ހުރްމުޒް ކަނޑުއޮޅީގެ މައްސަލަ ހައްލުނުވާހާ ހިނދަކު، ދުނިޔޭގެ އިގްތިސާދު އޮންނާނީ ބޮޑު ނުރައްކަލެއްގެ ތެރޭގައި
ހުރްމުޒް ކަނޑުއޮޅީގައި އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށާއި އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރައި، އިންޝުއަރެންސްގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައި. މި މައްސަލައިގައި ދެ ގައުމުގެ މެދުގައި އެއްބަސްވުމަކަށް ނާދެވި މަސްރަހު ގޯސްވަމުންދާއިރު، މީގެ ނޭދެވޭ އަސަރު ގަލްފުގެ ގައުމުތަކަށާއި ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާގެ ބާޒާރަށް ވެސް ދަނީ ކުރަމުން.

އީރާނުގެ ލާރަކް އައިލެންޑް ކައިރިން ހުރްމުޒް ކަނޑުއޮޅީގައި ގިނަ އަދަދެއްގެ އުޅަނދުފަހަރު ބަނދަރުކޮށްފައި އޮތް މަންޒަރު. | ގެޓީ އިމޭޖަސް
ހުރްމުޒް ކަނޑުއޮޅިއަށް ކަންތައްވާނެ ގޮތަކާއި ދުނިޔޭގެ އިގްތިސާދަށް ކުރިއަށް އޮތް ތަނުގައި ވާނެ ގޮތަކާ ވަނީ ސީދާ ގޮތުން ގުޅިފަ އެވެ.
އޮމާންގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރި ދެ ތެޔޮ ޓޭންކަރަކަށް މިދިޔަ އަންގާރަ ދުވަހު ވަނީ ހަމަލާދީފަ އެވެ. މި ހަމަލާތައް ކުށްވެރިކޮށް، ގަލްފުގެ ގައުމުތަކުން މިކަމުގެ ޒިންމާ އީރާނުގެ ބޮލުގައި އަޅުވާފައިވާއިރު، އެމެރިކާއިން ވަނީ އީރާނުގެ ސަރަހައްދުތަކަށް ހަމަލާދީފަ އެވެ. އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ބަހްރައިނާއި ކުވެއިތަށް ހަމަލާދީފައިވާއިރު، އީރާނާއި އެމެރިކާއާ ދެމެދު ސޮއިކޮށްފައިވާ ފަހުމުނާމާ (އެމްއޯޔޫ) ބާތިލުވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ވަނީ ވިދާޅުވެފަ އެވެ.
މަސްރަހު މިހާ ބޮޑަށް ގޯސްވެގެން ދިއުމުން ހާމަވަނީ، ފެބްރުއަރީ 28 ގައި ފެށުނު އެމެރިކާ-އިސްރާއީލާއި އީރާނުގެ ހަނގުރާމައިގައި ހުރްމުޒް ކަނޑުއޮޅިއަކީ އެންމެ މުހިންމު މައްސަލަކަމެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ސުވާލުތައް އެއްފަރާތްކޮށް، އެމެރިކާއާއި އީރާނާ ދެމެދު ކުރެވޭ މަޝްވަރާތަކުގައި ހައްލުކުރަން އެންމެ އުނދަގޫ ކަމަކަށް ވެފައިވަނީ ކަނޑުއޮޅީގެ މުސްތަގުބަލާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކެވެ.
ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ބުރޫއެރުމުގެ ސަބަބުން އީރާނަށާއި، ގަލްފުގެ އަވަށްޓެރި ގައުމުތަކުގެ އިތުރުން މުޅި ދުނިޔޭގެ އިގްތިސާދަށް ވެސް އަންނަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. މިފަހަކަށް އައިސް ތެޔޮ ސަޕްލައިއަށް ކުރިމަތިވި އެންމެ ބޮޑު ލޮޅުން ތަހައްމަލު ކުރަމުންދާތާ މިހާރު ހަތަރު މަސް ބައި ވެއްޖެއެވެ.
