ހުރްމުޒް ކަނޑުއޮޅީގެ މަސްރަހް ފިނިކުރަން އީރާނާއި އެމެރިކާއާ ދެމެދު މުއާސަލާތީ ގުޅުމެއް ގާއިމުކޮށްފި
މި ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތަކާ ގުޅިގެން މަސްރަހު ނުތަނަވަސްވެފައިވާތީ، އަސްކަރީ ކުރިމަތިލުމަކަށް ދިޔަ ނުދިނުމަށްޓަކައި އީރާނާއި އެމެރިކާގެ އަސްކަރިއްޔާއާ ދެމެދު ސީދާ މުއާސަލާތީ ގުޅުމެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އީރާނުގެ ބައިވެރިވުމެއް ނެތި ކަނޑުއޮޅީގެ ރައްކާތެރިކަމާ މެދު ނިންމާ ނިންމުންތަކަށް ތަބާނުވާނެ ކަމަށް ބުނެ އީރާނުން ވަނީ އިންޒާރު ދީފައި.

ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރުމަށް ތައްޔާރުވަމުންދާ މުދާ އުފުލާ ބޯޓުފަހަރާއި ތެޔޮ ޓޭންކަރުތައް. | ގެޓީ އިމޭޖަސް
ހުރްމުޒް ކަނޑުއޮޅީގައި އަސްކަރީ ކުރިމަތިލުމަކަށް މަގުފަހިވެދާނެ ފަދަ ހާދިސާތައް ހުއްޓުވުމަށްޓަކައި، އީރާނާއި އެމެރިކާއާ ދެމެދު މުއާސަލާތީ ގުޅުމެއް ގާއިމުކޮށްފިއެވެ. މި ގުޅުން ގާއިމުކޮށްފައިވަނީ ސްވިޒަލޭންޑުގައި ބޭއްވި މަޝްވަރާތަކަށްފަހު ނެރުނު ބަޔާނުގައިވާ ގޮތުގެ މަތިންނެވެ.
ޒިއުރިކްގައި މިދިޔަ ހަފުތާގައި ބޭއްވި މަޝްވަރާތަކަށްފަހު މެދުވެރިން ނެރުނު ބަޔާނާ ހަވާލާދީ ޕްރެސް ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މުއާސަލާތީ ޗެނަލް އުފެއްދީ އިސްތިރާތީޖީ ގޮތުން މުހިންމު އެ ކަނޑުއޮޅީގައި ހިނގާފާނެ ހާދިސާތަކުގެ ސަބަބުން އަސްކަރީ ހަމަނުޖެހުމަކަށް ދިޔަ ނުދިނުމަށެވެ. އަދި މިއީ އިސްލާމްއާބާދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގްގެ ފަސްވަނަ މާއްދާގައިވާ ކަންކަން ތަންފީޒުކުރުމަށް އެޅި ފިޔަވަޅެއް ކަމަށްވެސް އެ ނޫހުން ބުނެ އެވެ.
އީރާނުން ބުނެފައިވަނީ، ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ހުރިހާ އުޅަނދުފަހަރެއްވެސް ދަތުރުކުރަންވާނީ އީރާނުން ކަނޑައަޅާފައިވާ މަގުތަކުން ކަމަށެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ފެށުނު ހަނގުރާމަ ހުއްޓާލުމަށް ޖޫން 18 ގައި ސޮއިކުރި 14 ނުކުތާގެ އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތް 60 ދުވަހު އެއްވެސް ފީއަކާ ނުލައި ވިޔަފާރި އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އީރާނުން ވަނީ އެއްބަސްވެފަ އެވެ.
މީގެ އިތުރުން، އިސްލާމްއާބާދު މެމޮރެންޑަމްގެ ފަސްވަނަ މާއްދާގައިވާ ގޮތުން، ބައިނަލްއަގުވާމީ ގާނޫނުތަކާއި އައްސޭރިފަށުގެ ގައުމުތަކުގެ އިސްތިގުލާލަށް އިހުތިރާމްކުރާ ގޮތެއްގެ މަތިން، ކަނޑުއޮޅީގެ ކަންކަން ކުރިއަށްގެންދާނެ ގޮތަކާ މެދު އީރާނާއި އޮމާނާ ދެމެދު މަޝްވަރާ ކުރަންޖެހެ އެވެ.
އީރާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ކުރިމަގުގައި އެ ސަރަހައްދުގައި ކުރެވޭ ކޮންމެ އިންތިޒާމެއްގައިވެސް އީރާނުގެ ދައުރު ވަރަށް ބޮޑުވާނެ އެވެ. މިގޮތުން އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން މިހާރު ވަނީ "ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީ" ގެ ނަމުގައި އިދާރާއެއް އުފައްދާފަ އެވެ. އެ އިދާރާގެ މަގުސަދަކީ އުޅަނދުފަހަރުގެ ދަތުރުތަކަށް ހުއްދަ ދިނުމާއި، ކަނޑައެޅިފައިވާ ތާވަލާއި މަގުތަކުން ދަތުރުކުރޭތޯ ބެލުމެވެ.
އީރާނާއި އޮމާނުން މިހާރު ވަނީ ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުން ހިމެނޭ ގޮތަށް ޖޮއިންޓް ވޯކިންގް ގްރޫޕެއް އުފައްދާފަ އެވެ. މި ގްރޫޕުން މަޝްވަރާ ކުރާނީ ކަނޑުއޮޅީގެ އިދާރީ ކަންކަމާއި، ކަނޑުގެ ދަތުރުފަތުރުގެ ޚިދުމަތްތަކާއި އެކަމަށް ހިނގާނެ ޚަރަދުތަކާ ބެހޭގޮތުންނެވެ. ދެ ގައުމުންވެސް ވަނީ ހުރިހާ ނިންމުންތަކެއް ނިންމާނީ އައްސޭރިފަށުގެ ގައުމުތަކުގެ މިނިވަންކަމަށް ފުރިހަމައަށް އިހުތިރާމްކޮށްގެން ކަމަށް ބުނެފަ އެވެ.
މި މައްސަލަ އިތުރަށް ހޫނުވީ، އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނާ ގުޅިގެން ކަނޑުއޮޅީގައި ވަގުތީ ދެ މަގެއް ހަދާފައިވާ ކަމަށް ބުދަ ދުވަހު އޮމާނުން އިއުލާނު ކުރުމާ ގުޅިގެންނެވެ. އީރާނުން ވަނީ އެ ނިންމުން ބަލައިނުގަންނާނެ ކަމަށް ބުނެ، ހަމައެކަނި ބޭނުންކުރެވޭނީ އީރާނުން ކަނޑައަޅާ މަގު ކަމަށް ބުނެފަ އެވެ.
އެމެރިކާއާއި ޕާޝިއަން ގަލްފް ކޯޕަރޭޝަން ކައުންސިލުން ގުޅިގެން ނެރުނު ބަޔާނަކަށްވެސް އީރާނުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެ ބަޔާނުގައި އެއްވެސް ޝަރުތަކާ ނުލައި އަދި ފީއަކާ ނުލައި ދަތުރުފަތުރު ކުރެވޭނެ ގޮތް ހެދުމަށް ގޮވާލާފައިވާއިރު، އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ އެއީ އެހެން ގައުމުތަކުގެ ކަންކަމާ ބެހުން ކަމަށާއި، އެއީ ޒިންމާދާރުކަން ކުޑަ އަދި ފިތުނަ އުފެދޭ ފަދަ ބަޔާނެއް ކަމަށް ސިފަކޮށްފަ އެވެ.
ޑިޕްލޮމެޓިކް މަސައްކަތްތައް ވަރުގަދަވެފައި މިވަނީ، ބުރާސްފަތި ދުވަހު ސިންގަޕޫރުގެ ދިދަ ޖަހާފައިވާ "އެވަރ ލަވްލީ" ނަމަކަށް ކިޔާ އުޅަނދަކަށް އޮމާން ކައިރިން "ގޮތް ނޭނގޭ އެއްޗަކުން" ހަމަލާއެއް އެރުމާ ގުޅިގެންނެވެ. އެ އުޅަނދުގައި ތިބި 21 ފަޅުވެރިންވެސް ސަލާމަތްވެފައިވާއިރު، އުޅަނދު ވަނީ ދަތުރު ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް، މި ހާދިސާއާ ގުޅިގެން އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނުން ވަނީ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ދެމުންދިޔަ އެސްކޯޓްގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ބުރާސްފަތި ދުވަހު ވިދާޅުވީ، މަސްރަހު ފިނިކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އީރާނާއި އެމެރިކާގެ އަސްކަރިއްޔާއާ ދެމެދު ސީދާ މުއާސަލާތީ ގުޅުމެއް ގާއިމުކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ.





