Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުނޭޝަން ޗެޓް

"ނޭޝަން ޗެޓް"ގެ ދެވަނަ ޕްރޮގްރާމްގައި ރައީސް މުޢިއްޒު އަށް ކުރި ސުވާލުތަކާއި، އެ ސުވާލުތަކަށް ދެއްވި ޖަވާބު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި މާލޭގެ މަގުތަކުގެ ތަރުތީބާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ އިތުރުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރެއްވި. މިގޮތުން ޕޭޕަލް ފަދަ ބައިނަލްއަޤްވާމީ ޚިދުމަތްތަކާއެކު ޑިޖިޓަލް އިކޮނޮމީއެއް ބިނާކުރުމާއި، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކުގެ ތަފުސީލު ދެއްވައި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ހުރިހާ މަސައްކަތެއްވެސް ނުފޫޒުން އެއްކިބާވެ، ދެފުށް ފެންނަ ގޮތެއްގައި ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސް ދެއްވި. އަދި ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށްޓަކައި ކޮންމެ ހަފުތާއަކުވެސް ވަކި އުސޫލަކުން އާންމުންނާ ބައްދަލުކުރެއްވުމުގެ ފުރުޞަތު ހުޅުވާލައްވާނެކަން އެމަނިކުފާނު އިޢުލާނުކުރެއްވި.

ރާއްޖެ އެމްވީ | 29 ޖޫން 2026 | ހޯމަ 12:41
ޕަބްލިކް ސަރވިސް މީޑިއާ ގެ "ނޭޝަން ޗެޓް"ގެ 
ދެވަނަ ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވަނީ

ޕަބްލިކް ސަރވިސް މީޑިއާ ގެ "ނޭޝަން ޗެޓް"ގެ ދެވަނަ ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވަނީ | ރައީސް އޮފީސް

އަޙްމަދު ޖަދުވާން:

"ނޭޝަން ޗެޓް" ބައްލަވަމުން ގެންދަވާ އެންމެހައި ބޭފުޅުންނަށް މަރުޙަބާ ދަންނަވަން. މިފަހަރުގެ މި "ނޭޝަން ޗެޓް" ޕޮޑްކާސްޓާ އެކީގައި މި ބައްދަލުކޮށްލީ، އަޅުގަނޑު އަޙްމަދު ޖަދުވާން، އަދި ވަފާ.

ވަފާ، މިއީ ދެވަނަ ޕޮޑްކާސްޓް، އެހެންނޫންތޯ؟

މަރްޔަމް ވަފާ:

އާދެ، ދެން، މިފަހަރު އަޅުގަނޑުމެން ޖަދުވާނާ އެކީގައި އިތުރު ދާއިރާތައް ކަވަރކޮށްލަން ދޮގެއްތޯ.

އަޙްމަދު ޖަދުވާން:

އާދެ، އާދެ، ވަރަށް ރަނގަޅު މަޢުލޫމާތުކޮޅެއް އަޅުގަނޑުމެންގެ ބެލުންތެރިންނަށް ލިބިވަޑައިގަންނަވާނެ. ހަމަގައިމުވެސް، އަޅުގަނޑުމެންގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، އަޅުގަނޑުމެންގެ މި ޕޮޑްކާސްޓުގެ އެންމެ ޚާއްޞަ ބޭފުޅަކީ. އަޅުގަނޑުމެން ރައީސަށް ޚާއްޞަކޮށްގެން މި ޕޮޑްކާސްޓް ގެނައުމުގެ މަޤްޞަދަކީވެސް، އަޅުގަނޑުމެން ބެލުންތެރިންނަށް ބޭނުންވާނެ މުހިންމު މަޢުލޫމާތުތައް، އެކި ދާއިރާތަކުން އެހެންނޫންތޯ؟ ސަރުކާރުން ކުރައްވަމުން ގެންދަވާ ވަރަށް ގިނަ ކަންކަން އެބަހުރި. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ހުރިހާ ކަމެއް ރައްޔިތުންނަށް އެންމެ ތިލަކޮށް ގެނެސްދިނުމަށްޓަކައި، މިކަހަލަ ޕްލެޓްފޯމްތައް އެބަ ބޭނުންވޭ ދޮގެއްތޯ؟

މަރްޔަމް ވަފާ:

އާދެ!

އަޙްމަދު ޖަދުވާން:

ރައީސް، ވަރަށް ބޮޑަށް މަރުޙަބާ އިނގޭތޯ، އަޅުގަނޑުމެންގެ މި ޕޮޑްކާސްޓަށް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ޝުކުރިއްޔާ!

އަޙްމަދު ޖަދުވާން:

ރައީސް، އެންމެ ފުރަތަމަ ސުވާލެއް ގޮތުގައި ދަންނަވާލާހިތްވޭ، ދުވަސްވަރަކީ ވަރަށް ފޯރިގަދަ ދުވަސްވަރެއް މުޅި ރާއްޖޭގައިވެސް އިނގޭތޯ. މާލޭގައިވެސް އަޅުގަނޑުމެންނަށް ފެންނަނީ، ދަންވަރެއް، ފަތިހެއް، ހެނދުނެއް ނޯވޭ އިނގޭތޯ، ހަމަ ފުޓްބޯޅައިގެ ފޯރި، ވާރލްޑް ކަޕްގެ ފޯރި. ރައީސްގެ ވާރލްޑް ކަޕް ބެއްލެވުމުގެ ކަންތައްތައް ހުރީ ކިހިނެއްކަމެއް އަޅުގަނޑަކަށް ނޭނގެ، ދަންވަރުވީމާ މިފަހަރު. އާޖެންޓީނާ ވަރަށް ކުރީގައި އުޅެނީ އިނގޭތޯ. ކިހިނެއްތޯ ސަޕޯޓް ކުރުމުގެ ކަންކަން؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ތިޔަ ވިދާޅުވިހެން، ތަންކޮޅެއް ޗެލެންޖިންގ ކަމަކަށް މިވަނީ. ދަންވަރު ބައެއް މެޗުތައް މި އޮންނަނީ ދޮގެއްތޯ؟ އެހެންވީމާ، ބައެއްފަހަރު މި ބެލެނީ. ބައެއްފަހަރު މެޗުގެ އެއްބައި ބެލިދާނެ. ފެށޭ ބައި ބެލިދާނެ. ނިމެނިކޮށް ބެލިދާނެ. އެކަހަލަ ގޮތަކަށް މިދަނީ.

އަޙްމަދު ޖަދުވާން:

މިފަހަރު ތަށި ލިބޭނެބާ އާޖެންޓީނާއަށް؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ލިބޭނެ ފަރާތެއް ބުނާކަށް ނޭނގޭނެ. ލިބޭނެކަމުގެ ވަރަށް އުންމީދު އެބައޮތް.

އަޙްމަދު ޖަދުވާން:

މިހާރު މެސީއަކީ ގޯޓްކަން ކަށަވަރު ދޮގެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އެހެން ދެން، ތިޔައީ ވަރަށް ނުރައްކާތެރި މައުޟޫއަކަށް ތިޔަދަނީ އިނގޭތޯ. އަޅުގަނޑަށް ހީވަނީ، އެންމެ ވަރުގަދަކޮށް މިއުޅެނީ ތަށި ލިބޭނެކަމަށް ކުރިންވެސް ހީކުރި ޤައުމުތައްހެން. އާޖެންޓީނާ ވަރަށް ވަރުގަދަ. ފްރާންސް އަދި އަޅުގަނޑަށް ހީވޭ އާޖެންޓީނާއަށްވުރެވެސް ރަނގަޅުހެން ކުޅޭލެއް. ބްރެޒިލް ވަރަށް ރަނގަޅު. ޕޯޗުގަލް، ހޮލެންޑް، ދެން، އިނގިރޭސިން. މިއިން ކޮންމެވެސް އެއް ޤައުމަކުން ހީވަނީ ތަށި ނަގާނެހެން މިފަހަރު.

މަރްޔަމް ވަފާ:

މިއިން ކޮންމެވެސް އެއް ބަޔަކަށް ތަށި ލިބޭތާ، ކޮންމެ ފަހަރަކުވެސް ވާރލްޑް ކަޕްގައި ދޮގެއްތޯ؟

އަޅުގަނޑުމެން ރާއްޖޭގެ މި ކަންތައްތަކަށް ބަލާއިރު ރައީސް، މިހާރު ވަރަށް ބާރަށް ކުރިއަށް އެބަދޭ، ބޮޑުތަކުރުފާނު މަގުގެ މަސައްކަތް. އަޅުގަނޑުމެން މާލޭގައި ދިރިއުޅެ، ބޮޑުވެ، މިހާހިސާބަށް އައިއިރު، ދުވަހަކުވެސް އެއްވެސް ބަޔަކު އުންމީދުކުރި ކަމެއްނޫންކަންނޭނގެ، މިހާރު ފެނިގެން މިދަނީ. މަގު މިގޮތަށް ފުޅާވެ، މިހާ ފަސޭހައީ. ޙަޤީޤަތުގައި، ކޮބައިތޯ މަޤްޞަދަކީ؟ އަދި މިއީ، ރައީސް ކިހާ ދުރާލާ ވިސްނަވާ، އަދި ރިންގް ރޯޑް ހެއްދެވިއިރުވެސް، ރައީސް އޭގެ މޭސްތިރިއަކަށް ހުންނެވީ. ކިހާވަރެއްގެ ވިސްނުންފުޅަކާ އެކީގައިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ރިންގް ރޯޑް އަދި ކިރިޔާ ރިންގް މި ފުރިހަމަވާން މިއުޅެނީ އިނގޭތޯ. ދެން، އޭރުގައި އަޅުގަނޑުމެން މަސައްކަތް ފެށީ، އޭރު މިކިޔަނީ، އަޅުގަނޑު އޭރުގައި މިނިސްޓަރަކަށް ހުރިއިރުގައި މަގު ފުޅާކުރުމުގެ މަސައްކަތް ފަށައިގެން، މަގުގެ އެއްބައި ނިންމުނީ. ދެން، އެ ހުއްޓުނު ގޮތަށް އެއޮތީ. އޮވެފައި، މިހާރު އަޅުގަނޑު މި ބަލަނީ، ބާކީބައި ގެންގޮސް، ރިންގް ފުރިހަމަކޮށްލެވޭތޯ.

ޙަޤީޤަތުގައި، މާލެއަކީ ވަރަށް ތޮއްޖެހިފައި އޮތް ތަނެއްވީމާ، ބޭރުމަގު، ވަށައިގެން އޮންނަ މަގެއް ގޮތުގައި، ފުޅާ މަގެއްގެ ގޮތުގައި، ކޮންމެ ކޮޅަކަށް ދެ ލޭނުލެވިފައި އޮންނަ ފުޅާ މަގެއްގެ ގޮތުގައި ހެދިއްޖިއްޔާ، މާލޭގެ އެތެރެއަށް ވަރަށް ބޮޑަށް އޭގެ އެނގުން ވާނެ. މި ދެންނެވީ، ދުއްވާ އެއްޗެހި ބޭރުމަގު ޚިޔާރުކުރާލެއް ގިނަވާނެ. މިހާރުވެސް އެނގިވަޑައިގަންނަވާނެ، އެމް.އެމް.އޭ. ކައިރިން ގޮސް، އެމް.ޕީ.އެލް. ސަރަޙައްދާ ހަމައަށް އަޅުގަނޑުމެން އެތަން ހަދާލީމާވެސް، އެ ސަރަޙައްދުގެ ބާޒާރުމަތީގެ އެތެރޭގެ މަގުތަކަށް ލުއިވެގެންދިޔަ.

އެހެންވީމާ، އަޅުގަނޑު ގަބޫލުކުރަނީ، މިހާރު މި ހަދާ ބައި ނިމިގެންދިޔައީމާ، ރިންގް ރޯޑުގެ ވަރަށް ބޮޑު ބައި ނިމުނީ. ދެން އޮންނާނީ، އެމް.ޕީ.އެލް.އިން ފެށިގެންގޮސް، ދެން ބާކީ އޮތްބައި ކޮންޓިނިއު ކޮށްލުން. އެބައި ދެން މިބައި ނިމުނީމާ އިރާދަކުރެއްވިއްޔާ ފަށާނީ.

އެހެންވީމާ، މިއީ އަސްލު ވަރަށް ކުރިއްސުރެ އަޅުގަނޑު ހަމަ ބޭނުންވެފައި އޮތް ކަމެއް. ދެން، އަޅުގަނޑު ގަބޫލުކުރަނީ، މިކަން ހާސިލުވެގެންދިޔައީމަ، މާލޭގެ ޓްރެފިކްގައި އޮންނަ ތޮއްޖެހުމަށާއި، އަދި ޖުމްލަކޮށް އެކިކަހަލަ ކަންކަމުގައި، މާލޭގެ މި މަގުމަތި ބޭނުންކުރާ ފަރާތްތަކަށް، ޚާއްޞަކޮށް ބާޒާރުމަތި، ނޫނީ ބޭރުމަގު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވާނެ. ދެން، ކުޑަކުޑަ އިޝޫއެއް އެބަ ދިމާވޭ، އަދި މުޅި ޕްލޭން އެކީގައި ނުނިމޭތީ. އެއީ، ޕާކުކުރޭ ބޭރުމަގުގައި. މިއީ އަސްލު މުޅި މަގުގައި ޕާކުކުރާ ގޮތަކަށް އޮންނަ ކަމެއް ނޫން. މީގެ ކުރީގައި، މި މަގުގެ، ރިންގް ރޯޑުގެ އެ ހެދިފައި އޮތްބައި ހެދިފައި އޮތްއިރުގައި، ފުރަތަމަ އަހަރުތަކުގައި ދިޔައީ ވަރަށް ރަނގަޅަށް މެއިންޓެއިން ކުރެވެމުން. އެހެންނަމަވެސް، މިހާރަކަށްއައިސް މި ފެންނަނީ، މީގެ ދެތިން އަހަރު ކުރިން، ނޫނީވިއްޔާ ތިން ހަތަރު އަހަރު ކުރިން ފެށިގެން މަޑުމަޑުން ޕާކުކުރަން ފަށައިފި. ދެން، މުޅި ރިންގް ރޯޑް އެކީގައި ނިމިގެންދާއިރުގައި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އެކަމަށްވެސް ޙައްލުތައް ގެންނާނަން. މިސާލަކަށް، މިހާރު މި ހަދާ ބައިގައި، ބޭރަށް ވަރަށް ފުޅާކޮށް، ބޮޑު ސަރަޙައްދެއް ވަކިން އެބަ ހަދަން. އެތަނަކީ، އެ ސަރަޙައްދުގެ ހުރިހާ އޮފީސްތަކާއި، ބޭންކާއި، މި ހުރިހާ ތާކަށް ދާ އެންމެން، އެތަނުގައި ޕާކުކުރާ ގޮތަށް ހަދަނީ. އޭރުން މަގުގައި އެއްވެސް މީހަކު ޕާކެއް ނުކުރާނެ. މަގު އޮންނާނީ ފުލްކޮށް، ދެ ލޭނު ދެކޮޅަށް. އެހެންވީމާ، ބޭރަށް މި ނެރޭ ބައިގައި ޕާކުކޮށްފައި ހުންނާނީ. އެހެންވީމާ، ޕާކިންގ މައްސަލަ އެކީގައި ޙައްލުވާގޮތަށް މި މަގު ހެދިގެން ދިޔައީމާ، އިރާދަކުރެއްވިއްޔާ މާލޭގެ އެތެރެއަށް ވަރަށް ލުއިވާނެ.

ދެން، މިއީ ފެށުމެއް. ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހަދާ ބައި މި ހަދަނީ، ރިންގް ރޯޑުގެ. ދެން، މާލޭގެ އެތެރޭގެ މަގުތައް އިރާދަކުރެއްވިއްޔާ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އެ ފެށެން އުޅޭ މަސައްކަތް ފެށުނީމާ، އޭގެތެރެއިން ހެދިގެންދާނެ، މާލޭގެ އެތެރޭގެ ހުރިހާ މަގެއް. ދެން، އެ ބޭފުޅުންގެ މަސައްކަތުގެ ތެރޭގައި، އެންމެ ފުރަތަމަ އަޅުގަނޑަށް ލިބިފައި އޮތް މަޢުލޫމާތުގެ އަލީގައި ދަންނަވަންޏާ، މަޖީދީމަގާއި، މިހެންގޮސް ބައެއް ކީ އަރޓްރީ ރޯޑްސް، ނޫނީވިއްޔާ މައި މަގުތަކެއް ހެދިގެންދާނެ. އެހެންވީމާ، މަގު ހެދުމުގެ މަޝްރޫޢަކީ، އަޅުގަނޑު ވަޢުދުވީ އެންމެ މުހިންމު އެއް ކަންތައް މާލެއަށް، ދެވަނަ ކަމަކަށް. އެހެންވީމާ، މި މަސައްކަތް ކާމިޔާބުވެގެންދާ ތަން ފެންނާތީ އަޅުގަނޑު ވަރަށް އުފާކުރަން.

