Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެމެރިކާ-އީރާން

އެމެރިކާ އާއި އީރާނުން ހަމަލާތައް ފެށުން - ދެންވާނީ ކިހިނެެއް؟

ހުރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ބޯޓުތަކަކަށް އީރާނުން ހަމަލާދިން ކަމަށް ބުނެ އެމެރިކާއިން އީރާނުގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި. މި ހަމަލާތަކާ ގުޅިގެން ދެ ގައުމުގެ މެދުގައި އޮތް ސުލްހައިގެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވިއިރު، އީރާނުން ވަނީ ބަދަލުހިފުމުގެ ގޮތުން އަވަށްޓެރި ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފައި. މި ނުތަނަވަސްކަމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައި.

ރާއްޖެ އެމްވީ | 8 ޖުލައި 2026 | ބުދަ 13:15
އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާގެ އަސްކަރިއްޔާއިން ވައިގެ ހަމަލާތަކެއް ވަނީ ދީފައި.

އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާގެ އަސްކަރިއްޔާއިން ވައިގެ ހަމަލާތަކެއް ވަނީ ދީފައި. | އެކްސް

ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގަކަށްވާ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ މުދާ އުފުލާ ބޯޓުތަކަށް އީރާނުން ހަމަލާދޭ ކަމަށް ބުނެ، އޭގެ ބަދަލުހިފުމުގެ ގޮތުން ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ. މި ހަމަލާތަކާއެކު މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް އަލުން ފެށިދާނެކަމުގެ ބިރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އެމެރިކާގެ ހަމަލާތަކަށްފަހު، ތުރުކީގެ އަންކާރާގައި ކުރިއަށްދާ ނޭޓޯ ސަމިޓުގައި ވާހަކަދައްކަވަމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނާއެކު ވެފައިވާ ސުލްހައިގެ އެއްބަސްވުން (އެމްއޯޔޫ) މިހާރު "ނިމިފައިވާ" ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދިއުމަށް މިވަގުތަށް ފުރުސަތު ދެއްވި ނަމަވެސް، އެއީ "ވަގުތު ބޭކާރުކުރުން" ކަމަށް ޓްރަމްޕް ސިފަކުރެއްވި އެވެ. އަދި އީރާނުގެ ލީޑަރުންނަށް ނިސްބަތްކުރައްވައި އޭނާ ވަނީ ވަރަށް ބޮޑަށް ކޯފާވެ ހަޑިހުތުރު ބަހުން ވާހަކަދައްކަވާފައެވެ. ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން ތެލުގެ އަގު 6 އިންސައްތަ މައްޗަށް ގޮސް، ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 78 ޑޮލަރަށް އެރިއިރު، ޔޫރަޕްގެ ހިއްސާގެ ބާޒާރު 1.6 އިންސައްތަ ދަށަށް ދިޔައެވެ.

އީރާނަށް މި ހަމަލާތައް ދީފައިވަނީ، ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ކުރީކޮޅު އަވަހާރަވި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ކަންކަން ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. މިއީ މިދިޔަ އޭޕްރީލް މަހު ދެ ފަރާތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ވާހަކަތަކަށް އެއްބަސްވި ފަހުން ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ.

އީރާނުގެ އަވަހާރަކޮށްލާފައިވާ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ހަށިކޮޅު ލާފައިވާ އުޅަނދު އިރާގުގެ ނަޖަފްގައި ކުރިއަށް ދާއިރު، އެމަނިކުފާނުގެ ޖަނާޒާގެ ހަރަކާތްތަކުގައި ބައިވެރިވާ ގިނަ އަދަދެއްގެ ބަޔަކު ހަރަކާތްތެރިވަނީ
އީރާނުގެ އަވަހާރަކޮށްލާފައިވާ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ހަށިކޮޅު ލާފައިވާ އުޅަނދު އިރާގުގެ ނަޖަފްގައި ކުރިއަށް ދާއިރު، އެމަނިކުފާނުގެ ޖަނާޒާގެ ހަރަކާތްތަކުގައި ބައިވެރިވާ ގިނަ އަދަދެއްގެ ބަޔަކު ހަރަކާތްތެރިވަނީ | އޭއެފްޕީ

