މޯދީގެ އިންޑޮނޭޝިއާ ދަތުރުފުޅުގެ ފޯކަސް އިންޑިއާގެ ބްރަހްމޯސް މިސައިލް ނިޒާމަށް
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންޑޮނޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ދިފާއީ އަދި އިގްތިސާދީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރިއަށްދާނެ. މި ބައްދަލުވުންތަކުގައި އިންޑިއާގެ ބްރަހްމޯސް މިސައިލް ސިސްޓަމް އިންޑޮނޭޝިއާއަށް ފޯރުކޮށްދިނުމާއި، ކަނޑުގެ ސަލާމަތާއި ޑިޖިޓަލް ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް އަށް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައި.

އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ހުންނަ މަރްދޭކާ ޕެލަސްގައި ބޭއްވި ބައްދަލުވުމުގެ ކުރިން ބޭއްވި މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (މެދުގައި) ގައުމީ ދިދަ ހިފައިގެން ތިބި ސްކޫލް ކުދިންނަށް އަތްޕުޅުން އިޝާރާތް ކުރައްވަނީ. ބޮޑުވަޒީރު މޯދީގެ އަރިހުގައި އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ (ކަނާތްފަރާތުގައި) ހުންނެވި. | އޭޕީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް އިސްތިރާތީޖީ ގުޅުން ވަރުގަދަކުރެއްވުމަށް އަންގާރަ ދުވަހު އިންޑޮނޭޝިއާއަށް ވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި ދިފާއީ ދާއިރާއާއި އެހެނިހެން ދާއިރާތަކުން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެ ކަމަށް ބެލެވެ އެވެ.
ދެ ގައުމުގެ ލީޑަރުންގެ މެދުގައި ކުރިއަށްދާ މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ދިފާއީ ކަންކަމާއި ސަލާމަތީ ކަންކަމުގެ އިތުރުން، ވިޔަފާރިއާއި އިންވެސްޓްމަންޓް، ކާނާގެ ރައްކާތެރިކަން، ހަކަތައިގެ ރައްކާތެރިކަން، މުހިންމު މިނަރަލްތައް އަދި ސިއްހީ އަދި ތައުލީމީ ދާއިރާއިން ގާބިލުކަން އިތުރުކުރުމުގެ މައްޗަށެވެ.
މި ދަތުރުފުޅުގެ ތެރެއިން އަށް އެއްބަސްވުމަކާއި ބައެއް ފަހުމުނާމާތައް އިއުލާނުކުރާނެ ކަމަށް ބެލެވޭ ކަމަށް، ދަތުރުފުޅުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރު ސުގިއޯނޯ ވިދާޅުވި އެވެ.
އިންޑޮނޭޝިއާގެ ރިޔާސީ ގަޑުވަރު ކަމަށްވާ މަރްދޭކާ ޕެލަސްގައި ބޭއްވި ރަސްމީ މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، އަންގާރަ ދުވަހު ދެ ލީޑަރުން ވަނީ ރަސްމީ މަޝްވަރާތައް ބާއްވަވާފަ އެވެ.
މިއީ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނަވައި މޯދީ އިންޑޮނޭޝިއާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މީގެ ކުރިން 2018 ވަނަ އަހަރު އެގައުމަށް ވަޑައިގެންފައިވާއިރު، މިދިޔަ އަހަރު އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ހަފުލާގައި ރައީސް ޕްރަބޯވޯ ވަނީ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފަ އެވެ. މިކަން ފާހަގަކުރެއްވީ އިންޑޮނޭޝިއާގެ ގިނަ މީހުންނެކޭ އެއްފަދައިން އެންމެ ނަމަކުން މުޚާތަބުކުރެވޭ އެ ގައުމުގެ ފޮރިން މިނިސްޓަރު ސުގިއޯނޯ އެވެ.
ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބޮޑު އިގްތިސާދު ކަމަށްވާ އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާއަށް މޯދީ ވަޑައިގަތީ ތިން ދުވަހުގެ ދަތުރުފުޅެއްގައި ހޯމަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގަ އެވެ. މިއީ އޮސްޓްރޭލިއާ އާއި ނިއުޒީލެންޑް ހިމެނޭހެން އިންޑޯ-ޕެސިފިކް ސަރަހައްދުގެ ގައުމުތަކަށް އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ.