އަޙްމަދު ޖަދުވާން:

ރައީސް ދެން، ތިޔަ ވިދާޅުވި އެ ވާހަކަފުޅާ އެކީގައި، އަޅުގަނޑު ހަމަ ހިތަށްއަރާ ސުވާލެއް އިނގޭތޯ މިއީ. މި ޕާކިންގ މައްސަލަ މިއީ ދެން އަޅުގަނޑުމެންގެ ތެރޭގައި، ވަރަށް ބޮޑު މައްސަލައަކަށް ވެފައި މި އޮންނަނީ. ޚާއްޞަކޮށް، މާލެ ސަރަޙައްދުގައި. ދެން، ރައީސް ވަޒީރުކަމުގައި ހުންނެވި ދުވަސްވަރުގައި، މާލެއާއި، ހުޅުމާލެއަށް ގެންނެވި ބައެއް މުހިންމު ބަދަލުތަކާ އެކީގައި، އަޅުގަނޑުމެންނަށް ފެނުނު، ވަރަށް ތަރުތީބުވެގެންދިޔަ ތަން މާލޭގެ މި ޕާކިންގ. ޚާއްޞަކޮށް، މާލޭގެ މި ބޮޑުތަކުރުފާނު މަގާއި، ހުޅުމާލޭގެ މުހިންމު ބޮޑެތި މަގުތައް، ވަރަށް ހިތްގައިމުކޮށް ތަރުތީބުވެފައި އޮތް. އެހެންނަމަވެސް، އެ ވެރިކަން ބަދަލުވުމާއެކީގައި، އެކަން ދިޔައީ. ދެން، މިހާރު އަޅުގަނޑުމެންނަށް މި ފެންނަނީ އެއްކަލަ، "ނުބީހެންޏާ ކަނޑާހަމަ" އުސޫލު އިނގޭތޯ. "ދުއްވެންޏާ އޯކޭ" އިނގޭތޯ. އެގޮތަށް މި ފެންނަނީ. ދެން، އަޅުގަނޑު ހިތަށްއަރަނީ، ރައީސް ތިޔަ ވިދާޅުވިގޮތަށް، މަގުތަކަށް މިގެންނަ ތަރައްޤީގެ މުހިންމު ބޮޑެތި، ހިތްގައިމު ބަދަލުތަކާ އެކީގައި، އަޅުގަނޑުމެންގެ އަޚްލާޤަށް، އެ ޕާކުކުރާ މީހުންގެ އުޅުމަށްވެސް އެބަޖެހޭ ނޫންބާއޭ ބަދަލުތަކެއް ގެންނަން. ރައީސްގެ ހައިސިއްޔަތުން، ކިހިނެއްބާއޭ މިކަމާމެދު ދެކެވަޑައިގަންނަވަނީ؟ އަދި، އެ ޕާކިންގއަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ މުހިންމު ސިޔާސަތުތަކުގެ ސަބަބުން، މި މައްސަލައަށް ކިހާ އަވަހަކަށް ޙައްލެއް އަތުވެދާނެބާއޭ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ޕާކިންގގެ މައްސަލައަކީ، މަގުތައް ރަނގަޅަށް ބޭނުންކުރުމަށް އެންމެ މުހިންމު އެއް ކަންތައް. އަދި ރީތި މަގުތަކެއް ހެދިޔަސް ނުވާނެ މިކަމެއް ޙައްލެއް. ޙަޤީޤަތުގައި، މާލޭގައި އެންމެ ބޮޑު އެއްކަމަކީ، މަގުތަކާ ގުޅިފައި މިއޮތް މައްސަލަތައް. މަގުތަކުގެ ފެންވަރު ދަށީ. އެހެންވީމާ، މަގުތައް މި ހަދަނީ. ދެން، މަގުތަކުގައި ފެންބޮޑުވަނީ، އެއީވެސް މަގުތައް ހެދިފައި އޮތްގޮތުން، ފެން ހިންދޭނެގޮތް ނެތީ. އެހެންވީމާ، މަގުތައް ހެދޭއިރުގައި، މަގުތަކުގައި ފެންބޮޑުވުންވެސް ޙައްލުވެގެންދާނެ އިރާދަކުރެއްވިއްޔާ.

ދެން، އެއާއެކީގައި މިއޮތީ، ޕާކުކުރުމުގެ މައްސަލަ. ޕާކުކުރާ ގޮތުގެ މައްސަލަ. އެކަމަށް ޙައްލެއް ގެންނަން ބަލާއިރުގައި، މާލެއަށް ނުކަތާވަރަށް ވެހިކަލް އެބަހުރި ގެނެސްފައި. އެކި ބޭނުންތަކަށް. ހަމަ ޒަރޫރީ ބޭނުންތަކަށް ގިނައިން ގެނެސްފައި ހުރީ. ދެން، އެކަމަށް ބަލާއިރުގައި، ޕާކިންގ އިމާރާތްތަކެއް އެޅިގެން ދިޔުމަކީ ވަރަށް މުހިންމު ކަމެއް. ޕާކިންގ ބިލްޑިންގ އެޅުމަށް، ސަރުކާރުން ވަރަށް މަސައްކަތް ކޮށްފިން މިއަދާ ހަމައަށް އައިއިރުގައި، މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި. އެހެންނަމަވެސް، އަދި އަޅުގަނޑުމެންނަށް އޭގެ ޢަމަލީ ސިފައެއް ނުޖެއްސޭ. ސަބަބަކީ، މިކަމަށް ޚަރަދުކުރަން އަޅުގަނޑުމެން ފުރަތަމަ މަސައްކަތް ކުރަމުން މިއައީ، ބޭރުގެ އެކިކަހަލަ ފަންޑިންގތަކުގެ ތެރެއިން. މިހާރުވެސް ވާނެ ބޭރުގެ ލޯނެއްގެ ތެރޭގައި ހިމަނާފައި. އެހެންނަމަވެސް، އެ ލޯނު ލިބޭގޮތް، އަދި ނޫނީވިއްޔާ ބޭނުންކުރެވޭ ހިސާބަކަށް ނުދޭ. އެހެންވީމާ، އަޅުގަނޑުމެން މިހާރު މި ބަލަނީ، އެއަށް މަޑުނުކޮށް، ސަރުކާރުން ސީދާ ބަޖެޓުން ކޮންމެވެސްކަހަލަ ޙައްލެއް މިއަށް ގެނެސްގެން، ބައެއް އިމާރާތްތައް އަޅަން. ދެން އެއާއެކީގައި، ހުޅުމާލޭގައި ބައެއް ފަރާތްތަކާ މިހާރު ހަވާލުވެސް ކުރެވިއްޖެ. އެ ފަރާތްތަކުން އަމިއްލައަށް ޕާކިންގ އިމާރާތް އަޅައިގެން، ޕާކިންގ ޕްރޮވައިޑް ކޮށްދިނުމުގެ އިމާރާތްތަކެއް އަޅަން. ދެން އެހެންނަމަވެސް، އެއީ އެއް ކަންތައް.

ދެން އެއާއެކީގައި، މާލޭގެ މަގުތަކުގެ ތެރެއިން ބަލާއިރުގައި، އެންމެ ހަނި ގޯޅިތަކާއި، މަގުތައް. ޙަޤީޤަތުގައި، މިއީ އެންމެ ބޮޑަށް އިސްކަންދޭންޖެހޭ ދިމަދިމާއަކީ، ޕާކިންގ މައްސަލަ ޙައްލުކުރުމުގައި. ސަބަބަކީ، އެ ގޯޅިތަކުގައި، އަރިމަތީގައި ޕާކުކޮށްލާފައި ހުންނަ ގޮތުން، ހިނގަންވެސް އުނދަގޫ. ހަމައެކަނި ދުއްވާކަށް ނޫން އުނދަގުލީކީއެއް. އަދި، ކަންމަތިތަކުގައި އެކީގައި މި ހުންނަނީ ޕާކުކޮށްފައި. ދެން، އެއީ ވަކި ހަނިމަގެއް، ފުޅާމަގެއް، ގޯޅިއެއް ވެގެނެއްނޫން، ހުރިހާ ތާކުވެސް އޮތް މައްސަލައެއް. އެހެންވީމާ، މިގޮތުން މިކަމަށް ޙައްލެއް ގެންނަންޖެހޭ. ދެން، މިހާރު ޓްރާންސްޕޯޓް މިނިސްޓްރީއާއި، ކޮންސްޓްރަކްޝަން މިނިސްޓްރީއާއި، އަދި ޓްރެފިކް ޕޮލިސްއާ ގުޅިގެން، އަޅުގަނޑުމެން މަސައްކަތްތަކެއް އެބަ ރާވަން. މިހާރު ދެން ގާތްގަނޑަކަށް، ޢަމަލީގޮތުން ތަންފީޒުކުރަން ފަށާ ހިސާބަށް ގޮސްފައި މިވަނީ. އެކަމަކު ދެން، ސިޓީ ކައުންސިލްގެ އެހީތެރިކަން ބޭނުންވާނެ. ދެން، އަޅުގަނޑަކަށް ނޭނގެ، ސިޓީ ކައުންސިލުން އެހީތެރިކަން ދޭނެ ކަމެއް އިނގޭތޯ. އެއީ، މިހާރު މިއޮތް ސިޓީ ކައުންސިލް މަސައްކަތް ކުރަނީކީއެއް، ސަރުކާރާ އެކީގައި މަސައްކަތް ކުރުމުގެ ވިސްނުމެއްގައި ހެނެއް ނުއެއްފެނޭ، މިއަދާ ހަމައަށް މިދިޔަ ދުވަސްތަކުގައި.

ދެން، އެނީވޭ، ކޮންމެގޮތެއްވިޔަސް މިސާލަކަށް، އަޅުގަނޑުމެން މި ވިސްނާފައި އޮތް އެއްކަމަކީ، ޕާކުނުކުރެވޭ ގޮތަށް ކަންމަތިތަކުގައި ރޮނގުދަމަން، ޑަބަލް ރޮނގު، ނޫނީވިއްޔާ "ނޯ ޕާކިންގ" ރޮނގު ދަމަންޖެހޭނެ. އެ ދަމައިދޭންޖެހޭ ބަޔަކީ ސިޓީ ކައުންސިލް. އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ހިއެއްނުވޭ، ސިޓީ ކައުންސިލުން އެއްބާރުލުން ދޭނެހެނެއްވެސް. އެކަމަކު، އަޅުގަނޑުމެން މަސައްކަތްކުރާނަން، އެ ބޭފުޅުންގެ އެއްބާރުލުން ލިބޭތޯ. ނުލިބިއްޖިއްޔާ، އަޅުގަނޑުމެން ސީދާ، ސަރުކާރުން ދެން ކޮންމެވެސް ގޮތެއް ހޯދަންޖެހޭނީ އެކަމަށް. ދެން، ޑަބަލް ރޮނގު ދަމާފައި، އެ ތަންތަނުގައި ޕާކުކުރުން ހުއްޓުވުމުގެ ގޮތުން، ޓްރެފިކް ޕޮލިސްއާއި، އާންމު ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޭނުންވާނެ ކޮންމެގޮތެއްވިޔަސް. އެތާ ޕާކުކުރާނީ ކޮންމެވެސް މީހަކު. އެ މީހަކު އެތާ ޕާކުނުކުރަން ނުނިންމަންޏާ، ޕާކުނުކޮށް އެތަން ހުސްކޮށް ބާއްވަން ބޭނުންނުވަންޏާ، ހަމަ އަބަދުވެސް އޮންނާނީ މައްސަލަ ޙައްލުނުވެފައި. އެހެންވީމާ، އެއީ އެއް ކަންތައް. ދެން، ހަނި މަގުތަކުގެ ތެރޭގައި، ޕާކުކޮށްފައި ހުންނަ ގޮތް ބަދަލުކުރަންވެސް މިހާރު އެބަ އުޅެން. އަޅުގަނޑުމެން މަސައްކަތެއްކުރަން، ތަންކޮޅެއް ކަތިކޮށް ޕާކުކުރަން ރޮނގުދަމާ ހަދާފައި. އެއީވެސް އަނެއްކާ ސިޓީ ކައުންސިލްގެ އެހީ ބޭނުންވާ ކަމެއް. ދެން، ގޭގެއިން ނުކުތުމަށް ވަރަށް ދަތިވާގޮތަށް މި ހުންނަނީ، މުޅިން އެކީގައި ޕާކުކޮށްލާފައި މި ހުންނަނީ. އެހެންވީމާ، ބައެއް ސަރަޙައްދުތަކުގައި، އެކްސެސް ޕާތްވޭތަކެއް ހަދާފައި، ނުކުމެ ވަދެވޭގޮތެއް ހަދަން. މިކަހަލަ ޕްރޮޖެކްޓެއް ހިންގަން ވަރަށް މަސައްކަތް ކުރަން އެބަ. ވަރަށް ގިނަ ކަންކަން މިއާއެކީގައި ގުޅިފައި ހުރި ކަންކަން މިއީ. މިސާލަކަށް، ޕެއިޑް ޕާކިންގ ޒޯންތަކެއް ކަނޑައަޅާފައި، އިލެކްޓްރޯނިކަލީ މެނޭޖްކުރާގޮތަށް ޕޭމަންޓް ހެދޭގޮތަށް، ތަންކޮޅެއް ޒަމާނީ ގޮތަކަށް ބައެއް ސަރަޙައްދުތަކުގައި ޕާކުކުރެވޭގޮތް ހެދުމާއި، މިކަހަލަ ބައެއް ކަންތައްތައް އެބައުޅެން ކުރެވޭތޯ. އެހެންނަމަވެސް، މިއީ އެންމެން ގުޅިގެން ކުރެވޭނެ ކަމެއް. ތިޔަ ވިދާޅުވިހެން، އާންމު ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ. އަޅުގަނޑުމެން އެންމެން އުޅެމުންދާ ތަން މި ސިޓީއަކީ. އެތައް ބައެއްގެ ޑެއިލީ ލައިފް މި ތަނަށް ބިނާވެފައި އޮތް، ލައްކައަކަށްވުރެ ގިނަ މީހުން އުޅެމުންދާ ތަނަކަށްވާއިރުގައި، ކޮންމެ މީހަކުވެސް ފަރުދީ ޒިންމާއެއްވެސް އަދާކުރުން މުހިންމުވާނެ. އެންމެން ގުޅިގެން މަސައްކަތް ކޮށްފިއްޔާ ޙައްލު އަންނާނެ. އެހެންވީމާ، އިރާދަކުރެއްވީތީ، މުޅި މައްސަލައަށް ޙައްލު ގެނައުމުގެ މަސައްކަތް އެބަ ކުރެވޭ. މި ދެންނެވިހެން، ތިން މައްސަލައެއް މާލޭ މަގުތަކުގައި މި އޮތީ. މަގުތަކުގެ ފެންވަރު ރަނގަޅުކުރުން، ފެންބޮޑުވުމުގެ މައްސަލަ ޙައްލުކުރުން، ޕާކިންގ މައްސަލަ ޙައްލުކުރުން. މި ތިން ކަންތަކަށް، ޢަމަލީ ސިފައެއް ގެނައުމުގެ މަސައްކަތް އިރާދަކުރެއްވީތީ އެބަ ކުރެވޭ.

މަރްޔަމް ވަފާ:

މުހިންމު ވަރަށް ގިނަ މަސައްކަތްތަކެއް އެއްފަހަރާ ކުރަމުންދާއިރު، އޭގެތެރެއިންވެސް އެންމެ މުހިންމު އެއް ކަމަކަށް ހަމަގައިމުވެސް ވެގެންދާނެ، ބޯހިޔާވަހިކަމުގެ ވާހަކަ. މި މަހަށް ބަލާއިރު، އަޅުގަނޑުމެންނަށް ފެނިގެންދިޔަ، ބޯހިޔާވަހިކަމަށްޓަކައި ސަރުކާރުން މި ހުޅުވައިލި ސްކީމަށް ކުރިމަތިލުމުގެ މުއްދަތު މިހާރު މިވަނީ ހަމަވެފައި. ދެން މިހާރު، މިނިސްޓްރީން ވިދާޅުވެފައި އެބަވޭ، ކްރޮސް ޗެކްކުރުމުގެ، ވެރިފިކޭޝަންގެ މަސައްކަތް ކުރިއަށްދާ ވާހަކަ. މީގެކުރީގައި ހިނގާފައި ހުރި މިކަހަލަ އެކިއެކި މަޝްރޫޢުތަކަށް އަޅުގަނޑުމެން ބަލާއިރު، ފެންނަން އޮތް ޙަޤީޤަތަކީ، މި ވެރިފިކޭޝަން މަރުޙަލާގައި، ރައްޔިތުން އިތުބާރުނުކުރާ، ނުވަތަ ޝައްކުކުރެވޭނެ ކަހަލަ ޖާގަތަކެއް ނުވަތަ ބާގަނޑުތަކެއް ހެދިފައި އެބަހުރި. އަދި، އެ ފުރުޞަތާ އެކީގައި، ހައުސިންގ މަޝްރޫޢަށް މިއޮތީ ރައްޔިތުންގެ އިތުބާރު ވަރަށް ބޮޑަށް ގެއްލިފައި. އެ ނުފޫޒު އޮންނަ ފަރާތަށް އެ ލިބުމުގެ ފުރުޞަތު ބޮޑުވެފައި އޮންނަކަމުގެ ވާހަކަތައް އެއީ ދައްކާ ވާހަކައެއް. މިފަހަރު ރައީސް، ކިހާވަރެއްގެ އިސްކަމެއް ދެއްވާނަންތޯ، މި ވެރިފިކޭޝަންގެ މަރުޙަލާގައި، ސަރުކާރުން ކިހާވަރެއްގެ އިސްކަމެއް ދެއްވާނަންތޯ، ރައްޔިތުންގެ އިތުބާރު ޤާއިމުކޮށް، އަދި ކުރީގައި މި ހިނގިގޮތަށް، މިކަން ނުހިނގާނެ ގޮތަކަށް؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ވަރަށް ވަރަށް މުހިންމު ވާހަކަފުޅެއް ތިޔަ ވިދާޅުވީ. ޙަޤީޤަތުގައިވެސް، މިދިޔަ ދުވަސްތަކުގައި ކަންތައްތައް ކޮށްފައި އޮތްގޮތުން، ހަމަ އިނގިލި ދިއްކުރެވޭ ގޮތަށް ކަންކަން ހުރީ. ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ގޮތަކަށް، ވަކި ބަޔަކަށް ފްލެޓާއި، ގޯތި ލިބޭކަމުގެ ވާހަކަ އެއީ، ހަމަ އަބަދުވެސް ދެކެވެމުން އަންނަ ވާހަކަތަކެއް. އަޅުގަނޑުގެ އެންމެ މުހިންމު، އެއް އިސްކަމެއްދޭ ކަމަކީ، އެކަން ނިމުމަކަށް ގެނެސްދިނުން އިނގޭތޯ. މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ، ނުފޫޒުން އެއްކިބާވެގެން ހިންގޭ މަޝްރޫޢެއްކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދިނުން. އިރާދަކުރެއްވިއްޔާ، އެ ޔަޤީންކަން އަޅުގަނޑު ދެން. މިހާރު މި ފެށިގެން މިދާ މަސައްކަތުގެ ތެރެއިން، އަޅުގަނޑުމެން އެއްވެސްވަރަކަށް ފުރުޞަތެއް ނުދޭނަން، އެއްވެސް މީހަކު ބޭނުންވާ ގޮތަކަށް، ވަކި މީހަކަށް އިސްކަން ލިބޭގޮތަށް، ވަކި މީހަކު، ނޫނީވިއްޔާ ވަކި ޢާއިލާއަކަށް އިސްކަންލިބޭގޮތަށް، އެއްވެސް މީހަކަށް ކަމެއްވާގޮތް ވާކަށެއް. އެއީ، އަޅުގަނޑު ގަބޫލުކުރަނީ، ބޯހިޔާވަހިކަމަކީ ހަމަ އެންމެ ޒަރޫރީ، އެންމެ މުހިންމު ކަންތައް ކަމަށް. ހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ މުހިންމީ، އެ މީހަކަށް ރަނގަޅަށް ދިރިއުޅެވޭނެ ގެދޮރެއް ލިބިފައި އޮތުން. އެހެންވީމާ، އެވަރުގެ ބޮޑު ކަމެއްގެ ތެރޭގައި، އެއްވެސްވަރެއްގެ ނާޖާއިޒް ކަމެއް ހިނގާ، އަދި އެއްވެސް ކަމެއްގައި، ވަކި ކުޑަ ކަމެއްގައިވެސް ހިނގައިގެން ނުވާނެ ކަމަށް ގަބޫލުކުރަނީ، އެއްވެސް ވަރެއްގެ ނާޖާއިޒް ކަމެއް. އެހެންވީމާ، މިހާރު މި ހިނގާ ވެރިފިކޭޝަން ޕްރޮސެސްގެ ތެރެއިން، ވަރަށް ބޮޑަށް ބަލާނަން، އެ ކަންތައް ރަނގަޅަށް ގެންދެވޭތޯ. އިރާދަކުރެއްވިއްޔާ، ދާނީ ރަނގަޅަށް.