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނީ އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އަވަށްޓެރި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާ ކަމަށެވެ. މި ހަމަލާތަކާ ގުޅިގެން ބަހްރައިނާއި ކުވެއިތުގައި ބުދަ ދުވަހުގެ ފަތިހު ވަނީ ނުރައްކަލުގެ ސައިރަން އަޅާފަ އެވެ. އަދި "ދުޝްމަނުންގެ ޑްރޯން" ހަމަލާއެއްގައި އައިއާރްޖީސީގެ މެންބަރަކު މަރުވެފައިވާ ކަމަށްވެސް އެ ޖަމާއަތުން ބުންޏެވެ.

މީގެ ތިން ހަފުތާ ކުރިން ސޮއިކުރި 60 ދުވަހުގެ ސުލްހައިގެ އެއްބަސްވުމާ ޚިލާފުވި ކަމުގެ ތުހުމަތު ދެ ގައުމުންވެސް ކުރަނީ އެއް ގައުމު އަނެއް ގައުމަށެވެ. ސުލްހައިގެ ވާހަކަތައް ކުރިއަށްދަނިކޮށް އެމެރިކާއިން އީރާނަށް ބޮޑެތި ހަމަލާތަކެއް ދިން މިއީ ތިންވަނަ ފަހަރެވެ. އީރާނުން ބުނާ ގޮތުގައި މީގެ ސަބަބުން ދެ ގައުމުގެ މެދުގައި އޮތް އިތުބާރު ވަނީ ގެއްލިފަ އެވެ.

ކަން ހިނގި ގޮތް

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ އީރާނުގެ 80 އަށްވުރެ ގިނަ އަމާޒަކަށް ހަމަލާދީފައިވަނީ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި މުދާ އުފުލާ ބޯޓުތަކަކަށް އީރާނުން ހަމަލާދިނުމާ ގުޅިގެން އޭގެ ރައްދުގަ އެވެ. ރައީސް ޓްރަމްޕް ވިދާޅުވީ އީރާނުގެ "ނުރައްކާތެރި މީހުންނަށް" ރޭގައި ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާނެ ކަމަށެވެ.

ސެންޓްކޮމް އިން ބުނި ގޮތުގައި އީރާނުން ހަމަލާދީފައިވަނީ މާޝަލް އައިލެންޑްސްގެ ދިދަ ޖަހާފައިވާ 'އަލް ރަކައްޔާތު' އާއި، ސައުދީ އަރަބިއްޔާގެ 'ވަދްޔާން' އަދި ލައިބީރިއާގެ 'ސައިޕްރަސް ޕްރޮސްޕެރިޓީ' ނަމަކަށް ކިޔާ ތިން ބޯޓަކަށެވެ. މި ބޯޓުތައް ދަތުރުކުރަމުން ދިޔައީ އޮމާންގެ އައްސޭރިފަށާ ކައިރިން ކަމަށް ބެލެވެ އެވެ.

އީރާނުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ ހުރިހާ ބޯޓުތަކަކުންވެސް އީރާނުން ކަނޑައަޅާފައިވާ "ރައްކާތެރި މަގުން" ދަތުރުކުރުމަށް އަންގާފަ އެވެ. ނަމަވެސް އެ މަގަކީ އީރާނުގެ އައްސޭރިފަށާ ވަރަށް ކައިރި އަދި އޮމާންގެ ކަނޑުގެ ސަރަހައްދުގެ ބައެއް "މަނާ ސަރަހައްދެއް"ގެ ގޮތުގައި ހިމެނޭ މަގެކެވެ. އީރާނުގެ މީޑިއާތަކުން ބުނާ ގޮތުގައި އެ ބޯޓުތަކަށް މަގު ބަދަލުކުރުމަށް އިންޒާރު ދިނުމުންވެސް އެކަމަށް އަމަލުކޮށްފައެއް ނުވެ އެވެ.

