ޕޭޕާލްގެ ކްރެޑިޓް ނަގައި ބަޔެއްގެ ބުރަ މަސައްކަތުގެ ކްރެޑިޓްވެސް ކާލައިފި
ރާއްޖެއަށް ޕޭޕާލްގެ ޚިދުމަތް ތައާރަފް ވުމަކީ އުރީދޫގެ އަމިއްލަ މަސައްކަތާއި ކުރީ ސަރުކާރުން ގާއިމުކުރި ނޭޝަނަލް ޕޭމަންޓް ސިސްޓަމްގެ ނަތީޖާ ކަމަށްވާ އިރު، މި ސަރުކާރުން އެކަމުގެ ކްރެޑިޓް ނަގަން މަސައްކަތް ކުރާ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެއްޖެ. ރައީސް ސޯލިހުގެ ވެރިކަމުގައި ޕޭޕާލް ގެނައުމަށް ބޭނުންވާ ފަންނީ އަދި އިދާރީ ގިނަ މަސައްކަތްތަކެއް ނިންމާފައިވާކަން ލިޔެކިޔުންތަކުން ހާމަވާން އޮތްއިރު، މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކުގެ ސަބަބުން މާލީ އިދާރާތަކުގެ އިތުބާރު ކުޑަވެ މި ޚިދުމަތް ލަސްވެގެން ދިޔަކަން ފާހަގަކުރެވެއެވެ. އެހެންކަމުން ޕޭޕާލް ރާއްޖެއަށް ލިބުމުގައި މިހާރުގެ ސަރުކާރުގެ އަމަލީ ދައުރެއް ނެތްކަމަށް މި ޚަބަރުގައި ބަޔާންކޮށްފައިވޭ.


އުރީދޫގެ ބުރަ މަސައްކަތުން ގެނައި ޕޭޕާލްގެ ހިދުމަތް ރައީސް ފައްޓަވައިދެއްވަނީ | ރައީސް އޮފީސް
ރާއްޖެއަށް ޕޭޕާލްގެ ހިދުމަތް ގެނައުމުގައި މިހާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރިހާކަމެއް ކުރިކަމަށް ދައްކަން ބަޔަކު ލައްކަ މަސައްކަތް ކޮށްފި އެވެ. ނަމަވެސް ކިތައްމެއް ވަރަކަށް ހަގީގަތް ފޮރުވަން އުޅުނަސް ހަގީގަތް ކޮންމެވެސް ހިސާބަކުން ހާމަވާނެ އެވެ. މި ސަރުކާރަކީ ބޭރު ގައުމެއްގެ މާލީ އެހީއެއް ނުލިބި ހިނގަމުންދާ ހަމައެކަނި ސަރުކާރެވެ. ސަބަބަކީ ދޯހަޅި އިގްތިސާދީ ސިޔާސަތުގެ ސަބަބުންނެވެ. އެހެންކަމުން މި ސަރުކާރަށް އެކަން ނުވެ އޮއްވާ ކުރީ ސަރުކާރުން ކޮށްފައި ހުރި މަސައްކަތުން ފަހިވި މަގުތަކާއި، އަމިއްލަ މުއާސަލާތީ ކުންފުނި އުރީދޫއިން މިކަން ކާމިޔާބު ކުރި އެވެ.
ޕޭޕާލް އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ޕޭޕާލްގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަން ނިންމާފައިވާކަން އިއުލާންކުރުމާ ގުޅިގެން މިސަރުކާރުން މިކަން އެމީހުންގެ ކާމިޔާބީއެއްގެ ގޮތުގައި ދައްކަން މަސައްކަތް ފެށިއެވެ. ސަރުކާރުން ވަކިން ހާއްސަކޮށް އެއްކަލަ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ގަދަފައިވިއްދާފައި ކްރެޑިޓް ނަގަން މަސައްކަތް ފެށި އެވެ. ނަމަވެސް ހަގީގަތަކީ ރާއްޖެއަށް ޕޭޕާލް ގެނައުމުގައި މުއިއްޒުގެ ދައުރެއް އަދި މިސަރުކާރުގެ ދައުރެއް ނެތްކަމެވެ.