ދެން ހަމަ އެއާއެކީގައި، ފްލެޓުތައް، ނޫނީވިއްޔާ ގޯތި ލިބޭ ފަރާތްތަކަށް އެ ލިބުމުގައި، ވަކި މީހަކަށް އިސްކަންދިނުމުގެ ތަރުތީބެއް، އެކަހަލަ އެއްވެސް ކަމެއްވެސް ނުގެންގުޅޭނެ. ތިޔަ ވިދާޅުވިހެން، ކުރީގައި ވަރަށް ބޮޑަށް އެކަން ހިންގާފައި އޮތީ. އެއީ، އަޅުގަނޑުމެން މިދިޔަ ސަރުކާރު ނިމުނުއިރުގައި ހަވާލުކުރަންވެގެން އެ ތައްޔާރުކޮށްފައި އޮތް ލިސްޓު، 4000 ފްލެޓުގެ ލިސްޓު، އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ ކަމަކަށްވި، އެ ލިސްޓުގެ ކަންތައް، އެ ލިސްޓުގައި އެއަށް ފައިނަލް ގޮތެއް ނިންމުމުގައި. ދެން، އަޅުގަނޑު ވަޢުދުވެފައި އޮތްގޮތަށް ގެންދަން، ކޮންމެގޮތެއްވިޔަސް އަޅުގަނޑު ނިންމީ. އެ ވަޢުދު އަޅުގަނޑު ވީ، ކޮންމެ ސަރުކާރަކުން ދިން ފްލެޓެއް ކަމުގައިވިޔަސް، ގޯއްޗެއް ކަމުގައިވިޔަސް، އެ ފަރާތަކާ ހަވާލުކުރަން. ދެން ފުރަތަމަ، އެކިކަހަލަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ކުރެވުނު. ފުރަތަމަ މަސައްކަތް ކުރެވުނީ، އެ ލިސްޓު އެކީގައި ކެންސަލްކޮށްފައި، މުޅިން އެޕްލައި ކުރި އެންމެންގެ ތެރޭގައި އަލުން ވެރިފިކޭޝަން، ނޫނީވިއްޔާ ޗެކްކުރުމުގެ މަސައްކަތްތަކެއް ކުރަން. ދެން، އެކަން ވެގެންދިޔައީ ވަރަށް ބޮޑު ކަމަކަށް. ހަމަ ވަރަށް ކޮންޓްރޮވަރޝަލް ކަމަކަށްވި. އަޅުގަނޑު ވަޢުދުވެފައި އޮތްގޮތަކަށް ނޫނޭ ތިޔަ ގެންދަނީ. ދެން، މިކަހަލަ ވަރަށް ގިނަ ކަންތައްތަކެއް އައީ. އައީމާ ދެން، އެންމެފަހުން އަޅުގަނޑުމެން ނިންމީ، މިދިޔަ ސަރުކާރުން ދިން ލިސްޓަށޭ އަޅުގަނޑުމެން ނިންމާނީ. ދެން، އެކަމަކު އެ ލިސްޓުގައި ވަރަށް ގިނަ މައްސަލަތައް ހުރި ވާހަކަ، އެކި ފަރާތްތަކުން ފާހަގަކުރި. އެކިކަހަލަ ނުފޫޒު ހިންގައިގެން، އެކިއެކި ބާރުގަދަ މީހުންގެ ޢާއިލާތަކަށް، ގެތަކަށް، ފްލެޓުތައް ބަހާލާފައި ހުރި ވާހަކަ. ދެން، އަސާސީ ޝަރުޠުތައް ގޮތުގައި ކަނޑައަޅާފައި ހުރި ކަމެއް، ގޯސްކޮށް ހިނގާފައި އޮތްތޯ އަޅުގަނޑުމެން ޗެކްކުރީ. އެކަހަލަ ކަމެއް ގޯސްކޮށް ހިނގާފައި ނެތް ކަމަށްވަންޏާ، އަޅުގަނޑުމެން ދެން ހަމަ ދޫކޮށްލީ، ޕޮއިންޓްތައް ބަދަލުނުކޮށް. އެއީ އެކަން ހިނގާފައި އޮތް.

އެހެންވީމާ، މީގެކުރިން އެކިކަހަލަ ކަންތައްތައް ހިންގާފައި ހުރީމާ، އަޅުގަނޑުމެން މި އެންޝުއަރ ކޮށްދެނީ، ޔަޤީންކަން މިދެނީ، މި ސަރުކާރުން ދޭ އެއްވެސް ފްލެޓެއް، އެއްވެސް ގޯއްޗެއް، އިރާދަކުރެއްވިއްޔާ ނުދޭނަން، އެކަހަލަ އެއްވެސް ނާޖާއިޒް ކަމެއްގައި ހިމެނޭގޮތަކަށް. އެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުގެ ފަރާތުން އެންމެންނަށް، ހުރިހާ ރައްޔިތުންނަށް ދެން. އަދި އަޅުގަނޑަށް ޔަޤީންކަން އެބައޮތް، މިކަން ކުރާ ފަރާތްތަކުންވެސް، ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންވެސް، އަދި އިސް ވެރިންވެސް އެކަހަލަ އެއްވެސް ނުފޫޒެއް އޭގެތެރެއަށް ވަނުމުގެ ފުރުޞަތެއް ނުދޭނެކަން. އެހެންވީމާ، މިކަން އެނގިވަޑައިގަންނަވާނެ މިހާރު މަޖިލިސް މެންބަރުންނަށްވެސް އިނގޭތޯ. އެއީ، އެ ބޭފުޅުން ގާތަށް އެންމެ ގިނައިން އަންނާނީ، ތިމަންނަމެންނަށް މިވެނި ކަމެއް، މިވެނި ފްލެޓެއް ލިބޭނެގޮތް ހަދައިދިނުމަށް އެދި. އެކަމަކު، އެ ބޭފުޅުންވެސް މިހާރު ވިދާޅުވާނެ، ތިޔަބޭފުޅުން ސުވާލުކުރެއްވިޔަސް، ޔަޤީން ވިދާޅުވާނެކަން، މި ސަރުކާރުން އެ ފުރުޞަތު ނުދޭކަން އިނގޭތޯ. އެ ބޭފުޅުންވެސް އެ ބޭފުޅުންގެ ދާއިރާތަކުގެ ރައްޔިތުން ގާތުގައި މިހާރު ވިދާޅުވެފައި އޮންނާނީ، ތިމަންނަމެން ގާތަށް ނާންނައްޗޭ، މިވެނި މީހަކަށް ފްލެޓެއް، ތިމަންނަގެ ޢާއިލާއަށް ފްލެޓު ދޭށޭ ކިޔާފައި. އެޕްލައި ކޮށްގެން، ޕޮއިންޓް ހަމަވެގެން، އެ އޮންނަ ތަރުތީބަކުންނޭ ލިބޭނީ. އެ އުސޫލު މިހާރު އޮންނާނީ.

އަޙްމަދު ޖަދުވާން:

ރައީސް ދެން، ވިޔަފާރިއާއި، އިޤްތިޞާދާއި، އަދި ޤައުމުގެ މާލީ ޙާލަތު ރަނގަޅުކުރުމަށްޓަކައި، ވަރަށް ގިނަ މަސައްކަތްތަކެއް ފަހަކަށްއައިސް އެބަކުރެވޭ އިނގޭތޯ. ރާއްޖޭގެ ތާރީޚުގައިވެސް ޙަޤީޤަތުގައި، މި ދެންނެވި ދާއިރާތަކުގައި ނުކުރެވޭހާ ގިނަ މަސައްކަތް ކުރެވޭކަން އެބަ ފެނޭ ހިސާބު ނަންބަރުތަކުން ދޮގެއްތޯ؟ ދެން، އަޅުގަނޑުމެން މިހެން ތިބެފައި ދައްކާ ވާހަކައަކަށްވުރެ ބޮޑަށް، މާލީ އިދާރާތަކުން ދައްކާ ހިސާބުތަކުން އެކަން އެބަ ފެނޭ. ދެން މި ފަހުން، ރައްޔިތުންނަށް އެންމެ އުފާވެރި ޚަބަރަކަށް މި ލިބުނީ، "ޕޭޕަލް"ގެ އެ ކަންތައް. ދެން، "ޕޭޕަލް" މި ތަޢާރުފްކުރީ ކޮންބައެއްތޯ، މީގެ މިލްކުވެރިކަން ސާބިތުކުރުމުގެ މަސައްކަތް، އިދިކޮޅު ފަރާތްތަކުން އެބަ ކުރައްވާ. މިއީ، ސަރުކާރުން ކުރި ކަމެއްތޯ، ނޫނީވިއްޔާ އެހެން ބަޔަކު ކުރި ކަމެއްތޯ. އެހެންނަމަވެސް، ރައީސްގެ ވަޢުދެއްކަން އަޅުގަނޑުމެންނަށް ވަރަށް ސާފު. އަދި، މިކަމުގައި ރައީސް ކުރެއްވި މަސައްކަތްޕުޅު، އެކަން ރާއްޖެއަށް ތަޢާރުފްކުރެއްވި ބޭފުޅުންވެސް އެބަ ވިދާޅުވެދެއްވާ. ކޮބައިތޯ މީގެ ސަބަބުން، ދިވެހި ރައްޔިތުންނަށް، ޚާއްޞަކޮށް ޒުވާނުންނަށް ލިބޭނެ ފައިދާތަކަކީ؟ ބައެއް ފަރާތްތަކުން އެބަ ވިދާޅުވޭ، އަދިވެސް ތިމަންނަމެންނަށް މިވެނިކަމެއް އަދި ނުކުރެވެއޭ، އެވެނި ކަމެއް ނުކުރެވެއޭ. ދެން އަދި ތަޢާރުފެއް މިއީ. އެހެންވީމާ، އަދި މީގެ ކަންތައްތައް އޮތީތާ ކުރިއަށް ދޮގެއްތޯ؟ ކޮބައިތޯ ފާހަގަކުރެވޭ ކަމަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އިދިކޮޅު ފަރާތްތަކުގެ ވިސްނުން ހުންނަގޮތުން، މި ސަރުކާރަކުން ނުކުރާނެ އެއްވެސް ކަމެއް އިނގޭތޯ. އެއްވެސް ކަމެއް ނުކުރެވޭނެ. އަޅުގަނޑުމެން ކަމެއް ކޮށްފީވިއްޔާ އޮންނާނީ، އެ ބޭފުޅުންގެ ސަރުކާރުގެ ޒަމާނުގައި ކޮންމެވެސް ކަމެއް އޭގައި ހިނގާފައި. މި ސަރުކާރުން އަލަށް ތަޢާރުފް ކުރެވޭނެ ކަމެއްވެސް ނޯންނާނެ. ނޫނީވިއްޔާ، އީޖާދީ ވިސްނުމެއްވެސް ނުގެންގުޅެވޭނެ. އެހެންވީމާ، އެއަކަށް އަޅުގަނޑު މާބޮޑު ސަމާލުކަމެއް ނުދެން އިނގޭތޯ. ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރި މިހާރު އިނގޭތޯ. ވަރަށް ތަޢުލީމީ، ވަރަށް ލޯހުޅުވިފައި އޮތް މުޖުތަމަޢެއް މިއީ. އަމިއްލަ ވިސްނުމުން ކަންކަން ދެނެގަތުމުގެ ކެޕޭސިޓީ ވަރަށް ވަރަށް ރަނގަޅަށް، އަޅުގަނޑުމެންގެ ޒުވާނުންނާއި، ހުރިހާ ރައްޔިތުންގެ އެބަހުރި. އަޅުގަނޑު ފާހަގަކުރަން އެ ކަންތައް. އެހެންވީމާ، ތިޔަކަމާ ބެހޭގޮތުން އަޅުގަނޑު ދަންނަވާލާނީ، މިއީ ހަމަ ވަރަށް ސާފުކޮށް ފެންނަން އޮތް ކަމެކޭ.

ދެން، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވަޢުދުވީ ކަމެއް. އަނެއްކާ މެނިފެސްޓޯގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮންނާނެ، "ޕޭޕަލް" ޚިދުމަތް ރާއްޖެއަށް ގެނައުމަށް އަޅުގަނޑުމެން މަސައްކަތްކުރާނެ ވާހަކަ. ދެން، ފުރަތަމަކޮޅުން ފެށިގެންވެސް، ސަރުކާރު ފެށިގެން ވަރަށް ކުރީކޮޅު އަޅުގަނޑުމެން އެ މަސައްކަތް ފެށިން.

ދެން، މިކަމުގައި ދަންނަވާލަން ބޭނުންވަނީ، "ޕޭޕަލް"އަކީ ދުނިޔޭގެ ވަރަށް ބޮޑު ކުންފުންޏެއް. މިކަހަލަ ބޮޑެތި ކުންފުނިތަކާ، ސީދާ ސަރުކާރުން މުޢާމަލާތް ކުރުން މިއީ، ކުރީގައި ކުރާ ކަހަލަ ކަންކަމެއް ނޫން އިނގޭތޯ. މިދިޔަ ދުވަސްވަރު، ސަރުކާރުގެ ދުވަސްވަރު އެބަހުރިކަންނޭނގެ، ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެފައި، އެއީކީ ވާނެކަމެއް ނޫނޭ. "ޕޭޕަލް" ރާއްޖެއަކަށް ނުގެނެވޭނޭ. ދެން، ހަމަ އެގޮތަށް، އެ ބޭފުޅުންގެ ފިކުރު ދޮގެއްތޯ، ރާއްޖޭގައި ބުރިޖުވެސް ނޭޅޭނޭ ބުނި ޒަމާނެއްދިޔަ. ދެން، އަޅުގަނޑު ހައިރާނެއްނުވޭ އެކަހަލަ ކަންކަމަކާ. ސަރުކާރުން އެނޭބަލް ކޮށްދޭންޖެހޭ، ފަހިކޮށްދޭންޖެހޭ އެތައް ކަމެއް ހުންނާނެ، ބޭރުގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގައި ޤާއިމުވާން ބޭނުންވަންޏާ. އެ މީހުންގެ ސްޓޭންޑަޑާ އެއްގޮތަށް ކަންތައްތައް ކުރަންޏާ. އެހެންވީމާ، މި ސަރުކާރުން ކުރިކަމަކީ، އެންމެ ކުރީކޮޅުން ފެށިގެން، "ޕޭޕަލް"އާ ކޮމިއުނިކޭޓް ކުރަން ފަށައި، ރަސްމީކޮށް ކޮމިއުނިކޭޓް ކުރަން ފަށައި، އެ މީހުން ބޭނުންވާ ކަންކަމަކީ، ރާއްޖޭގައި "ޕޭޕަލް" ޚިދުމަތް ތަޢާރުފުކުރަންޏާ ކޮބައިތޯ ބަލައި، އެއީ، ރެގިއުލޭޓަރީ ކަންތައްތައް. އެކިކަހަލަ ލީގަލް ކަންތައްތަކާއި، މިހެންގޮސް ތަރުތީބުކުރަންޖެހޭ، ފަހިކޮށްދޭންޖެހޭ ކަންތައްތައް ދެނެގަތީ. ދެނެގަނެފައި، އަޅުގަނޑުމެން އެ ހުރިހާ ކަމެއް ހަމަޖައްސައިދިނީ. ދެން، އެކަމަށް ނެގި ގާތްގަނޑަކަށް އަހަރެއްހާ ދުވަސް، ދޮޅު އަހަރެއްހާ ދުވަސް. އެހެންވީމާ، އެ ހުރިހާ ކަމެއް އަޅުގަނޑުމެން މި ކުރީ، "ޕޭޕަލް"ގެ ފަރާތުން، އަޅުގަނޑުމެންނާ ކޮމިއުނިކޭޓް ކުރި ފަރާތްތަކާ، ވަރަށް ގާތުން މަސައްކަތް ކޮށްގެން. އެ ކަންކަން ކޮށް ނިމުނީމާ، ދެން "ޕޭޕަލް" އިން އަޅުގަނޑުމެން ގާތުގައި ވިދާޅުވި ވާހަކައަކީ، ތިމަންނަމެން ލޯކަލް ޕަރޓްނަރއެއް ހޯދަންޖެހޭނެއޭ. ދެން، އެ މީހުން ބަލާފައި، އެ މީހުން ޗޫޒްކުރީ އުރީދޫ. އުރީދޫ ޗޫޒްކޮށްފައި، އެހިސާބުން ދެން އުރީދޫއާ އެކީގައި، ސަރުކާރާއި، "ޕޭޕަލް"އާއި، އުރީދޫއާ، ތިން ޕާޓީ އެކީގައި މަސައްކަތް ކުރަމުންދިޔައީ. ދެން، އުރީދޫއިން ވަރަށް ވަރަށް ބޮޑު ކޮމިޓްމަންޓެއް މިއަށް ދިން. އަޅުގަނޑު އަބަދުވެސް އެ ބޭފުޅުންގެ އެ ކޮމިޓްމަންޓަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ރާއްޖެއަށް "ޕޭޕަލް" ތަޢާރުފް ކުރުމުގައި، "ޕޭޕަލް"އިން އުރީދޫ ޚިޔާރުކުރި ހިސާބުން، އުރީދޫއިން އެކަމުގައި އެ ދިން ސަމާލުކަމާއި، އިސްކަމަށްޓަކައި، އެ ތަނުގެ އިސްވެރިންނަށް، އަދި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އެހެންވީމާ، މިއީ ހަމަ ފެށުނީއްސުރެ، އަދި ތަޢާރުފްވަންދެކަށް، ސަރުކާރުން ވަރަށް ބޮޑު މަސައްކަތްތަކެއް ކޮށް، ސަރުކާރުން ކޮށްދޭންޖެހޭ އެނޭބްލިންގ ހުރިހާ ކަމެއް ފަހިކޮށްދީގެން، އަޅުގަނޑުމެން ވަރަށް ގާތުން މަސައްކަތްކުރި ކަމެއް. ދެން ކޮންމެގޮތެއްވިޔަސް، އެކަން ހާސިލުވެގެންދިޔަ ދިޔުން އެއީ، އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. ދެން، މިއީ ފެށުމޭ ތިޔަ ވިދާޅުވީ. މިއާ އެކީގައި، އަޅުގަނޑުމެން އިތުރު ޚިދުމަތްތައް ގެނައުމާއި، އަދި "ޕޭޕަލް" ތެރެއިން އިތުރު ކަންތައްތައް ފަހިކޮށްދިނުން ކުރިއަށް އޮތީ. ޑިޖިޓަލް އިކޮނޮމީއެއް ޤާއިމުކުރުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު ވަޢުދެއް. ޑިޖިޓަލް އިކޮނޮމީން ރާއްޖޭގެ ޖީ.ޑީ.ޕީ.އަށް 15 ޕަސެންޓް ކޮންޓްރިބިއުޓް ކުރެވޭ ހިސާބަށް ގެންދިޔުން، 2030އާ ހަމައަށް ދާންވާއިރަށް. އެއީ، އަޅުގަނޑުގެ ޓާގެޓެއް އިޢުލާނުކޮށްފައި އޮތް.