ބޯޓުތަކަށް ދިން ހަމަލާގެ ރައްދުގައި އެމެރިކާއިން ވަނީ އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކަށާއި، ކޮމާންޑް ސެންޓަރުތަކަށާއި، ރާޑަރުތަކުގެ އިތުރުން އައިއާރްޖީސީގެ 60 އަށްވުރެ ގިނަ ކުދި ބޯޓުތަކަށް ހަމަލާދީ ހަލާކުކޮށްލާފަ އެވެ. މީގެ އިތުރުން، އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލުއިތައްވެސް އެމެރިކާއިން ވަނީ އަނބުރާ ގެންގޮސްފަ އެވެ.

ހަމަލާތައް އަމާޒުވި ތަންތަން

އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގެ ދެކުނުގެ ބަނދަރު ރަށެއް ކަމަށްވާ ސިރިކްގެ މަސްވެރިކަމާއި ވިޔަފާރި ބަނދަރުތަކަށް ހަމަލާ އަމާޒުވެ، ބައެއް މީހުން ވަނީ ޒަޚަމްވެފަ އެވެ. މީގެ އިތުރުން އިސްތިރާތީޖީ ގޮތުން މުހިންމު ގޭޝްމް ރަށަށާއި ބަންދަރު އައްބާސް ކައިރީގެ ސަރަހައްދުތަކަށްވެސް ހަމަލާދީފައިވެ އެވެ. ބުޝެހްރު ޕްރޮވިންސްގެ ދެ އަސްކަރީ މަރުކަޒަކަށްވެސް ހަމަލާދީފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ވިދާޅުވެ އެވެ.

އެމެރިކާގެ އިތުރު ފިޔަވަޅުތައް

އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ވަނީ އީރާނުގެ ތެލުގެ ވިޔަފާރިއާ ދެކޮޅަށް އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. ޖޫން 17 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން އީރާނަށް ދީފައިވާ 60 ދުވަހުގެ ލުއި މިހާރު ވަނީ އުވާލާފަ އެވެ. ޖުލައި 7 ވަނަ ދުވަހުން ފެށިގެން ކުރާ ކޮންމެ ތެލުގެ ވިޔަފާރިއަކަށް މި ފިޔަވަޅުތައް ހިނގާނެ އެވެ. މީގެ ސަބަބުން އީރާނުގެ އިގްތިސާދަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށް މުހައްލިލުން ބުނެ އެވެ.

އީރާނުގެ ރައްދު

އީރާނުގެ އައިއާރްޖީސީން ބުނީ ބަހުރައިނާއި ކުވެއިތުގައި ހުރި އެމެރިކާގެ 85 އަސްކަރީ އަމާޒަކަށް ހަމަލާދީފައިވާ ކަމަށެވެ. މީގެ ތެރޭގައި ބަހުރައިނުގައި އޮންނަ އެމެރިކާގެ ފަސްވަނަ ފްލީޓްގެ މަރުކަޒާއި ކުވެއިތުގެ އަލީ ސާލިމް އެއާބޭސް ހިމެނެ އެވެ. އީރާނުގެ ޚާރިޖީ ވުޒާރާއިން ވަނީ އެމެރިކާގެ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ދީފައިވާ އުދުވާނީ ހަމަލާތަކެއް ކަމަށް ބުނެ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

