އަރްމީނިއާގެ ޝިރާކް އޭވިއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަނީ
އަރްމީނިއާގެ ޝިރާކް އޭވިއާ އިން ރާއްޖެއަށް ކުރާ ދަތުރުތައް ނޮވެމްބަރު 14 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު ބާއްވާ މި ދަތުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގު ފެށެނީ 455 ޑޮލަރުން

އަރުމީނިއާގެ ޔެރެވަންގައި އޮންނަ ޒްވާޓްނޮޓްސް އިންޓަނޭޝަނަލް އެއާޕޯޓުގައި މަރުކަޒުވެފައިވާ ޝިރާކް އޭވިއާ އެލް.އެލް.ސީ އަކީ އެ ގައުމުގެ ގައުމީ އެއާލައިން | އެލަމީ
މިއަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އަރްމީނިއާގެ ޝިރާކް އޭވިއާ އިން ޔެރެވަން އިން ބާލީ، ދިވެހިރާއްޖެ އަދި ފުކެޓަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.
މިއާ ގުޅިގެން، އޭޝިއާގެ މަގުބޫލު ޗުއްޓީ މަންޒިލްތަކަށް ދަތުރުކުރާ އަރްމީނިއާގެ ފަތުރުވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ އެއަރލައިން އިން ބުނެފައިވެ އެވެ.
އިކޮނޮމީ އޮފް އަރްމީނިއާއާ ހަވާލާދީ ދަ ކެސްޕިއަން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަފުތާއަކު އެއްފަހަރު ކުރާ މި ދަތުރުތަކުގެ ސަބަބުން އަރްމީނިއާ އާއި ދުނިޔޭގެ އެންމެ މަގުބޫލު ތިން މަންޒިލް ގުޅާލެވޭނެ އެވެ.
ދިވެހިރާއްޖެ އަށް ކުރާ ފުރަތަމަ ދަތުރު ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު މި ރޫޓުގައި ދަތުރުތައް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އޮމާންގެ މަސްކަޓުގައި މަޑުކޮށް ތެޔޮ އެޅުމަށްފަހު ކުރިއަށްގެންދާ މި ދަތުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގު ފެށެނީ 455 އެމެރިކާ ޑޮލަރުންނެވެ.
އިންޑޮނޭޝިއާގެ ބާލީގެ ޑެންޕަސާރަށް ކުރާ ދަތުރުތައް ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހު މި ދަތުރުތައް އޮންނާނެ ކަމަށް ބުނެފައިވެ އެވެ. ބަންގްލަދޭޝްގެ ޑާކާގައި މަޑުކޮށް ތެޔޮ އެޅުމަށް ހަމަޖެހިފައިވާ މި ދަތުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގު އުޅެނީ 711 އެމެރިކާ ޑޮލަރުން ފެށިގެންނެވެ.
މީގެ އިތުރުން، ތައިލެންޑުގެ ފުކެޓަށް ކުރާ ފުރަތަމަ ދަތުރު ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު މި ރޫޓުގެ ދަތުރުތައް ކުރިއަށްދާނެއެވެ. ޑާކާގައި މަޑުކުރުމަށްފަހު ކުރިއަށް ގެންދާ މި ދަތުރުގެ އެއްކޮޅު ޓިކެޓުގެ އަގު ފެށެނީ 656 އެމެރިކާ ޑޮލަރުންނެވެ.