އެހެންވީމާ، އެކަން ކުރުމުގައި މިކަހަލަ އިންޓަރނޭޝަނަލް ޕަރޓްނަރޒް ރާއްޖޭގައި އެސްޓެބްލިޝް ވުމަކީ، މުހިންމު ކަމެއް. "ގޫގުލް"ވެސް މިހާރު އެއޮތީ ރާއްޖެ އައިސްފައި. އެއީވެސް އަޅުގަނޑުމެން ވަރަށް އިސްކަމެއްދީގެން، އަޅުގަނޑުމެން ކުރި މަސައްކަތެއް. އަޅުގަނޑު ޔޫ.އެން.ގެ ޖެނެރަލް އެސެމްބްލީއަށް 2024ގައި ދިޔަ ދަތުރުގައި، އަޅުގަނޑުމެން އެދިގެން އެ މީހުންނާ ބައްދަލުކޮށް، ކުރެވުނު މަޝްވަރާގެ ތެރެއިން، ރާއްޖެއަށް އެ މީހުން އައިސް، މިހާރު މަސައްކަތް ފެށީ އެ. މީގެތެރެއިންވެސް ވަރަށް ގިނަ ކަންތައްތައް އިރާދަކުރެއްވިއްޔާ ވާނެ. އުންމީދުކުރެވޭ. މިސާލަކަށް، "ޔޫޓިއުބް" މަނިޓައިޒޭޝަން. އޭގެތެރެއިން، އެ މީހުން، "ގޫގުލް"އިން ވަރަށް އަވަހަށް ހަމަޖައްސައިދިނުމުގެ މަސައްކަތް އެބަ ކުރޭ.

ދެން މިހެންގޮސް، ވަރަށް ގިނަ ކަންތައްތައް އެބަހުރި. އެހެންވީމާ، ޒުވާނުންނަށް، އަދި ކްރިއޭޓިވް އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް، މިއީ ވަރަށް ބޮޑު ލުއިތަކެއް މި ލިބެނީ ކުރިއަށްދިޔުމުގައި. އެހެންވީމާ، ޑިޖިޓަލް އިކޮނޮމީއެއް ޤާއިމުކޮށްދީ، ރާއްޖޭގެ ޑިޖިޓަލައިޒޭޝަން ފުޅާކޮށް، ވަރުގަދަކުރުމަށްޓަކައި މި ކުރެވޭ މަސައްކަތުގައި، މިއީ ހަމަ ފެށުމެއް އިރާދަކުރެއްވިއްޔާ.

އަޅުގަނޑުމެން މިއޮތީ މިހާރު ތަޢާރުފްކޮށްފައި، "މޯލްޑިވްސް 2.0" ދޮގެއްތޯ؟ "މޯލްޑިވްސް 2.0"އަކީ، އެކިއެކި މަޤްޞަދުތައް އޭގެތެރެއިން ހާސިލުކުރުމުގެ ބޭނުމުގައި ކުރާ ކަމެއް. ހަމަ ޔަޤީނުންވެސް، ވޯޓުލުން އިލެކްޓްރޯނިކަލީ ޑިޖިޓަލް ކުރާކަށް ނޫން މިއުޅެނީކީއެއް އިނގޭތޯ. މިވެސް ދެން ކުރީ ދުވަހު މަޖިލިސް ތެރެއިން އިވުނު ވާހަކައެއް. އިދިކޮޅު ފަރާތްތަކަށް ވާގޮތަކީ، އެ ބޭފުޅުންގެ ނެތީ ރައްޔިތުންނަށް އޮފަރކުރާނެ އެއްވެސް ކަމެއް. ނެތީމާ އޮންނަނީ، ހަމައެކަނި ދޮގުހެދުން. އެހެންވީމާ، އެގޮތުން ހަދާލި ދޮގެއްކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އަޅުގަނޑުމެން ނޫޅެން، "މޯލްޑިވްސް 2.0"ގެ ތެރެއިން ރާއްޖޭގައި ވޯޓުލާގޮތް، އީ-ވޯޓިންގއަށް ބަދަލުކުރާކަށެއް. އެއެއްނޫން. މިއުޅެނީ ކޮރަޕްޝަން ނައްތާލަން މައިގަނޑު ގޮތެއްގައި އިނގޭތޯ. އެހެންވީމާ، ކޮރަޕްޝަން ނައްތާލަން ކުރެވޭ ކަންކަމުގެ ތެރެއިން، އެންމެ މުހިންމު އެއްކަމަކީ، ދޭ ޚިދުމަތްތަކުގެ ތެރެއަށް އިންސާނުން ވަންނަންޖެހޭވަރު ކުޑަކުރުން އިނގޭތޯ. ޚާއްޞަކޮށް، ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއަށް. ޚާއްޞަކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ތަރުތީބު ކުރުމުގައި. އިންސާނަކު އޭގެތެރެއަށް ވަދެ ކަމެއް ކުރަންވެއްޖިއްޔާ، އެބައޮވޭ ފުރުޞަތު، އޭނަ ބޭނުންވާ ގޮތަށް ކަން ކުރުމުގައި. އޮޓޯމޭޓް ކުރެވޭވަރަކަށް، އެބައި ދާނީ ނެތިގެން. އެހެންވީމާ، އެކަން ކުރަންވެގެން، "މޯލްޑިވްސް 2.0" ގެނައީ. އެއީ އެއް ސަބަބަކީ. ދެން، އެއާއެކީގައި، އެފިޝަންސީއާ އެކީގައި، ދެފުށް ފެނުން، މި ހުރިހާ ކަމެއްވެސް. އެހެންވީމާ، މި ހުރިހާ ކަމެއްގެ ތެރެއަށްވެސް ވަދެގެންދާ، ވަރަށް މުހިންމު ކޮމްޕޯނަންޓަކަށް މިވަނީ، "ޕޭޕަލް"އާއި، "ގޫގުލް"އާއި، ދެން މިހެންގޮސް، މި ހުރިހާ ފަރާތްތަކެއް ގެނެސްގެން، ރާއްޖެއަށް އައިސްގެން، ތަޢާރުފްވެގެންދާ ކަންތައްތައް.

މަރްޔަމް ވަފާ:

ޑިޖިޓަލް އިކޮނޮމީ އެއީ، ރައީސްގެ ވަރަށް މުހިންމު ތަޞައްވުރެއް ފާހަގަކުރެވޭގޮތުގައި. "ގޫގުލް" ރާއްޖެ ގެނައުމާއި، "ޕޭޕަލް" ގެނައުމާއި، އަދި މިފަދަ މުހިންމު އިންޓަރނޭޝަނަލް ބްރޭންޑްސްތައް ގެނައުމުގެ މުހިންމު ސަބަބެއް ކަމަށް ރައީސް ފާހަގަކުރެއްވި. މިކަން ކުރަން ތިބީ ޒުވާނުން. މިކަން ކުރަން ތިބީ ދިވެހިން. ކިހާ ގާތުން، ކިހާވަރަކަށް ރައީސް އިސްކަންދެއްވާނަންތޯ، އަދި ކިހާ މަސައްކަތްތަކެއް ކުރެވޭނެތޯ، ޒުވާނުން މީގެތެރެއަށް ވައްދައި، އަދި މީގެ މަންފާ ޒުވާނުންނަށް އެންމެ ފަހިގޮތުގައި ލިބޭނެ މަގު ފަހިކުރުމަށްޓަކައި؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑުމެންގެ އެންމެ އެންމެ މައިގަނޑު ސިޔާސަތަކީވެސް، ޒުވާނުން މެދުވެރިކޮށް މިކަން ކުރިއަށް ގެންދިޔުން އިނގޭތޯ. ޒުވާނުންނަކީ، ރާއްޖޭގެ މިހާރުގެ މި އިކޮނޮމީގެވެސް އެންމެ ބޮޑު ކޮންޓްރިބިއުޓަރ. އަދި ކުރިއަށް އޮތްތާނގައިވެސް، އިރާދަކުރެއްވިއްޔާ އެއަށްވުރެ ބޮޑުވާނެ ފަރާތް. އެހެންވީމާ، ޒުވާނުންގެ ތެރޭގައި ހަކަތަވެސް ހުރީ، ބޮޑަށް ކުރިއަށްދިޔުމުގައި. އަޅުގަނޑު ނުދަންނަވަން، އިސް ރަށްވެހިންގެ ޚިދުމަތް ރާއްޖެއަށް މުހިންމު ނޫނެކޭ. އިސް ރަށްވެހިންގެ ޚިދުމަތް ވަރަށް މުހިންމު. ރާއްޖެ މިއަދާ ހަމައަށް ގެނައުމުގައި ހަމަ އެންމެ ބޮޑު ޤުރުބާނީއެއްވީ އިސް ރަށްވެހިން. އަދި، މެދުއުމުރުގެ ފަރާތްތަކުން މިކުރާ މަސައްކަތް، ޢާއިލާތައް ބެލެހެއްޓުމާއި، ޒުވާނުން ތަރުބިއްޔަތު ކުރުން، އުފަލާއެކީގައި އަޅުގަނޑު ބަލައިގަންނަން. ސަރުކާރުން އެއަށް ހުރިހާ ކަމެއްވެސް ކޮށްދޭނެ، އިސްކަންދޭނެ. އެކަމަކު، މި ދަންނަވާ ވާހަކައަކީ، ޒުވާން ކުދިން ސްކޫލް ނިންމާފައި، ކިޔެވުން ނިންމާފައި، ދިރިއުޅުމެއް ފެށޭ ހިސާބަށް މިދާ ޒުވާން ކުދިން، އެ ކުދިންގެ އެ އުމުރުން ފެށިގެންގޮސް، ދިހަ، ބާރަ އަހަރު، ނޫނީ ވިއްސަކަށް އަހަރު ދުވަހާ ހަމައަށް މި ލިބޭ މުއްދަތު، އެއީ އިކޮނޮމީއަށް އެންމެ ބޮޑު ކޮންޓްރިބިއުޝަނެއް ދެވޭނެ އުމުރަކަށްވާނެ. އެ އުމުރުގައި، އެ ފަރާތްތަކުގެ އަމިއްލަ ދިރިއުޅުން މުއްސަނދިކޮށް، އަމިއްލަ ދިރިއުޅުން އިތުރަށް ވަރުގަދަކުރެވޭނެ، އެމްޕަވަރ ކުރެވޭނެ ގޮތްތައް ސަރުކާރުން ފަހިކޮށްދީ، އަދި އޭގެތެރެއިން، އޭގެ ނަތީޖާއެއްގެ ގޮތުން، މުޅި ޤައުމުގެ އިޤްތިޞާދަށް އެއިން ފައިދާވާނެ ގޮތަށް ކަންކަން ބައްޓަންކޮށްދިނުމަކީ، އަޅުގަނޑުމެން ގެންގުޅޭ ސިޔާސަތަކީ.

އެހެންވީމާ، ޑިޖިޓަލް އިކޮނޮމީގައި، އަދި ކްރިއޭޓިވް އިކޮނޮމީގައި، އަދި އެހެންނޫނަސް، ޖުމްލަކޮށް ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި، އެއީ މަސްވެރިކަންވިޔަސް، ދަނޑުވެރިކަން ކަމުގައިވިޔަސް، ޓޫރިޒަމް ދާއިރާ ކަމުގައިވިޔަސް، މިއިން ކޮންމެ ދާއިރާއެއްގައި މަސައްކަތް ކުރުމުގައިވެސް، އަދި ސަރވިސް އިންޑަސްޓްރީގެ ހުރިހާ ކަމެއްގެ ތެރޭގައިވެސް، އަދި އެހެން ދާއިރާތަކުގައިވެސް، ހަމަ އެންމެ އިސްކަމެއްދެނީ ޒުވާނުންނަށް އިނގޭތޯ. މިހާރު އަޅުގަނޑުމެން އެސް.އެމް.އީ. ޑިޖިޓަލް ބޭންކުގެ ތެރެއިން މިދޭ ކުދިކުދި ލޯނުތައް، މިކަންކަންވެސް މި ފަހިކޮށްދެނީ ޒުވާނުންނަށް. އަދި، އިރާދަކުރެއްވިއްޔާ މާ ލަސްތަކެއްނުވެ، ސަރުކާރުން އެބަ ތަޢާރުފްކުރަން، އަދި ވަރަށް ބޮޑު ފުރުޞަތެއް އެބަ ހުޅުވައިލަން. މާ ލަސްތަކެއްނުވެ އަޅުގަނޑުމެންމި ކުދި ލޯނުތައް ދޫކުރުމުގެ ފުރުޞަތު އެބަ ހުޅުވައިލަން. އެ ތަފުސީލުތައް މާ ލަސްތަކެއްނުވެ ލިބިގެންދާނެ.

އެހެންވީމާ، ޒުވާނުން ބާރުވެރިކޮށްދިނުން، އަންހެން، ފިރިހެން، ދެ ޖިންސުގެ ޒުވާނުން ބާރުވެރިކުރުވުން އެއީ، އަޅުގަނޑުމެން އެންމެ އިސްކަމެއްދޭ ސިޔާސަތަކީ. ދެން އޭގެތެރެއަށް، ނުކުޅެދުންތެރިކަން ހުރި ފަރާތްތައްވެސް މެއިންސްޓްރީމް ކުރުން އެއީ، އަޅުގަނޑުމެން ވަރަށް އިސްކަމެއްދޭ ކަމެއް އިނގޭތޯ. މިހާރު އެކިއެކި އެސް.އޯ.އީ.ތަކުގައާއި، މިނިސްޓްރީތަކުގައި، ނުކުޅެދުންތެރިކަން ހުރި ވަރަށް ގިނަ ފަރާތްތަކަށް، އެ ފަރާތްތަކަށް ކުރެވޭނެ ޒާތުގެ މަސައްކަތްތައް އަޅުގަނޑުމެން އެބަ ހަވާލުކުރަން ވަޒީފާ ދޭން. ދީގެން، ޢާއިލާތައް އެބަ ބާރުވެރިކުރުވަން. އެހެންވީމާ، ޒުވާނުން ބާރުވެރިވެރިކުރުވުމުގެ ތެރެއިން، މި ދެންނެވި ފަދައިން، ހަވާސާވެފައި ތިބި ފަރާތްތަކަށްވެސް ފުރުޞަތު އެބަ ދެން.

އަޙްމަދު ޖަދުވާން:

ރައީސް ދެން، ސަރުކާރުން ފަހުން އެޅުއްވި މުހިންމު ފިޔަވަޅުތަކުގެ ތެރެއިން، ފެށުނީއްސުރެ އެޅި ފިޔަވަޅުތަކަށް ބަލާއިރުވެސް، ހަމަ ވަރަށް ބޮޑަށް ފާހަގަކުރެވޭ، ދިވެހި ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ މަސައްކަތް. އޭގެތެރޭގައި، ދުންފަތުގެ ކަންތައް އިނގޭތޯ. ދެން، މިއީ އަޅުގަނޑުމެން ހީކުރާ ވަރަށްވުރެ ބޮޑު މައްސަލައެއް ރާއްޖޭގައި. އެއީ، ދުންފަތުގެ ސަބަބުން މަގުފަހިވާ ބަލިތައް، ރާއްޖޭގައި ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް، އިންތިހާ ދަރަޖައަށް އެބަ އިތުރުވޭ. އެއަށް ކުރެވޭ ހޭދަވެސް އިންތިހާ ދަރަޖައަށް ބޮޑު. އޭގެ ނުތަނަވަސްކަމާއި، ކެކުޅުން ރައްޔިތުން ތަޙައްމަލްކުރާ މިންވަރުވެސް އެހާބޮޑު. އެހެންވީމާ، ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން، މިކަންކަމުގައި ވަރަށް މުހިންމު ގިނަ ފިޔަވަޅުތަކެއް އެޅުއްވި. މި ފިޔަވަޅުތަކުގެ މުހިންމު ވާހަކަ، އަޅުގަނޑުމެން ނޫސްވެރިންނެއް ނޫން މި ދައްކަނީ. ޑަބްލިޔޫ.އެޗް.އޯ.އިން، ދުނިޔޭގެ ޞިއްޙަތާ ބެހޭ އެކިއެކި ޖަމުޢިއްޔާތަކުން މި ވާހަކަ ދައްކަވާ. ރައީސަށް ވަނީ ޚާއްޞަ އެވޯޑެއްވެސް ލިބިވަޑައިގެންފައި، މިކަމުގައި ކުރައްވާ މަސައްކަތްޕުޅާއި، ވަކާލާތަށް ބައްލަވާފައި.