މި ހަމަލާތަކާ ގުޅިގެން އެހެން ގައުމުތަކާއި ޖަމިއްޔާތަކުން ބުނީ ކީކޭ؟

އިރާނުން ވިޔަފާރި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން އެމެރިކާއިން އެޅި ފިޔަވަޅުތަކަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓޭ ވަނީ ވަރަށް ބޮޑަށް ތާއީދުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އިރާނުގެ ހަމަލާތަކަށްފަހު ވޮޝިންޓަނުން ދިން ރައްދު އަމަލަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އަންކާރާގައި ކުރިއަށްދާ ނޭޓޯ ސަމިޓުގެ ތެރެއިން ނޫސްވެރިންނާ ވާހަކަދައްކަވަމުން، އިރާނުން ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ތުހުމަތުކުރައްވައި ރޫޓޭ ވިދާޅުވީ، އެމެރިކާގެ އެ ނިންމުމަކީ "ނުހަނު ބޭނުންތެރި" ނިންމުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ) ގެ ސެކްރެޓަރީ ޖެނެރަލް ޖާސިމް މުޙައްމަދު އަލްބުދައިވީ ވަނީ ބަހްރައިނާއި ކުވެއިތަށް އިރާނުން ދިން ހަމަލާތައް ކުށްވެރިކުރައްވާފަ އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ އެ ދެ ގައުމުގެ އިސްތިގުލާލަށް އަރައިގަތުމުގެ އިތުރުން، ސަރަހައްދީ ސުލްހައަށް ތެހެރާނުން ހުރަސްއަޅަމުންދާ ދިއުމުގެ ކުރިއެކެވެ.

އަލްބުދައިވީ ވިދާޅުވީ، މި ހަމަލާތަކުން ހާމަވަނީ ސަލާމަތާއި ސުލްހަ ގާއިމުކުރުމަށާއި މައްސަލަތައް ހައްލުކުރުމަށް ބައިނަލްއަގުވާމީ ގޮތުންނާއި ސަރަހައްދީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުމަށް އިރާނުން ގެންގުޅޭ ސިޔާސަތު ދަމަހައްޓަމުންދާ ކަމެވެ.

ކުވެއިތުގެ ފޮރިން މިނިސްޓްރީން ވެސް ވަނީ އެ ގައުމުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އެ މިނިސްޓްރީން ބުނީ މިއަދު ހެނދުނު ދިން ހަމަލާއަކީ ކުވެއިތަށް އަމާޒުކޮށް އިރާނުން ތަކުރާރުކޮށް ދެމުންދާ ނުބައި ހަމަލާތަކުގެ ތެރެއިން ހަމަލާއެއް ކަމަށެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ކުވެއިތުގެ އިސްތިގުލާލަށް އަރައިގަނެ، އެ ގައުމުގެ ސަލާމަތާއި ހަމަޖެހުމަށާއި ރައްޔިތުންގެ ރައްކާތެރިކަމަށް ދިން ސީދާ ނުރައްކަލެއް ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި، އދ. ގެ ޗާޓަރާއި، ސަލާމަތީ މަޖިލީހުގެ 2817 ވަނަ ގަރާރާ ޚިލާފު ބޮޑު އަމަލެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އޮމާންގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި، ބަހްރައިނާއި ކުވެއިތުގެ ސަރަހައްދުތަކުގެ އިތުރުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި އުޅަނދުފަހަރަށް އިރާނުން ދިން ހަމަލާތައް ވަނީ ކުށްވެރިކޮށްފަ އެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ބަހްރައިނާއި ކުވެއިތަށް އިރާނުން ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. ގަތަރުން ބުނީ މިއީ އެ ދެ ގައުމުގެ އިސްތިގުލާލަށް އަރައިގަތުމުގެ އިތުރުން ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެ މިނިސްޓްރީން ބުނީ، އެއްވެސް އަސާސެއް ނެތް މި ހަމަލާތަކުގެ ނަތީޖާއިން މުޅި ސަރަހައްދު ސަލާމަތްކުރަން ޖެހޭ ކަމަށެވެ. އަދި މަޝްވަރާއާއި ޑިޕްލޮމަސީގެ މަގު އިޚްތިޔާރުކޮށް، މަސްލަހަތު ފިނިކުރުމަށް ގަތަރުން ގޮވާލާފައިވެ އެވެ.