މޯދީއަށް އިންޑޮނޭޝިއާއިން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. އެގޮތުން އެމަނިކުފާނުގެ މަތިންދާބޯޓު އިންޑޮނޭޝިއާގެ ވައިގެ ސަރަހައްދަށް ވަނުމާއެކު ތިން ފައިޓަރު ޖެޓުން ވަނީ އެސްކޯޓް ކޮށްފަ އެވެ. ހަލީމް ޕަރްދަނަކުސުމާ އެއާފޯސް ބޭހަށް ބޯޓު ޖެއްސުމުން، ރަންވޭ މަތިން މޯދީއަށް މަރުހަބާ ދެންނެވީ ސީދާ ރައީސް ޕްރަބޯވޯ އެވެ. މިއީ އިންޑިއާއާއެކު އޮންނަ ގުޅުމަށް ޖަކާޓާއިން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.
އިންޑޮނޭޝިއާއާއި އިންޑިއާއަކީ ދުނިޔޭގެ ކުރިއަރަމުން އަންނަ ބޮޑެތި އިގްތިސާދުތައް ހިމެނޭ ޖީ20 އަދި ބްރިކްސްގެ މެންބަރު ދެ ގައުމެވެ.
އިންޑިއާއިން އިންޑޮނޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންދީޕް ޗަކްރަވޯތީ ވިދާޅުވީ، އަންގާރަ ދުވަހު އިންޑޮނޭޝިއާގެ ޕާލަމެންޓުގައި މޯދީ ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އެއަށްފަހު އެގައުމުގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ދަތުރުފުޅުން ރަމްޒުކޮށްދެނީ އޭޝިއާގެ ނުފޫޒުގަދަ ދެ ޑިމޮކްރަސީގެ މެދުގައި އޮތް އެއްބާރުލުން އިތުރުވަމުންދާ ކަމެވެ.
"މިހާރުގެ ޖިއޯޕޮލިޓިކަލް ހާލަތަށް ބަލާއިރު، ދުނިޔޭގެ ދެކުނު ބިތުގެ (ގްލޯބަލް ސައުތު) ދެ ލީޑަރުންގެ މެދުގައި ގާތް ގުޅުމެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް. މީގެ ބޭނުމަކީ އަޅުގަނޑުމެން ތިބީ އެކުގައިކަމާއި، އެއްބަޔަކު އަނެއްބައެއްގެ ބާރުގަދަކުރުމަށް މަސައްކަތްކުރާކަމުގެ މެސެޖު ދުނިޔެއަށް ދިނުން،" ދަތުރުފުޅުގެ ކުރިން ސަފީރު ޗަކްރަވޯތީ ނޫސްވެރިންނަށް ވިދާޅުވި އެވެ.
ސަފީރު ޗަކްރަވޯތީ އިތުރަށް ވިދާޅުވީ، މި މަޝްވަރާތަކުގައި ދިފާއީ ދާއިރާގެ އެއްބާރުލުމަށް ބޮޑު އިސްކަމެއް ދެވޭނެ ކަމަށެވެ. އިންޑިއާގެ ބްރަހްމޯސް ސުޕަސޯނިކް ކްރޫޒް މިސައިލް ސިސްޓަމް ހޯދުމަށް އިންޑޮނޭޝިއާއިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި، އެކަމާ ގުޅޭ މަޝްވަރާތައް މިހާރު އޮތީ ވަރަށް ކުރިއަރާފައިވާ މަރުހަލާއެއްގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ދިފާއީ ސާމާނު ގަތުމުގެ އިތުރުން، އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑު ގުޅުވައިދޭ މުހިންމު ކަނޑުގެ މަގުތަކުގައި ދެ ގައުމުގެ މަސްލަހަތު ހުރިކަން ފާހަގަކުރައްވައި، ކަނޑުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެ ކަމަށް ޗަކްރަވޯތީ ވިދާޅުވި އެވެ. މީގެ އިތުރުން، އިންޑިއާގެ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާ މޮޑެލްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ "އިންޑޮނޭޝިއާ އޯޕަން ނެޓްވޯކް" ނަމަކަށް ކިޔާ ޑިޖިޓަލް ވިޔަފާރީގެ ޕްލެޓްފޯމެއް ލޯންޗުކުރުންވެސް މި ދަތުރުފުޅުގެ ތެރޭގައި އޮންނާނެ އެވެ.
މިނިސްޓަރު ސުގިއޯނޯ ވިދާޅުވި ގޮތުގައި، ބުދަ ދުވަހު މޯދީ އިންޑޮނޭޝިއާގެ ގަދީމީ ރަށެއް ކަމަށްވާ ޔޮގްޔަކާޓާއަށް ވަޑައިގަންނަވާނެ އެވެ.
ބުދަ ދުވަހުގެ ވަގުތެއްގައި މޯދީ އޮސްޓްރޭލިއާއަށް ވަޑައިގެން އެގައުމުގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒްއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މަސްދަރު: އިންޑިޕެންޑެންޓް