އަޅުގަނޑު ހިތަށްއަރަނީ މި ފަހުން، ދުންފަތާ ގުޅޭ ބިލެއް މިހާރު އެބައޮތް މަޖިލީހަށް ހުށަހަޅާފައި. މި ބިލާ ގުޅިގެން، އިދިކޮޅު ފަރާތްތަކުން އެބަ ވިދާޅުވޭ، ޑަބްލިޔޫ.އެޗް.އޯ.އޭ ވިދާޅުވެފައި، ރައީސް އަނެއްކާ ޔޫ-ޓަރނެއް ނެންގެވީއޭ. އަނެއްކާ ބަދަލުކުރައްވަނީއޭ ކުރިން ކުރެއްވި ހުރިހާ ކަމެއް. ކިހިނެއްތޯ ރައީސް، އެ ވިދާޅުވާ ވާހަކަފުޅުގެ ޙަޤީޤަތަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އިދިކޮޅު ފަރާތްތަކުގެ ކްރިޓިޒަމް ނާންނާނެ ގޮތަކަށް ކަމެއް ނުކުރެވޭނެ. އަޅުގަނޑު މަސައްކަތްކުރަނީ، އިދިކޮޅު ފަރާތްތަކުން ބުނަނީ ކޮންއެއްޗެއްތޯ ބަލައިގެނެއްނޫން. އިދިކޮޅު ފަރާތްތައް ރާއްޖޭގައި ޒިންމާދާރުވީ ދުވަހަކުން، އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަށްވެސް އަޅުގަނޑުމެން ވަރަށް ސީރިއަސް ނަޒަރެއް ދޭނަން. ރާއްޖެއަކު ނެތް، ޒިންމާދާރު އިދިކޮޅު ފަރާތްތަކެއް މިއަދު. މިއަދު އޮތީ ހުރިހާ ކަމަކަށް އިދިކޮޅު ހެދުމުގެ ފަރާތްތައް އިނގޭތޯ. އެއީ، ވަރިހަމަ ކޮންމެފަދަ، ކިތަންމެ ރަނގަޅު ކަމެއް ހުށަހެޅިޔަސް، އިދިކޮޅުހެދުން މި އޮންނަނީ. އެހެންވީމާ، އަދި މި ރާއްޖެއަކު ނެތް އުރަތްޕެއް ހުރި އިދިކޮޅު ފަރާތްތަކެއް އިނގޭތޯ. އެހެންވީމާ، އެއަކަށް ނުބަލާނަން އަޅުގަނޑެއް. އަޅުގަނޑު ބަލާނީ، ރައްޔިތުންނަށް އެންމެ ފައިދާވާނީ ކޮންގޮތެއްތޯ. ރާއްޖޭގެ ދުޅަހެޔޮކަން އިނގޭތޯ، މުޖުތަމަޢުގެ ދުޅަހެޔޮކަން އެއީ، ކުރިން ދެއްކި އިޤްތިޞާދީ ވާހަކަ ދެއްކިއިރު، އިޤްތިޞާދެއް ބިނާކުރުމުގައިވެސް އެންމެ މުހިންމު ކަމަކީ، ދުޅަހެޔޮ މުޖުތަމަޢެއް އޮތުން. ރަނގަޅަށް މަސައްކަތް ކުރެވޭނެ، ޞިއްޙަތު ރަނގަޅު ޒުވާނުން، އެކި އުމުރުފުރާގެ ފަރާތްތައް ތިބެގެން، އެ ފަރާތްތަކުގެ ޢާއިލާތަކަށްވެސް ކަމެއް ކޮށްދެވޭނެ. އަދި ޤައުމަށްވެސް ކަމެއް ކޮށްދެވޭނީ. އެހެންވީމާ، އެގޮތުން ބަލާއިރު، ވަށާޖެހޭ ޞިއްޙީ ދުޅަހެޔޮކަމުގެ ސިޔާސަތު ތަންފީޒު ކުރުމަށް، އަޅުގަނޑު ކަނޑައެޅި ސިޔާސަތަކީ، ފްރޮމް ޑޭ ވަން ދޮގެއްތޯ؟ އެހެންވީމާ، އެއީ ޕްރިވެންޓިވް ހެލްތް ކެއަރއާއި، ކިއުރޭޓިވް ހެލްތް ކެއަރއާ، ދެ ކަންތަކަށްވެސް އެއްވަރަކަށް އިސްކަންދިނުން. މިއީ، ކުރީގައި ކުރި ކަމެއް ނޫން އިނގޭތޯ.

އެހެންވީމާ، އެގޮތުން ބަލާއިރުގައި، ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، އަޅުގަނޑުމެންގެ ތެރޭގައި ފެށުނީއްސުރެ އޮތް ކަމެއް. ހަމައެކަނި ރާއްޖެއަކު ނޫން، މުޅި ދުނިޔޭގައިވެސް އޮންނަ ކަމެއް. އެހެންވީމާ، އެ ކަންތައް ވީހާވެސް ވަރަކުން ކުޑަކޮށް، ވީހާވެސް ބޮޑަކަށް އެކަމުން ރައްޔިތުން ދުރުކުރުވުމަކީ، ކުރަންޖެހޭނެ ކަމެކޭ. މިއީ، ރާއްޖޭގައި މާނަހުރިގޮތެއްގައި، ދިގު މުއްދަތަށް ދެމެހެއްޓެނިވި ގޮތެއްގައި، ރަނގަޅު މުޖުތަމަޢެއް ބިނާކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކޮށް، އެއިން ޤައުމަށް ފައިދާހުރި ކަންތައްތަކެއް ހޯދައިދޭ ކަމަށްވަންޏާ. އަދި، އެ ބައެއްގެ އަމިއްލަ ދިރިއުޅުމަށްވެސް ފައިދާވާނެ ކަންތައްތައް ކޮށްދެންޏާ. އެހެންވީމާ އެގޮތުން، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ރައްޔިތުން ދުރުކުރުވުމަށް ކަންތައްތަކެއް، ވަށާޖެހޭގޮތެއްގައި ކުރެވޭތޯ މަސައްކަތް މިކުރާ ސަބަބަކީ. ދެން، އޭގެތެރެއިން މި އަންނަނީ، ޑްރަގު ބޭނުންކުރުމާ، މި ހުރިހާ ކަމެއްވެސް. އެހެންވީމާ، ވޭޕް މަނާކުރުމަކީ މީގެތެރެއިން ކުރެވުނު އެންމެ މުހިންމު އެއް ކަންތައް. އެއީ، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ތެރެއަށްވެސް ދާ އެއް ސަބަބު. އެއް ވަސީލަތަކަށްވޭ، ވޭޕްގެ ތެރެއިންގޮސް، ދެން ދުންފަތުގެ އިސްތިޢުމާލު ކުރުމާއި، ދެން ޑްރަގާއި، މި ހުރިހާ ކަމެއްގެ ތެރެއަށް މިދަނީ. އެހެންވީމާ، އޭގެތެރެއިން އެޅުނު އެއް ފިޔަވަޅު.

ދެން ހަމަ އެއާއެކީގައި، އަލަށް ދުންފަތުގެ އިސްތިޢުމާލު ކުރަން ފަށާނެ ފަރާތްތަކަކީ، އަލަށް 18 އަހަރު ފުރޭނެ ފަރާތްތައް. އެހެންވީމާ، އެ ފަރާތްތަކަށް މަނާކުރުމުގެ ގޮތުން، ޖެނެރޭޝަނަލް ބޭންއެއް މިގެނައީ. ދެން، އޭގައި އަޅުގަނޑުމެން ވަރަށް ވިސްނާފައި މި ނިންމީ، 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ހުރިހާ ފަރާތްތަކަކަށް މަނާކުރާގޮތަށް. އެއީ، އެ ފަރާތްތައް އަދި ދުންފަތުގެ އިސްތިޢުމާލު ކުރަން ފަށާނީ. އެހެންވީމާ، އެ ފަރާތްތަކަށް ފަސޭހަވާނެ އޭގެތެރެއަށް ނުގޮސް ތިބެން.

ދެން، ސުވާލަކަށް މިވަނީ، ކީއްވެތޯ ވޭޕް މަނާކުރި ވަގުތު، ދުންފަތުގެ އިސްތިޢުމާލު ކުރުމަށް އާދަވެފައި ތިބި ފަރާތްތަކަށް ދަތިވާކަހަލަ ކަމެއް ކުރީ. ނޫނީވިއްޔާ އަގުބޮޑުކުރީ. އެއީ، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ތެރެއަށް، ވަރަށް ގިނަ ބަޔަކު ވޭޕް ހުއްޓާލާ ވަގުތު ވަދެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން، ނޫނީވިއްޔާ އެކަމަށް ވިސްނާފައި. ދެން، އޭގެ ނަތީޖާވެސް ހަމަ ރަނގަޅު.

ދެން، މިހާރު އަޅުގަނޑުމެން މިވަނީ ނިންމާފައި، ޑަބްލިޔޫ.އެޗް.އޯ.އިން ހަދާފައި އޮތް ދިރާސާއެއްގައި އޮތް ޓޭބަލަށް ބަލައިގެން، މި އަހަރަށް، 2026އަށް، އަދި މި އަންނަ އަހަރަށް ކަނޑައަޅާފައި ހުރި ރޭޓުތައް އެބަހުރި. އެހެންވީމާ، އެއަށް ބަލާފައި، އަޅުގަނޑުމެން މި ކަނޑައެޅީ، މިހާރު އަޅުގަނޑުމެން ބޮޑުކޮށްފައި މިއޮތް ސްޕެސިފިކް ރޭޓާ އެޑް-ވަލޮރެމް ކުޑަކުރަން، ހަތަރު ރުފިޔާއަށް ރޭޓު. ދެން، 30 ޕަސެންޓަށް. އެހެންވީމާ، މިގޮތަށް ކުޑަކޮށް، އެގޮތަށް ދެން ކުރިއަށްގެންދަން. އެހެންވީމާ، އެހެން ހެދީމަ، މިކަމުން ދުރުވާން ބޭނުންވާ ފަރާތްތަކަށްވެސް އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ތަނުން ފަސޭހަވެގެންދާނެ. އަދި، ޞިއްޙަތަށް ގެއްލުންވާ ޒާތުގެ ދުންފަތުގެ އިސްތިޢުމާލުކުރުން، ނޫނީވިއްޔާ އޭގެ ސަބަބުން އިތުރަށް ގެއްލުންވާ ޒާތުގެ އެކިކަހަލަ ޑްރަގާއި، މި ހުރިހާ އެއްޗެއްގައި ހިމެނޭކަހަލަ ތަކެތި ބޭނުންކުރާ ފަރާތްތައް، އެއިން ދުރުވާންވެސް ފަސޭހަވާނެ ކަމަށް މި ބަލަނީ.

އެހެންވީމާ، މަރުޙަލާތަކެއް މިދަނީ އިނގޭތޯ. އެ މަރުޙަލާތަކުގެ ތެރެއިން، މިހާރު އަޅަންޖެހޭ ފިޔަވަޅު މިއަޅަނީ. މީގެ ހުރިހާވެސް މަޤްޞަދަކީ، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުކުރުވުން. އެއީ، މިއާއެކީގައި އަޅުގަނޑުމެން އެބަ ފަށަން، ސިވިލް ސޮސައިޓީ އެމްޕަވަރ ކޮށްދޭ، ވަރަށް ބޮޑު ނޭޝަނަލް ޕްރޮގްރާމެއްވެސް. މާނައަކީ، އެކިކަހަލަ ޖަމުޢިއްޔާ ޖަމާޢަތްތައް ރަށްރަށުގައި މަސައްކަތްކުރަން. އެ މީހުންނަށް އަޅުގަނޑުމެން އެކިކަހަލަ ކަންކަން ފަހިކޮށްދޭނަން. އަދި، ފައިސާގެ އެކިކަހަލަ އިނާމުތައް ދިނުންވެސް، ނޫނީވިއްޔާ އެކިކަހަލަ އިންސެންޓިވް ދިނުންވެސް މީގެތެރޭގައި ހިމެނޭނެ. އެ މީހުންގެ މަސައްކަތުން، ދުންފަތުގެ އިސްތިޢުމާލުކުރުމާ ރައްޔިތުން ދުރުކޮށްދޭ ނިސްބަތުގެ މައްޗަށް ބަލާފައި. އެހެންވީމާ، އެކަހަލަ ޕްރޮގްރާމެއް މި ފެށިގެންދަނީ. އަދި އެއާއެކީގައި، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުކުރުވުމަށްޓަކައި ބޭނުންކުރާ އެކިކަހަލަ ވަސީލަތްތަކަށް ނަގާ ޑިޔުޓީވެސް އެކީގައި މި ކަނޑާލަނީ. އެހެންވީމާ، އެވެސް އަގުހެޔޮވެގެންދާނެ. އެހެންވީމާ، މިކަހަލަ ވަށާޖެހޭ ޕްރޮގްރާމެއް ކުރިއަށް މި ގެންދަނީ.

މަރްޔަމް ވަފާ:

ރައީސް ދެން، ސިޔާސީ ދާއިރާއަށް އަޅުގަނޑުމެން ބަލާއިރު، 2007 ވަނަ އަހަރު މިވަނީ ރެފަރެންޑަމެއް ނަގާފައި، ރާއްޖޭގައި އޮންނަންވީ ކޮން ނިޒާމެއްތޯ ރައްޔިތުން ނިންމާފައި. ނަމަވެސް، މިހާރު އެމް.ޑީ.ޕީ.ގެ ނުވަތަ އިދިކޮޅުން އޮތް ބޮޑު ޕާޓީ ކަމަށް އޮތް ޕާޓީން ތަޞައްވުރު ހާމަކުރެއްވިއިރު އެބައޮތް، ޕްރައިމް މިނިސްޓަރެއްވެސް ހުންނަގޮތަށް، ރައީސުލްޖުމްހޫރިއްޔާއެއްވެސް ހުންނަގޮތަށް، އެ ބޭފުޅުންގެ ވާހަކަފުޅުތަކާއި، އަދި ނިޒާމު ބަށްޓަންކުރުމުގެ ވާހަކަތައް، އަޅުގަނޑުމެންނާ ހިސާބަށް މި އަޑުއިވިގެން، ތިލަވެގެން އަންނަނީ. މިހާރު މިވީ މުއްދަތުގެ ތެރޭގައި، 2007 ވަނަ އަހަރު މި ނެގި ރެފަރެންޑަމަށްފަހު، ރައްޔިތުންގެ ވިސްނުން ބަދަލުވެދާނެ ކަމަށް ރައީސަށް ގަބޫލުފުޅު ކުރެއްވޭތޯ، މިހާރު ރާއްޖޭގައި އޮތް ނިޒާމު ބަދަލުކުރަން؟ ނުވަތަ މި ދަނޑިވަޅަކީ މިއީ އެންމެ ރަނގަޅު ދަނޑިވަޅު ކަމަށް ގަބޫލުފުޅު ކުރައްވަންތޯ؟ އަދި، މި ނިޒާމު ބަދަލުކުރެވިދާނެތޯ މިގޮތަށް؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

މިވާގޮތަކީ، އެ މީހުންގެ ތެރޭގައި ވެރިކަންކުރާހިތްވާލެއް ގިނައީ މީހުން. އެހެންވީމާ، އެންމެންނަށް އެބަޖެހޭ ބޮޑެތި މަގާމުތައް ދޭން ދޮގެއްތޯ؟ ރައީސްކަމާއި، ބޮޑުވަޒީރުކަމާއި، މިހެން ދެން ކޮންމެވެސް އެހެން ނަމެއް ކިޔާފައިވެސް ދީފާނެކަންނޭނގެ. އެހެން ހެދެން އޮތީވިއްޔާ، ރަސްގެފާނުވެސް އެ މީހުން ގެންނަން ބޭނުންވާނެ އިނގޭތޯ. ދެން، އެކަހަލަ ބައެއްގެ ވާހަކަ މި ދެކެވެނީ.

ރައްޔިތުން ވަރަށް ސާފުކޮށް އެއޮތީ ނިންމާފައި، މިތާ އޮންނާނީ ރިޔާސީ ނިޒާމެއް ކަމަށް. ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައީމާ، ރާއްޖެއަށް ވާނެގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ. އަޅުގަނޑުމެންނަށް އެބަ ފެނޭ، ދުނިޔޭގައި ތަރައްޤީވެފައި ހުރި ޤައުމުތަކުގައިވެސް، ބަރުލަމާނީ ނިޒާމު އޮވެގެން މިވަމުންދާ ގޮތް. އަހަރަކު އެއްފަހަރުވެސް ބަދަލުވެދާނެ ބޮޑުވަޒީރު، އެހެންނޫންތޯ؟ ރައްޔިތުން ކައިރީ އަހާލުމެއް ނެތް، ބޮޑުވަޒީރު އެ ބަދަލުވީ. ދެން، އަނެއްކާ އެހެން މީހަކު ހަވާލުވާންވީ. އެހެންވީމާ، އެކަހަލަ ނިޒާމެއް ނޫން ރައްޔިތުން ބޭނުންވީކީއެއް. ދެން، މި ރާއްޖޭގައި މިއޮތީ ޕިޔޮލީ ރިޔާސީ ނިޒާމެއްވެސް ނޫން، ރައްޔިތުން ޚިޔާރުކޮށްފައި. ރާއްޖޭގެ ޤާނޫނުއަސާސީ އޮތްގޮތުން، ބޮޑަށް ހަމަ ރިޔާސީ ސިފަތައް ހުރި، ރިޔާސީ ނިޒާމެއްގެ ތެރޭގައި، ކޮންމެވެސްވަރަކަށް ބަރުލަމާނީ ސިފަތައް ހިމެނޭ ހައިބްރިޑް ނިޒާމެއް. އެއީ، ރާއްޖޭގެ ރައްޔިތުން ޚިޔާރުކޮށްފައި އޮތްގޮތަކީ. އެހެންވީމާ، މި ނިޒާމު ރައްޔިތުން ބޭނުންވާ ގޮތަށް މިއޮތީ ނިންމަވާފައި. އެހެންވީމާ، އަޅުގަނޑު ހިތުން، ރައްޔިތުން ބޭނުންވާ ގޮތް މިއީ. ދެން، ރާއްޖެއަކީ ކުޑަ ޤައުމަކަށްވެފައި، ޖިއޮގްރަފިކަލީ ވަރަށް ގިނަ ރަށްތައް އެބަހުރި. އެހެންނަމަވެސް، އާބާދީ ކުޑަ، މިކަހަލަ ކުޑަ ޤައުމެއްގައި، ޔުނިޓަރީ ދައުލަތެއް ރައްޔިތުން ބޭނުންވަނީ. އެހެންވީމާ، ޤާނޫނުއަސާސީގައި އެކަންވެސް އެއޮތީ ކަނޑައަޅާފައި. އެހެންވީމާ، ޔުނިޓަރީ ދައުލަތެއް، ޔުނިޓަރީ ސިފަތައް ހިމެނޭ އެއްބައިވަންތަ، އަދި އެއްބައެއްވަންތަ، އެއް ބަހަކުން ވާހަކަދައްކާ، އެއް ދީނަކަށް ނިސްބަތްވާ، އެއް ނަސްލެއްގެ ބައެކޭ ދިވެހިންނަކީ.

