ގަހުގެ ބޭނުން ކެނޑުނުހެން އިންތިޚާބާ ދިމާކޮށް ނެގި މުވައްޒަފުން ކަނޑަނީ
އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުން އުސޫލުން ބޭރުން ގިނަ އަދަދެއްގެ ވަޒީފާތައް ދިނުމަށްފަހު، އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް ކުންފުނިތަކުގެ މުވައްޒަފުންގެ 33 އިންސައްތަ މަދުކުރަން މިހާރު ވަނީ ނިންމާފައި


ރައީސް މުޢިއްޒު: ފެނަކައަށްވެސް ވަނީ އެތައް ބަޔަކު ނަގާފައި | ރާއްޖެ އެމްވީ
ދިވެހި ހަރުބަހެއްގައި އޮވެއެވެ. ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުމެއް ނޯންނާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ދެން އައި ބައި އިލެކްޝަންތަކާއި ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެންމެ ގަދައަށް އިވުނު އެއް އަޑަކީ މިއަޑެވެ. ބޮޑަށް މި ބަސް ރައްދުކުރީ ބައެއް މީހުން އެމީހުންގެ ގާތްތިމާގެ މީހުންނަށެވެ. އެއް ރައްޓެއްސަކު އަނެއް ރައްޓެއްސަކަށެވެ. ކަންކަމުގެ އާޖުފާޖު ދަންނަ މީހުން އެމީހުންގެ ރައުޔު ހާމަކުރުމުގައެވެ.
އިންތިޚާބުތަކުގެ ތެރޭގައި މި ބަސް އެހާ ބޮޑަށް އިވުނީކީ ސަބަބެއް ނެތިއެއް ނޫނެވެ. ސަރުކާރުން އިންތިޚާބުތައް ކާމިޔާބު ކުރުމުގައި ކާފަގެ މަސްބެހުމަށް ބަހަމުންދިޔަ ވަޒީފާތަކުގެ ސަބަބުންނެވެ. އެއެއް މިއެއް ނުބަލާ ސުމާރެއްނެތި ވަޒީފާތަކަށް މީހުން ނަގަމުން ދިޔައީތީއެވެ. ރަށްރަށުގެ ބޮޑެތި އާއިލާތަކުން ހުނިޖަހާލާފައި ނެގި އެތައް ބަޔަކަށް ވަޒީފާތައް ދިނީތީއެވެ. ކުރާނެ މަސައްކަތެއް ނެތި އެތައް ބަޔަކު ނެގީތީއެވެ. ހަމައެކަނި އޮފީހަށް ނުކުމެލަން ޖެހުނު މީހުންގެ ގޮތުގައެވެ. އޮފީހަށް ނުނިކުމެ ގޭގައި ތިބެގެން ވަޒީފާ އަދާކުރެވޭގޮތައް ނެގި މުވައްޒަފުންނެވެ. އާދައިގެ މީހުންނާއި ފިލްމީ ތަރިންނެވެ. ލަވަކިޔާ މީހުންނެވެ. ސޯޝަލް މީޑިޔާގައި ތަންކޮޅެއް ހަރުކޮށް ފާޑުކިއަމުންދިޔަ މީހުންނެވެ. ދޮޅަހަކަށް ވޯޓު ލިބިދާނެހެން ހީވާވަރުގެ އާއިލާއެއް އޮތް މީހުންނެވެ. ހިސާބަކަށް ބަސްކިޔާލައި ހަރަކާތްތެރިކޮށް އުޅުނު މީހުންނަށެވެ.
މިއެންމެނަށް ސިޔާސީ ވަޒީފާތައް ދިނީ ގައުމުގެ އިގްތިސާދީ ހާލަތު "ނުމިޔަ ނުދިރި" އޮތްކަމަށް އިގްތިސާދީ މާހިރުން ބުނެބުނެ އޮއްވައެވެ. ބަޖެޓްގެ ބޮޑުބައި މީހުންގެ މުސާރައާއި ރިކަރަންޓް ޚަރަދަށް ކުރަން ޖެހޭނެތީ ދައުލަތައް ބާރު ބޮޑުވާނޭކަން އެވެރިން ހަންދާން ކޮށްދީދީ ތިއްބައެވެ. 700 އަށްވުރެ ދަށުގައި ސިޔާސީ މަގާމްތައް ހިފަހައްޓާނެ ކަމަށް ބުނި ސަރުކާރުން މީހުން ކިޔާހާ އެއްޗަކަށް، ތަޖުރިބާކާރުންގެ ރައުޔަކަށް ބެލުމެއްނެތި އެތައް ހާހަކުން ސިޔާސީ މަގާމުތައް އިތުރުކުރީއެވެ.