އީރާނުގެ އަތުގައި އޮތް އެންމެ ބޮޑު ބާރު އެގައުމަށް އޮތް ނުރައްކަލަކަށް
އީރާނަށް ބަލާއިރު، ހުރްމުޒް ކަނޑުއޮޅިއަކީ އެގައުމުގެ އަތުގައި އޮތް އެންމެ ވަރުގަދަ ކާޑެވެ. ނަމަވެސް މިއީ އެގައުމަށް ބޮޑެތި ގެއްލުންތަކެއް ވެސް ކުރިމަތިވާ ކަމެކެވެ. ހަނގުރާމަ ފެށުނު ފަހުން އީރާނުގެ ފައުޖުތަކުން ވަނީ ކަނޑުއޮޅީގައި މައިން ވަޅުލައި، އުޅަނދުފަހަރަށް ހަމަލާދީ، އެ ސަރަހައްދުން ކުރާ ދަތުރުފަތުރު ގާތްގަނޑަކަށް 95 އިންސައްތަ މަދުކޮށްފަ އެވެ. މިއީ ދުނިޔޭގެ ތެޔޮ ބާޒާރުގެ ތާރީޚުގައި ސަޕްލައިއަށް އައި އެންމެ ބޮޑު ބުރޫ ކަމަށް އިންޓަނޭޝަނަލް އެނާޖީ އެޖެންސީގެ ފާތިހް ބިރޯލް ވަނީ ސިފަކުރައްވާފަ އެވެ.
އީރާނުގެ މި ބާރުވެރިކަމަކީ ހަގީގަތެކެވެ. ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބަޔާއި، ގުދުރަތީ ގޭސް (އެލްއެންޖީ) ގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް އުފުލަނީ ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށެވެ. ގަލްފުގެ ގައުމުތަކުގައި ހުރި އެއްވެސް ހޮޅިލައިނަކަށް މި މިންވަރު ފުރިހަމައަށް ފޫބައްދައެއް ނުދެވޭނެ އެވެ.
ނަމަވެސް، އެހެން ގައުމުތަކެކޭ އެއްފަދައިން އީރާނުން ވެސް މިވަނީ އަމިއްލަ އިގްތިސާދީ މަގު ބަންދުކޮށްފަ އެވެ. މީގެ ކުރިން ބައިނަލްއަގުވާމީ އަގުތަކަށް ވުރެ 3 ޑޮލަރު އަގުހެޔޮކޮށް ވިއްކި އީރާނުގެ ސާފުނުކުރާ ތެޔޮ، މިހާރު ވިއްކަމުންދަނީ 20 އިންސައްތައިގެ ޑިސްކައުންޓަކާއެކުގަ އެވެ. އެމެރިކާގެ ކަނޑުގެ ސިފައިން އީރާނުގެ އުޅަނދުފަހަރަށް ހުރަސްއެޅުމުގެ ސަބަބުން، މެއި މަހު އެގައުމުގެ ތެޔޮ އެކްސްޕޯޓް ވަނީ 90 އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ގޮސްފަ އެވެ.
ހަނގުރާމަ ފެށުމުގެ ކުރިން ވެސް ވޯލްޑް ބޭންކުން ލަފާކޮށްފައިވާ ގޮތުގައި 2026 ވަނަ އަހަރު އީރާނުގެ އިގްތިސާދު ހީނަރުވާނެ އެވެ. ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ތެޔޮ ވިއްކައިގެން ލިބޭ އާމްދަނީ ދަށަށް ދިއުމުން އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ އެވެ.
އޯގަސްޓް 21 ގެ ނިޔަލަށް ބާޒާރުގެ އަގުގައި ތެޔޮ ވިއްކުމަށް އީރާނަށް އެމެރިކާގެ ޓްރެޜަރީން ޖޫން 22 ގައި ދިން 60 ދުވަހުގެ ހުއްދަ، މިދިޔަ އަންގާރަ ދުވަހުގެ ހަމަލާތަކާ ގުޅިގެން މިހާރު ވަނީ ބާތިލުކޮށްފަ އެވެ.
މިއީ ކަނޑުއޮޅީގެ ބާރުވެރިކަން ހޯދުމަށާއި، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން "ޓްރާންސިޓް ފީ" ނުވަތަ "ސާވިސް ޗާޖް" ނެގުމަށް އީރާނުން ބާރުއަޅާ އިގްތިސާދީ ސަބަބެވެ. ނަމަވެސް، ކަނޑުގެ ގާނޫނުތަކުގެ ދަށުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން އީރާނަށް ފީ ނުނެގޭނެ ކަމަށް ވޮޝިންޓަނުން ވަނީ ސާފުކޮށް ބުނެފަ އެވެ.