ޔޫ.އޭ.އީގެ އިސް ޑިޕްލޮމޭޓް އަންވަރު ގަރްގާޝް ވިދާޅުވީ، އިރާނުގެ މި ހަމަލާތަކުން ހާމަވަނީ މަސްލަހަތު ފިނިކުރުމަށާއި "ހަނގުރާމައިގެ ސަފުހާ އުވާލުމަށް" ބޭނުންވާ ޝަރުތުތަކަށް އަމަލުކުރުމުގެ ގާބިލުކަން ތެހެރާންގެ ކިބައިގައި އަދިވެސް ނެތް ކަމެވެ.

ޔޫ.އޭ.އީގެ ރައީސްގެ ޑިޕްލޮމެޓިކް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ގަރްގާޝް ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަސްލަހަތު ގޯސްކުރުމާއި ހަމަޖެހުމުގެ މަގާ ދެމެދު އިރާނުން ކުޅޭ ކުޅިވަރުގެ އަމާޒަކަށް ގަލްފުގެ އަރަބި ގައުމުތައް ވެގެން ނުތިބޭނެ ކަމަށެވެ.

މިސްރުން ވެސް ވަނީ ކުވެއިތާއި ބަހްރައިންގެ އިތުރުން ގަލްފުގެ އެހެން ގައުމުތަކަށް އިރާނުން ތަކުރާރުކޮށް ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަވއެވެ. މިސްރުން ސިފަކުރި ގޮތުގައި މިއީ އިސްތިގުލާލަށް އަރައިގަތުމުގެ އިތުރުން ސަރަހައްދީ ހަމަޖެހުމަށް ނުރައްކާވާ ފަދަ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ބުދަ ދުވަހު މިސްރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އަރަބި ގައުމުތަކުގެ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް އަމަލެއް ގާހިރާއިން ބަލައިނުގަންނާނެ ކަމަށެވެ. އަދި ސަރަހައްދީ ސުލްހަ ދެމެހެއްޓުމަށްޓަކައި ހުރިހާ ފަރާތްތަކަކުން ވެސް ކެތްތެރިކަން އިސްކޮށް، މަސްލަހަތު ފިނިކުރުމަށް ވަނީ ގޮވާލާފަ އެވެ.

ދެންވާނީ ކިހިނެއް؟

ދޯހާ އިންސްޓިޓިއުޓް ފޯ ގްރެޖުއޭޓް ސްޓަޑީޒްގެ މުހަންނަދު ސަލޫމް އަލްޖަޒީރާއަށް ވިދާޅުވީ، އެމެރިކާއިން ދިން ހަމަލާތަކަކީ ވަކި މިންވަރަކަށް ދިން ހަމަލާތަކެއް ކަމަށާއި، ފަހުމުނާމާ (MoU) ފަންނީ ގޮތުން އަދިވެސް ދެމިއޮތް ކަމުގެ އިޝާރާތެއް އެމެރިކާއިން ދޭން އުޅޭ ކަމަށެވެ. ނަމަވެސް ނޭޓޯ ސަމިޓުގައި ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން މިކަމާމެދު މިހާރު ވަނީ ޝައްކު އުފެދިފަ އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެމެރިކާއިން ތަފާތު ގޮތަކަށް ބާރުގެ ބޭނުންކުރަން ބޭނުންވި ނަމަ، އެމީހުން ހަމަލާދިނުމަށް އިޚްތިޔާރު ކުރާނީ މުޅިން ތަފާތު އަމާޒުތަކެއް ކަމަށެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންގެ ރިޓަޔާޑް އިސް އޮފިސަރެއް ކަމަށްވާ ހާލަން އުލްމަން އަލްޖަޒީރާއަށް ވިދާޅުވީ، އިރާނުން ވިޔަފާރި އުޅަނދުފަހަރަށް ހަމަލާދިނީ ދެ ގައުމަށް ވެސް ނާޒުކު ދަނޑިވަޅެއްގައި އެމެރިކާ ރުޅިއަރުވާލުމަށް ކަމަށް ބެލެވޭ ކަމަށެވެ.

