ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން 75 ހަނގުރާމަވެރިން މަރާލައިފި
ޕާކިސްތާނުގެ ބަލޯޗިސްތާނުގައި ހިނގި ނުރައްކާތެރި ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ ސަލާމަތީ ބާރުތަކުން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި ވަކިވެގަތުމަށް މަސައްކަތްކުރާ 75 ހަނގުރާމަވެރިން މަރާލައިފި. ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އެ ސަރަހައްދަށް ޒިޔާރަތްކުރައްވައި ހަމަލާތަކުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާއިރު، މި ހަމަލާތަކުގައި މަރުވި ފުލުހުންގެ އާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައި.

ޕާކިސްތާނުގެ ނޯތު ވެސްޓް ފްރޮންޓިއާ ޕްރޮވިންސްގައި ހިމެނޭ ސައުތު ވަޒީރިސްތާނުން ފެށިގެން ޑޭރާ އިސްމާއިލް ޚާނަށް ދާން އޮންނަ މަގުގައި ގާއިމުކޮށްފައިވާ ޗެކް ޕޯސްޓެއްގެ ކައިރީގައި ސިފައިން ފޯރިމަރަމުންދާ މަންޒަރު ފެންނަ ފޮޓޯއެއް. | ރޮއިޓާސް
ޕާކިސްތާނުގެ ބަލޯޗިސްތާން ޕްރޮވިންސްގައި ސިފައިންނާއި، ފުލުހުންގެ އިތުރުން އާންމުންނަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާތަކަކާ ގުޅިގެން، އެ ގައުމުގެ ސަލާމަތީ ބާރުތަކުން އަސްކަރީ ހެލިކޮޕްޓަރުތަކުގެ އެހީގައި ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި ހަނގުރާމަވެރި ޖަމާއަތަކަށް ނިސްބަތްވާ 75 މީހުން މަރާލާފައިވާ ކަމަށް އޮފިޝަލުން ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ. މި އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މަނާކޮށްފައިވާ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތަކާ ދެކޮޅަށް ފާއިތުވި ދުވަސްތަކުގަ އެވެ.
މިކަން އިއުލާނުކޮށްފައިވަނީ، ބަލޯޗިސްތާނުގެ ވެރިރަށް ކުއެޓާއަށް ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބުރާސްފަތި ދުވަހު ކުރެއްވި ޒިޔާރަތަށްފަހުގަ އެވެ. އެ ޒިޔާރަތުގައި ބޮޑުވަޒީރު ވަނީ ހަމަލާތަކުގައި މަރުވި 42 މީހުންގެ އާއިލާތަކާ ބައްދަލުކުރައްވައި، އެމީހުންގެ ގުރުބާނީ ބޭކާރުވެގެން ނުދާނެ ކަމަށާއި، މި ހަމަލާތަކުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މި ހަފުތާގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން، ކުރިން ކުދި ޖަމާއަތްތަކެއްގެ ގޮތުގައި ބެލެވުނު ވަކިވެގަތުމަށް މަސައްކަތްކުރާ ގްރޫޕްތަކުގެ ނުފޫޒު ފުޅާވަމުންދާ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.
ބަލޯޗިސްތާން ސަރުކާރުން މައުލޫމާތު ދޭ ގޮތުގައި، ޕާކިސްތާނު ސިފައިންނާއި، ފްރޮންޓިއާ ކޯޕްސް އަދި ފުލުހުން ގުޅިގެން ހިންގަން ފެށި މި އޮޕަރޭޝަންތައް ފަށާފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެއީ "ބަލޯޗް ލިބަރޭޝަން އާމީ" (ބީ.އެލް.އޭ) އަށް ނިސްބަތްވާ ގިނަ އަދަދެއްގެ ހަނގުރާމަވެރިން، ކުއެޓާއާއި އެ ސަރަހައްދުގެ މިލިއަނަކަށްވުރެ ގިނަ މީހުންނަށް ފެން ފޯރުކޮށްދޭ މަންގީ ޑޭމް ކައިރީގައި ހުރި ފުލުހުންގެ ޗެކްޕޯސްޓަކަށް ހަމަލާދިނުމާ ގުޅިގެންނެވެ.
މި ކުރިމަތިލުންތަކުގެ ފުރަތަމަ މަރުހަލާގައި ފުލުހުންގެ 9 އޮފިސަރުންނާއި ހަމަލާދިން މީހުންގެ ތެރެއިން 15 މީހަކު މަރުވި އެވެ. ހަމަލާދިން މީހުން ވަނީ ފުލުހުންގެ 18 އޮފިސަރަކު ރަހީނުކޮށްގެން ކައިރީގައި ހުރި ފަރުބަދަތަކުގެ ތެރެއަށް ގެންގޮސްފަ އެވެ. ފަހުން އެ އޮފިސަރުން ފެނުނުއިރު، ތިބީ ލޯމަތީގައި ފޮތިގަނޑު އައްސައި ބަޑިޖަހައި މަރާލާފަ އެވެ.
ޕާކިސްތާނުން ތުހުމަތުކުރާ ގޮތުގައި ބީ.އެލް.އޭ އާއި ޕާކިސްތާނު ތާލިބާނުންނަށް އަފްޣާނިސްތާނުގައި ރައްކާތެރިކަން ލިބިގެންވާ އިރު، އިންޑިއާގެ އެހީތެރިކަންވެސް އެ ޖަމާއަތްތަކަށް ލިބެއެވެ. ނަމަވެސް ކާބުލް އަދި ނިއުދިއްލީން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
މީގެ އިތުރުން، މި ހަމަލާތަކުގައި މަރުވި ކޮންމެ ފުލުހެއްގެ އާއިލާއަށް ބަދަލުގެ ގޮތުގައި 11.1 މިލިއަން ރުޕީސް (39,000 އެމެރިކާ ޑޮލަރު) ދިނުމަށް ޕާކިސްތާނު ސަރުކާރުން ވަނީ ނިންމާފަ އެވެ.
ޕާކިސްތާނުގެ އެންމެ ބޮޑު ނަމަވެސް އާބާދީ އެންމެ މަދު ޕްރޮވިންސް ކަމަށްވާ ބަލޯޗިސްތާނަކީ، އަމިއްލަ މިނިވަންކަމަށް ވަކާލާތުކުރާ ބަލޯޗް ދަރިކޮޅުގެ ޖަމާއަތްތަކުގެ ހަނގުރާމަވެރި ހަރަކާތްތައް ދިގު މުއްދަތަކަށް ކުރިމަތިވެފައިވާ ސަރަހައްދެކެވެ. އަދި އަފްޣާން ތާލިބާނުންނާ ގުޅުން އޮންނަ، ނަމަވެސް ވަކި ޖަމާއަތެއްގެ ގޮތުގައި ހަރަކާތްތެރިވާ ޓީ.ޓީ.ޕީގެ ހަމަލާތައްވެސް އެ ސަރަހައްދަށް ދަނީ އަމާޒުވަމުންނެވެ.





