ބައިނަލް އަގްވާމީ އެއަރލައިންތަކަށް ރައީސް މުއިއްޒު ދައުވަތު ދެއްވި ހަނިމާދޫ އެއަރޕޯޓަކީ މިނިސްޓަރ އަމީން ވިދާޅުވާ ގޮތުން އެކަމަށް އެކަށީގެންވާ ތަނެއް ނޫން!
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ބައިނަލްއަގުވާމީ ދަތުރުތައް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައިވީ ނަމަވެސް، އެތަނަކީ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެއް ނޫންކަމަށް މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވަނީ ވިދާޅުވެފައި. މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ވައިޑް-ބޮޑީ އެއާކްރާފްޓްތަކަށް ހިދުމަތް ދިނުމަށް އެއާޕޯޓް އަލުން ރީ-ޑިޒައިން ކުރަން ޖެހޭއިރު، މިއީ އެއާޕޯޓް ތަރައްގީކުރުމުގެ މަގުސަދާ މެދު ސުވާލު އުފެދޭ ކަމެއް. މި މަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ފްލައިތްތައް ޖެއްސޭނެ ކަމަށް ކުރީގެ ސަރުކާރާއި އިންޑިއާގެ އެގްޒިމް ބޭންކާއި ޚުދު މިހާރުގެ ސަރުކާރުން ވެސް މީގެ ކުރިން ވަނީ ބުނެފައި.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓާމިނަލް ބިލްޑިންގ | ރައީސް އޮފީސް
ހދ. ހަނިމާދޫގައި ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ރޭ އޮތް ކުލަގަދަ ރަސްމިއްޔާތުގައި، އެރަށުގައި އޮތް މުސްކުޅި އެއަރޕޯޓްގެ ބަދަލުގައި ތަރައްގީކުރި ޒަމާނީ އެއަރޕޯޓް ހުޅުވިގެން ދިޔައެވެ. އެއަރޕޯޓް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
އެެއަރޕޯޓްގެ ހުވަފެން ހަގީގަތަކަށް ބަދަލުވެގެން ދިޔަ އުފާވެރި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި މި އެއަރޕޯޓްގެ ޒަރިއްޔާއިން މުޅި ދުނިޔެއާ އެ ރަށްތައް ގުޅާލެވިގެން ދިޔައީ ކަމަށް ވިދާޅުވި އެވެ. އެ ރަސްމިއްޔާތުގައި، ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސް މުއިއްޒު ވަނީ، ހުޅުވިގެން ދިޔަ ރަނުގެ މި ފުރުޞަތުގެ ބޭނުން ހުރިހާ ފަރާތްތަކުންވެސް ހިފުމަށް ގޮވާލައްވާފަ އެވެ. އެގޮތުން ބައިނަލްއަޤުވާމީ އެއަރލައިންތަކުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުތައް ފެށުމަށް ގޮވާލައްވައި، ދިވެހި ވިޔަފާރިތަކުން ވެސް އުތުރުގައި އިންވެސްޓްކުރާ މިންވަރު އިތުރުކުރެއްވުމަށް ރައީސް މުއިއްޒު އެދިވަޑައިގަތެވެ.
އެއަރޕޯޓް ހުޅުވިފަހުން އަށެއްކަ މަސް ފާއިތުވެގެން ދިޔަ އިރުވެސް، އެވިދާޅުވި ވާހަކަފުޅުގެ އެއްވެސް ނަތީޖާ އެއް ފެންނަމުންނެއް ނުދިޔަ އެވެ. ބައިނަލްއަގްވާމީ އެއަރލައިންތަކުން ދަތުރުތައް ބާއްވަމުންދާ މަންޒަރެއް ނުފެނެ އެވެ. އެއަރޕޯޓްގެ ޒަމާނީ ސިފަތައް ފެނުން ނޫން އިތުރު ބަދަލެއް އެތަން ހިންގުމުގައި ފެންނަމުންނެއް ނުދިޔަ އެވެ.
މިކަން އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގައިި އެ ދާއިރާ ތަމްސީލް ކުރައްވާ މެމްބަރު ފާހަގަކުރައްވާ، އެކަމުގެ ކަންބޮޑުވުން، ކަމާ ބެހޭ ވަޒީރަށް ހުށަހެޅުއްވުމުން ވަޒީރުގެ ފަރާތުން އިވިގެން ދިޔައީ މުޅިން ތަފާތު ވާހަކަތަކެކެވެ.