އުލްމަން ވިދާޅުވީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި އިރާނުން އެމެރިކާއަށް ގޮންޖަހަމުންދަނީ ކަމަށެވެ. ޑޮނަލްޑް ޓްރަމްޕް މިހާރު ވެސް ވަނީ އިރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބައިވެރިނުވާތީއާއި ދިފާއީ ކަންކަމަށް އެކަށީގެންވާ މިންވަރަށް ޚަރަދު ނުކުރާތީ ނޭޓޯއަށް ފާޑުވިދާޅުވެފަ އެވެ. އުލްމަން ލަފާކުރައްވާ ގޮތުގައި އިރާނުން މިވަގުތު ހަމަލާތައް ވަރުގަދަކުރަނީ އެމެރިކާއާއި ނޭޓޯއާ ދެމެދު އޮތް ޚިޔާލުތަފާތުވުންތައް އިތުރުކުރުމަށެވެ. އެއީ މުޅި އިރާނުގައި ކުރިއަށްދާ ޖަނާޒާގެ ހިނގާލުންތަކަށް އެމެރިކާއިން ހަމަލާދީފިނަމަ، އެމެރިކާއަށް ކުރެވޭނެ ކަންކަން މަދުވާނެ ކަމަށް އިރާނުން ގަބޫލުކުރާތީ އެވެ.

އުލްމަން ވިދާޅުވި ގޮތުގައި، އޮގަސްޓް މަހުގެ ސުންގަޑީގެ ކުރިން މަޝްވަރާ ކުރުމަށް އިތުރު ވަގުތު ހޯދުމަށް ވެސް އިރާނުން މިފަދަ އަމަލުތައް ހިންގަފާނެ އެވެ. އެނަލިސްޓް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ނަތީޖާއަކީ ސުލްހަ ނުވަތަ ހަނގުރާމަ ކަމުގައި ވީނަމަވެސް، ދެ ފަރާތުން ވެސް ބޭނުންވާނީ މަސްލަހަތު ފިނިކުރުމަށެވެ.

އެމެރިކާ-އީރާން

އިތުރަށް ކިޔާލަން

08 ޖުލައި 2026

އެމެރިކާ އިން އީރާނު ބަނދަރަށް ހަމަލާދިން ވީޑިއޯ އާންމުވެއްޖެ

މި ހަމަލާތަކާ އެކު ދެ ގައުމުގެ ދެމެދުގައި އޮތް ސުލްހައިގެ އެއްބަސްވުން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށް ރައީސް ޓްރަމްޕް ވަނީ އިއުލާނު ކުރައްވާފައި. މީގެ އިތުރުން އީރާނަށް ތެޔޮ ވިއްކުމަށް ދީފައިވާ ހުއްދަ ބާތިލުކޮށް، އެ ގައުމާއެކު އިތުރަށް މުއާމަލާތް ކުރުމަކީ ވަގުތު ބޭކާރު ކުރުމެއް ކަމަށް އެމެރިކާ ސަރުކާރުން ވަނީ ބުނެފައި.

