ޖަލަށް ލާފައިވާ ވިއެޓްނާމުގެ ބިލިއަނަރެއްގެ އަގުބޮޑު ކާރުތަކާއި، ގަހަނާތައް ނީލަމުގައި ވިއްކާލުމަށް ތައްޔާރުވެއްޖެ
ވިއެޓްނާމުގެ ސައިގޮން ކޮމާޝަލް ބޭންކުން 12.5 ބިލިއަން ޑޮލަރުގެ ޚިޔާނާތްތެރިވި މައްސަލަ ސާބިތުވެ އުމުރު ދުވަހުގެ ޖަލުހުކުމް އިއްވާފައިވާ މަހުޖަނު ޗުއޮންގް މައި ލަންގެ އަގުބޮޑު މުދާތައް ނީލަމުގައި ވިއްކާލުމުގެ މަސައްކަތް އެ ގައުމުގެ ސަރުކާރުން ފަށައިފި. ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ވިއްކާލާ ތަކެތީގެ ތެރޭގައި ލަގްޒަރީ ކާރުތަކާއި، އަގުބޮޑު އަތްދަބަހާއި ގަހަނާ ހިމެނޭއިރު، މި ނީލަމުން ލިބޭ ފައިސާ ބޭނުންކުރާނީ ބޭންކަށް ލިބުނު ގެއްލުން ފޫބެއްދުމަށާއި އާންމު ރައްޔިތުންނަށް ބަދަލު ދިނުމަށް


ޗުއޮންގް މީ ލަންގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް އިސްތިއުނާފު ކުރުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޭނާ. | ސީ.އެން.އެން
ވިއެޓްނާމުގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އުމުރަށް ޖަލަށް ލާފައިވާ މަހުޖަނު ޗުއޮންގް މައި ލަންގެ މިލްކިއްޔާތުގައި ހިމެނޭ އަގުބޮޑު މުދާތަކެއް ނީލަމެއްގައި ވިއްކާލުމުގެ މަސައްކަތް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވާ ތަކެތީގެ ތެރޭގައި ލަގްޒަރީ ކާރުތަކާއި، އަގުބޮޑު އަތްދަބަހާއި، ގަހަނާގެ އިތުރުން ގިނަ އަދަދެއްގެ މުދާ ހިމެނޭ ކަމަށް އޮފިޝަލުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
މިދިޔަ އޭޕްރީލް މަހު ވިއެޓްނާމުގެ ކޯޓަކުން ލަންގެ މައްޗަށް މަރުގެ އަދަބު އިއްވީ، އެ ގައުމުގެ އެންމެ ބޮޑު އެއް ބޭންކު ކަމަށްވާ ސައިގޮން ކޮމާޝަލް ބޭންކުން (އެސް.ސީ.ބީ) 12.5 ބިލިއަން ޑޮލަރުގެ ޚިޔާނާތްތެރިވި މައްސަލަ ސާބިތުވުމާ ގުޅިގެންނެވެ. މިއީ އެ ގައުމުގެ ޖީ.ޑީ.ޕީގެ ގާތްގަނޑަކަށް ތިނެއް އިންސައްތައާ އެއްވަރުގެ އަދަދެކެވެ. މި މައްސަލައިގައި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި، އޭނާ ގެ އަތުން އަތުލައިގަނެފައިވާ މުދާތައް ވިއްކާލުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ނީލަމަށް ހުށަހަޅާ ތަކެތީގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ރޯލްސް ރޮއިސް، ބެންޓްލީ އަދި ލަމްބޯގިނީ ފަދަ ލަގްޒަރީ ކާރު ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން އަގުބޮޑު ބްރޭންޑްތަކުގެ 70 އަށް ވުރެ ގިނަ އަތްދަބަހާއި، އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި ޖަވާހިރާއި ގަހަނާ ވެސް މި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފަ އެވެ. މި ތަކެތީގެ ޖުމްލަ އަގު އެތައް މިލިއަން ޑޮލަރަކަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

މިދިޔަ ހަފުތާގައި ވިއެޓްނާމުގެ ފުލުހުން ހާމަކުރި ގޮތުގައި، ލަންގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ އިތުރު މައްސަލަތަކެއްގެ ތަހުގީގު ވެސް މިހާރު ވަނީ ނިމުމަކާ ގާތްވެފަ އެވެ. އާ ތަހުގީގުތަކުން ދައްކާ ގޮތުގައި އޭނާ ވަނީ ގަވާއިދާ ޚިލާފަށް 4.5 ބިލިއަން ޑޮލަރު ގައުމުން ބޭރުކޮށްފަ އެވެ. މި މައްސަލައަކީ ވިއެޓްނާމް ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ފަށާފައިވާ ވަރުގަދަ ކެމްޕޭނުގެ ދަށުން ބަލަމުންދާ އެންމެ ބޮޑު މައްސަލަ އެވެ.
ޗުއޮންގް މައި ލަން އަކީ ވިއެޓްނާމުގެ އެންމެ ނުފޫޒުގަދަ އެއް ވިޔަފާވެރިޔާ އެވެ. އޭނާ ހައްޔަރުކުރުމާ ހަމައަށް އޭނާ ގެ ރިއަލް އެސްޓޭޓް ކުންފުނި، ވެން ތިން ފޭ ގްރޫޕަކީ އެ ގައުމުގެ އެންމެ ބޮޑު އެއް ކުންފުންޏެވެ. ނަމަވެސް، ބޭންކުގެ ކޮންޓްރޯލް ނަގައިގެން އަމިއްލަ ބޭނުންތަކަށް ފައިސާ ބޭނުންކުރި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރުމާއެކު، އެ ގައުމުގެ އިގްތިސާދަށް ވެސް ވަނީ އޭގެ ނޭދެވޭ އަސަރުތަކެއް ކޮށްފަ އެވެ.
ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، މި ނީލަމުން ލިބޭ ފައިސާ ބޭނުންކުރާނީ ބޭންކަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށާއި، އޭނާ ގެ މަކަރާއި ހީލަތުގެ ސަބަބުން ފައިސާ ގެއްލުނު އާންމު ރައްޔިތުންނަށް ބަދަލު ދިނުމަށެވެ. މި މައްސަލައިގައި ލަންގެ އިތުރުން އޭނާ ގެ އާއިލާގެ ބައެއް މީހުންނާއި، ބޭންކުގެ އިސްވެރިން ހިމެނޭހެން 80 އަށް ވުރެ ގިނަ މީހުންގެ މައްޗަށް ވަނީ އެކި މިންވަރުގެ އަދަބުތައް އިއްވާފައެވެ.
މަސްދަރު: ސީއެންއެން