ޕޭޕާލްގެ ހިދުމަތް ރާއްޖެއަށް ހޯދުމަށް ރަސްމީކޮށް އެދިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހާމަކޮށްފައިވަނީ ރައީސް ސޯލިހުގެ ވެރިކަމުގަ އެވެ. ރާއްޖޭގައި ގާއިމުކުރާ އައު ނޭޝަނަލް ޕޭމަންޓް ސިސްޓަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި އޭރުގެ ގަވަރުނަރު އަލީ ހާޝިމް މަޖިލީހުގައި އެމައުލޫމާތު ހިއްސާކުރެއްވީ 20 އޮކްޓޫބަރު 2020 ގަ އެވެ. ޕޭޕާލްގެ ސްޓްރެޓީޖިކް ޕްލޭންގައި ރާއްޖެ ހިމެނޭތޯ ރަސްމީކޮށް ސިޓީ ފޮނުވާ އެހިދުމަތަށް އެދިފައިވާނެކަމަށް އެދުވަހު އެމްއެމްއޭއިން ބުނެފައިވެ އެވެ. ބޭންކް އޮފް މޯލްޑިވްސް އިން ވެސް އެހިދުމަތަށް އެދިފައިވާކަމަށް އޭރުގެ ގަވަރުނަރު ވިދާޅުވި އެވެ.
އޭރުގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވިގޮތުގައި އައިއެސްއޯ މިންގަނޑަށް ފެތޭ އައު ނިޒާމެއް ގާއިމުކުރުމުން ޕޭޕާލް ފަދަ ކުންފުނިތަކަށް ރާއްޖޭގައި ހިދުމަތް ދިނުމަށް ދިމާވާ ފަންނީ ހުރަސްތައް ނެތިގެންދާނެ ކަމަށެވެ. އެހެންކަމުން ޕޭޕާލް ގެނައުމަށްޓަކާ އެ މިންގަނޑަށް ފެތޭ އައު ނިޒާމެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ކުރީ ސަރުކާރުން އޮތީ ފަށާފަ އެވެ.
މި ސަރުކާރުން ޕޭޕާލް ފަދަ ކުންފުނިތައް ގެންނާނެކަމަށް ބުނި ނަމަވެސް އެކަން އެހެން ނުވި އެވެ. އެންމެ ފަހުން އުރީދޫ އިން ޕޭޕާލްގެ ހުއްދައަށް ސަރުކާރުގައި އެދުނެވެ. އެއީ އުރީދޫގެ މައި ކުންފުނިން ހިދުމަތް ތާރަފްކުރާތީ އެ ކުންފުނީގެ ބްރާންޗްތައް ހުރި ހުރިހާ ގައުމެއްގައި އެ ހިދުމަތް ދިނުމުގެ ގޮތުން ރާއްޖޭގައި ވެސް ހުއްދައަކަށް އެދުނީ އެވެ.
ޕޭޕާލް ރާއްޖެއަށް ތާރަފްވުމުން ބޭއްވި ހަފްލާފައި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ޓައިމްލައިން ވިދާޅުވި އިރު، ރައީސް މުއިއްޒު ކުރިކަމެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރި އެވެ. ނަމަވެސް ޕޭޕާލް ގެނައުމަކީ އުރީދޫގެ ބުރަ މަސައްކަތެކެވެ. ސަރުކާރުން އެކަމުގައި ކުރި އެއްވެސް ކަމެއް ނެތެވެ. ސަރުކާރުން އެޅި ބާރެއް ވެސް ނެތެވެ. ސަރުކާރަށް އެކަން ނުވެ އޮއްވާ އުފީދޫއިން އެކަން ކުރީމާ ކްރިޑިޓް ކާލަން މަސައްކަތް ފެށީ އެވެ.
