ޝަމްއާންގެ ތުހުމަތުތައް ސާފުކޮށް ދިނުމަށް މިނިސްޓަރު އިހުސާން އެދުނުތާ އެއް ދުވަސްފަހުން ފުލުހުންގެ ބޮޑު ބަޔާނެއް!
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ މައްޗަށް ކުރެވުނު ރިޝްވަތާއި މަނީ ލޯންޑަރިންގެ ތުހުމަތުތަކުގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ފުލުހުން ބުނޭ. ފުލުހުން ހާމަކުރި ގޮތުގައި، ބިދޭސީއަކު ދޫކޮށްލުމުގެ ބަދަލުގައި ފަސްލައްކަ ރުފިޔާ ހޯދައި، އޭގެ ތެރެއިން ބައެއް ފައިސާ ޝަމްއާންގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ހެކިތަކުން ކަށަވަރުވޭ. އެހެންކަމުން، ސިޔާސީ ނުފޫޒުން އޭނާ ފްރޭމްކުރި ކަމަށް ބުނެ ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވޭ.


ހޯމް މިނިސްޓަރ އަލީ އިޙްސާން އަދި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝައްމާން ވަހީދު. | ރާއްޖެއެމްވީ
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު، ހޯމް މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް ކުރި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް، ކަން ހިނގިގޮތް ރައްޔިތުންނަށް ސާފުކޮށްދޭން ފުލުހުންގެ ޚިދުމަތުގައި އެދިފައިވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިތާ އެއް ދުވަސްފަހުން ފުލުހުންގެ ޚިދުމަތުން ބަޔާނެއް ނެރެފި އެވެ.
9 ޖޫން 2026 ގައި ޝަމްއާން މީޑިއާތަކާ ބައްދަލުކޮށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭގޮތުން ބުރާސްފަތި ދުވަހު ފުލުހުން ބުނީ، ޝަމްއާން އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީންގެ އަތުން ނުހައްގު މާލީ މަންފާ ހޯދައި، އެ ފައިސާ ބޭނުންކޮށް މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު ފެށުމާއެކު، 2025 މާރިޗު 21 ވަނަ ދުވަހު އެ މައްސަލައާ ގުޅޭ މައުލޫމާތު މީޑިއާތަކާ ހިއްސާކޮށްފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ، އެ މައްސަލައިގެ ތަހުގީގުގެ އަދާހަމަ އެކިފަހަރުމަތިން މީޑިއާތަކާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގުގެ ހޯދުންތަކުގެ ތަފްސީލު ހާމަކުރުމަށް 2025 މޭ 13 ވަނަ ދުވަހު މީޑިއާ ބްރީފިންގ އެއް ބާއްވާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއް ރޭވުމުގެ މަރުހަލާއިން ފެށިގެން އެ އޮޕަރޭޝަން ތަންފީޒުކުރުމާ ހަމައަށް ހިނގި ހުރިހާ ކަމެއް ޝަމްއާން އަށް އެނގޭކަން ތަހުގީގަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ. މި އޮޕަރޭޝަން 2025 މާރިޗު 11 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ނަމަވެސް، އޭގެ ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ކުރިން ޝަމްއާންގެ އޮފީހުގައި މިކަމާ ގުޅޭ މަޝްވަރާތައް ބާއްވާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅުންހުރި ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ރޭ، އެ މައުލޫމާތު ޝަމްއާނަށް ދީފައިވާ ކަމަށެވެ. އެއަށްފަހު، އެ ބިދޭސީންގެ ތެރެއިން އެކަކު ދޫކޮށްލުމުގެ އިޖުރާއަތްތައް ފަށާފައިވާ ކަމަށާއި، އެގޮތުން ސްޕޮންސަރުގެ ނަމުގައި އީމެއިލް މެދުވެރިކޮށް ފޮނުވި ސިޓީއެއް އިމިގްރޭޝަނަށް