އެހެންވީމާ، މިތާނގައި މިއޮތް، ޚާއްޞަ ސިފަތައް، އެގޮތުގައި ދަމަހައްޓަން ރައްޔިތުން ބޭނުންވާނެ އިނގޭތޯ. މިތަނަކަށް އެހެން ނިޒާމެއް ގެނެސް، މިތަނުގައި މިއޮތް އެއްބައިވަންތަކަން، އެއްބައެއްވަންތަކަން ބަދަލުކޮށްލާނެ އެއްވެސްކަހަލަ ކަމަކަށް ތާއީދުކުރާކަށް ރައްޔިތުން ބޭނުންވާނެހެނެއް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ. މަދުބަޔަކު ކޮށްފާނެ. ދެން، މިހާރު ރާއްޖޭގައި މިއޮތީ ޕޮލިޓިކަލް ޕާޓީސް އައިސްފައި. ސިޔާސީ ޕާޓީތައް އޮންނައިރުގައި، އެ ޕާޓީއެއްގެ ފިކުރުގެ ތެރެއިން، ކޮންމެވެސް ބަޔަކު އަބަދުވެސް އެ ޕާޓީގެ ލީޑަރުން ނިންމާ ގޮތަކަށް ނުދާނެ ވާހަކައެއް ނޫން. އެ ކޮންމެހެން ނުބަލަފާނެ އެއީ، އެންމެ ރަނގަޅު ގޮތްތޯވެސް. އެކަމަކު އެއީއެއްނޫން، މުޅި ޤައުމުގެ މެޖޯރިޓީ ވިސްނުން އޮންނާނެ ގޮތަކީއެއް. ރައްޔިތުން ބަލާނީ، މުޅި ޤައުމަށް އެންމެ ފައިދާހުރީ ކޮންގޮތެއްތޯ. އެގޮތުން ބަލާފައި، ގޮތްގޮތް ނިންމަމުން ދާނީ. އެހެންވީމާ، އަޅުގަނޑަށް ފެންނަނީ، މި އޮތްގޮތުގައި، ރައްޔިތުން ކުރިއަށް ވަޑައިގަންނަވަން ބޭނުންވާ ކަމަށް.

އަޙްމަދު ޖަދުވާން:

އާދެ، ރައީސް ބޮޑު ބަދަލެއްގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ވިދާޅުވާއިރުގައި، ގެންނަންޖެހޭ ބަދަލުތައް އެބަހުރި. އިޞްލާޙުތައް އެބަހުރި ސިޔާސީގޮތުންވެސް. ޤައުމުގެ މުޅި ނިޒާމުގައިވެސް. އެހެންނަމަވެސް، އެއިން ވާހަކައެއް އެ ވާހަކަތަކުގެ ތެރޭގައި އަޅުގަނޑުމެންނަކަށް އަޑެއްނީވޭ. ރައީސް، މި ޕޮޑްކާސްޓް ފަށްޓަވަމުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ސިޓީ ކައުންސިލްގެ އެއްބާރުލުން ސަރުކާރަށް ނުލިބޭ ވާހަކަ ފާހަގަކުރެއްވީމާ އަޅުގަނޑު ހިތަށްއަރަނީ، ރާއްޖޭގައި ތިންބާރު ވަކިވެފައި އޮތް ޑިމޮކްރެޓިކް ނިޒާމެއް، މަލްޓިޕާޓީ ނިޒާމެއް ތަޢާރުފްކުރުމަށްފަހުގައި، ލާމަރުކަޒީ ނިޒާމު މިއީ ރާއްޖެއަށް އައި އެންމެ ބޮޑު އެއް ބަދަލު. އެހެންނަމަވެސް، ލާމަރުކަޒީ ނިޒާމު ފެށިގެން މިހާ ހިސާބަށް އައިއިރުވެސް އަޅުގަނޑުމެންނަށް ކޮންމެ ސަރުކާރެއްގައިވެސް އަބަދުވެސް މި އަޑުއިވެނީ، އެ ސަރުކާރުގެ ކޮންޓްރޯލް، ނޫނީވިއްޔާ އެ ސަރުކާރަކަށް ތާއީދުނުކުރާ ފަރާތްތަކުން ކައުންސިލްތަކަށް އިންތިޚާބުވާ ހިސާބުން ދެން ސަރުކާރަށް ދަތިކުރުމާއި، އެއްވެސް މަޝްރޫޢެއް ކުރިއަށްގެންދިޔަ ނުދިނުމާއި، މިކަހަލަ ކަންތައްތަކެއް، ބައެއް ކައުންސިލްތަކުން ކުރައްވާ ވާހަކަ. ދެން ޔުނިޓަރީ ދައުލަތެއް ރާއްޖެއަކީ. އެހެންވީމާ، މައި ސަރުކާރުން ބޭނުންވާ ސިޔާސަތުތައް، އެ ބޭނުންވާގޮތަށް ތަންފީޒުކުރުމަކީ މޭޔަރުގެ ވަރަށް މުހިންމު ޒިންމާއެއް. އެހެންނަމަވެސް، އެކަން އަދާނުކުރައްވާ ތަން މި ފެންނަނީ. އަޅުގަނޑު ހިތަށްއަރަނީ މިކަން ރަނގަޅުކުރެވޭނީ ކިހިނެއްބާއޭ؟ ސަރުކާރުގެ ފަރާތުން މިކަމާމެދު ވިސްނަވަނީ ކޮންގޮތަކަށްބާއޭ އަޅުގަނޑު ހިތަށްއަރަނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، އިޚްލާޞްތެރިވާންވީ ހުރިހާ އެންމެންވެސް. އިދިކޮޅު ފަރާތްތަކުން އިޚްލާޞްތެރިވި ދުވަހަކުން އެ ބަދަލު އަންނާނެ. މިހާރު މިވާގޮތަކީ، އިދިކޮޅަށްދާ ހިސާބުން ދެން ހަމަ މި ފަށަނީ ޤައުމުގައި އެކިކަހަލަ ހަމަނުޖެހުންތައް ހިންގުމާއި، ރައްޔިތުންނަށް ފައިދާވާ ކަންކަމުން ރައްޔިތުން ދުރުހެލިކުރުމަށް މަގުތައް ބަންދުކުރުމުގެ ކަންތައްތައް. އެހެންނަމަވެސް، އެކަން ބަދަލުވި ދުވަހަކުން ޤައުމުގެ ކަންކަން ދާނީ ރަނގަޅަށް. މިހާރު އިދިކޮޅު ކައުންސިލެއް އަތުވެއްޖިއްޔާ، ދެން އެކައުންސިލަކުން އޮންނަނީ ތިޔަ ވިދާޅުވާހެން އިދިކޮޅު ހެދުން. އެއްވެސް ކަމެއް ނުކޮށްދިނުން. އެކަން ބަދަލުވާން މި ޖެހެނީ އިނގޭތޯ. އެކިއެކި ޕާޓީތަކުން އައިސް މި ހޮވެނީ މިސާލަކަށް. ހޮވޭ ހިސާބުން ދެން ވާންވީ އެންމެންނަށް ހަމަހަމަކަމާއެކީގައި، އިޚްލާޞްތެރިކަމާއެކީގައި ޚިދުމަތްކުރާނެ ބައެއްގެ ގޮތުގައި. އެ ބަދަލު ގެނެސްދޭން އަޅުގަނޑު އެދެނީ.

މިހާރު މި އޮންނަނީ ހަމަ ތިޔަ ވިދާޅުވިގޮތަށް، މާލޭސިޓީ ކައުންސިލަށް ބަލައިފިއްޔާ އަދި އެހެން ކައުންސިލްތައް އިދިކޮޅު ފަރާތްތަކުން ކޮންޓްރޯލް ކުރާ ކައުންސިލްތަކުގައި މި އޮންނަނީ، ކަނޑައެޅިގެން ދެކޮޅުހެދުން. ޖެއްސުންކުރުމުގެ ސިޔާސަތު. އެއްވެސް ކަމެއް ވިޔަކަ ނުދޭނެކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައިވެސް އެއްވެސް ކަމެއް އަޅުގަނޑުމެންނަކަށް ސަރުކާރުން ކުރެވޭނެގޮތެއްނުވި. ދެން އަޅުގަނޑުމެން މި ޖެހެނީ ޤާނޫނުގައި އޮންނަ ކޮންމެވެސްކަހަލަ އިޖުރާތެއްގެ ތެރެއިން ފިޔަވަޅުތަކެއް، މިސާލަކަށް މަސްމާރުކޭޓް ވާހަކަ، އަޅުގަނޑު ކުރިން ދުވަހެއްގައި ފާހަގަކުރިން އެހެން ޕްރޮގްރާމެއްގައި. އެތަން އަޅުގަނޑުމެންނަކަށް ހެދޭނެގޮތެއްނުވި. ދެން އެކިކަހަލަ އުނދަގޫތައް މި ކުރަނީ. އެންމެފަހުން މި ޖެހެނީ، ޤާނޫނީ އިޖުރާތްތަކުގެ ތެރެއިން ސަރުކާރަށް އެތަން ނަގަން. މިއީ އަޅުގަނޑު ބޭނުންވާގޮތެއް ނޫން. ދެން އެތަން ނަގާ ހިސާބުން ދެން އަންނާނެ އެކިއުޒޭޝަނަކީ، ލާމަރުކަޒީ ނިޒާމު ފުނޑާލަނީއޭ. މިކަމާ ދެކޮޅު މީހެކޭ.

އެހެންވީމާ، މިކަހަލަ ތާކުންތާކު ނުޖެހޭ، ޒިންމާދާރު ކަމެއްނެތް، އިޚްލާޞްތެރި ކަމެއްނެތް، ވާހަކަތައް ދެއްކުން ހުއްޓާލައި، ތަންކޮޅެއް ތެދުވެރިކަމާއެކީގައި، އިޚްލާޞްތެރި ޒިންމާދާރު މަސައްކަތެއް ކުރަން އިދިކޮޅު ފަރާތްތަކުން ފަށާ ހިސާބުން އެ ބަދަލު އަންނާނެ ރާއްޖެއަށް. އެއީ، ރައްޔިތުން ބޭނުންވާ ކަމަކީ. އޭރުން މި ޤައުމަށް ހަމަޖެހުން އަންނާނީ.

އަޅުގަނޑު މި އޮފަރ ކުރަނީ، އަދި އަޅުގަނޑުމެން ތަންފީޒު މި ކުރަނީ މައިގަނޑު ތިން ކަމެއް. އެއީ ރާއްޖެއަށް ހަމަޖެހުން ގެނައުމާއި، މާނަހުރި ގޮތެއްގައި، ދެމެހެއްޓެނިވި ހަމަޖެހުން ޤައުމަށް ގެނެސްދިނުން ހުރިހާ ސިފައެއްގައި. ހުރިހާ މާނައެއްގައި. އެއާއެކީގައި، ރައްޔިތުން ބޭނުންވާ ފެންވަރުގައި ރައްޔިތުންނަށް ބޭނުންވާގޮތަށް ރާއްޖެއަށް ތަރައްޤީ ގެނެސްދިނުމާއި، އަދި ރާއްޖޭގައި ހުރިހާ މާނައެއްގައި ރައްކާތެރިކަން ޔަޤީންކޮށްދިނުން. މިނިވަންކަމާއި، ސިޔާދަތާއި، އިޖުތިމާޢީ، ދެން ހުރިހާގޮތަކުން ރައްކާތެރިކަން. މި ތިން ކަންތައް އެކުއެކީގައި ހާސިލުކުރުމުގެ މަސައްކަތް ކުރުމަކީ، އިދިކޮޅު ފަރާތްތަކުންވެސް އެއްބާރުލުން ދޭންޖެހޭނެ ކަމެއް. އެ އިޚްލާޞްތެރިކަން އިސްކޮށްދިނުމުގެ ބަދަލު ގެނެސްދެއްވަންވީ އިދިކޮޅު ފަރާތްތަކުން. އެ އިޚްލާޞްތެރިކަން އިސްކޮށްދީފިއްޔާ މި ޤައުމުގައި އޮންނާނީ ހަމަޖެހުން. މި ޤައުމަށް ތަރައްޤީ ގެނެވޭނެ. މި ޤައުމުގައި އޮންނާނީ ހުރިހާގޮތަކުން ރައްކާތެރިކަން ޤާއިމުކުރެވިފައި. އޭރުން މި ޤައުމުގައި ކަންތައްތައް ދާނީ ރަނގަޅަށް. އެ ނޫންގޮތަކަށް ކަންކަން ކުރާހާ ދުވަހަކު ޤައުމުތެރެ އަބަދުވެސް އޮންނާނީ ހަލަބޮލިވެފައި. މި ޤައުމަކަށް އޭރުން ދުވަހަކުވެސް ހަމަޖެހުމެއް ނާންނާނެ. އެއީ އަޅުގަނޑު ހިތުން ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫން. އެހެންވީމާ، މި ދެންނެވި ގޮތަށް އަޅުގަނޑުމެން އެންމެން މަސައްކަތްކުރަން ފެށުން އެއީ، އަޅުގަނޑު އެދޭ އެދުމަކީ.

މަރްޔަމް ވަފާ:

އަޅުގަނޑުމެންނަށް މިހާރު ދެން އެންމެ ބާރަށް ދެކެވޭ އެއްވާހަކަ މިއީ ވަޒީފާއިން މީހުން ވަކިކުރާ ވާހަކަ. އަޅުގަނޑުމެންނަށް މިދިޔަ ދައުރަށް ބަލާއިރު ރިޔާސީ މަސައްކަތް ފެށުމުގެ ދުވަސްކޮޅެއް ކުރިން އަޑުއިވިގެންދިޔަ، ވަކި ކުންފުންޏެއް އުފައްދައި، އެ ކުންފުނި ނުވަތަ އެ ކުންފުނި ދެން މިއީ ވަޒީފާއަށް މީހުން ނަގަން އުފައްދާފައި އޮތް ކުންފުންޏެއްގެ ގޮތުގައި ހަމަ ފާހަގަވެގެންދިޔައީ. ދެން ސަރުކާރު ހަވާލުވެގެން ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުން، އެ ކުންފުނީގެ އާމްދަނީއިން ނުވަތަ ލިބޭވަރަކުން، ނުހިފެހެއްޓޭވަރަށް މުވައްޒަފުންގެ މުސާރައިގެ ކަންކަން ހިނގާކަމުގެ ކަންބޮޑުވުންތަކެއް ސަރުކާރުން އޭރު ރެއިޒް ކުރެއްވި. ދެން ހަމަ އެއާއެކީގައި، ޒިންމާ ނެތިފައި، ވަޒީފާއަށް ކޮންމެ ދުވަހަކު ގޮސް ކާޑު އިންކޮށްލާފައި ދާ ފަރާތްތަކާއި، އޯ.ޓީ. ނަގާ ވާހަކައާ، މިއީ ހަމަ މުވައްޒަފުންގެ ތެރޭގައި މިއަދުވެސް ދެކެވޭ ވާހަކަތަކެއް. މިހެން މިކަން ހިނގަމުންދަނިކޮށް، ރައީސްގެ ސަރުކާރުން މިހާރު ބައެއް ވަޒީފާ، ސަރުކާރު ކުޑަކުރުމުގެ ވާހަކަތަކާ އަދި ހަމައެއާއެކީގައި، މިނިސްޓްރީތަކާއި އަދި އެނޫންވެސް ކުންފުނިތަކުގައި މި ތިއްބަވާ މުވައްޒަފުން މަދުކުރުމުގެ ވާހަކަތަކެއް އެބަ ދެކެވޭ. ޙަޤީޤަތަކީ ކޮބައިތޯ؟ އިދިކޮޅުން ވަރަށް ބޮޑަށް މިކަމުގައި އެބަ ބޭނުންކުރައްވާ. އަދި މީގެ ކުރިން އަޅުގަނޑުމެންނަށް އެބޭފުޅުން ވަޒީފާއިން މީހުން ކަނޑާ ވާހަކަތަކާއެކީގައި ފެނިގެންދިޔަ މަންޒަރު މިއަދު އަނެއްކާ އެކޮޅުން ތަކުރާރު ކުރެއްވީމާ، މުޅިން ދެކޮޅުނުޖެހޭ ގޮތަކަށް އެބަ ރައްޔިތުންގެ ތެރޭގައި ވާހަކަދެކެވޭ. ކޮބައިތޯ ޙަޤީޤަތަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ވަރަށް ރަނގަޅު ވާހަކަފުޅެއް ތިޔަ ވިދާޅުވީ. އިހަށްދުވަހު ވަޒީފާއިން މީހުން ކަނޑާތީ މުޒާހަރާކޮށްފި. ކުރިން ވާހަކަ ދެކެވުނީ ނުކަނޑައިގެން. ދެން އެހެންވެގެން މި ދެންނެވީ އިދިކޮޅު ފަރާތްތަކުން މި ދައްކާ ވާހަކަ، ދެއުޅިއެއްނެތް ވާހަކަތަކަށް އަޅުގަނޑުމެން މާބޮޑު ސަމާލުކަމެއް ނުދެން އިނގޭތޯ. އަޅުގަނޑު ބަލަނީ ޤައުމަށް އެންމެ ރަނގަޅުގޮތަށް ކަންތައްތައް ކޮށްދެވޭތޯ.

