ފަތުރުވެރިކަން އަދިވެސް ދަނީ ދަށަށް! ޖޫން މަހު އައި ފަތުރުވެރިންގެ އަދަދު 12 އިންސައްތަ ދަށުގައި
މި އަހަރުގެ ޖެނުއަރީން ފެށިގެން ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު ފަސް އިންސައްތަ ދަށްވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި. ފަތުރުވެރިން އަންނަ މިންވަރު މަދުވުމުގެ ސަބަބުން އިގްތިސާދަށާއި މި ސިނާއަތުގެ ވިޔަފާރިތަކަށް ނޭދެވޭ އަސަރުކުރާތީ، މަޓާޓޯ އާއި ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ސަރުކާރުގެ ކުއްލި އެހީތެރިކަމަށް އެދިފަ. މި އަހަރުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެ އައިސްފައިވަނީ 5،907 ފަތުރުވެރިން.


ސީޕްލޭން ޗެކިން އޭރިއާ ގައި ފަތުރުވެރިން ކިޔޫ ހަދައިގެން | އެމްއޭސީއެލް
މިދިޔަ ޖޫން މަހު ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު މިިދިޔަ އަހަރާ އަޅާބަލާއިރު 12 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީ އިން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ 143،099 ފަތުރުވެރިންނެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 125،891 ފަތުރުވެރިންނެވެ. މިއީ 12 އިންސައްތައިގެ ދަށްވުމެކެވެ.
އޭގެ އިތުރުން 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް 1،131،303 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފަ އެވެ. މި އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ 1،075،1422 ފަތުރުވެރިންނެވެ. މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 5 އިންސައްތަ ދަށް އަދަދެކެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި މީހުންގެ ތަފްސީލަށް ބަލާއިރު، އޭގެ ތެރޭގައި ހިމެނެނީ 1،049،927 ފަތުރުވެރިންނާއި، ވިޔަފާރި ބޭނުންތަކަށް އައި 9،638 މީހުންގެ އިތުރުން ކްރޫޒްލައިނާތަކުން އައި 15،577 ފަސިންޖަރުންނެވެ. މިއަހަރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް އެވްރެޖްކޮށް ޒިޔާރަތްކޮށްފައިވަނީ 5،907 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންނާ އަޅާބަލާއިރު ވެސް ދަށް އަދަދެކެވެ.
2025 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 6،216 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
ރާއްޖޭގެ އިގްތިސާދުގެ މައިނާރަކީ ފަތުރުވެރިކަން ކަމަށްވެފައި، ފަތުރުވެރިން އަންނަ މިންވަރަށް އަންނަ މިފަދަ ބަދަލުތަކަކީ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، އެއާލައިންތަކުގެ އިތުރުން ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ބެލެވެ އެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވަމުންދިއުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއްވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގެ ކުއްލި އެހީތެރިކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން ވަނީ އެދިފަ އެވެ.