އީރާނަށް ބަލާއިރު، މި މައްސަލައަކީ ހަމައެކަނި ފީއަކުން ލިބޭ އާމްދަނީގެ މައްސަލައެއް ނޫނެވެ. އެއީ ތެލުން ލިބޭ އާމްދަނީއާ އަޅާބަލާއިރު ކުޑަ މިންވަރެކެވެ. އޭގެ ބަދަލުގައި މިއީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި ހިފަހައްޓާފައިވާ ފައިސާ ދޫކުރުމުގެ މަޝްވަރާތަކުގައި، އީރާނުގެ ބާރުވެރިކަން ދެއްކުމަށް އޮތް ހަމައެކަނި ވަސީލަތެވެ.
ހިފަހައްޓާފައިވާ ފައިސާގެ މައްސަލައިގައި ވެސް ހިޔާލުތަފާތުވުންތައް އެބަހުއްޓެވެ. އީރާނުން ބޭނުންވަނީ ހިފަހައްޓާފައިވާ 25 ބިލިއަން ޑޮލަރުގެ ތެރެއިން ދެބައިކުޅަ އެއްބައި ވަގުތުން ދޫކުރުމަށެވެ. ނަމަވެސް އެމެރިކާއިން ދަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ. މީގެ އިތުރުން، ފަހުމުނާމާގައި ހިމެނޭ 300 ބިލިއަން ޑޮލަރުގެ ރިކޮންސްޓްރަކްޝަން ފަންޑަކީ ވެސް ވޮޝިންޓަނުގެ ސިޔާސީ މަސްރަހުގައި ބޮޑު ބަހުސަކަށް ވެފައިވާ ކަމެކެވެ.
ގަލްފުގެ ގައުމުތަކުން އުފުލަންޖެހިފައިވާ ބުރަ
ގަލްފުގެ ގައުމުތަކަށް ހުރްމުޒް ކަނޑުއޮޅީގެ މައްސަލައަކީ ޖިއޮގްރަފީގެ ގޮތުން ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ސައުދީ އަރަބިއްޔާއިން މިހާރު ވަނީ 1،200 ކިލޯމީޓަރުގެ "އީސްޓް-ވެސްޓް" ހޮޅިލައިން މެދުވެރިކޮށް ރަތްކަނޑުގެ ޔަންބޫ ބަނދަރަށް ތެޔޮ ފޮނުވަން ފަށާފަ އެވެ. އަދި ޔޫއޭއީން ދަނީ "ހަބްޝާން-ފުޖައިރާ" ހޮޅިލައިން މެދުވެރިކޮށް އޮމާން ކަނޑަށް ތެޔޮ ފޮނުވަމުންނެވެ.
ނަމަވެސް، މި ދެ ހޮޅިލައިން އެއްކޮށްލުމުން ވެސް އުފުލައިދެވެނީ ހުރްމުޒް ކަނޑުއޮޅިން ކުރިން އުފުލި ތެލުގެ ވަރަށް ކުޑަ މިންވަރެކެވެ. ސައުދީގެ ހޮޅިލައިނުން ދުވާލަކު 7 މިލިއަން ފީފާ އަދި ޔޫއޭއީގެ ހޮޅިލައިނުން 1.8 މިލިއަން ފީފާ އުފުލޭއިރު، ހަނގުރާމައިގެ ކުރިން ހުރްމުޒް ކަނޑުއޮޅިން ދުވާލަކު 20 މިލިއަން ފީފާ ތެޔޮ އުފުލި އެވެ.
އަލަށް ތެޔޮ އުފުލުމަށް ގާއިމުކުރި މަގުތަކަށް ވެސް ވަނީ ހަމަލާތައް އަމާޒުވެފަ އެވެ. އޭޕްރީލް މަހު އީރާނުން ދިން ހަމަލާތަކުގެ ސަބަބުން ސައުދީގެ ހޮޅިލައިނުން އުފުލާ ތެލުގެ މިންވަރު ދުވާލަކު 700،000 ފީފާއަށް ދަށްވި އެވެ. އަދި ފުޖައިރާގައި ޑްރޯން ހަމަލާތަކުގެ ސަބަބުން ތެޔޮ ބަރުކުރުމަށް ހުރަސްތަކެއް އެޅުނެވެ. އީރާން ފިޔަވައި ގަލްފުގެ އެހެން ގައުމުތަކުން ކަނޑުމަގުން އެކްސްޕޯޓްކުރާ ތެލުގެ މިންވަރު ފެބްރުއަރީއާއި މާރިޗު މަހާ ދެމެދު ވަނީ ދެބައިކުޅަ އެއްބަޔަށް ދަށްވެފަ އެވެ.