އަޅުގަނޑުމެން ހަވާލުވިއިރުގައި، ތިޔަ ވިދާޅުވިގޮތަށް ބައެއް ކުންފުނިތަކުގައި ވަރަށް ގިނަ މުވައްޒަފުން، ޙަޤީޤަތުގައި އެންމެ ގިނަ މުވައްޒަފުން ބޭކާރުގޮތެއްގައި ތިބީ ފެނަކައިގައި އިނގޭތޯ. މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނަކަ ބޮޑުވެގެންދިޔައީ، މުވައްޒަފުންގެ އަދަދު ބޮޑުވެގެންދިޔައީ އިންތިހާއަށް އިނގޭތޯ. އެކަމުގެ ސަބަބުން މަސްވެރިކަމުގެ އިންޑަސްޓްރީވެސް ގާތްގަނޑަކަށް ހުއްޓުމަކަށް އައި ވަރަށް ގިނަ ރަށްތަކުގައި. އެއީ ވަރަށް ފަސޭހައިން މުސާރަ ލިބޭ ވަޒީފާތަކެއް މި ހުންނަނީ. އެއްވެސް ކަމެއް ކުރާކަށްނުޖެހޭ. ހަމަ ހުންނަންވީ. ދެން އެކަހަލަ ކަލްޗަރއެއް އޮތީ. ދެން އަޅުގަނޑުމެންގެ މި ސަރުކާރުގެ ދުވަސްވަރުވެސް ވަޒީފާ ދެވިއްޖެ ވަރަށް ގިނަ މީހުންނަށް. ކުންފުނިތަކުންވެސް، މިނިސްޓްރީތަކުންވެސް. އެކަމަކު އޭގެތެރެއިން ރަނގަޅުކުރެވެން ހުރި ހުރިހާ ކަމެއް، ރަނގަޅުކުރަންޖެހޭ ހުރިހާ ކަމެއް ރަނގަޅުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން. މިހާރު ވަރަށް ގިނަ ކަންތައްތަކެއް އެގޮތުން މިހާތަނަށްވެސް ކުރެވިއްޖެ.

މިސާލަކަށް، ހުރިހާ ކުންފުންޏަކުން އެ ގެންދަނީ ރައިޓް ސައިޒް ކުރުމަށްޓަކައި އެ ކުންފުނިތަކުގައި ވަރަށް ތަފްސީލު އެޗް.އާރު. އޮޑިޓެއް ހަދަމުން. ވަރަށް ތަފްސީލުކޮށް ހަދައި ނިންމައި، އެ ކުންފުންޏަށް ބޭނުންވާނެ އަދަދަށް އެ ކުންފުނީގެ ހުރި މަސައްކަތް އަދި އެކްސްޕޭންޑް ކުރަންހުރި މަސައްކަތްތަކަށްވެސް ބަލާފައި ބޭނުންވާ އަދަދު ނިންމަނީ. ނިންމާފައި ދެން ތިބި މުވައްޒަފުން، އެ އޮންނަ އުސޫލުގެ ތެރެއިން، ޤާނޫނާއި ގަވާއިދުގެ ތެރެއިން، އިޖުރާތްތަކުގެ ތެރެއިން ދެން އެފަރާތްތަކަށް ދޭންޖެހޭ ޢިނާޔަތެއް އޮތިއްޔާ ދީފައި ދޫކޮށްލުން. ނޫނީވިއްޔާ އެނޫން އުސޫލަކުންވެސް، ހަމަޖެހިފައި އެ އޮންނަ އުސޫލުން ކުރިއަށްގެންދިޔުން. އެހެންވީމާ، ކުންފުނިތަކުގެ އަދަދު، މުވައްޒަފުންގެ އަދަދު މަދުކުރުން، އިރާދަކުރެއްވިއްޔާ އެ އޮންނަ އުސޫލުގެ ތެރެއިން އެދަނީ ކުރިއަށް. އެކަމަށް ނަގާ ވަގުތު އެ ނަގަނީ ހަމައެކަނި ޑިއު ޕްރޮސެސްއަށް.

ދެން ހަމައެއާއެކީގައި، މިނިސްޓްރީތަކުގެ މުވައްޒަފުން، ޕޮލިޓިކަލް މަގާމުތަކުގައި ތިބި މީހުން މަދުކުރުމަށްޓަކައި މިނިސްޓްރީތައް އަޅުގަނޑު މިހާރު މިވަނީ މަދުކޮށްފައި. ދެން އެއާއެކިގައި ޕޮލިޓިކަލް މަގާމުތައް މަދުކުރުން އަދި ނުނިމޭ. އެކަން ވަރަށް ބާރަށް އެބަ ގެންދަން. އޭގެ އެނަލިސިސް، ނޫނީވިއްޔާ އެ ބަލަންޖެހޭ ކަންތައް، މަސައްކަތްކުރާގޮތް. މަސައްކަތް ކުރަމުންދާ ފެންވަރު، ތިޔަ ވިދާޅުވިހެން. މިސާލަކަށް، ހަމައެކަނި ސޮއިކޮށްލާފައި ގެއަށްގޮސް، ކާޑު ޖަހާލާފައި ގެއަށްގޮސް ތިބެނީ ކޮންބައެއްތޯ، މިކަންކަން ބަލާފައި، ޕޮލިޓިކަލް މަގާމުތައް، ސަރުކާރުގެ މިނިސްޓްރީތަކުގައި ތިބި މުވައްޒަފުންވެސް އަޅުގަނޑުމެން މަދުކުރާނަން. ހަމަ އެކަމަކީ ކުރިއަށްދާ ކަމެއް. އެކަމަކު އެ ފަރާތްތައް ވަޒީފާއިން ވަކިކުރުން އަދި ނުއެއްގެންދެވޭ އެހާގިނަ މީހުންނެއް. މި ދެންނެވި ކަންކަން ބަލައި ނިންމާފައި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މަދުކުރުންވެސް ކުރިއަށް ގެންދާނަން. ދެން އޭރުން އިރާދަކުރެއްވިއްޔާ، ވަރަށް ބޮޑު ތަނުން މިނިސްޓްރީތަކުގައިވެސް މުވައްޒަފުން މަދުވާނެ. އަދި ކުންފުނިތަކުގައިވެސް މަދުވާނެ. އެކަން އިރާދަކުރެއްވިއްޔާ އެބަދޭ ކުރިއަށް.

އަޙްމަދު ޖަދުވާން:

ރައީސަކީ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ އެންމެ އިސް ލީޑަރުވެސްމެ. ދެން އަޅުގަނޑުމެންގެ ރާއްޖެ މި ހިނގާ ނިޒާމުގެ ގޮތުން ޕާޓީތަކަކީ ވަރަށް މުހިންމު އެއްޗެއް. ވެރިކަން ކުރަނީ މައިގަނޑު ގޮތެއްގައި ފަހަކަށްއައިސް މި ޕާޓީތަކުން. އަޅުގަނޑުމެންނަށް ފެންނަނީ، މި ވޭތުވެދިޔަ ދުވަސްތަކަށް ބަލާއިރުގައި މަލްޓިޕާޓީ ނިޒާމު އައިފަހުން ހަމަ ކޮންމެ ފަހަރަކުވެސް ސަރުކާރެއް އުފެދިގެން ދައުރު ދެބަޔާ ހަމައަށް ދާއިރުގައި، ޕާޓީވެސް ދެބައިވާތަން އިނގޭތޯ. ދެބައިވެގެން ޕާޓީތެރޭގައި ބޮޑެތި މައްސަލަތައް އުފެދި، ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ބޮޑަށް ދަތިފުޅުވާގޮތްވޭ. މިފަހަރު އެހެނެއް އަދިނުވޭ ހަމަގައިމުވެސް އިނގޭތޯ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ސިޔާސީ މަސްރަޙުން، އިދިކޮޅު ފަރާތްތަކުގެ ވާހަކަތަކުން އެބައިވޭ، މިވެނި ދުވަހެއްގެ ކުރިން، ރައީސް ޑޮކްޓަރ މުޢިއްޒު ވެރިކަމުން ބަދަލުކުރާނަމޭ ތިމަންނަމެން. ޕާޓީގެ މިވެނިވަރެއްގެ މެންބަރުން ރައީސާ ދެކޮޅުވާނެއޭ. މަޖިލީހުގެ މެޖޯރިޓީ ގެއްލޭނެއޭ. މިކަހަލަ ވާހަކަތަކެއް އެބަ ދެކެވޭ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ފެންނަނީ ޕާޓީގެ ތެރޭގައި ވަރަށް ބަދަހި ސަފެއް. އަޅުގަނޑުމެން ބޭރުގައި ތިބެގެން މިހެން ނޫސްވެރިންގެ ގޮތުގައި ބަލައިލާއިރު. ކިހިނެއްތޯ؟ އެ ވިދާޅުވާކަހަލަ އެއްވެސް ލޮޅުމެއް ޕީ.އެން.ސީ.ގެ ތެރެއަށް ސިޔާސީގޮތުން ރައީސްގެ، ސިޔާސީ މަސައްކަތްޕުޅުގެ ތެރެއަށް ކުރުމުގެ ފުރުޞަތެއް އެބައޮތްތޯ؟ އިދިކޮޅު ފަރާތްތަކަށް އެކަހަލަ އެއްވެސްކަހަލަ ޤާބިލްކަމެއް އެ ބޭފުޅުންގެ އެބަހުރިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އިދިކޮޅު ފަރާތްތަކުން ވަރަށް މަސައްކަތްކުރާ ކަމެއް ތިއީ އިނގޭތޯ. ވަރަށް ވިޝްކުރާ ކަމެއް ތިއީ. އެ ފަރާތްތަކުން ވެރިކަން ކުރިއިރު، ތިޔަ ވިދާޅުވިހެން ވަކި ހިސާބަކުން އޮންނަނީ ޕާޓީތެރޭގައި މުޅިން ހައިޖާނު އުފެދިފައި. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޕާޓީ ވަރަށް ބަދަހި އިރާދަކުރެއްވީތީ. ހަމަ ވަރަށް ވަރުގަދަ. އަޅުގަނޑުމެންގެ އެކުވެރިކަން ވަރަށް ރަނގަޅު އިނގޭތޯ. ހަމަ އެންމެ މަތިން ލީޑަރޝިޕުން ފެށިގެން، އެމް.ޕީޒުން، ދެންގޮސް ހުރިހާ ފަރާތްތައް. ސްޓިއަރިންގ ކޮމިޓީތައް އަދި އާންމު މެންބަރުން، ހުރިހާ ފަރާތްތައް އެކުވެރިކަމާއެކީގައި، އެއް ރޫޙެއްގައި މަސައްކަތް ކުރަމުން މިދަނީ. އިރާދަކުރެއްވިއްޔާ އެކަން އޮތީ އެގޮތުގައި. ދެން ކުރިއަށް އޮތް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެބައޮތް ޕާޓީގެ ކޮންގްރެސްވެސް. ސެޕްޓެންބަރު މަހުގެ މެދުތެރޭގައި. ދެން މިކަމާ ގުޅިގެންވެސް ކިޔާ ކޮންގްރެސް އަވަސްކުރީއޭ. އަޅުގަނޑަށް މިކަމުގައި ކަންބޮޑުވެގެން. އެހެނެއްވެސް ނޫން ވީކީއެއް. ދެން އަޅުގަނޑުމެން ކޮންގްރެސް ބާއްވަން ނިންމި ތާރީޚު ބަދަލުކުރީ، އޭގައި އަޅުގަނޑުމެންގެ ތެރެއިން، ވަރަށް ގިނަ ފަރާތްތަކުން އަޅުގަނޑު ގާތުގައި ވިދާޅުވީ، އޯ.ލެވެލް ދުވަސްވަރުތެރެއަށް ފޯލްވާތީވެ، އޯ.ލެވެލް ފެށުމުގެ ކުރިއަށް ހަމަޖައްސަން. އެހެންވީމާ، މިހާރުވެސް އަސްލުގައި ކޮންގްރެސް ބާއްވަންވީ މުއްދަތު، ޤާނޫނުގައި އޮންނަ މުއްދަތަށްވުރެ ލަސްވެފައި އޮތީމާ، ވީ އެންމެ އަވަހަކަށް ބާއްވަންޖެހޭ. އެހެންވީމާ، އަވަސްކުރީވެސް. ދެން އަޅުގަނޑު ބޭނުން، ހުރިހާ ވަފްދުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން މިކޮޅަށް އައިސް، ވަރަށް ކާމިޔާބުކޮށް ބޭއްވިގެންދާން. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ރަނގަޅަށް، ވަރަށް އެކުވެރިކަމާއެކީގައި ވަރަށް ރަނގަޅު އެކުވެރި ގުޅުމެއް އެބައޮތް.

ދެން އެހެންނަމަވެސް، މި ގުޅުން ހީނަރުކުރަން އަދި ބައިބައިކުރަން އެކި ފަރާތްތަކުން މަސައްކަތްކުރޭ. ދެން އެހެންނަމަވެސް، އަޅުގަނޑުމެންގެ ތެރެއަކު ނެތް، އެ އަޑުއަހާނެ ފަރާތްތަކެއް. އަޅުގަނޑުމެންގެ ޢަޒުމް ވަރަށް ވަރުގަދަ. އަޅުގަނޑުމެން މިތިބީ ޤައުމަށް ޚިދުމަތް ކުރުމަށްޓަކައި ރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކުރި ޒިންމާ އަދާކުރުމަށް އިޚްލާޞްތެރިކަމާ އެކީގައި މަސައްކަތް ކުރުމުގައި. އަޅުގަނޑުމެން އެންމެން އެ ނިޔަތުގައި، އެ ޢަޒުމުގައި، ކުރިއަށް މިދަނީ. އިރާދަކުރެއްވިއްޔާ، އެގޮތުގައި ކުރިއަށް އޮތް ތާނގައިވެސް ކުރިއަށްދާނެ.

މަރްޔަމް ވަފާ:

ރައީސް، ދެން އަޅުގަނޑުމެންނަށް ފެނުނު، ވަރަށް ގިނަ ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވިތަން އެހެންނޫންތޯ. ރައްޔިތުންނާ ގާތަށް ވަޑައިގެން، ރަށްރަށަށް ވަޑައިގެންވެސް، އަދި ހަމައެއާއެކީގައި ބައެއްފަހަރު ނޫސްވެރިން، ލައިވްނުކުރި ކަމުގައިވިޔަސް، ބައެއް ބައްދަލުވުންތައް ހަމަ ކުރިއަށްދިޔަ. ރައްޔިތުންނަށް ބޭނުން އެއްޗެއް ރައީސް އަރިހުގައި ވިދާޅުވުމުގެ ފުރުޞަތު ހަމަ ފަހިކޮށްދެއްވި. އަދި ހަމައެއާއެކީގައި، ރާއްޖެއިން ބޭރަށްވެސް ދަތުރުތައް ކުރައްވާއިރު، ހަމަ އެއިން ކޮންމެ ދަތުރެއްގައި އެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ އެބަ ބައްދަލުކުރައްވާ. ދެން ރާއްޖޭގެ އެންމެމަތީ ވެރިޔާ ވަޑައިގަތީމާ ރައްޔިތުންގެ ހުންނަ ކަންބޮޑުވުންތަކާއި، އަދި ޝަކުވާތަކާއި، ބޭނުންވާ ކަންތައްތަކުގެ ވާހަކަ ރައްޔިތުން ދައްކާ މަންޒަރުވެސް އަޅުގަނޑުމެންނަށް ފެނިގެންދޭ. މި ކަންތައްތަކަށްފަހު، ދެން ރައްޔިތުންގެ ހިތަށްއަރާ އެއްޗެއް މިއީ، ދެންވަނީ ކިހިނެއްތޯ؟ ރައީސަށް ހަމަ ސިޓީތައް ދޭ މަންޒަރުވެސް އަޅުގަނޑުމެންނަށް ޓީ.ވީ.އިން ފެނިގެންދޭ. އެހެންކަމަށްވުމާއެކު، ދެން ފަހުން ކަންތައްތައް ހިނގަނީ ކިހިނެއްތޯ؟ ރައީސް އެ ބޭފުޅުންނާ އަލުން ބައްދަލުކުރައްވައި ނުވަތަ އެ ބޭނުންފުޅުވާ ކަންތައްތަކަށް އެޑްރެސް ކުރެއްވުމުގެ ކަންތައްތައް އޮންނަނީ ކިހިނެއްތޯ ހަމަޖެހިފައި.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ތިއީ ހަމަ ވަރަށް ރަނގަޅު ވާހަކަފުޅެއް. ޙަޤީޤަތުގައި، މިހާރު އިދިކޮޅު ފަރާތްތަކުން އެބަކިޔާ، އަޅުގަނޑު ހަމައެކަނި އަޑުއަހަނިއްޔޭ. ބައްދަލުކުރަނީއޭ. ދެން އެއަށްފަހު، އެމީހުން އެ އެދޭ އެއްވެސް ކަމެއް ނުބަލައޭ. ދެން ހަމަ މިކަހަލަ ދޮގު ވާހަކަ މި ދައްކަނީ. މިއަދާ ހަމައަށް އައިއިރުގައި، މިހާރު ވަރަށް ގިނަ ދަތުރުތައް އަޅުގަނޑު ކޮށްފިން ރަށްރަށަށް. ހުރިހާ ރަށަކަށް ދެވިއްޖެ. ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުގައި ތިބި ދިވެހި ރައްޔިތުންނާ ބައްދަލުކޮށްފިން. އަދި މާލޭގެވެސް ވަރަށް ގިނަ ރައްޔިތުންނާ ބައްދަލުކޮށްފިން. މި ހުރިހާ ފަރާތްތަކުން އަޅުގަނޑަށް އެކި ކަންކަމުގައި، އެބަހުރި އެދިފައި ސިޓީގެ ޒަރީއާއިން، އަދި އެކި ގޮތްގޮތުން. ދެން އަޅުގަނޑު ހަދާގޮތަކީ، ރާއްޖެއިން ބޭރުގެ ދަތުރުތަކުގައިވެސް، އަދި މާލޭގައިވިޔަސް، ރަށްރަށުގައިވިޔަސް، މިގޮތަށް އަންނަ ރިކްއެސްޓްތައް ހަމަ ވަކިވަކިން ބަލަން. އަޅުގަނޑުގެ މުވައްޒަފުން، އަޅުގަނޑާ އެކީގައި މަސައްކަތްކުރައްވާ ބޭފުޅުން، އެކަމަށް އެސައިންކޮށްފައި، އެފަރާތްތަކުން އެ ކަންތައްތަކަށް އެޓެންޑްވާނެ. އަދި އަޅުގަނޑު ހަމަ އެއިން ކޮންމެ ކަމަކަށް ގޮތެއް ނިންމައިދެން.