މިހާތަނަށް ވެސް މިސަރުކާރުން ޕޭޕާލް ގެންނަން ކުރި މަސައްކަތެއް އަދި ބޭއްވި ބައްދަލުވުމެއްގެ އިތުރުން މަރުކަޒީ ބޭންކުން ކުރިކަމެއް ވެސް ފެންނަން ނެތެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވީ އިރު ޕޭޕާލްގެ ހިދުމަތް ރާއްޖެއަށް ގެނައުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރީ ސަރުކާރުން އޮތީ ނިންމާފަ އެވެ.
ޕޭޕާލް އަކީ ސަރުކާރުން ގެނައި އެއްޗެއް ނަމަ ސަރުކާރު ހިއްސާވާ މުއާސަލާތީ ކުންފުންޏެއް އޮއްވާ އަދި ސަރުކާރު ހިއްސާވާ ބޭންކުތައް ހުއްޓާ އުރީދޫއާއި ހަވާލެއް ނުކުރާނެ އެވެ. ސަރުކާރުގެ ކުންފުނި ދިރާގު އޮއްވާ އެކަން އުރީދޫގެ އެމްފައިސާ ވޮލެޓަށް އަޅަން ސަރުކާރުން ފުރުސަތު ނުދޭނެ އެވެ.
ދައުރު ދެބައިވެގެން ދިޔައިރުވެސް ޕޭޕާލް މިސަރުކާރަށް ނުގެނެވުނީ ސަރުކާރުގެ ދޯހަޅި ސިޔާސަތާއި ދެކޮޅު ނުޖެހޭ އިގްތިސާދީ ސިޔާސަތުގެ ސަބަބުން މާލީ އިދާރާތަކަށް އިތުބާރު ނެތުމުންނެވެ. އެހެން ނޫންނަމަ ރާއްޖޭގައި މިހިދުމަތް ފެށުނުތާ އެތައް ދުވަހެއް ވެއްޖެ އެވެ.
މީގެ އިތުރުން ކުރީ ސަރުކާރުން ކުރި މަސައްކަތްތަކުގެ ތެރެއިން ދެހާސް ވިހި ވަނަ އަހަރު އެއިރުގެ ސަރުކާރުން ވަނީ ޕޭޕާލްގެ އިތުރުން ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ގޭޓްވޭތަކެއް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަން ފަށާފަ އެވެ. އެއިރު އެކަމާއި ގުޅޭ މަސައްކަތް މަޖިލީހުގައި ވެސް ކުރެވުނެވެ. ލިޔެކިޔުންތަކުން އޮތީ އެކަންކަން ހާމަވާށެވެ.
މި ސަރުކާރުން ޕޭޕާލް ގެނައުމުގެ ކްރެޑިޓް ނަގަން މަސައްކަތް ކުރި ނަމަވެސް، މިހާތަނަށް މި ސަރުކާރުން ނުވަތަ މަރުކަޒީ ބޭންކުން އެކަމަށްޓަކައި ކުރި އައު މަސައްކަތެއް ފެންނާކަށް ނެތެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވީއިރު މިކަމުގެ ބިންގާ އޮތީ އެޅިފަ އެވެ. ޚިދުމަތް ލަސްވެގެން ދިޔައީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާމެދު މާލީ އިދާރާތަކުގެ އިތުބާރު ކުޑަވުމުންނެވެ.
ޖުމްލަގޮތެއްގައި، ޕޭޕާލް ރާއްޖެއަށް ތައާރަފްވުމަކީ އުރީދޫގެ އަމިއްލަ ވިޔަފާރީގެ މަސައްކަތާއި، ކުރީ ސަރުކާރުން ގާއިމުކުރި ޕޭމަންޓް ސިސްޓަމްގެ ނަތީޖާ އެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ދަނީ މިއީ އެ ފަރާތްތަކުގެ ކާމިޔާބީއެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރަމުންނެވެ.