ލިބުމާއެކު، އެއީ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ މީހާ ދޫކޮށްލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމާގުޅޭ މުވައްޒަފުންނަށް ޝަމްއާން އަށް އިރުޝާދު ދިންކަންވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، ތަހުގީގަށް އިތުރަށް ހާމަވެފައިވާ ގޮތުގައި، އެ ބިދޭސީ މީހާ ދޫކޮށްލުމަށްފަހު، މި މައްސަލައިގައި ތުހުމަތުކުރެވޭ އިމިގްރޭޝަންގެ ދެ މުވައްޒަފަކު އެ މީހާ ގޮވައިގެން އިމިގްރޭޝަންގެ ވެހިކަލެއްގައި މާލެ ތެރޭގައި ދަތުރުކުރި ކަމަށެވެ. މި ދަތުރުގެ ތެރޭގައި، އެ މީހާ ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން ދޭންޖެހޭ ފައިސާއާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށާއި، ފައިސާގެ އަދަދު ކަށަވަރކުރުމަށް ޝަމްއާން ގުޅާފައިވާކަން ވެސް އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މިކަމަށް އެއްބަސްވެފައިވަނީ 500,000 (ފަސްލައްކަ) ދިވެހި ރުފިޔާއަށް ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
މީގެއިތުރުން، ވެހިކަލް ޕާކުކުރުމަށްފަހު އިމިގްރޭޝަންގެ އެ ދެ މުވައްޒަފުން ސައިކަލެއްގައި ޝަމްއާން ދިރިއުޅޭ ގެ ހުންނަ ސަރަހައްދަށް ގޮސްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށާއި، އެމީހުން ޝަމްއާން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތަށް ވަދެފައިވަނީ ދަންވަރު 3:00 އެހައިކަންހާއިރު ފައިސާ ހުރި ކޮތަޅެއް ހިފައިގެން ކަމަށް ފުލުހުން ބުނެ އެވެ. އޭގެ ގާތްގަނޑަކަށް ތިން މިނެޓް ފަހުން އެމީހުން އެ އިމާރާތުން ނުކުތްއިރު، އެމީހުންގެ އަތުގައި އެ ފައިސާ ކޮތަޅެއް ނެތް ކަމަށް ފުލުހުން ބުނެ އެވެ.
އަދި ޖެހިގެން އައި 2025 މާރިޗު 13 ވަނަ ދުވަހު، މުޙައްމަދު ޝަމްއާންގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ދެ އެކައުންޓަކަށް ޖުމްލަ 259,837.35 (ދެލައްކަ ފަންސާސް ނުވަހާސް އަށްސަތޭކަ ތިރީސް ހަތް ރުފިޔާ ތިރީސް ފަސް ލާރި) ޖަމާކޮށްފައިވާކަން ވެސް ތަހުގީގަށް ހޯދިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، މި ތަހުގީގަކީ ވަކި ނަތީޖާއެއް ނެރުމަށް ދުރާލައި ރާވައިގެން ހިންގި ތަހުގީގެއް ކަމަށާއި، ވަކި ގޮތަކަށް ބަޔާން ދިނުމަށް މީހުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ނުވަތަ ތަހުގީގުގެ ނިންމުންތަކަކީ ސިޔާސީ ފަރާތެއްގެ ނުވަތަ އެހެންވެސް ފަރާތެއްގެ އިރުޝާދުގެ ދަށުން ނިންމާފައިވާ ނިންމުންތަކެއް ކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްނެތް ހަގީގަތާ ހިލާފު ތުހުމަތު ތަކެއް ކަމަށެވެ. އަދި ތަހުގީގުން ނިންމާފައިވާ ހުރިހާ ނިންމުން ތަކަކީ ވެސް ތަހުގީގަށް ލިބިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް، ކަމާބެހޭ ގާނޫނުތަކާއި އުސޫލުތަކުގެ ތެރެއިން މި މުއައްސަސާއިން މިނިވަންކަމާއެކު ނިންމާފައިވާ ނިންމުންތަކެއް ކަމަށް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން ފުލުހުން ބުނީ، މުޅި ތަހުގީގުގެ މަރުހަލާގައާއި އޭގެ ފަހުން ހިނގި ޝަރުއީ މަރުހަލާ ތަކުގައި ވެސް، ތަހުގީގުގެ ބޭނުމަށް ހިފަހައްޓާފައިވާ ފޯނު ހުޅުވުމަށް ބޭނުންވާ ލޮކް ކޯޑު ޝަމްއާން ދީފައިނުވާ ކަމަށެވެ.