އޭރު ވެސް އެވެރިން ބުންޏެވެ. ބިންދައިގެން ދާނެއެވެ. ރާއްޖޭ އިގްތިސާދީ ހާލަތު އޮތްގޮތުން ނުހިފެހެއްޓޭނެ ކަމުގެ ޔަގީންކަން ދިނެވެ. ބަޖެޓަށް އޮބި ނޯންނާނެ ކަމަށާއި ސަރުކާރަށް ތައްކަތު ކަމަކަށް ނުވާނެކަމަށް ބުނެދިނެވެ. ބޭރު ގައުމަކުން އެއްޗެއް ނުލިބުނުތާނގައި ފައިސާ ވަންނާނޭ އިތުރު ގޮތެއް ސަރުކާރަށް ހޯދިފައި ނެތްއިރު އެގޮތައް ހިފަހައްޓާ ނުލެވޭނެ ކަން އަންގަމުން ދިޔައެވެ. ދުނިޔޭގެ ވައި އެނބުރެމުންދާ ގޮތުންވެސް އެކަމަށް ފަހިކަމެއް ނެތްކަމަށް ބުންޏެވެ.
އެކަމަކު ސަރުކާރުގެ ހިޔަޅު ވިސްނުން ވޯކް ކުރިއެވެ. އެއްޗެއް ލިބޭނެތީ ގަބޫލު ކުރެވުނު މީހުން މަދެއް ނޫނެވެ. މަހަށްދިޔަ އޮޑިން ފައިބާ، ފެނަކައަށް ވަނެވެ. ރިސޯޓް ވަޒީފާއަށްވުރެ މޮޅުގޮތްކަމަށް ގަބޫލުކޮށް ރަށުގައި ހުންނަ އާރުޑީސީ އޮފީހަށް ވަނެވެ.
އެވެރިންނަށް ރޭކާ ނުލީ ކުރިންބުނި ވާހަކައެވެ. ފަށަމުން މި ދެއްކި ވާހަކައެވެ. ވަޒީފާގައި އަބަދު ނުބައިތިއްބާނެ ވާހަކައެވެ. ސަރުކާރަށް އެކަން އެގޮތަކަށް މުޅި ދައުރު ނިމެންދެން ނުތިބެވޭނެ ކަމެވެ. ކޮންމެވެސް ހިސާބަކުން ދޫކޮށްލާނެ ކަމެވެ. ވަޒީފާއިން ވަކިކުރާނެ ކަމެވެ. ކޮންޓްރެކްޓަށް ނެގި މީހުންގެ އެއްބަސްވުން އާ ނުކުރާނެ ކަމެވެ. ރަށްރަށުގައި ހުރި އޮފީސްތަކާއި ޑިޕާޓްމަންޓްތައް އުވާލައިގެން ވިއަސް މީހުން މަދުކުރާނެ ކަމެވެ.
މިހާރު މިއައީ އެތަނެވެ. އިހުބުނި ތަނެވެ. ސަރުކާރުން އެނިންމީ ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކުން 33 އިންސައްތަ މީހުން ވަޒީފާއިން ވަކިކުރުމަށެވެ. އެކަން އެވަނީ އެ ކުންފުނިތަކަށް އަންގާފައެވެ. އަދި އެކަން ތަންފީޒް ކުރަމުންދާ މިންވަރު ބަރާބަރަށް އަންގަންވެސް އެވަނީ ކުންފުނިތަކަސް އަންގާފައެވެ.
ކޮންމެއަކަސް ކެޔޮގަނޑު ކަނޑާލެވުނީއެވެ. ވަޒީފާގެ ދަޅަ ދައްކައިގެން ސަރުކާރާ މަޖިލީހުގެ ގޮނޑިތައް ހޯދިއެވެ. އިތުރު ބާރެއް ނުދެއްކޭނޭ މިންވަރަށް މެޖޯރިޓީ ހޯދީއެވެ. ކަންވެ ނިމުނީއެވެ. ވަޒީފާގައި ބައިތިއްބާން ޖެހޭ ބޭނުން ކެނޑުނީއެވެ. ކެޔޮގަނޑު ކަނޑާލިހެން ވަޒީފާތަކަށް ނެގި މީހުންގެ ބޭނުން ކެނޑުނީއެވެ.









