ވޯލްޑް ކަޕް މެޗުތައް ބެލުމަކީ ސިއްހަތަށް ހުރި ނުރައްކަލެއްތަ؟
ފުޓްބޯޅަ މެޗުތައް ބަލާއިރު އިންސާނާގެ ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމަށް ސައިންސްވެރިން ކުރި ތަޖުރިބާއަކުން، މެޗުގެ ފޯރިއާއެކު ހިތުގެ ތެޅުމާއި ލޭގެ ޕްރެޝަރު މަތިވެ، ސްޓްރެސް ހޯރމޯން އިތުރުވާކަން ވަނީ ހާމަވެފައި.

2026 ޖޫން 20 ވީ ދުވަހު، އޮންޓޭރިއޯގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި ކުޅުނު 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ގްރޫޕް އީގެ ޖަރުމަނާއި ކޯޓް ޑިވުއާ ބައްދަލުކުރި މެޗުގައި ޖަރުމަނު ޓީމުގެ ސަޕޯޓަރުން އެ ގައުމަށް ތާއީދުކޮށް ފޯރި ނަގަނީ. | ގެޓީ އިމޭޖަސް
ވޯލްޑް ކަޕްގައި ސަޕޯޓު ކުރާ ޓީމު ކުޅޭ އިރު މެޗް ބަލަން އިނުމަކީ ރޯލަރކޯސްޓަރެއްގައި ދަތުރުކުރުން ކަހަލަ އިހުސާސް ކުރެވޭ ކަމެކެވެ.
ދަނޑު ތެރޭގައި ގައުމީ ސަލާމް ކިޔަމުންދާއިރު ކުރެވޭ ނުތަނަވަސް އިންތިޒާރާއި، ފޭވަރިޓް ކުޅުންތެރިޔާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލުމުން ލިބޭ އުފަލާއި، މޮޅުވުމުން ކުރެވޭ ފޮނުވި އިހުސާސްތަކަކީ ތަފާތު ތަޖުރިބާތަކެކެވެ.
އަދި މެޗުގެ ކުރީގައި އޮވެފައި ނަތީޖާ އަތުން ބީވެގެންދާއިރު ކުރެވޭ މާޔޫސީ އިހުސާސްތަކާއި، ޕެނަލްޓީ ޝޫޓްއައުޓަކަށް ގޮސްފާނެތީ ކުރެވޭ ބިރުވެރިކަމާއި، ސަޕޯޓު ކުރާ ޓީމު ބަލިވުމުން ކުރެވޭ ހިތާމަވެސް އެހާމެ ބޮޑެވެ. ބޯޅައިގައި ޖަހާ ކޮންމެ ފަހަރަކު ހިތުގެ ތެޅުން އަވަސްވެ، އަތްތިލަ ދާހިއްލާކަން އިހުސާސް ކުރެވެއެވެ.
ފުޓްބޯޅަ ބެލުމަކީ އިންސާނާގެ ހަށިގަނޑަށް ނުފޫޒު ފޯރުވާ ކަމެއްކަން ސާފެވެ. ނަމަވެސް މިއީ އަހަރެމެންގެ ސިއްހަތަށް ރަނގަޅު ކަމެއް ހެއްޔެވެ؟ ނުވަތަ ނުރައްކާތެރި ކަމެއް ހެއްޔެވެ؟
މިކަން ދެނެގަތުމަށްޓަކައި، ޔުނިވަރސިޓީ އޮފް ސައުތު ވޭލްސްގެ ދެ ސައިންސްވެރިންނާއެކު، ވޯލްޑް ކަޕްގައި އިނގިރޭސިވިލާތް ކުޅުނު ފުރަތަމަ މެޗުގެ ތެރޭގައި މީހަކު ކުރި ތަޖުރިބާ ބީބީސީ އިން ވަނީ ގެނެސްދީފައެވެ.
މިއީ އޭނާގެ ވާހަކަތަކެވެ.
އެމީހުންގެ ލެބޯޓްރީ ސާމާނުތައް ކާރުގެ ފަހަތަށް އަރުވައިގެން، ބްރިސްޓަލްގައި ހުންނަ "ވައިޕަރ އެންޑް ޓްރޫ ޓެޕްރޫމް" ގައި އަހަރެމެން ބައްދަލުކުރީމެވެ. ސައިންސްވެރިންގެ އުފަން ތަން ކަމަށްވާ ވޭލްސްގެ ތަނެއްގައި މި ތަޖުރިބާ ކުރުމުގެ ބަދަލުގައި، "ސައިންޓިފިކް" ގޮތުން ބަލާއިރު ބޯޑަރު ހުރަސްކޮށް އިނގިރޭސިވިލާތުގެ ތަނެއްގައި މިކަން ކުރުމަށް އަހަރެމެން އެންމެން އެއްބަސްވީމެވެ.
