ޓައިޕް 1 ޑައިބެޓީސް ޖެހުން ލަސްކޮށްދޭ ފަރުވާ ފުރަތަމަ ފަހަރަށް ދޭން ފަށައިފި
ޓައިޕް 1 ޑައިބެޓީސް ޖެހުން ތިން އަހަރަށް ލަސްކޮށްދޭ "ޓެޕްލިޒޫމާބް" ބޭސް އިނގިރޭސިވިލާތުގެ ސިއްހީ ނިޒާމުގެ ތެރެއިން އާންމުންނަށް ދޭން ނިންމުމަކީ މި ބަލީގެ ފަރުވާގައި ލިބުނު ތާރީޚީ ކުރިއެރުމެއް. އިމިއުނޯތެރަޕީގެ މި ފަރުވާގެ ސަބަބުން ކޮންމެ އަހަރަކު އެތައް ސަތޭކަ ކުޑަކުދިންނާއި ޒުވާނުންނަށް ބަލީގެ އުނދަގޫތަކާ ނުލައި އުޅުމަށް އިތުރު ވަގުތު ލިބިގެންދާނެ. މި ބޭހުގެ ސަބަބުން އިންސިއުލިންއަށް ބަރޯސާވާންޖެހޭ މަރުހަލާ ލަސްކޮށްދޭއިރު، މިއީ މުސްތަގުބަލުގައި މި ބަލިން މުޅިން ސަލާމަތްވުމަށް ކުރެވޭ މަސައްކަތަށް ލިބުނު ބޮޑު އުންމީދެއް.

ބަލިމީހަކު ކެއުމުގެ ކުރިން އޭނާގެ ހަށިގަނޑުގައި ހަކުރު ހުރި މިންވަރު ބަލަނީ. | ގެޓީ އިމޭޖަސް
ޓައިޕް 1 ޑައިބެޓީސް ޖެހުން ލަސްކޮށްދޭ ފުރަތަމަ ބޭސް، އިންގްލެންޑާއި ވޭލްސްގެ ނޭޝަނަލް ހެލްތު ސާވިސް (އެން.އެޗް.އެސް) މެދުވެރިކޮށް އާންމުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
"ޓެޕްލިޒޫމާބް" (Teplizumab) އަކީ އިމިއުނޯތެރަޕީގެ ބާވަތެކެވެ. މި ބޭހުގެ ސަބަބުން، ބަލީގެ އަލާމާތްތައް ފެނި، މުޅި އުމުރަށް އިންސިއުލިން ބޭނުންކުރަން ޖެހުމުގެ ކުރިން ބަލިމީހާއަށް އިތުރު ތިން އަހަރުގެ މުއްދަތެއް ލިބިގެންދެއެވެ.
އެން.އެޗް.އެސްގެ ބޭސްތަކާ ބެހޭ އިދާރާއިން މި ނިންމުމަކީ "ވަރަށް އުފާވެރި" ނިންމުމެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު، ކޮންމެ އަހަރަކު އެތައް ސަތޭކަ ކުޑަކުދިންނާއި ޒުވާނުންނަށް މީގެ ފައިދާ ކުރާނެ ކަމަށް ބެލެވެއެވެ.
ޓައިޕް 1 ޑައިބެޓީސް އަކީ ކޮންމެ އުމުރެއްގައިވެސް ޖެހިދާނެ ބައްޔެއް ނަމަވެސް، އާންމުކޮށް މި ބަލި ހުރިކަން ދެނެގަނެވެނީ ފުރާވަރުގެ ކުރީކޮޅުގެ އުމުރުފުރާގައެވެ.
މި ބޭސް މި މަރުހަލާއަށް ގެނައުމަށް އެތައް އަހަރެއްގެ މަސައްކަތް ކޮށްފައިވާއިރު، ބަލިމީހުން ތަމްސީލުކުރާ ޖަމިއްޔާތަކުން ބުނާ ގޮތުގައި މިއީ ބޮޑު ބަދަލެއް ގެނުވާނެ "ތާރީޚީ" ކުރިއެރުމެކެވެ.
"މިއީ ތިމާގެ އަމިއްލަ ދަރިއަކަށް ނުވަތަ ލޯބިވާ މީހަކަށް ވާނަމަ، މި ބަލީގެ އުނދަގޫތަކާ ނުލައި އިތުރު އަހަރުތަކެއް އެމީހުންނަށް ހޯދައިދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ބޭނުންވާނެ،" ހަކުރުބައްޔަށް މަސައްކަތްކުރާ ޗެރިޓީއެއް ކަމަށްވާ 'ބްރޭކްތްރޫ ޓީ1ޑީ' ގެ ޗީފް އެގްޒެކެޓިވް ކެރެން އެޑިންގްޓަން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެކަން ހަގީގަތަކަށް ހެދުމަށް އެހީތެރިވެދޭނެ ފަރުވާއެއް މިހާރު ލިބިފައިވާ ކަމަށެވެ.
ޓައިޕް 1 ޑައިބެޓީސް ޖެހެނީ ހަށިގަނޑުގެ ދިފާއީ ނިޒާމުން، ޕެންކްރިއަސްގައި އިންސިއުލިން އުފައްދާ ސެލްތަކަށް ހަމަލާދޭން ފެށުމުންނެވެ.
މިއީ އާންމުކޮށް ބަރުދަން އިތުރުވުމާ ގުޅިފައިވާ ޓައިޕް 2 ޑައިބެޓީސްއާ ތަފާތު ބައްޔެކެވެ.
ޓައިޕް 1 ޑައިބެޓީސް ހުންނަ މީހުން، އެމީހުންގެ ހަށިގަނޑަށް ބޭނުންވާ މިންވަރަށް އިންސިއުލިން އުފައްދައިނުދޭތީ، ލޭގައި ހަކުރު ހުންނަ މިންވަރު އަބަދުވެސް ބަލައި، އިންޖެކްޝަން ނުވަތަ ޕަމްޕެއް މެދުވެރިކޮށް އިންސިއުލިން ހަށިގަނޑަށް ފޯރުކޮށްދޭން ޖެހެއެވެ.
ލޭގައި ހަކުރު ހުންނަ މިންވަރު މާބޮޑަށް ދަށްވެއްޖެނަމަ އެއީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެކެވެ.
އަދި ގިނަ ދުވަސްތަކެއް ވަންދެން ހަކުރު މަތީގައި ހުރެއްޖެނަމަ، ލޭހިނގާ ނާރުތަކަށާއި ނާރުގެ ނިޒާމަށް ގެއްލުން ލިބެއެވެ.
ޓެޕްލިޒޫމާބް ބޭސް ދޭންޖެހެނީ ބަލީގެ އަލާމާތްތައް ފެނުމުގެ ކުރިން، އައިވީ މެދުވެރިކޮށް ލޭގެ ނާރަށެވެ. މީގެ މާނައަކީ، ބަލިމީހާގެ ދިފާއީ ނިޒާމުން ޕެންކްރިއަސްއަށް ހަމަލާދޭން ފަށާފައިވާކަން ލޭގެ ޓެސްޓަކުން ކަށަވަރުވާން ޖެހޭނެއެވެ.
ކުޑަކުދިންނާއި ޒުވާނުން މި ބައްޔަށް ސްކްރީން ކުރުމުގެ ގައުމީ ޕްރޮގްރާމެއް ދުނިޔޭގައި މިހާތަނަށް ހިންގަނީ ހަމައެކަނި އިޓަލީގައެވެ.
ޔޫކޭގެ އެން.އެޗް.އެސް މެދުވެރިކޮށް މި ބައްޔަށް އާންމުކޮށް ޓެސްޓުކުރުމުގެ އިންތިޒާމު އަދި ހަމަޖެހިފައި ނުވި ނަމަވެސް، ހަކުރުބަލީގެ ޖަމިއްޔާތަކުން ދަނީ އެކަމަށް ވަކާލާތު ކުރަމުންނެވެ.
މިހާރު ގިނަ މީހުންނަށް މި ބަލީގެ ނުރައްކާ އޮތްކަން އެނގެނީ އެހެން ސިއްހީ ބޭނުމަކަށް ހަދާ ލޭގެ ޓެސްޓަކުން ނުވަތަ އާއިލާގައި މި ބަލި ހުންނާތީ ހަދާ ޓެސްޓުތަކުންނެވެ.
ނަމަވެސް، ބަލި ޖެހޭ ގިނަ މީހުންނަކީ އާއިލީ ގޮތުން މި ބަލީގެ ތާރީޚެއް އޮތް މީހުންނެއް ނޫނެވެ. މީގެއިން ދޭހަވަނީ ތިމާވެށީގެ އެކި ސަބަބުތަކާ ހުރެވެސް މި ބަލި ޖެހުމަށް މަގުފަހިވާ ކަމެވެ.
މި އާ ބޭސް ދޭންޖެހެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން، ޖެހިޖެހިގެން 14 ދުވަސް ވަންދެން ދުވާލަކު އެއްފަހަރު އައިވީ މެދުވެރިކޮށެވެ.
ޓެޕްލިޒޫމާބްގެ އެއް ފަރުވާއަށް ގާތްގަނޑަކަށް 150,000 ޕައުންޑް (ގާތްގަނޑަކަށް 2.9 މިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް ބެލެވުނު ނަމަވެސް، އެން.އެޗް.އެސްއިން ވަނީ ބޭސް އުފައްދާ ސަނޯފީ ކުންފުންޏާއެކު ސިއްރު އެއްބަސްވުމެއްގެ ދަށުން އަގު ހެޔޮކޮށްފައެވެ.
އިންގްލެންޑާއި ވޭލްސްގައި މި ބޭސް ބޭނުންކުރުމަށް ލަފާދީފައިވާ 'ނައިސް' (NICE) އިދާރާއިން އަންދާޒާކުރާ ގޮތުގައި، ފުރަތަމަ އަހަރު 1,100 އެއްހާ މީހުންނަށް މި ބޭސް ދެވޭނެއެވެ. އަދި އޭގެ ފަހުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 820 މީހުންނަށް މި ފަރުވާ ދެވޭނެއެވެ.
މި ބޭސް އުފެއްދުމަށް ބޭނުންވާ ދިރާސާތަކަށް އެހީތެރިވި 'ބްރޭކްތްރޫ ޓީ1ޑީ' އިން ބުނި ގޮތުގައި، ޓައިޕް 1 ޑައިބެޓީސްއަށް ހާއްސަ އިތުރު އިމިއުނޯތެރަޕީ ފަރުވާތައް މިހާރު ދަނީ ތަރައްގީ ކުރަމުންނެވެ.
އުންމީދަކީ މުސްތަގުބަލުގައި ބަލިމީހުންނަށް މިފަދަ ބޭސްތަކުގެ ކޮމްބިނޭޝަނެއް ދީގެން، އިންސިއުލިންއަށް ބަރޯސާވާން ނުޖެހޭ ގޮތް ހެދުމެވެ.
މަސްދަރު: ބީބީސީ