އެހެންކަމުން އެ ފޯނުގައި ހުރި މައުލޫމާތުތައް ބަލައި ތަހުގީގު ކުރުމުގެ ފުރުސަތު ލިބިފައެއް ނުވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، 2026 ޖޫން 09 ވަނަ ދުވަހު ޝަމްއާން، ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އޭނާ ގެ ފޯނުގައި ކޮރަޕްޝަނާ ގުޅޭ ހެކި ހުރި ކަމަށް މީޑިއާ މެދުވެރިކޮށް ބުނި ނަމަވެސް، ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި އަދި 2025 ޑިސެމްބަރު 25 ވަނަ ދުވަހު ޝަމްއާން ބަންދުން ދޫކޮށްލިފަހުން މިނިވަނެއްގެ ގޮތުގައި އުޅުނުއިރުވެސް އެފަދަ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ހިއްސާކޮށްފައިނުވާ ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ގާނޫނީ މެންޑޭޓް އޮންނަ އެހެން އެއްވެސް މުއައްސަސާއަކަށްވެސް އެފަދަ މައުލޫމާތެއް ރަސްމީކޮށް ހުށަހަޅާފައިވާކަން ފުލުހުންނަށް އެނގިފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، އެ ޚިދުމަތުން ހިންގާ ހުރިހާ ތަހުގީގު ތަކަކީވެސް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، ވަކި ފަރާތަކަށް ނުޖެހި، ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކުރިއަށްގެންދާ ތަހުގީގުތަކެއް ކަމަށެވެ. ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބުނެ ކުރެވޭ ކޮންމެ ތުހުމަތަކާ ގުޅޭގޮތުންވެސް، އެކަށީގެންވާ ހެއްކެއް ނުވަތަ މައުލޫމާތެއް އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އެކަމެއް ދިރާސާކޮށް، ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި، ގަނޫނީ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައި އެ އޮފީހުން ދައުވާ އުފުލުމާ ގުޅިގެން ކުރިއަށްދިޔަ ޝަރުއީ މަރުހަލާތަކުގައި ހުށަހެޅުނު ހެކިތަކުގެ މައްޗަށް ބިނާކޮށް، ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވާކަން ވެސް ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ފުލުހުން ބުނީ، ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ދަށުން ކަނޑައެޅިފައިވާ އަދުލުގެ ނިޒާމަށާއި، ފަނޑިޔާރުގޭގެ މިނިވަންކަމަށް ފުލުހުން ފުރިހަމައަށް އިހުތިރާމްކުރާ ކަމަށެވެ. އަދި ކޯޓަކުން ނިންމާފައިވާ ނިންމުމަކާ މެދު އެއްވެސް ފަރާތަކުން ހިތްހަމަނުޖެހޭނަމަ ނުވަތަ އެ ނިންމުމެއް މުރާޖައާކުރަންޖެހޭ ކަމަށް ދެކޭނަމަ، އެކަމަށް އޮތް ގާނޫނީ ހައްލަކީ ޝަރުއީ ނިޒާމުގެ ތެރެއިން ލިބިދޭ އިސްތިއުނާފުކުރުމުގެ ހައްގުގެ ބޭނުން ކުރުން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން މިފަދަ ބަޔާނެއްގައި ނެރިފައިމިވަނީ ޝަމްއާން، ހޯމް މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް ކުރި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް، ކަން ހިނގިގޮތް ރައްޔިތުންނަށް ސާފުކޮށްދޭން ފުލުހުންގެ ޚިދުމަތުގައި އެދިފައިވާ ކަމަށް މިނިސްޓަރު އިހުސާން ބުދަ ދުވަހު ވިދާޅުވެފައިވަނިކޮށްށެވެ.
ބުދަ ދުވަހު އެކްސްގައި މިނިސްޓަރު އިހުސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަމްއާން އެ ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށާއި، ތަކުރާރުކޮށް އެ ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެތް ނުވަތަ ގަރީނާއެއް ނެތް ކަމަށެވެ. އަދި އޭނާ އެ ހަދަނީ ދޮގުކަން ކުރިންވެސް މީޑިޔާގައި ހާމަކުރިކަން މިނިސްޓަރު އިހުސާން ފާހަގަކުރެއްވި އެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ، ޝަމްއާން ފްރޭމް ކޮށްފައިވާ ކަމަށް ބުނާ ވާހަކައަކީ ވެސް އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަން މި މައްސަލާގައި ފުލުހުން ހޯދާފައިވާ ހެކިތަކުން ސާފު ކަމަށެވެ. އަދި މި މައްސަލާގައި ކަންހިނގާފައިވާ ގޮތް ތަފްސީލުކޮށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ފުލުހުންގެ މުއައްސަސާގައި އެދިފައިވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.