އީރާނާއި އެމެރިކާގެ މަޝްވަރާތައް ބާއްވާ ގަތަރަށް ވެސް މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރެ އެވެ. އެގައުމުގެ އެލްއެންޖީ އެކްސްޕޯޓް މުޅިން ބިނާވެފައިވަނީ ހުރްމުޒް ކަނޑުއޮޅިއަށް ކަމަށްވާތީ، މައްސަލަ ހައްލުކުރުމަށް އެންމެ ބޮޑަށް ބާރުއަޅާ އެއް ގައުމަކީ ގަތަރެވެ.
ކަނޑުއޮޅީގެ ސަރަހައްދީ ގައުމެއްގެ ގޮތުގައި އޮތް އޮމާން ވަނީ ގާނޫނީ އަދި ވިޔަފާރީގެ ދަތިކަމެއްގެ ތެރޭގަ އެވެ. އދ. ގެ ކަނޑުގެ ގާނޫނުގައި ސޮއިކޮށްފައިވާ ގައުމެއްގެ ހައިސިއްޔަތުން އޮމާނުން އީރާނުގެ "ފީ" އާ ދެކޮޅު ހަދަ އެވެ. އަދި ގަލްފުގެ ބަނދަރުތަކަށް ބަރޯސާވެފައިވާ އިރާގުން ދަނީ ތުރުކީ މަގުން އުތުރަށް ތެޔޮ ފޮނުވޭނެ ގޮތްތަކެއް ހޯދަމުންނެވެ.
މި ހުރިހާ ބަދަލު މަގުތަކަކީ ވެސް ބޮޑު ހަރަދު ހިނގާ، އަދި ސިޔާސީ ގޮތުންނާއި ވިޔަފާރީގެ ގޮތުން އެމެރިކާއާއި އީރާނުގެ އެއްބަސްވުމަކަށް ބަރާސާވެފައިވާ ކަންކަމެވެ.
ދުނިޔޭގެ އެހެން ގައުމުތައް: އިންޝުއަރެންސްގެ އަގާއި އިންފްލޭޝަން
މި ސަރަހައްދުން ބޭރުގައި، މި މައްސަލައިގެ އަސަރު މައިގަނޑު ގޮތެއްގައި ކުރަނީ ތެލުގެ އަގަށާއި އިންޝުއަރެންސަށެވެ. ތެލުގެ އަގު ބޮޑުވުމުން އޭގެ އަސަރު މުދަލުގެ އަގަށް ކޮށް، އިގްތިސާދީ ކުރިއެރުން މަޑުޖެހެ އެވެ. އަންދާޒާކުރެވޭ ގޮތުގައި ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން 2026 ވަނަ އަހަރު ދުނިޔޭގެ އިގްތިސާދީ ކުރިއެރުން 2.8 އިންސައްތައަށް ދަށްވާނެ އެވެ. މިއީ މިދިޔަ އަހަރު ހުރި 3.4 އިންސައްތައާ އަޅާބަލާއިރު ބޮޑު ދަށްވުމެކެވެ.
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އިންޝުއަރެންސް، ހަނގުރާމައިގެ ކުރިން އުޅަނދުގެ އަގުގެ 0.25 އިންސައްތައިގައި ހުރި ނަމަވެސް، މިހާރު ވަނީ 8 އިންސައްތައަށް އުފުލިފަ އެވެ. މީގެ މާނައަކީ އެންމެ ބޮޑު ތެޔޮ ޓޭންކަރެއްގެ އިންޝުއަރެންސަށް އެކަނި 3 މިލިއަނާއި 8 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަވާނެ ކަމެވެ. ސީއެމްއޭ ސީޖީއެމް ފަދަ ޝިޕިންގް ކުންފުނިތަކުން ވަނީ ކޮންޓޭނަރަކުން 1،500 އާއި 2،000 ޑޮލަރާ ދެމެދުގެ "ކޮންފްލިކްޓް ސާޗާޖެއް" ނަގަން ފަށާފަ އެވެ. އެމެރިކާގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ވަނީ އުޅަނދުފަހަރުގެ ދަތުރުތައް ހުއްޓުނަނުދީ ކުރިއަށް ގެންދިއުމަށްޓަކައި 40 ބިލިއަން ޑޮލަރުގެ ރީ-އިންޝުއަރެންސް އެހީތެރިކަން ފޯރުކޮށްދޭން ޖެހިފަ އެވެ.