އަހަރެމެން އެތަނަށް ދިޔައީ މެޗު ފެށުމުގެ މާ ކުރިންނެވެ. ޕްރޮޖެކްޓަރު ސްކްރީން ރަނގަޅަށް ފެންނަ ގޮތަށް ހުރި ބެންޗުތަކުގެ ފަހަތުގައި އަހަރެމެން ޖާގަ ހޯދީމެވެ. އެއަށްފަހު، އަގުބޮޑު ސައިންޓިފިކް ސާމާނުތައް އެތަނަށް ގެނައެވެ.
ޑޭމިއަން އާއި އޭނާގެ ޕީއެޗްޑީ ދަރިވަރު ޑެނީ ވޯލްމްސްލީ ގާތްގަނޑަކަށް 15 މިނެޓު ވަންދެން އަހަރެންގެ ހަށިގަނޑުގައި އެކި ކަހަލަ ނަރުތަކާއި ސާމާނުތައް ހަރުކުރިއެވެ. އެވަގުތު އަހަރެން ހީވަނީ ކޮންމެވެސް ކަހަލަ ރޮބޮޓެއް ހެންނެވެ.
އަހަރެންގެ ވައަތާއި އަތްތިލަ އޮތީ އެކި ކަހަލަ ޕްރޯބްތަކާއި، ނަރުތަކާއި، މެޝިންތަކުން ބައްދާލެވިފައެވެ.
ކަންތައްތައް މިއަށްވުރެ އާދަޔާ ހިލާފުވީ، ސިކުނޑިއަށް ލޭ ދައުރުވާ މިންވަރު ބެލުމަށްޓަކައި އަހަރެންގެ ބޮލާއި، ކަންފަތް މަތީގައި ޖެލް ހޭކުމަށްފަހު ދެ އަލްޓްރާސައުންޑް ޕްރޯބް ހަރުކުރުމުންނެވެ.
ކޯޓިސޯލް ފަދަ ސްޓްރެސް ހޯރމޯންތައް ހިމެނޭ ގޮތަށް 2,000 ތަފާތު ޕްރޮޓީން ޓެސްޓު ކުރުމަށްޓަކައި، ކުޅުގެ ސާމްޕަލެއް ނެގުމަށް އަހަރެން ކުޑަ ދަނޑިކޮޅެއްގައި ހަފާލީމެވެ.
މެޗު ފެށެން ކައިރިވުމުން، ނޭވާލާ މިންވަރާއި ބޭރުކުރާ ކާބަން ޑައިއޮކްސައިޑްގެ މިންވަރު ބެލުމަށްޓަކައި، ސައިންސްވެރިން ދިން އެއްޗަކަށް އަހަރެން ނޭވާލާން ފެށީމެވެ.
މި ސާމާނުތަކުގެ އެހީގައި، ކްރޮއޭޝިއާ މެޗުގެ ތެރޭގައި ސިކުންތަކުން ސިކުންތަކަށް އަހަރެންގެ ހަށިގަނޑަށް އަންނަ ބަދަލުތައް ބެލޭނެއެވެ.
ރެފްރީ މެޗު ފެށުމާއެކު، އަހަރެންގެ ފޯރި ގަދަވިއެވެ.
"އަހަރެން ގަބޫލުކުރަނީ މިރޭ މިއީ ވަރަށް ފޯރިގަދަ މެޗަކަށް ވާނެ ކަމަށް، އެއީ އަހަރެމެންގެ މި ތަޖުރިބާއަށް ވަރަށް މުހިންމު ކަމެއް،" ބެއިލީ ބުންޏެވެ.
"އަހަރެން ބޭނުންވަނީ ސްޓްރެސް، ފޯރި، ނުތަނަވަސްކަން، ބިރުވެރިކަން، ހަޅޭއްލެވުން، ނޭވާލާން ހަނދާން ނެތުން ނުވަތަ މާ އަވަހަށް ނޭވާލުން ފަދަ ހުރިހާ ކަމެއް ފެންނަން،" އޭނާ އިތުރަށް ބުންޏެވެ.
މެޗުގެ ކުރީކޮޅު ބެލި ބެލުމުން، އަހަރެންގެ ހިތުގެ ވިންދު ހުރީ މިނެޓަކު 54 ގައެވެ. އަދި ލޭގެ ޕްރެޝަރު ހުރީ 115/75 ގައެވެ.
މެޗު ފޯރިގަދަވާނެ ކަމަށް އޭނާ ކުރި ލަފާ ދިމާވިއެވެ. މުޅި މެޗުގައި ހަ ގޯލު ފެނިގެންދިޔައިރު، އުފަލާއި ހިތާމައިގެ އެތައް ވަގުތެއް ދިޔައެވެ.
