ދިވެހިންގެ ފަގީރުކަން މިއަހަރު މައްޗަށް ގޮސް އަތޮޅުތެރޭގެ ރައްޔިތުން އިތުރަށް ނިކަމެތިވާނެ: ވޯލްޑް ބޭންކް
ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގު އުފުލުމާއި ބޭރު ފައިސާ ލިބުމުގެ ދަތިކަމާ ގުޅިގެން، 2026 ވަނަ އަހަރު ރާއްޖޭގެ އިންފްލޭޝަން މަތިވެ ފަގީރުކަން އިތުރުވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާ ކޮށްފި. މީގެ އިތުރުން، ދައުލަތުގެ ޚަރަދުތައް ކުޑަނުކުރެވި ބަޖެޓް ޑެފިސިޓް ބޮޑުވުމުގެ ސަބަބުން، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން 140 އިންސައްތައަށް ވުރެ މަތިވާނެ ކަމަށް އެ ބޭންކުން ދެކޭ. މި ހާލަތުގެ ސަބަބުން އާމްދަނީ ދަށްވެ، އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންގެ ނިކަމެތިކަން އިތުރުވުމުގެ ބިރު އެބައޮތް.

ދިވެހިރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކުރުމުގެ ރަސްމިއްޔާތުގެ އިގްތިސާދާ ބެހޭ ވަޒީރު މުހައްމަދު ސައީދު އާއި ރައީސް މުހައްމަދު މުއިއްޒު ސަލާން ކުރައްވަނީ. | ރައީސް އޮފީސް
2026 ވަނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް އުފުލި، ފަގީރުކަން އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ޖޫން މަހު ވޯލްޑް ބޭންކުން އާންމު ކުރި "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ގައި ބުނެފައިވަނީ ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގުތައް އުފުލުމާ ގުޅިގެން، 2026 ވަނަ އަހަރު ރާއްޖޭގެ އިންފްލޭޝަން 6 އިންސައްތައަށް މަތިވާނެ ކަމަށް ބެލެވެއެވެ. އަދި ބޭރު ފައިސާ ލިބުމަށް ހުރި ދަތިތަކާއި، ކާބޯތަކެއްޗާއި ޒަރޫރީ ތަކެއްޗަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން، 2028 ވަނަ އަހަރާ ހަމައަށް އިންފްލޭޝަން ހުންނާނީ 4 އިންސައްތައަށް ވުރެ މަތީގައެވެ. މީގެ އިތުރުން، ވަޒީފާ ނެތް މީހުންގެ ނިސްބަތް ކުޑަކޮށް އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު، ޚިދުމަތްތަކުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން މަސައްކަތްކުރާ ގަޑި މަދުވުމުގެ ސަބަބުން އެމީހުންނަށް ލިބޭ އާމްދަނީ ދަށްވާނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން އާމްދަނީގެ ހަގީގީ އަގު ދަށްވެ، 2025 ވަނަ އަހަރު 7.7 އިންސައްތައިގައި ހުރި ފަގީރުކަމުގެ ނިސްބަތް 2026 ވަނަ އަހަރު 7.9 އިންސައްތައަށް އުފުލޭނެއެވެ. މީގެ ސަބަބުން، ފަގީރުންގެ 93 އިންސައްތަ މީހުން ދިރިއުޅޭ އަދި ބާޒާރުތަކަށް ވާސިލުވުމަށް ދަތިތައް ހުރި އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން އިތުރަށް ނިކަމެތިވެގެންދާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެއެވެ.
