ދުވާލެއްގެ މައްޗަށް 3000 އެއްހާ ބުކިންގ ދަނީ ކެންސަލްވަމުން، ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ!
މިހާރު ދުވާލަކު ގާތްގަނޑަކަށް 2500 އާއި 3000 އާ ދެމެދުގެ އަދަދަކަށް ފަތުރުވެރިންގެ ބުކިން ކެންސަލް ވަމުންދާއިރު، އަދި އޭގެ ސަބަބުން ފަތުރުވެރިކަމަށް ބަރޯސާވާ މިރާއްޖޭގެ ، ވިޔަފާރިތަކަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެ.


ސީޕްލޭން ޗެކިން އޭރިއާ ގައި ފަތުރުވެރިން ކިޔޫ ހަދައިގެން | އެމްއޭސީއެލް
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުވާލެއްގެ މައްޗަށް 3000 އެއްހާ ބުކިންގ ކެންސަލްވަމުންދާކަން ހާމަވެއްޖެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރުވެސް ފެންނަން އޮތީ ރާއްޖެއަށް އަންނަމުންދާ ފަތުރުވެރިންގެ ނިސްބަތް މަދުވަމުންދާކަމެވެ. އެގޮތުން ރާއްޖެއަށް މިމަހުގެ ފުރަތަމަ 14 ދުވަސް ތެރޭގައި ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު 21 އިންސައްތަ ދަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު 2025 ވަނަ އަހަރުގެ މި މުއްދަތުގައި 88،274 ފަތުރުވެރިން ޒިޔާރަތްކުރި ނަމަވެސް، މިއަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 69،648 ފަތުރުވެރިންނެވެ.
އެކަމާ ގުޅޭގޮތުން އިނަރ މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާޤް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެކަމުގެ ބައެއް ތަފްސީލުތައް ހިއްސާ ކުރައްވާފައެވެ.
އޭނާ ވިދާޅުވީ، މިހާރު ދުވާލަކު ގާތްގަނޑަކަށް 2500 އާއި 3000 އާ ދެމެދުގެ އަދަދަކަށް ފަތުރުވެރިންގެ ބުކިންގ ކެންސަލް ވަމުންދާ ކަމަށެވެ. އަދި އޭގެ ސަބަބުން ފަތުރުވެރިކަމަށް ބަރޯސާވާ މިރާއްޖޭގެ ، ވިޔަފާރިތަކަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
ފިރާޤް ވިދާޅުވީ، އެއްވެސް ކަމެއް ނުހިނގާކަމަށް ޤަބޫލު ކޮށްގެން ތިބެގެން ލުއިކަމެއް ނުލިބޭނެ ކަމަށާއި، އެކަމުގެ އަސަރު ވަރަށް އަވަހަށް ގިނަ ދާއިރާތަކަށް ފޯރާނެ ކަމަށެވެ.
އެހެންކަމުން ޤައުމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކޮށް، ކުރިއަށް ޕްލޭންކޮށް، ޙާލަތު ދަތިވުމުގެ ކުރިން ޒިންމާދާރުކަމާއެކު ހަޤީޤަތާ ކުރިމަތިލާންޖެހޭނެކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
މީގެ އިތުރުންވެސް ގިނަ ބަޔަކު ދަނީ މި ދަނޑިވަޅުގައި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލަމުންނެވެ. ވަކިން ޚާއްސަކޮށް ދައުލަތުގެ ޚަރަދު ކުޑަކޮށް، މިވަގުތަށް ބައެއް ޚަރަދުތައް މަޑުޖައްސާލުމަށްވެސް ބައެއް ފަރާތްތަކުން ގެންދަނީ ގޮވާލަމުންނެވެ. އެގޮތުން ކުރީގެ ރައީސް ނަޝީދުވެސް ވަނީ ދައުލަތުގެ ޚަރަދު ކުޑަކޮށް، މިވަގުތަށް އެޅިދާނެ ބައެއް ފިޔަވަޅުތަކާ ގުޅޭގޮތުން ދާދި ފަހުން ވާހަކަ ދައްކަވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި ރައްކާ ކުރެވެނީ 70 މިލިއަން ލީޓަރުގެ ޑީސަލް ކަމަށާއި، އެއީ އެސްޓީއޯ އަދި ޕްރައިވެޓް ސެކްޓަރ ހިމެނޭހެން ރައްކާކުރެވޭ އަދަދު ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖޭގައި ރައްކާ ކުރެވޭ ޕެޓްރޯލްގެ އަދަދަކީ 25 މިލިއަން ލީޓަރު ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެއީ 20 ދުވަހުގެ ސްޓޮކެވެ. އެހެންކަމުން ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ މިވަގުތަށް އެޅުން ކޮންމެހެންވެސް މުހިއްމު ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ރާއްޖޭގެ ޕްރައިވެޓް ސެކްޓަރގެ ފިއުލް ރައްކާ ކުރެވޭ މިންވަރު ދެނެގަތުމާއި، ކަރަންޓު ކަނޑާ ގަޑިތަކެއް ކަނޑައެޅުމާއި، އެއްގަމު އުޅަނދުފަހަރު ދުއްވުން ކޮންޓްރޯލް ކުރުމާއި، ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ހުޅުވާ ވަގުތު މަދުކުރުން ހިމެނެއެވެ.
މީގެ އިތުރުން، އިޖުތިމާއީ ޙަރަކާތްތައް މަދު ކުރުމާއި، މަސްވެރިކަމާއި ރިސޯޓުތަކަށް ތެޔޮ ކަށަވަރު ކުރުމުގެ އިތުރުން، އޭވިއޭޝަން ފިއުލް ކަށަވަރު ކުރުމަށްވެސް ރައީސް ނަޝީދު ގޮވާލައްވާފައިވެއެވެ. އަދި ހުޅަނގު އޭޝިއާ ހުރަސް ކުރަން ނުޖެހޭ މަތިންދާބޯޓު އަދި ކަނޑުބޯޓުފަހަރުގެ ރޫޓުތައް ހޯދައި، ސަޕްލައި ލައިން ބަދަލު ކުރުންވެސް މުހިއްމުކަން ފާހަގަ ކުރައްވާފައިވެއެވެ.