08 ޖުލައި 2026
އެމެރިކާ އިން އީރާނު ބަނދަރަށް ހަމަލާދިން ވީޑިއޯ އާންމުވެއްޖެ
07 ޖުލައި 2026

ގަތަރުން އީރާނަށް: ތެޔޮޓޭންކަރަށް ދިން ހަމަލާ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ގަތަރުގެ "އަލް ރަކައްޔާތު" ޓޭންކަރަށް އީރާނުން ދިން މިސައިލް ހަމަލާއަކާ ގުޅިގެން އުޅަނދުގެ އިންޖީނު ރޫމުގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ. މި ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލެއް ކަމަށް ބުނެ، އޭގެ ފުރިހަމަ ޒިންމާ އީރާނުން އުފުލަންޖެހޭނެ ކަމަށް ގަތަރުން ވަނީ ބުނެފައި. މި ހާދިސާއާއެކު، ދުނިޔޭގެ ހަކަތަ ފޯރުކޮށްދޭ މުހިންމު މަގުތަކުގެ ސަލާމަތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައި.

07 ޖުލައި 2026
ގަތަރުން އީރާނަށް: ތެޔޮޓޭންކަރަށް ދިން ހަމަލާ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު
07 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅީގައި މުދާ އުފުލާ ދެ އުޅަނދަށް މިސައިލް ހަމަލާދީފި

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި އުޅަނދުތަކަކަށް އަމާޒުކޮށް ދިން ހަމަލާތަކެއްގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މީގެ ސަބަބުން އެ ސަރަހައްދުގެ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމާމެދު ވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފައި. މި ހަމަލާތަކާ ގުޅިގެން އެމެރިކާއިން އީރާނަށް އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާއިރު، ހަނގުރާމަ ހުއްޓާލުމަށް ކުރި މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނުލިބި ސަރަހައްދީ މަސްލަހަތު ވަނީ އިތުރަށް ގޯސްވެފައި.

07 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅީގައި މުދާ އުފުލާ ދެ އުޅަނދަށް މިސައިލް ހަމަލާދީފި
02 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅީގެ ކަންކަމަށް ބަދަލު ނުގެންނަން އެމެރިކާއިން އީރާނަށް އަންގައިފި

ހުރްމުޒް ކަނޑުއޮޅީގެ މިހާރުގެ ހާލަތަށް ބަދަލު ނުގެނައުމަށް އެމެރިކާއިން އީރާނަށް އަންގާފައިވާއިރު، އެ ސަރަހައްދުގައި އީރާނުން އަމަލުކުރާ ގޮތަކީ ދެ ގައުމުގެ އެއްބަސްވުމަށް އިހުތިރާމްކުރާ މިންވަރު ވަޒަންކުރާނެ ފުރަތަމަ އިމްތިހާނު ކަމަށް ވޮޝިންގްޓަނުން ދެކޭ. ނަމަވެސް، އެމެރިކާއިން އެ ސަރަހައްދަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފިނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައި.

02 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅީގެ ކަންކަމަށް ބަދަލު ނުގެންނަން އެމެރިކާއިން އީރާނަށް އަންގައިފި
02 ޖުލައި 2026

ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ފެބްރުއަރީ މަހުގެ ފަހުން ނުވެއްޓޭ މިންވަރަކަށް ދަށަށް ހިނގައްޖެ

އަގުތަކަށް މި ބަދަލު އައީ އެމެރިކާއާއި އީރާނާ ދެމެދު ކުރެވޭ މަޝްވަރާތަކުން އުއްމީދީ ނަތީޖާތަކެއް ފެނުމާއި، ހުރްމުޒް ކަނޑުއޮޅީގެ މަސްރަހު ފިނިވާން ފެށުމާ ގުޅިގެން. މަޝްވަރާތަކުގައި ކުރިއެރުން ލިބި ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް، ސަލާމަތީ ކަންބޮޑުވުންތަކާ ހުރެ ދަތުރުފަތުރުގެ ނިޒާމު އަދިވެސް އާންމު ހާލަތަކަށް ނާދެ.

02 ޖުލައި 2026
ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ފެބްރުއަރީ މަހުގެ ފަހުން ނުވެއްޓޭ މިންވަރަކަށް ދަށަށް ހިނގައްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު