ކުރިއާ އެއްވަރަށް ފަތުރުވެރިން އަންނަކަމަށް ސަރުކާރުން ބުނި ނަމަވެސް އަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 4.8 އިންސައްތަ ދަށް!
2025 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ 1،213،647 ފަތުރުވެރިން. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 1،155،017 ފަތުރުވެރިން. މިއީ 4.8 އިންސައްތައިގެ ދަށްވުމެއް. ރާއްޖޭގެ އިގްތިސާދުގެ މައި ނާރަކީ ފަތުރުވެރިކަން ކަމުގައިވާއިރު، ފަތުރުވެރިން އަންނަ މިންވަރަށް އަންނަ މިފަދަ ބަދަލުތަކަކީ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، އެއާލައިންތަކުގެ އިތުރުން ފަތުރުވެރިކަމާއި ގުޅުންހުރި އެހެނިހެން ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ބެލެވޭ


ސީޕްލޭން ޗެކިން އޭރިއާގައި ފަތުރުވެރިން ކިޔޫ ހަދައިގެން | އެމްއޭސީއެލް
ރާއްޖޭގެ ފަތުރުވެރިކަން ކުރިއާ އެއްވަރަށް ރަނގަޅުވެފައިވާ ކަމަށާއި ފަތުރުވެރިކަމުން ލިބޭ ނަފާ އިތުރުވަމުންދާ ކަމަށް މި ސަރުކާރުން ބުނި ނަމަވެސް، މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު އަދިވެސް ދަށް ކަމަށް ޓޫރިޒަމް މިިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ 1،213،647 ފަތުރުވެރިންނެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 1،155،017 ފަތުރުވެރިންނެވެ. މިއީ 4.8 އިންސައްތައިގެ ދަށްވުމެކެވެ.
މީގެ އިތުރުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ 143،099 ފަތުރުވެރިންނެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 125،891 ފަތުރުވެރިންނެވެ. މިއީ 12 އިންސައްތައިގެ ދަށްވުމެކެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި މީހުންގެ ތަފްސީލަށް ބަލާއިރު، އޭގެ ތެރޭގައި ހިމެނެނީ 1،129،802 ފަތުރުވެރިންނާއި، ވިޔަފާރި ބޭނުންތަކަށް އައި 9،638 މީހުންގެ އިތުރުން ކްރޫޒްލައިނާތަކުން އައި 15،577 ފަސިންޖަރުންނެވެ. މިއަހަރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް އެވްރެޖްކޮށް ޒިޔާރަތްކޮށްފައިވަނީ 5،893 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންނާ އަޅާބަލާއިރު ވެސް ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 6،192 ފަތުރުވެރިން ވަނީ އެވްރެޖްކޮށް ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ގައުމުތަކުގެ ތެރޭގައި ޗައިނާ، ރަޝިޔާ އަދި އިނގިރެސިވިލާތް ހިމެނެ އެވެ. އެގޮތުން އަހަރުގެ މިހާތަނަށް ޗައިނާ އިން 190،016 ފަތުރުވެރިން އައިސްފައިވާއިރު މިއީ ރާއްޖެ ޒިޔާރަތް ކުރި ޖުމްލަ ފަތުރުވެރިންގެ 16.8 އިންސައްތަ އެވެ. ރަޝިޔާ އިން 164،067 ފަތުރުވެރިން އައިސްފައިވާއިރު މިއީ ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 14.5 އިންސައްތަ އެވެ. އިނގިރޭސިވިލާތުން އަހަރުގެ މިހާތަނަށް 91،574 ފަތުރުވެރިން އައިސްފައިވާއިރު މިއީ ޖުމްލަ ފަތުރުވެރިންގެ 8.1 އިންސައްތަ އެވެ.
ރާއްޖޭގެ އިގްތިސާދުގެ މައި ނާރަކީ ފަތުރުވެރިކަން ކަމުގައިވާއިރު، ފަތުރުވެރިން އަންނަ މިންވަރަށް އަންނަ މިފަދަ ބަދަލުތަކަކީ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، އެއާލައިންތަކުގެ އިތުރުން ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ބެލެވެ އެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވަމުން ދިއުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއްވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގެ ކުއްލި އެހީތެރިކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން ވަނީ އެދިފަ އެވެ.





