57 ރަށުގައި 12،000 ހައުސިންގ ޔުނިޓު އަޅަން ހުސްވި އަހަރު ކުރި އިއުލާނަށް ވީގޮތެއް ނޭނގި، އަމިއްލަ ޚަރަދުގައި 13 ރަށުގައި 2،100 ހައުސިންގ ޔުނިޓު އަޅަން ހުޅުވާލައިފި
އިމާރާތްކުރާ ޔުނިޓުތައް ވިއްކައިގެން ކޮންޓްރެކްޓަރަށް ފައިސާ ލިބޭ ގޮތަށް ރޭވިފައިވާ މަޝްރޫއުގެ ދަށުން މަޝްރޫއަށް ފައިސާ ހޯދުމާއި އިންޖިނިއަރިންގް މަސައްކަތްތަކާއި، ޕްރޮކިއުމަންޓް އާއި ކޮންސްޓްރަކްޝަން މަސައްކަތްވެސް ކުރިއަށް ގެންދަން ޖެހޭނީ ޑިވެލޮޕަރު އަމިއްލަ އަށް

ހުޅުމާލެ ފޭސް ދޭއްގައި ބިނާ ކޮށްފައިވާ ހައުސިންގ ޓަވަރުތަކެއް | ގެޓީ އިމޭޖަސް
ރާއްޖޭގެ 57 ރަށެއްގައި 12،000 ހައުސިން ޔުނިޓު އެޅުމަށް ހުސްވި އަހަރު ކުރި އިއުލާނަށް ވީގޮތެއް ނޭނގި އަމިއްލަ އަށް ޚަރަދު ކުރާ ގޮތަށް 13 ރަށެއްގައި 2،100 ހައުސިން ޔުނިޓް ތަރައްޤީކޮށްދޭނެ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
މިފަހަރުގެ އިއުލާނުގައި ވެސް މުޅިން ހިމެނެނީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ އިއުލާނުގައި ވެސް ހިމެނުނު ރަށްތަކެވެ.
ހުސްވި އަހަރު 4 ކެޓަގަރީއެއްގެ ހައުސިން ޔުނިޓުއެޅުމަށް ހުޅުވާލި އިރު 50 ހައުސިން ޔުނިޓަށްވުރެ މަދުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގައި އެމަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ހުށައެޅޭ ގޮތަށް އޮތީ ރާއްޖޭގެ ކޮންޓްރެކްޓަރުންނަށެވެ. އަދި 51 ހައުސިން ޔުނިޓާއި 150 ހައުސިން ޔުނިޓް އަދި 200-250 އާ ދެމެދުގެ ހައުސިން ޔުނިޓްތަކާއި، 300 އަށްވުރެ ގިނަ ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ރާއްޖެއާއި ބޭރުގެ ކޮންޓްރެކްޓަރުންނަށް ހުށަހެޅޭ ގޮތައް އޮތީ ހަމަޖައްސާފަ އެވެ.
އެހެން ނަމަވެސް މިފަހަރު ކޮންޓްރެކްޓަރ ފައިނޭންސް ނުވަތަ ކުންފުނިތަކުން އަމިއްލަ އަށް ފައިސާ ހޯދައިގެން ކުރިއަށް ގެންދާ ގޮތަށް އަނެއްކާ ވެސް އިއުލާނުކޮށްފައިވާ މި މަޝްރޫއަށް ބީލަން ހުށަހެޅޭނީ 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފައިވެ އެވެ.
އިމާރާތްކުރާ ޔުނިޓުތައް ވިއްކައިގެން ކޮންޓްރެކްޓަރަށް ފައިސާ ލިބޭ ގޮތަށް ރޭވިފައިވާ މަޝްރޫއުގެ ދަށުން މަޝްރޫއަށް ފައިސާ ހޯދުމާއި އިންޖިނިއަރިންގް މަސައްކަތްތަކާއި، ޕްރޮކިއުމަންޓް އާއި ކޮންސްޓްރަކްޝަން މަސައްކަތްވެސް ކުރިއަށް ގެންދަން ޖެހޭނީ ޑިވެލޮޕަރު އަމިއްލަ އަށެވެ. ސަރުކާރުން ބުނެފައިވަނީ، ބިން ހިލޭ ފޯރުކޮށްދޭނެ ކަމަށެވެ.
ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ، ކޮންމެ ޕެކޭޖެއްގެ މަދުވެގެން 60 އިންސައްތަ ޔުނިޓް ވިއްކަންޖެހޭނީ ސޯޝަލް ހައުސިންގެ ގޮތުގައި ކަމަށާއި ބާކީ 40 އިންސައްތަ ޔުނިޓް މާކެޓް ރޭޓުގައި ވިއްކުމުގެ އިޚްތިޔާރު ޑިވެލޮޕަރުންނަށް ލިބިގެންވާ ކަމަށެވެ.
ރާއްޖޭގެ ރަށްރަށުގެ ބިމަކީ، އެ ރަށެއްގެ ކައުންސިލުތަކުގެ ބާރުގެ ދަށުގައި އޮންނަ ވަސީލަތެއް ކަމަށް ވެފައި، ކޮންޓްރެކްޓަރުންގެ އަމިއްލަ ޚަރަދުގައި ކުރިއަށް ގެންދާ މިފަދަ މަޝްރޫއުތައް ސީދާ ކައުންސިލުތަކުން ކުރިއަށް ނުގެންދެވެންވީ ކީއްވެތޯ ސުވާލު އުފެދެ އެވެ.
ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ ބިން ހަވާލުކުރާތާ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ޔުނިޓްތައް ހަވާލުކުރަންޖެހޭނެ ކަމަށެވެ. މި މަޝްރޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. އަދި އެތަންތަނުގައި ޕާކް ކުރެވޭނެ އިންތިޒާމްތަކާއި އިމާރާތުގެ އެންމެ ތިރީގައި ވިޔަފާރީގެ ބޭނުންމަށް ޖާގަ ހަދަން ޖެހެ އެވެ.
ސަރުކާރުން 13 ރަށެއްގައި ހައުސިންގ ޔުނިޓު އެޅުމަށް ހުޅުވާލިއިރު މިފަހަރު ވަނީ ހައުސިންގ ޔުނިޓުގެ އަދަދު ކޮންމެ ރަށަކުން ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް މަދު ކޮށްފަ އެވެ. އަދި ކުރިން ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ހިމެނުނު އެހެން ނަަމަވެސް މިފަހަރުގެ އިއުލާނުގައި ނުހިމެނުނު ރަށްތަކަށް ވީގޮތެއް އަދި ސަރުކާރުން ސާފުކޮށްދީފަ އެއް ނުވެ އެވެ.
ހައުސިންގ ޔުނިޓްތައް އަޅަން ހުޅުވާލާފައިވާ ރަށްތައް
- ހއ. ހޯރަފުށި: 100 ހައުސިން ޔުނިޓް (މިދިޔަ އަހަރުގެ އިއުލާނުގައި 200 ޔުނިޓް)
- ރ. އުނގޫފާރު: 100 ހައުސިން ޔުނިޓް (މިދިޔަ އަހަރުގެ އިއުލާނުގައި 500 ޔުނިޓް)
- ބ. ތުޅާދޫ: 50 ހައުސިން ޔުނިޓް (މިދިޔަ އަހަރުގެ އިއުލާނުގައި 100 ޔުނިޓް)
- ޅ. ނައިފަރު: 300 ހައުސިން ޔުނިޓް (މިދިޔަ އަހަރުގެ އިއުލާނުގައި 400 ޔުނިޓް)
- މ. މުލި: 100 ހައުސިން ޔުނިޓް (މިދިޔަ އަހަރުގެ އިއުލާނުގައި 300 ޔުނިޓް)
- ދ. މީދޫ: 100 ހައުސިން ޔުނިޓް (މިދިޔަ އަހަރުގެ އިއުލާނުގައި 200 ޔުނިޓް)
- ލ. ގަން: 200 ހައުސިން ޔުނިޓް (މިދިޔަ އަހަރުގެ އިއުލާނުގައި 500 ޔުނިޓް)
- ތިނަދޫ ސިޓީ: 300 ހައުސިން ޔުނިޓް (މިދިޔަ އަހަރުގެ އިއުލާނުގައި 500 ޔުނިޓް)
- ފުވައްމުލައް ސިޓީ: 300 ހައުސިން ޔުނިޓް (މިދިޔަ އަހަރުގެ އިއުލާނުގައި 500 ޔުނިޓް)
- އައްޑޫ ސިޓީ ހިތަދޫ: 300 ހައުސިން ޔުނިޓް (މިދިޔަ އަހަރުގެ އިއުލާނުގައި 500 ޔުނިޓް)
- އައްޑޫ ސިޓީ ފޭދޫ: 200 ހައުސިން ޔުނިޓް (މިދިޔަ އަހަރުގެ އިއުލާނުގައި 200 ޔުނިޓް)
- އައްޑޫ ސިޓީ މަރަދޫ ފޭދޫ 25 ހައުސިން ޔުނިޓް (މިދިޔަ އަހަރުގެ އިއުލާނުގައި 100 ޔުނިޓް)
- އައްޑޫ ސިޓީ މަރަދޫ: 25 ހައުސިން ޔުނިޓް (މިދިޔަ އަހަރުގެ އިއުލާނުގައި 100 ޔުނިޓް)
ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ މިފަހަރުގެ އިއުލާނުގެ ދަށުން އެޕާޓްމަންޓެއްގެ ބޮޑުމިނުގައި މަދުވެގެން 900 އަކަފޫޓު ހުންނަންޖެހޭ ކަމަށާއި، އެޕާޓްމަންޓެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 1.5 މިލިޔަން ރުފިޔާ ކަމަށެވެ.