މެޗުގެ ކުރީކޮޅު ފެނުނީ ޑްރާމާ އެކެވެ. ހެރީ ކޭންއަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުވާނެ ކަމަށް އެންމެން އުންމީދު ކުރިއެވެ. ނަމަވެސް ކްރޮއޭޝިއާގެ ކީޕަރު އެ ބޯޅަ މަތަކުރިއެވެ. އެކަމަކު ކީޕަރު ރޮނގުން ބޭރަށް ނިކުމެފައި ހުރުމުން ރެފްރީ އެންގީ އަލުން ޕެނަލްޓީ ޖެހުމަށެވެ. ކޭން އަލުން ބޯޅަ ބޭއްވުމަށްފަހު ފޮނުވާލި ހަމަލާ ގޯލަށް ވަނެވެ.
އަހަރެންނާއި އެތަނުގައި ތިބި އެންމެން އުފަލުން ހަޅޭއްލަވައިގަތީމެވެ. ނަމަވެސް ކްރޮއޭޝިއާއިން ނަތީޖާ އެއްވަރުކުރުމުން މާޔޫސްކަން ވެރިވިއެވެ. އޭގެ ފަހުން އަހަރެމެން އަނެއްކާވެސް ލީޑު ނެގި ނަމަވެސް، ފުރަތަމަ ހާފު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މިއީ އިހުސާސްތަކުގެ ބޮޑު ކުޅިވަރެކެވެ. އަދި މި ތަޖުރިބާއަށް އެންމެ އެކަށީގެންވާ ހާލަތެވެ.
ހާފް ޓައިމްގައި، އެހެން ސަޕޯޓަރުންގެ ހަށިގަނޑަށް އަންނަ ބަދަލުތައް އަހަރެމެން ބަލާލީމެވެ.
އުމުރުން 23 އަހަރުގެ އޮލީ ބުނީ އޭނާގެ ހިތް "ސިކުންތަކު 50 ފަހަރު" ތެޅޭހެން ހީވާ ކަމަށާއި، ސްޓްރެސް ބޮޑުވެގެން މަރުވެދާނެހެން ހީވާ ކަމަށް ބުންޏެވެ. އުމުރުން 38 އަހަރުގެ ޓިމް ބުނީ އިނގިރޭސިވިލާތުން އިތުރު ގޯލު ޖަހަން ޖެހޭ ކަމަށާއި، މިހާރު އޮތް ގޮތުން އޭނާގެ ސިއްހަތަށް ނުރައްކާވާ ކަމަށެވެ.
ދެވަނަ ހާފު ފެނުނީ މާ ހަމަޖެހިގެންނެވެ. އިނގިރޭސިވިލާތުން މެޗު ކޮންޓްރޯލްކޮށް، 4-2 އިން މޮޅުވުމުން ނުތަނަވަސްކަން އުފާވެރިކަމަށް ބަދަލުވިއެވެ.
މެޗަށްފަހު، ނަތީޖާތަކާ ބެހޭގޮތުން ވާހަކަދެއްކުމަށް ޑޭމިއަން އާއެކު އަހަރެން ބޭރަށް ނިކުތީމެވެ.
"ކަލޭގެ ހަށިގަނޑުގެ މަސައްކަތްތައް ހުރީ ވަރަށް ފުރިހަމައަށް،" އޭނާ ބުންޏެވެ. "ފޯރިގަދަ ކަމެއް ހިނގާ ކޮންމެ ފަހަރަކު ހަށިގަނޑުން ސްޓްރެސްގެ ނިޝާންތައް ފެނޭ."
މެޗުގެ ފުރަތަމަ ގޯލު، ކޭންގެ ޕެނަލްޓީއަކީ މީގެ ރަނގަޅު މިސާލެކެވެ.
މުޅި މެޗުގައި އަހަރެންގެ ހިތުގެ ތެޅުން ހުރީ 50 ގެ އަދަދުތަކުގައެވެ. ނަމަވެސް ކޭން ގޯލު ޖެހިތާ "ސިކުންތެއްގެ ދެބައިކުޅަ އެއްބައިގެ ތެރޭގައި" ހިތުގެ ތެޅުން 69 އަށް އެރިއެވެ.
ލޭގެ ޕްރެޝަރުވެސް މައްޗަށް ދިޔައެވެ. އަދި ނޭވާލާއިރު ބޭރުކުރާ ކާބަން ޑައިއޮކްސައިޑް މަދުވުމުން، އަހަރެން "މާ އަވަހަށް ނޭވާލާ" ކަން އެނގުނެވެ. މީގެ ސަބަބުން ސިކުންތަކަށް ލޭ ދައުރުވާ މިންވަރު މަދުވި ކަމަށް ބެއިލީ ބުންޏެވެ.
