކައިރީގަ އެވެ. މި ސަރަހައްދަކީ 2020 ވަނަ އަހަރު ފުލުހުންގެ އަމަލުތަކުގެ ސަބަބުން ޖޯޖް ފްލޮއިޑް މަރުވި ތަނާ ގާތްގަނޑަކަށް އެއް މޭލު ދުރުގައި އޮތް ތަނެކެވެ. އެ ހާދިސާ އަކީ މުޅި ދުނިޔޭގައި ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ބޮޑެތި އިހުތިޖާޖުތަކެއް ފެށުމަށް މެދުވެރިވި ސަބަބެކެވެ.
ހާދިސާ ގައި މަރުވި އުމުރުން 37 އަހަރުގެ މެކްލިން ގުޑް އަކީ ކޮލޮރާޑޯ އަށް އުފަން އެމެރިކާގެ ރައްޔިތެކެވެ. އޭނާ ދާދި ފަހުން މިނިއަޕޮލިސްއަށް ބަދަލުވި އިރު، ޓްރެފިކް މައްސަލައެއް ފިޔަވައި އެއްވެސް ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫނެވެ.
ހާދިސާ ދުށް މީހުން މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، މެކްލިން ގުޑްގެ ފަރާތުން 'އައިސް' އޭޖެންޓުންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެފައި ނުވާ ކަމަށެވެ. އަދި އޭނާގެ މޫނަށް ބަޑިޖަހާފައިވަނީ ކާރުގެ ކުރިމަތީ ބިއްލޫރިގަނޑުން ވަރަށް ގާތުން ކަމަށާއި، ހާދިސާ އަށް ފަހު ފަރުވާ ދިނުމަށް ސިއްހީ އެހީތެރިންނަށް ވެސް އެ ސަރަހައްދަށް ވަނުމަށް ފުރުސަތު ނުދޭ ކަމަށް އެމީހުން ބުނެފައިވެއެވެ.
މިނެސޯޓާގެ ގަވަރުނަރު ޓިމް ވޯލްޒް ވަނީ މި ހާދިސާއާ ގުޅޭގޮތުން ޓްރަމްޕް ސަރުކާރުން ދައްކާ ވާހަކަތަކަކީ ދޮގުތަކެއް ކަމަށް ވިދާޅުވެފަ އެވެ.
އަދި މި މައްސަލައިގައި އިންސާފު ގާއިމުކުރުމަށްޓަކައި ފުރިހަމަ، އަދި އަވަސް ތަހުގީގެއް ދައުލަތުން ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް އާއި ހައުސް މައިނޯރިޓީ ލީޑަރު ހަކީމް ޖެފްރީސް ހިމެނޭހެން ޑިމޮކްރެޓިކް ޕާޓީގެ އިސް ބޭފުޅުން ވެސް ވަނީ މިކަމާ ގުޅޭގޮތުން ބަޔާންތައް ނެރުއްވާފަ އެވެ. ހެރިސް ވިދާޅުވި ގޮތުގައި ޓްރަމްޕް ސަރުކާރުން މި ހާދިސާ ސިފަކޮށްދެނީ ހަގީގަތް އޮޅުވާލުމުގެ ނިޔަތުގައެވެ.
މިނިއަޕޮލިސްގެ މޭޔަރު ޖެކޮބް ފްރޭ ވިދާޅުވީ، ހާދިސާގެ ވީޑިއޯތަކުން އެނގޭ ގޮތުގައި އެއީ އެޖެންޓުން އަމިއްލަ ދިފާއުގައި ކުރި ކަމެއް ނޫން ކަމަށާއި، އެއީ ހުއްޓުވޭނެ ހާދިސާއެއް ކަމަށެވެ.
ފްރޭ ވަނީ މިނިއަޕޮލިސް އާއި ސެއިންޓް ޕޯލް އަށް މައި ސަރުކާރުން 2,000 އަށްވުރެ ގިނަ އޮފިސަރުން ފޮނުވި ފޮނުވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. "އެމީހުން އެ ގެންދަނީ އާއިލާތައް ވަކިކޮށް، މަގުތަކުގައި ބިރުވެރިކަން އުފައްދަމުން. އަދި މި ހާދިސާ ގައި މި ފެނުނީ ސީދާ މީހުން މަރަމުންދާ މަންޒަރު،" އޭނާ ވިދާޅުވިއެވެ.