އެންމެ ފަހުން ލިބެންހުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2019 ވަނަ އަހަރު ރާއްޖޭގެ ފަގީރުކަން ހުރީ 11.2 އިންސައްތައިގައެވެ. ހަމައެއާއެކު، އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި (48.9 އިންސައްތަ) މީހުން ތިބީ ފަގީރުކަމުގެ މިންގަނޑުން ކިރިޔާ ސަލާމަތްވެފައި ކަމުން، ކުއްލިއަކަށް ދިމާވާ ހާލަތަކުން ފަގީރުކަމުގެ ތެރެއަށް ވެއްޓުމުގެ ބިރު އެމީހުންނަށް އޮންނާނެ ކަމުގައި ވޯލްޑް ބޭންކުން ދެކެއެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު މި ނާޒުކު ހާލަތު ހާމަވެގެންދިޔައިރު، ފަގީރުކަމުގެ ނިސްބަތް 30 އިންސައްތައަށް ވުރެ މަތިވެ، ވަޒީފާ ނެތް މީހުންނަށް ދޭ އިންޝުއަރެންސެއް ނެތުމުގެ ސަބަބުން ގިނަ މަސައްކަތްތެރިންގެ އާމްދަނީ އެއްކޮށް ހުއްޓުނުކަން ފާހަގަ ކޮށްފައިވެއެވެ. ރާއްޖޭގެ ފަގީރުންގެ ތެރެއިން ކޮންމެ 10 މީހަކުން 9 މީހުންނަށް ވުރެ ގިނަ މީހުން ދިރިއުޅެނީ އަތޮޅުތެރޭގައި ކަމަށްވީ ނަމަވެސް، ފަގީރުކަމުގެ ނުރައްކާ އަތޮޅުތަކާއި މާލެއަށް ވެސް ވަނީ ކުރިމަތިވެފައިކަން ވޯލްޑް ބޭންކުން ފާހަގަ ކޮށްފައިވެއެވެ.
ތަކެތީގެ އަގު ބޮޑުވުމާއި ރައްޔިތުންނަށް ލިބޭ އާމްދަނީ ދަށަށް ދިއުމުގެ ނުރައްކާ ރާއްޖެ އަށް ކުރިމަތިވެފައިވާއިރު، ސަރުކާރަށް ލިބޭ އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެ، އެންމެ ފަހުން ސަރުކާރުން ހިންގާ ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ދިރިއުޅުމުގެ ހާލަތު ބިނާވެފައި އޮންނަނީ ލިބޭ އާމްދަނީގެ މައްޗަށް ކަމަށް ވެފައިވާއިރު، ވަޒީފާތަކުން މީހުން ވަކި ކުރުމުން އެފަދަ ފަރާތްތަކުގެ ދިރިއުޅުމަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ބޮޑުވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.
ވޯލްޑް ބޭންކުން ފާހަގަ ކުރާ ގޮތުގައި ސަރުކާރަށް ފައިސާގެ ދަތިކަން ހުރުމުގެ ސަބަބުން 2025 ވަނަ އަހަރު ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅި ނަމަވެސް، އަދި ފަހަކަށް އައިސް ޚަރަދު ކުޑަކުރުމަށް ސަރުކާރުން އިއުލާންތަކެއް ކުރި ނަމަވެސް، 2026 އިން 2028 އަށް ހިނގާ މުއްދަތުގައި ޚަރަދުތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވުމާއި ސަބްސިޑީއަށް ކުރާ ހޭދަ ބޮޑުވުމުގެ ސަބަބުން، 2026 ވަނަ އަހަރު ދައުލަތުގެ ބަޖެޓްގެ ދަރަނި ހުންނާނީ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީ) 10.9 އިންސައްތައިގައި ކަމަށް ވޯލްޑް ބޭންކުން ދެކެއެވެ. ބަޖެޓް ޑެފިސިޓް ބޮޑުވުމާއި، ލޯނު ނެގުމުގެ ޚަރަދު އިތުރުވުމާއި، އިގްތިސާދީ ކުރިއެރުން މަޑުޖެހުމުގެ ސަބަބުން، މެދު ރާސްތާގައި ދައުލަތުގެ ދަރަނި ޖީޑީޕީގެ 140 އިންސައްތައަށް ވުރެ މަތިވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ވޯލްޑް ބޭންކުން ބުނެފައިވެއެވެ.