ކުޅުގެ ޓެސްޓުތަކުން ދެއްކި ގޮތުގައި، ސްޓްރެސް ހޯރމޯން ކޯޓިސޯލްގެ މިންވަރު މެޗުގެ ކުރިން ހުރި 4.19 nmol/L އިން، މެޗު ނިމުނުއިރު 5.15 nmol/L އަށް މަތިވިއެވެ.
މި ހުރިހާ ކަމަކުން ދައްކަނީ ހަށިގަނޑުގައި އާދައިގެ ސްޓްރެސް ރެސްޕޮންސެއް ހުރި ކަމެވެ. އާންމުކޮށް ސްޓްރެސް އޭ ބުނުމުން އަހަރެމެންނަށް ހީވަނީ އެއީ ވަޒީފާގެ ސަބަބުން ނުވަތަ އިމްތިހާނު ފަދަ ކަންކަމުން ކުރިމަތިވާ "ނުރަނގަޅު" ކަމެއް ކަމަށެވެ.
ނަމަވެސް ބެއިލީ ބުނި ގޮތުގައި "ރަނގަޅު ސްޓްރެސް" ވެސް ހުރެއެވެ. އިންސާނާގެ ހަށިގަނޑު އުފެދިފައިވާ ގޮތުން، ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ސްޓްރެސްއަކީ މުހިންމު އެއްޗެކެވެ.
ބެއިލީ ބުނި ގޮތުގައި އަހަރެންގެ ހަށިގަނޑުން ފެނުނު ބަދަލުތަކަކީ "ލުއި ކަސްރަތެއް" ކުރުން ފަދަ ކަމެކެވެ. ނަމަވެސް މީގައި ކެލޮރީއެއް ނުއަންދައެވެ.
"ކަލޭގެ ހަށިގަނޑަށް އައި ބަދަލުތަކަކީ ސިއްހަތަށް ފައިދާހުރި ބަދަލުތަކެއްގެ ގޮތުގައި އަހަރެން މާނަކުރަނީ، އަދި ކަލޭގެ ހަށިގަނޑު ވަރަށް އަވަހަށް އާދައިގެ ހާލަތަށް ރުޖޫއަވޭ،" އޭނާ ބުންޏެވެ.
ވީމާ، އިނގިރޭސި ޓީމުގެ މެޗުތައް ބެލުމަކީ އަހަރެންގެ ސިއްހަތަށް ރަނގަޅު ކަމެކެވެ. ނަމަވެސް މިއީ އެންމެންނަށް އޮތް ގޮތެއް ނޫނެވެ.
އަހަރެންގެ ސްޓްރެސް ރެސްޕޮންސް ހުރީ ވަރަށް ދަށުގައެވެ. ބެއިލީ ބުނި ގޮތުގައި އަހަރެންނަކީ "ސްޕެޝަލް ފޯސަސް" ގެ މީހެއް ފަދައިން ކަންކަމުގައި ވަރަށް ކެތްތެރި މީހެކެވެ.
"ކަލޭ ތީ ހަށިގަނޑަށް ބަލާ، ކަސްރަތުކުރާ، ދުޅަހެޔޮ މީހެއް،" އޭނާ ބުންޏެވެ.
ސައިންސްގެ އަލީގައި އަހަރެންނަކީ ދުޅަހެޔޮ، ހިތްވަރުގަދަ މީހެއް ކަމަށް ބުނާނަމަ، އެކަމާ އަހަރެން ދެބަސްވާނީ ކިހިނެއް ހެއްޔެވެ؟
ނަމަވެސް ބައެއް މީހުންނަކީ ސްޓްރެސްއަށް ވަރަށް ނާޒުކު ބައެކެވެ. އެފަދަ މީހުންގެ ހިތުގެ ތެޅުން މިނެޓަކު 50 ނުވަތަ 60 އަށްވުރެ މައްޗަށް އަވަސްވެދާނެއެވެ.
ކުރިންވެސް ހިތުގެ ބައްޔެއް ހުންނަ މީހެއްނަމަ، މިފަދަ ސްޓްރެސްގެ ސަބަބުން ލޭހޮޅިތައް ހަނިވެ، ލޭގެ ޕްރެޝަރު މަތިވެ، ލޭ އޮލަވުމުގެ ސަބަބުން ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް ބެއިލީ އިންޒާރު ދިނެވެ.
އަދި ބައެއް މީހުން ނޭވާލާ ގޮތަށް އަންނަ ބަދަލެއްގެ ސަބަބުން ލޭ ދައުރުވުން މަދުވެ، ހޭނެތުން ފަދަ ކަންކަން ދިމާވެދާނެއެވެ.
ވީމާ، ވޯލްޑް ކަޕްގެ މެޗު ބެލުމަކީ ރަނގަޅު ކަމެއްތޯ ނިންމާނީ އެމީހަކު އަމިއްލައަށެވެ.
މަސްދަރު: ބީބީސީ