ދެން މިސާލަކަށް، އެންމެ ގިނައިން އަންނާނެ އެއްކަމަކީ، ބޯހިޔާވަހިކަމާ ގުޅޭ މައްސަލަތައް. މިސާލަކަށް، އެންމެފަހުން މިދިޔަ ފުލެޓް ދޫކުރުމުގެ މަރުޙަލާގެ ތެރޭގައި، މިދިޔަ ސަރުކާރުގެ ލިސްޓުގެ ތެރެއިން، އުނިވެފައި ތިބި އެކަހަލަ ފަރާތްތަކަށް ފުލެޓް ނުދެވިފައި ހުރެދާނެ. އެކަމަކު އަޅުގަނޑުމެން ހުންނާނެ އެ ފަރާތްތަކަށްވެސް އެކަންކަން ބަލައިދީފައި. މިސާލަކަށް، އެފަރާތުގެ އެޕްލިކޭޝަން ރަނގަޅަށްތޯ އޮތީ، އެއަށް ރަނގަޅަށް ބަލާފައިތޯ އޮތީ، އެކަން ބަލައިދީފައި. އެއަށް ޖަވާބުދޭނެ. ދެން އެހެން ހުރިހާ ކަމެއްގައިވެސް އެކިކަހަލަ އެހީތެރިކަމަށް އެދޭ. އެކިކަހަލަ ކަންކަން ލަސްވެފައި ހުރޭ ސަރުކާރުގެ ތެރޭގައި. ނޫނީވިއްޔާ އެކިކަހަލަ މައްސަލަތައް ދިމާވެފައި ހުރޭ. މިއިން ކޮންމެ ކަމެއް ހުންނާނީ ބަލައިދީފައި އިނގޭތޯ. އަޅުގަނޑަކަށް ހީއެއްނުވޭ އަޅައިނުލައި ދޫކޮށްލެވިފައި އަޅުގަނޑާ ހަމައަށް އައިސްފައި، ސީދާ އަޅުގަނޑު އަތަށް، ނޫނީ އަޅުގަނޑާ ސީދާ ބައްދަލުވެފައި، އެއްވެސްކަހަލަ ރިކްއެސްޓެއް އައިސްފައި އޮތް މީހަކަށް ކަމެއް، އެ މީހަކު އެ ބުނި ކަމަކަށް، އެދިފައި އޮތް ކަމަކަށް ބެލިފައި، ނޫނީވިއްޔާ އެކަމަށް ގޮތެއް ހޯދައިނުދެވި އޮންނާނެހެނެއް ހަމަ އެއްގޮތަކަށްވެސް. އޮތަސް މި ދެންނެވިހެން ފުލެޓު ބޭނުންވި މީހާއަށް ފުލެޓް ނުދެވި އޮވެދާނެ. އެއީ އަޅުގަނޑަށް ކުރެވޭނެ ކަމެއްނޫން. އޮންނަ އުސޫލުގެ ތެރެއިން އެކަންވާނީ. އެކަމަކު އެކަން ބަލައިދީފައި އޮންނާނީ.

އެހެންވީމާ، އަޅުގަނޑަކަށް އެއްގޮތަކަށްވެސް ހީއެއްނުވޭ އެކަހަލަ ޝަކުވާއެއް ކުރާނެ ފަރާތެއް ހުންނާނެހެނެއް. އަޅުގަނޑު ވަރަށް ސަމާލުކަމެއްދޭ ކަމެއް އެއީ. އަޅުގަނޑާ ބައްދަލުވާ ހުރިހާ ފަރާތްތަކަށް އެ ސަމާލުކަން ދިނުން. ދެން އެހެންނަމަވެސް، އަޅުގަނޑާ ބައްދަލުކުރަން އެދޭ ފަރާތްތަކަށް އެކަން ނުވެ އޮވެދާނެ އިނގޭތޯ. ވަރަށް ގިނަ ފަރާތްތަކުން އެދޭ ސީދާ އަޅުގަނޑާއެކީ ބައްދަލުކުރަން އިނގޭތޯ. އަޅުގަނޑުގެ ވަގުތު ހުންނަގޮތުން އެމީހަކާ ބައްދަލުނުވެވި އޮވެދާނެ.

ދެން އެކަމަކު އަޅުގަނޑު ހުންނާނެ ރައީސް އޮފީހުގެ ކަމާބެހޭ މިނިސްޓަރަކު ހަމަޖައްސާފައި، އެ ބޭފުޅަކާ ބައްދަލުކުރެވޭނެ ގޮތް ހަދައިދީފައި. ދެން ރައީސް އޮފީހުގެ މިނިސްޓަރާ ބައްދަލުކޮށްފައި، އެ ހުރިހާ ތަފުސީލެއް ނަގާނެ. ވަރަށް ތަފުސީލުކޮށް އެ ކޮންމެ ބައްދަލުވުމެއްގައި ދައްކާ ވާހަކަ ނޯޓުކޮށް ހަދާފައި، އަޅުގަނޑާ ހަމައަށް އަންނާނެ އެ ލިޔުން. އައިމާ އަޅުގަނޑު އެއަށް ގޮތެއް ނިންމައިދެން. ހަމަ އިފެކްޓިވްލީ ސީދާ އަޅުގަނޑާ ބައްދަލުނުވިޔަސް އެކަން އެބަވޭ. އެހެންވީމާ، އެގޮތަށް މިގެންދަނީ.

އެކަމަކު ތިޔަ ސުވާލު ކުރެއްވީމާ، މިކަމުގެ ތެރޭގައި ހަމަ ދަންނަވާލަން ބޭނުން. އަޅުގަނޑާ ބައްދަލުކުރަން ބޭނުންވާ ފަރާތްތައް، ވަން ޓު ވަންކޮށް، ނޫނީ މިގޮތަށް ބައްދަލުކޮށްލަން ބޭނުންވާ ފަރާތްތަކަށް އެބައުޅެން އަޅުގަނޑު އެކަހަލަ ފުރުޞަތެއް ހުޅުވާލަން، ކުރިއަށް އޮތް ދުވަސްތަކުގައި އިނގޭތޯ. ކޮންމެ ހަފްތާއަކު އެއްދުވަހު، ނޫނީ ދެ ދުވަހު އަޅުގަނޑާ ބައްދަލުކުރެވޭގޮތަށް، ވަކި ވަގުތެއް ކަނޑައަޅައިގެން، ވަކި އުސޫލެއްގެ ތެރެއިން. ދެން މި ވިސްނަނީވެސް ދާއިރާގޮތަށް ގެންދަން އިނގޭތޯ. މިސާލަކަށް، މިއަދު އޮންނާނީ މާފަންނު އުތުރު ދާއިރާ. އެހެންވީމާ، މިއަދު އަންނާނީ މާފަންނު އުތުރު ދާއިރާގެ އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން، އެ ވަގުތު އޮންނަވަރަކުން ފުރުޞަތު ދެވޭ، އެ އޮންނަ އުސޫލުގެ ތެރެއިން ފުރުޞަތު ލިބިގެންދާ އެންމެންނާ ބައްދަލުކުރުން. ދެން އަންނަ ދުވަހު އަނެއް ދާއިރާ. އެހެންގޮސް 93 ދާއިރާ ނިމޭނީ ލައްކަ ދުވަހުން. އެކަމަކުވެސް ހަފްތާއަކު އެއްދުވަހު ބައްދަލުކޮށްފިއްޔާ ވަރަށް ދުވަސް. ހަފްތާއަކު ދެ ދުވަހު ބައްދަލުކުރިޔަސް، ދެން ހުންނަ ދަތުރުތަކާއި، މި ހުރިހާ ކަމަކަށް ބަލާއިރު، އަހަރެއްހާ ދުވަސް ނަގާނެކަންނޭނގެ ހުރިހާ ދާއިރާއެއް ކަވަރުކުރަން. އެހެންވިޔަސް، ކޮންމެ ދާއިރާއަކުން ދިހަވަރަކަށް، ނޫނީ ޢާއިލާއާ ބައްދަލުވާ ކަމަށްވަންޏާ، ނޫނީވިއްޔާ ފަނަރަވަރަކަށް ގޭގެ ފަރާތްތަކާ އަޅުގަނޑާ މިހެން ބައްދަލުވަންޏާ، ވަރަށް ގިނަ މީހުންނަށް ފުރުޞަތު ލިބިގެންދާނެ އެމީހަކު ބޭނުންވާ ވާހަކަތައް ދައްކަން. އެކަހަލަ ޕްރޮގްރާމެއް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފަށަން އެބައުޅެން. އެހެންވީމާ، އަޅުގަނޑު ވަރަށް އިސްކަމެއްދެން ރައްޔިތުންނާ ވަރަށްގާތުން ވާހަކަ ދައްކައި މަސައްކަތްކުރަން. ދެން ކުރިއަށް އޮތް ތާނގައި ރަށްރަށަށް އަޅުގަނޑު ދަތުރުކުރާއިރުގައިވެސް އަޅުގަނޑު ކުރިއަށްވުރެ ބޮޑަށް ވަގުތުދޭން ނިންމާފައި މިހާރު އޮންނާނީ އެކަހަލަ ފުރުޞަތުތައް ދޭން. އެއީ، މީގެ ކުރިން ކުރި ދަތުރުތަކުގައި އަޅުގަނޑު ބޮޑަށް މި ބެލީ ކައުންސިލްތަކާ ބައްދަލުކުރަން. މުއައްސަސާތަކާ ބައްދަލުކުރަން. ދެން އޮފްކޯސް، ކައުންސިލަކީ ރައްޔިތުން ހޮވާފައި ތިބި ފަރާތްތައް. އެހެންވިޔަސް، އެއަށްވުރެ ބޮޑަށް އަޅުގަނޑު ކުރިއަށް އޮތް ތާނގައި ބަލާނަން، އެ ރަށެއްގެ ރައްޔިތުންގެ ތެރެއިން އަޅުގަނޑާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ކޮންމެވެސްކަހަލަ އުސޫލެއްގެ ތެރެއިން ވަގުތު ދޭން.

އެހެންވީމާ، މިދިޔަ ދުވަސްތަކުގައި އަޅުގަނޑާ ބައްދަލުވި ފަރާތްތަކަށް މި ދެންނެވި ގޮތަށް ހުންނާނީ އެޑްރެސް ކުރެވިފައޭ. ފަރާތެއް މިސްވެފައި އޮވެއްޖިއްޔާ، އަޅުގަނޑުމެންނާ ހަމައަށް އެކަން ގެނެސްދީފިއްޔާ އެކަން ބަލައިދޭނަން. އަޅުގަނޑު ވަރަށް ސަމާލުކަންދޭ، ވަރަށް ސީރިއަސްކޮށް ނަގާ ކަމެއް އެއީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެޑްރެސް ކުރުން.

އަޙްމަދު ޖަދުވާން:

ރައީސް، ވަގުތުވެސް ހަމަވުމާއެކު، އަޅުގަނޑުމެން މިޖެހެނީ ނިންމާލަން އިނގޭތޯ. ވަރަށް ބޮޑަށް ޝުކުރިއްޔާ. ދެން އަޅުގަނޑަށް އެނގޭ އިނގޭތޯ، ރައްޔިތުންގެ ކަންބޮޑުވުން މި ބައްދަލުވުމާއި، ހުށަހަޅާ ޝުޢޫރުތަކާ ގުޅިގެން ދެންވާގޮތާއި، މި ސުވާލުތައް މި އަންނަނީ ޙަޤީޤަތުގައި ރައީސާ ބައްދަލުވެ ވާހަކައެއް ދަންނަވާލީމާ، ދެން އެކަމާމެދު އޮންނަ އިތުބާރެއްގެ ބޮޑުކަމުންވެސް ކަންނޭނގެ އަޅުގަނޑަށް ހީވަނީ އިނގޭތޯ. އެހެންވީމާ، ތިއީ ވަރަށް އުފާވެރި ޚަބަރެއް ތިޔަ ދެއްވީ ނިންމަވާލައްވަމުން އިނގޭތޯ.

ވަރަށް ބޮޑަށް ޝުކުރިއްޔާ، އަޅުގަނޑުމެންނަށް ތިޔަ ދެއްވި ވަގުތުކޮޅަށްޓަކައި. އެހެން ފުރުޞަތެއްގައި ބައްދަލުވާނެކަމަށް އަޅުގަނޑުމެން އުންމީދުކުރަން. އަޅުގަނޑުމެން އެދެނީ، ރައީސްގެ ސިޔާސަތުތަކަށް، މަސައްކަތްޕުޅުތަކަށް ކާމިޔާބު އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ވަރަށް ބޮޑަށްޝުކުރިއްޔާ އިނގޭތޯ.

މަސްދަރު: ރައީސް އޮފީސް

ޑރ. މުޙައްމަދު މުޢިއްޒުނޭޝަން ޗެޓް

އިތުރަށް ކިޔާލަން

29 ޖޫން 2026

ވައުދާ ހުވާ ކުރާނެއޭ، އެ ހަނދާން ނެތޭނެޔޭ.. ނޫނީ އެހެން ގޮތެއްގާ، މަޖުބޫރުވާނެޔޭ...

ވަޒީފާތަކުން މީހުން ވަކިނުކުރާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދާ ޚިލާފަށް، ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާތީ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. ޚަރަދު ކުޑަކުރުމުގެ ނަމުގައި ގިނަ އަދަދެއްގެ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާއިރު، މިއީ މަޖުބޫރުވެގެން ކުރާ ކަމެއް ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މީގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލި އާއިލާތަކަށް މާލީ ދަތިތަކާ ކުރިމަތިވަމުންދާކަން ފާހަގަކުރެވޭ.

29 ޖޫން 2026
ވައުދާ ހުވާ ކުރާނެއޭ، އެ ހަނދާން ނެތޭނެޔޭ.. ނޫނީ އެހެން ގޮތެއްގާ، މަޖުބޫރުވާނެޔޭ...
29 ޖޫން 2026

ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ޤާނޫނީ ބަދަލުތަކާއި އުމްރާނީ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

މާލޭގައި ފުލުހުންގެ އައު ހެޑްކުއާޓަރެއް ބިނާކުރުމާއި، ވާނީ ތަމްރީނު މަރުކަޒު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އިތުރުން، ފުލުހުންނާއި އެމީހުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމުގައި އެމަނިކުފާނު ވިދާޅުވި. މި ރަސްމިއްޔާތުގައި ފުލުހުންގެ ޚިދުމަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މެޑެއްޔާއި ކުލަ އަދި ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައި.

29 ޖޫން 2026
ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ޤާނޫނީ ބަދަލުތަކާއި އުމްރާނީ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
29 ޖޫން 2026

އިޤްތިޞާދު ހަރުދަނާ ކުރުމާއި މަސައްކަތުގެ އަޚުލާގު ކުރިއެރުވުމަށް ކުންފުނިތައް އެންމެ ރަނގަޅު މިންގަޑަކަށް ބަދަލު ކުރުމާއި ޕޭ ހާމަނައިޒްކުރުން މުހިންމު - ރައީސް މުއިއްޒު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމާއި، ކުންފުނިތަކަށް އެންމެ އެކަށީގެންވާ މިންވަރަށް މުވައްޒަފުން ބޭތިއްބުމަކީ އިޤްތިޞާދު ހަރުދަނާކޮށް ޚަރަދު ކުޑަކުރުމަށް އަޅާ މުހިންމު ފިޔަވަޅުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ. މި ބަދަލުތަކުގެ ސަބަބުން މަސައްކަތުގެ އަޚުލާޤު ރަނގަޅުވެ، މުވައްޒަފުންނަށް ލިބޭ އާމްދަނީ އިތުރުވާނެކަން ފާހަގަކުރައްވަމުން، މިއީ ސިޔާސީ ނުފޫޒުން މީހުން ވަކިކުރުން ނޫންކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވި. މީގެ އިތުރުން، ރާއްޖޭގެ ދަރަނިތައް ދައްކާ ޚަލާސްކުރުމާއެކު އިޤްތިޞާދު ނެގެހެއްޓުމުގެ މަސައްކަތް ސާބިތުކަމާއެކު ކުރިއަށްދާނެ ކަމަށްވެސް ރައީސް ވިދާޅުވި.

29 ޖޫން 2026
އިޤްތިޞާދު ހަރުދަނާ ކުރުމާއި މަސައްކަތުގެ އަޚުލާގު ކުރިއެރުވުމަށް ކުންފުނިތައް އެންމެ ރަނގަޅު މިންގަޑަކަށް ބަދަލު ކުރުމާއި ޕޭ ހާމަނައިޒްކުރުން މުހިންމު -  ރައީސް މުއިއްޒު
29 ޖޫން 2026

2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

މިގޮތުން އަތޮޅުތެރޭގެ ހައުސިންގ މަޝްރޫޢުތަކާއި ރަސްމާލެ ބިންހިއްކުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށާއި، ބޭންކުތައް މެދުވެރިކޮށް ލުއި ލޯނު ސްކީމްތަކާއި ފައިނޭންސިންގ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަމަށް މުއިއްޒު ވިދާޅުވި. މީގެ އިތުރުން، ގޯއްޗާއި ފްލެޓްގެ ލިސްޓުތައް ފުރިހަމައަށް ވެރިފައިކުރުމަށްފަހު، އެއްވެސް ނުފޫޒެއް ނެތި ހާމަކަން ބޮޑު ގޮތެއްގައި ހައްގުވެރިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި.

29 ޖޫން 2026
2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
29 ޖޫން 2026

ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކައަކީ ގޮސިޕެއް: ރައީސް

ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ ޖޭޕީމޯގަންއަށް ވިއްކާލަން އުޅޭ ކަމަށާއި، ރަސްމާލެއިން ބޭރުގެ ކުންފުންޏަކަށް ބިން ދޭން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ ދޮގުކުރައްވައިފި. ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ މިއީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް.

29 ޖޫން 2026
ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކައަކީ ގޮސިޕެއް: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު