ޖޫން މަސް ނިމުނު އިރު ރާއްޖޭގެ ރިޒާވް 18 މިލިޔަން ޑޮލަރުގެ ދަށްވުމެއް ރެކޯޑް ކުރެވިފައިވާ ކަމަށް އެމްއެމްއޭ އިން ހާމަކޮށްފި
މިއަހަރުގެ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 686.8 މިލިޔަން ޑޮލަރަށް ދަށްވެފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 17.5 އިންސައްތައިގެ ދަށްވުމެއް. ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވުން ކަމަށް އެމްއެމްއޭ އިން ބުނާއިރު، ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް ވޯލްޑް ބޭންކުން ވަނީ އިންޒާރުދީފައި.

ޖުމްލަ ރިޒާވާ އެކު، ޖޫން މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވް (ޔޫސަބަލް ރިޒާވް) ވަނީ 248.9 މިލިއަން ޑޮލަރަށް ދަށްވެފައި | ގެޓީ އިމޭޖަސް
މިއަހަރުގެ މެއި މަހާ އަޅާ ބަލާއިރު ޖޫން މަސް ނިމުނު އިރު ރާއްޖޭގެ ރިޒާވް 18 މިލިޔަން ޑޮލަރުގެ ދަށްވުމެއް ރެކޯޑް ކުރެވިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަ ކޮށްފި އެވެ.
އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުރީ 686.8 މިލިޔަން އެމެރިކާ ޑޮލަރެވެ.
އަހަރުން އަހަރަށް ބަލާއިރު، މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު ޑޮލަރުގެ އަދަދު މިއަހަރުގެ ޖޫން މަހު 145.6 މިލިޔަން ޑޮލަރު ވަނީ ދަށްވެފަ އެވެ. އެއީ 17.5 އިންސައްތައިގެ ދަށްވުމެކެވެ.
މި އަހަރުގެ މެއި މަހާ އަޅާ ބަލާއިރު ޖޫން މަހު ބޭނުން ކުރެވޭ ރިޒާވް ވަނީ 11.9 މިލިޔަން ޑޮލަރުގެ ދަށަށް ގޮސްފަ އެވެ.
އަހަރުން އަހަރަށް ބަލާއިރު، އެމްއެމްއޭ ގެ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖޫން މަސް ނިމުނުއިރު ޔޫސަބަލް ރިޒާވް (ބޭނުންކުރެވޭ ރިޒާވް) ހުރީ 248.9 މިލިޔަން ޑޮލަރުގަ އެވެ. ހުސްވި އަހަރުގެ ޖޫން މަސް ނިމުނުއިރު ހުރީ 203 މިލިޔަން ޑޮލަރުގަ އެވެ.
2026 ވަނަ އަހަރުގެ މާޗު މަހު ރިޒާވް 1,331.8 މިލިޔަން ޑޮލަރުގައި ހުރުމަށްފަހު، މިހާތަނަށް ވަނީ 645.0 މިލިޔަން ޑޮލަރުގެ ދަށްވުމެއް އައިސްފަ އެވެ.
ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އެންމެ ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އެކަށީގެންވާ މިންވަރަކަށް ކުރިއަރާފައި އޮތުމުގެ ސަބަބުން އިގްތިސާދު ހިފެހެއްޓިފައި އޮތް ނަމަވެސް، ދައުލަތުގެ ދަރަނި އިތުރުވުމާއި، ބޭރުގެ ފައިނޭންސިންގް އަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތުމާއި، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކުރިމަގަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ.
ވޯލްޑް ބޭންކުން 11 ޖޫން 2026 ގައި ނެރުނު "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައި ބުނެފައިވަނީ، ސަރުކާރުގެ އާމްދަނީ އިތުރުވެ ބަޖެޓް ޑެފިސިޓް ކުޑަވުމާ ގުޅިގެން 2025 ވަނަ އަހަރު ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވެފައިވާ ކަމަށެވެ. ނަމަވެސް، އިގްތިސާދުގެ އޮނިގަނޑުގައި ހުރި ހައްސާސް ކަންކަން އަދިވެސް އެ ގޮތުގައި ހުރިކަން ފާހަގަކޮށް، ދައުލަތުގެ ދަރަންޏާއި ބޭރުގެ ފައިނޭންސިންގް ހޯދުމަށް ހުރި ދަތިތަކުގެ ސަބަބުން އިގްތިސާދަށް ބާރުބޮޑުވަމުންދާކަމުގެ އިންޒާރު އެ ބޭންކުން ވަނީ ދީފަ އެވެ.
އެމްއެމްއޭ އިން ބުނެފައިވަނީ ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަބީ މުދާ އިމްޕޯޓްކުރާ ފަރާތްތަކުން ބޭރު ފައިސާއަށް އޮތް ބޮޑު ޑިމާންޑް އިތުރުވުމުގެ ސަބަބުން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު އިތުރުވުން ކަމުގަ އެވެ. އެ ގޮތުން ޑޮލަރު ވިއްކި މިންވަރު މެއި މަހާ އަޅާ ބަލާއިރު 43 އިތުރުވެފައިވާކަން ފާހަގަ ކޮށްފައިވެ އެވެ.
ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި 2026 ވަނަ އަހަރު ބޭރުގެ ދަރަނި ދެއްކުމަށް 1.7 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް އަންދާޒާކުރެވެ އެވެ. މިއަހަރުގެ އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކާއި، އިންޑިއާއާއެކު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ސަރުކާރުން ދައްކާފައިވީ ނަމަވެސް، މިއަހަރުގެ ބާކީ އޮތް މުއްދަތުގައި ބޭރުގެ ދަރަނީގެ ގޮތުގައި ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރު ދައްކަންޖެހެ އެވެ.