ކޮންމެ އެޕާޓްމަންޓަކަށް ސައިކަލް ޕާކުކުރާނެ ހިލޭ ޖާގައެއް ދޭގޮތައް އޮތް ނަމަވެސް، ކާރު ޕާކިންގް ޖާގަ ވަކިން ވިއްކުމުގެ ފުރުސަތު ޑިވެލޮޕަރުންނަށް އޮންނާނެ ކަމަށް ބުނެފައިވެ އެވެ.
ސަރުކާރުން ބުނެފައިވަނީ އަލަށް ގެދޮރު ގަންނަ ފަރާތްތަކުން ގަންނަ ސޯޝަލް ހައުސިންގ ޔުނިޓްތަކާއި މާކެޓް ރޭޓް ޔުނިޓްތަކުން ޖީ.އެސް.ޓީ ދައްކާކަށް ނުޖެހޭނެ ކަމަށެވެ.
މީގެ އިތުރުން މަޝްރޫއަށް ބޭނުންވާ ތަކެއްޗާއި މެޝިނަރީ އިމްޕޯޓްކުރުމުގައި ޑިއުޓީ ދައްކަން ނުޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މަޝްރޫއުގެ 20 އިންސައްތަ މަސައްކަތް ނިމުމުން ހައުސިންގ މިނިސްޓްރީގެ ހުއްދައާއެކު ފައިނޭންސް ހޯދުމަށްޓަކައި ތަރައްގީކުރުމާއި ވިއްކުމުގެ ހައްގުތައް ރަހުނުކުރުމުގެ ފުރުސަތު ވެސް ޑިވެލޮޕަރުންނަށް ލިބޭނެ ކަމަށް ބުނެފައިވެ އެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ސާފުކުރަން ބޭނުންވާ ކަންކަން ހައުސިންގ މިނިސްޓްރީ އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިންނެވެ. ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯޒަލްތައް ހުށަހަޅަންޖެހޭނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިންނެވެ.
ރައީސް މުއިއްޒުގެ ރިޔާސީ ވައުދުގައި ރާއްޖޭގެ އުތުރުގައި 20،000 ހައުސިން ޔުނިޓް އަދި ދެކުނުގައި 20،000 ހައުސިން ޔުނިޓްގެ އެޅުމަށް ވަނީ ކަނޑައަޅާފަ އެވެ. ހުސްވި އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމާ ގުޅޭ މަސައްކަތްތަކަށް 2.5 ބިލިއަން ރުފިޔާ އޮތީ ހިމަނާފަ އެވެ. އެހެން ނަމަވެސް އެ ފައިސާ އިން އެޅި އެއްވެސް ހައުސިންގ ޔުނިޓެއް ފެންނަން ނެތް ކަމަށް އާންމު ރައްޔިތުން އަންނަނީ ބުނަމުންނެވެ.
މި ސަރުކާރަކީ ދިވެހި ތާރީޚުގައިވެސް އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރު ކަމުގެ ޔަޤީންކަން ރައީސް މުއިއްޒު ވަނީ ދެއްވާފަ އެވެ. އަދި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ކޮންމެ ރައްޔިތަކަށްމެ އަސާސީ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދު ކަމުގައިވާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސް، 2028 ވަނަ އަހަރުގެ މެދުތެރެއަށް ދާއިރު ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތައް ނިންމައި އެތަންތަން ރައްޔިތުންނާ ހަވާލު ކުރައްވާނެ ކަމަށެވެ.









