މުޖުތަބާ ޚާމަނާއީ އެމަނިކުފާނުގެ ބައްޕާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިނުގަންނަވަނީ ކީއްވެ؟
އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީގެ ޖަނާޒާގައި މިހާރުގެ ލީޑަރު މުޖުތަބާ ޚާމަނާއީ ބައިވެރިވެވަޑައިނުގަންނަވަނީ، އިސްރާއީލުން ދީފާނެ ހަމަލާއަކަށް އޮތް ބިރާއި ސަލާމަތީ ނުރައްކާތަކާ ގުޅިގެން. ކުރީގެ ލީޑަރު ފަސްދާނުލުމުގެ ރަސްމިއްޔާތު މި މަހުގެ 9 ވަނަ ދުވަހު މަޝްހަދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި.

އީރާނުގެ ކުރީގެ ރޫހާނީ ލީޑަރުގެ ޖަނާޒާގެ ކުރިން، 2026 ޖޫން 30 ވަނަ ދުވަހު ތެހެރާންގެ މަގުމަތީގައި ހަރުކޮށްފައިވާ ބޮޑު ބެނާއެއްގެ ކައިރިން މީހަކު ހިނގާފައި ދަނީ. މި ބެނާގައި ހިމެނެނީ އީރާނުގެ މިހާރުގެ ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީ އާއި އޭނާގެ ބައްޕަ އަލީ ޚާމަނާއީގެ ފޮޓޯ. | ގެޓީ އިމޭޖަސް
އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުގައި ދުނިޔޭ އެކި ކަންކޮޅުތަކުން މަންދޫބުންނާއި އަދި އީރާނުގެ އެތައް މިލިއަން ރައްޔިތުން ބައިވެރިވަމުން ދާއިރު، އީރާނުގެ މިހާރުގެ ލީޑަރު އަދި އަލީ ޚާމަނާއީގެ ދަރިކަލުން، ބައްޕާފުޅުގެ ޖަނާޒާ ގައި ބައިވެެރިވެޑައިނުގަންނަވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް މިކަމުގެ މައުލޫމާތު އެނގޭ ފަރާތްތަކުން ހާމަ ކޮށްފި އެވެ.
އީރާނުގައި 36 އަހަރު ވަންދެން ވެރިކަން ކުރެއްވި އަލީ ޚާމަނާއީ އަވަހާރަވީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އެއީ އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފަށައި، މެދުއިރުމަތީގައި ހަނގުރާމައެއް ފެށުނު ދުވަހެވެ.
ޖޯޖްޓައުން ޔުނިވަރސިޓީ އޮފް ގަތަރުގެ އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށްވާ ޕޯލް މުސްގްރޭވް އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އީރާނުގެ މިހާރުގެ އެންމެ މަތީ ވެރިޔާ (ސުޕްރީމް ލީޑަރު) އެމަނިކުފާނުގެ ބައްޕާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިނުގަންނަވާ ސަބަބު ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ.
މުސްގްރޭވް ވިދާޅުވީ، މި ޖަނާޒާގެ ތެރެއިން އިސްރާއީލުން އީރާނުގެ ވެރިކަމުގެ އިސް ސަފު ނައްތާލުމަށް ދެވަނަ ހަމަލާއެއް ދީފާނެ ކަމުގެ ބިރު އީރާނުން އޮތީ ވަރަށް ބޮޑަށް އަންދާޒާކޮށްފައި ކަމަށެވެ. އަދި މީގެ ކުރިން ވެސް ސިޔާސީ ލީޑަރުންނަށް އަމާޒުކޮށް ހަމަލާދިނުމަށް އިސްރާއީލުން ޖަނާޒާގެ ވަގުތުތައް ބޭނުންކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތަކުގައި، ސަލާމަތީ ސަބަބުތަކަށްޓަކައި އެމަނިކުފާނުގެ ދަރިކަލުން އަދި މިހާރުގެ ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީ ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް އިންޑިއާގައި ހުންނަވާ އޭނާގެ މަންދޫބު ވެސް ވަނީ ވިދާޅުވެފަ އެވެ.
އިންޑިއާގެ ނިއުސް އެޖެންސީ "އޭއެންއައި" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އާޔަތުﷲ ޙަކީމް އިލާހީ ވިދާޅުވީ އިސްރާއީލުން ދެމުންދާ އިންޒާރުތަކާއި ފާރަލުމުގެ ނުރައްކާ އޮތުމުން، މުޖުތަބާ ޚާމަނާއީ އާންމުންގެ ތެރެއަށް ނުކުމެވަޑައިގަތުމަކީ "ނުރައްކާތެރި" ކަމެއް ކަމަށެވެ.
ނަމަވެސް، ގައުމުގެ އެންމެ މަތީ ވެރިޔާ ކޮންމެވެސް ހިސާބަކުން އާންމުންނަށް ފެންނަން ޖެހޭނެ ކަމަށް ޖޯޖްޓައުން ޔުނިވަރސިޓީގެ އެސޯސިއޭޓް ޕްރޮފެސަރ މުސްގްރޭވް ވިދާޅުވި އެވެ. މުޖުތަބާ ޚާމަނާއީ އާންމުންގެ ތެރެއިން ފެނިވަޑައިނުގަންނަވާތާ މިހާރު މަސްތަކެއް ވެފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މުސްގްރޭވް އިތުރަށް ވިދާޅުވީ، މިއީ ފިއްލަވައިގެން އުޅުއްވާ ސުޕްރީމް ލީޑަރެއް ނޫން ކަމާއި، މިއީ ހަގީގަތުގައި ވެސް ގައުމުގެ ޒިންމާތަކާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެއްކަން ސާބިތުކޮށްދިނުމަށް އީރާނުން ކޮންމެވެސް މަގަކުން މަސައްކަތް ކުރަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ތެހެރާނަށް ސަލާމަތީ ގޮތުން ހުރި ކަންބޮޑުވުންތަކަކީ ހަގީގީ ކަންބޮޑުވުންތަކެއް ނަމަވެސް، ކޮންމެވެސް ހިސާބަކުން އެމަނިކުފާނު އާންމުންގެ ކުރިމައްޗަށް ނެރުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރޫހާނީ ލީޑަރުގެ ޖަނާޒާގެ ރަސްމިއްޔާތުތައް ޖުލައި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ތެހެރާންގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެމަނިކުފާނު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 9 ވަނަ ދުވަހު، އެމަނިކުފާނުގެ އުފަން ރަށް ކަމަށްވާ އީރާނުގެ އިރުއުތުރުގައި އޮންނަ މުގައްދަސް ރަށެއް ކަމަށްވާ މަޝްހަދުގަ އެވެ.
މަސްދަރު: އަލް ޖަޒީރާ