މިކަމުގެ އެންމެ ބޮޑު ގެއްލުމެއް ލިބެނީ ޗައިނާއަށެވެ. ޗައިނާއިން އެތެރެކުރާ ސާފުނުކުރާ ތެލުގެ 40 އިންސައްތަ އުފުލަނީ ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށެވެ. އަދި އީރާނުގެ ތެޔޮ އެކްސްޕޯޓުގެ 80 އިންސައްތައަށް ވުރެ ގިނައިން ގަންނަނީ ޗައިނާއިންނެވެ. މެދުއިރުމަތިން އެތެރެކުރާ ތެލުގެ 70 އިންސައްތަ ހުރްމުޒް ކަނޑުއޮޅިން އުފުލާ ޖަޕާނުން މިހާރު ވަނީ އެގައުމުގެ ސްޓްރެޓީޖިކް ރިޒާވް ބޭނުންކުރަން .
އޭޝިއާއާއި ޔޫރަޕްގެ ގައުމުތަކަށް ހުރްމުޒް ކަނޑުއޮޅީގެ މައްސަލައަކީ ހަމައެކަނި ޑިޕްލޮމެސީގެ މައްސަލައެއް ނޫނެވެ. އެއީ ތެލާއި، މުދާ އުފުލުމުގެ އަގާއި، ގަސްކާނާގެ އަގާ ސީދާ ގުޅިފައިވާ ކަމެކެވެ.
ތެލާއި ގޭހުގެ ވާހަކަ ސުރުޚީތަކުގައި އޮތް ނަމަވެސް، ދުނިޔޭގައި ކަނޑުމަގުން ކުރާ ގަސްކާނާގެ ވިޔަފާރީގެ 30 އިންސައްތަ ވެސް ހިއްސާކުރަނީ ހުރްމުޒް ކަނޑުއޮޅި އެވެ.
ވޯލްޑް ބޭންކުގެ ފާޓިލައިޒާ ޕްރައިސް އިންޑެކްސް 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 12 އިންސައްތައަށް ވުރެ ބޮޑަށް އުފުލިފައިވާއިރު، މިއީ 2022 ވަނަ އަހަރުގެ އޮކްޓޯބަރުގެ ފަހުން އަގުތައް އެންމެ މައްޗަށް ދިޔަ ފަހަރެވެ. މީގެ ސަބަބުން 2026-2027 ވަނަ އަހަރުގެ ދަނޑުވެރިކަމުގެ މޫސުމުގައި އުފެއްދުންތެރިކަން ދަށްވާނެ ކަމަށާއި، އޭގެ އަސަރު އެފްރިކާއާއި އޭޝިއާގެ ފަގީރު ގައުމުތަކަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް އެފްއޭއޯއިން ވަނީ އިންޒާރު ދީފަ އެވެ.
ތެލުގެ އަގު ބޮޑުވުމުން ކުރާ އަސަރާ ހިލާފަށް، ގަސްކާނާގެ ދަތިކަމުގެ އަސަރު އަންނަ އަހަރުގެ ދަނޑުވެރިކަމުގެ ނަތީޖާއާ ހަމައަށް ދެމިގެންދާނެ އެވެ. މީގެ މާނައަކީ ހުރްމުޒް ކަނޑުއޮޅީގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިއުމަކީ ތެލުގެ އަގަށް ވުރެ މާ ބޮޑު އަދި ދިގު މުއްދަތުގެ އިގްތިސާދީ ގެއްލުމެއް ކުރިމަތިވާނެ ކަމެއް ކަމެވެ.
މިއީ ދެ ފަރާތުން ވެސް ވިސްނަންޖެހޭ ހަގީގަތެވެ. ކަނޑުއޮޅީގެ ބާރުވެރިކަން އޮންނާނެ ފަރާތެއް ކަނޑަނާޅައި ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަކީ އަނެއްކާވެސް ކުރިން ކުރިމަތިވި ފަދަ ސަލާމަތީ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެކެވެ. އަދި އީރާނަށް ފީ ނެގުމުގެ ބާރު ދިނުމަކީ އެމެރިކާއާއި ޝިޕިންގް ގައުމުތަކުން ގަބޫލުކުރާނެ ކަމެއް ނޫނެވެ. މިކަމަށް ދާއިމީ ހައްލެއް ނުލިބޭހާ ހިނދަކު، ދުނިޔޭގެ އިގްތިސާދު އޮންނާނީ ބޮޑު ނުރައްކަލެއްގެ ތެރޭގަ އެވެ.