ހަނިމާދޫގެ އެއަރޕޯޓު ތަރައްގީ ވުމަށް ފަހު އެތަން ރަނގަޅަށް އޮޕަރޭޓްވާތަން ފެނުމަކީ ތިލަދުއްމަތީގެ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށް ވުމާއެކު ރާއްޖޭގެ ގައުމީ އެއަރލައިން އިން ބޮޑެތި މަތިންދާބޯޓު ގެންގުޅޭ އިރު އެ އެއަރޕޯޓުގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ނުހިފަނީ ކީއްވެތޯ ނުވަތަ އެއަރޕޯޓް ހަމަ އެގޮތައް ބާއްވާނީތޯ އައްސަވާ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވައިގެ ދަތުރުފަތުރާ ބެހޭ މިނިސްޓަރ މުހައްމަދު އަމީން އަށް އަންގާރަ ދުވަހުގެ ޖަލްސާގައި ސުވާލު ކުރެއްވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، އެ ސަރަހައްދަށް ނިސްބަތްވާ މެމްބަރުންނަށް އެ އަރޕޯޓުގެ ކެޕެސިޓީ ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާނެ ކަމަށް ހީފުޅުވެފައި އޮތް ކަމަށެވެ.
"ހަނިމާދޫ އެއަރޕޯޓް ތަރައްގީކޮށް ހުޅުވިފައި އޮތީކީއެއް ވައިޑް ބޮޑީ މަތިންދާބޯޓު އޮޕަރޭޓް ކުރެވޭ ކެޕޭސިޓީ އަކު ނޫން،" މިނިސްޓަރ ވިދާޅުވި އެވެ.
އެހެންވީމާ، ޗައިނާ އަށް ވިޔަސް، ލޯންގް ޑިސްޓެންސް އޮޕަރޭޝަންސް ތަކަށް ހަނިމާދޫ އެއަރޕޯޓް މިހާރު ޑިވެލޮޕްކޮށް ހުޅުވިފައި އޮތް ގޮތަކުންނެއް ބޯޓު ޖައްސާ، ނޫނީވިއްޔާ ޚިދުމަތެއް ނުލިބޭނެ،" މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ އަމީން ވިދާޅުވީ އެއަރޕޯޓް ޑިޒައިންކޮށް އަދި ހުޅުވިފައި ވަނީ ނެރޯ ބޮޑީ ކުދި މަތިންދާ ބޯޓަށް ކަމަށެވެ.
އެހެން ކަމުން އެއަރޕޯޓަކީ އެއަރބަސް އޭ-330 ނޫނީ އޭ-340 ނޫނީ 777 ގެ ކަޓަގަރީގެ ބޯޓަށް ޚިދުމަތް ދިނުމަށް ޑިޒައިން ކުރެވިފައިވާ އެއަރޕޯޓެއް ނޫނެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ވައިޑްބޮޑީ އެއަރކްރާފްޓް އަށް ޚިދުމަތް ދޭން ބޭނުން ނަމަ ހަނިމާދޫ އެއަރޕޯޓް ޖެހޭނީ އަލުން ޑިޒައިންކޮށް ތަރައްގީ ކުރާށެވެ.
ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރ މި މޭރުމުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އާ ބެހޭ ގޮތުން ވާހަކަ ދެއްކެވި އިރު، ކުރީ ސަރުކާރުން ވެސް އަދި މިހާރުގެ ސަރުކާރުން ވެސް އަބަދުވެސް ބުނަމުން އައީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީއާއެކު ޒަމާނީ ފެންވަރަށް ތަރައްޤީކުރެވުނު އެ އެއަރޕޯޓަކީ ބައިނަލް އަގްވާމީ ދަތުރުތަކަށް ތައްޔާރު ކުރެވޭ އެއަރޕޯޓެއް ކަމުގަ އެވެ. ތެދެކެވެ. ކަމާ ބެހޭ އެއްވެސް ބަޔާނެއްގައި ވައިޑް ބޮޑީ ނުވަތަ ނެރޯ ބޮޑީގެ ވާހަކަ އެއް ނެތެވެ. މުޅިން ވެސް އޮތީ ބައިނަލް އަގްވާމީ ދަތުރުތަކަށް އެތަން ފައްކާވާނެ ވާހަކަ އެވެ.
އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިތުރުން ރާއްޖޭގެ އެއަރޕޯޓެއްގައި ފުރަތަމަ ފަހަރަށް އެއިރޯ ބުރިޖު ބޭނުން ކުރެވޭ ގޮތަށް ތަރައްޤީ ކުރެވުނު އެއަރޕޯޓަކީ އުތުރުގެ ރަށްތަކަށް އިޤްތިޞާދީ ގޮތުން އިންޤިލާބީ ކުރިއެރުންތަކެއް ގެނެސްދޭނެ އައު ޞަފުޙާއެއް ކަމަށާއި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކޮށްފައިވާ އައު ޕަސެންޖަރ ޓަރމިނަލަކީ، އަހަރަކު 1.3 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ 10،380 އަކަ މީޓަރުގެ ބޮޑު ޓަރމިނަލެއް ކަމަށް މިހާރުގެ ސަރުކާރުން އެއަރޕޯޓް ހުޅުވި ރަސްމިއްޔާތާ ގުޅިގެން ރައީސް އޮފީހުން ނެރެފައިވާ ބަޔާނުގައިވެ އެވެ. އެހެންވެ އެއީ އެތެރޭގެ އުދުހުންތަކަށް ތައްޔާރު ކުރި ތަނެއް ނޫންކަން މި ސަރުކާރުގެ ބަޔާންތަކުން ވެސް މާ ރަނގަަޅަށް ވެސް ދޭހަވެ އެވެ.
ހަމަ މި މޭރުމުން މަޝްރޫއަށް ފައިނޭސް ކުރި އިންޑިއާގެ އެގްޒިމް ބޭންކުން ބުނެފައިވަނީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ އިންފްރާސްޓްރަކްޗަރާއި ކާގޯ ޓާމިނަލާއެކު، ބައިނަލްއަގުވާމީ އެއާލައިންތަކުގެ ދަތުރުތައް ފެށިގެންދާނެ ކަމަށެވެ. މީގެ ސަބަބުން ފަތުރުވެރިކަމާއި ވިޔަފާރި ކުރިއަރައި، ދަތުރުފަތުރުގެ ނިޒާމުން ސަރަހައްދު ގުޅާލެވި، ވަޒީފާގެ ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
2019 ވަނަ އަހަރު ދިވެހި ސަރުކާރާއި އިންޑިއާގެ އެގްޒިމް ބޭންކާ ދެމެދު ސޮއިކުރި 450.81 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ފައިނޭންސްކޮށްގެން ކުރިއަށްގެންދިޔަ ގެންދިޔަ މި މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ފަދަ ޓާމިނަލެއް ތަރައްގީކުރެވިފައިވާއިރު، ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، "މި މަޝްރޫއު ނިމުމުން އެއާބަސް A320 އަދި ބޯއިންގް 737 މަރުކާގެ ބޮޑެތި މަތިންދާބޯޓުތަކަށް އެ އެއާޕޯޓުގައި ކާމިޔާބުކަމާއެކު ޖެއްސޭނެ އެވެ. އަދި މިއީ ދެކުނު އޭޝިއާ، ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ދަތުރުތައް ކުރާ ފްލައިޓްތަކަށް ހުޅުވިގެންދާ މުހިންމު ދޮރާއްޓަކަށް ވެގެންދާނެ" އެވެ.
މި ހުރިހާ ފަރާތްތަކުން ދައްކާފައި ހުރި ވާހަކަތައް ކަޅާ ހުދުން ފެންނަން އެހުރީ އެވެ. މިކަންކަން މިހެން ހުރި ނަމަވެސް، ވައިޑް ބޮޑީ، ނެރޯ ބޮޑީ އެއަރކްރާފްޓް ބަހުސް މިހެން އޮއްވާ، އެއަރޕޯޓް ހުޅުވި ކުލަގަދަ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވި ރަނުގެ ފުރުޞަތުގެ ބޭނުން ހިފަން ދެން ހަދަންވީ ކިހިނެއްބާވަ އެވެ؟ ބައިނަލްއަޤުވާމީ އެއަރލައިންތަކުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުތައް ފެށުމަށް ރައީސް މުއިއްޒު ގޮވާލެއްވިިޔަސް އެކަން ވާކަށް ނެތެވެ. މިނިސްޓަރ އަމީން ވިދާޅުވާ ގޮތުން، އެ އުއްމީދު ހަގީގަތައް ހަދަން އަލުން މި ޖެހެނީ އެއަރޕޯޓް ރީޑިޒައިންކޮށް، އަލުން ތަރައްގީ ކުރާށެވެ!




