ޕީއެންސީ މަޖިލިސް މެންބަރުންގެ "ނިކަމެތި" ހާލަތު
ސަރުކާރުން ހުށަހަޅައި، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރި ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލެއްވުމުން، މަޖިލީހުގެ ތަޅުމުގައި ސަރުކާރު މެންބަރުން އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް ކޯފާ އިސްކުރެއްވުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.


މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައިގެން ހުންނަވާ ހަޅޭފުޅު ލައްވާ ވީޑިއޯއެއް ފެނިގެން ސަމާލުކަމަށް ހުއްޓުނެވެ. އިނގިލި ދިއްކުރައްވާ ހުންނަވައިގެން މަޖިލީހުގެ ގަވާއިދާވެސް ޚިލާފަށެވެ. ރިޔާސަތަށް ކުރިމަތިލައްވާ ވާހަކަ ދެއްކެވުމުގެ ބަދަލުގައި އިދިކޮޅު ޕާޓީގެ މެންބަރަކަށް ކުރިމަތިލައްވައިގެން ހުންނަވައިގެންނެވެ.
ހިތަށް އެރިއެވެ. އަނެއްކާ ވެގެން މިއުޅެނީ ކިހިނެއް ބާއެވެ. މެންބަރުގެ ޒާތީފުޅު ކަމަކަށް އިދިކޮޅު މެންބަރު ބެހިވަޑައިގަތީބާއެވެ. އިއްތިފާގުން ވާހަކަ ދައްކަވަމުން ގެންދެވީ ރައީސް މުއިއްޒުގެ ޅިޔަނެކެވެ. ސުވާލުތައް އަނެއްކާވެސް އިތުރުވިއެވެ. މިއުޅޭ މަޝްހޫރު ވާހަކަ ގަނޑު ހިލުވާލީ ބާއެވެ. ރައީސް މުއިއްޒަށް ނިސްބަތްކޮށް މުޅިން އެހެން ޒާތެއްގެ ވާހަކައެއް ދެއްކީބާއެވެ.
ވަރަށް ރަނގަޅަށް ކަނުލާ އަޑުއަހާލީމެވެ. ހަގީގަތް އެނގުނީމާ ގާތަށް އައީކީ އަމަށަކު ހިންޏެއް ނޫނެވެ. ހިތަށް އެރިއެވެ. މިހާރުވަރަށް ކޯފާ އިސްކުރައްވާ މީހާ މިވަރެއް ވެގެން މިއުޅެނީ މިވަރުގެ ކަމަކަށް ހެއްޔޭއެވެ.
އާއެކެވެ. ބަހުސުގައި އޮތީކީ އެވަރުގެ މައްސަލައެއް ނޫނެވެ. ނޫންނަމަ އެވަރުގެ ބިލެއްވެސް ނޫންމެއެވެ. އެހާވަރު އެއްވެސް މެންބަރަކަށްވެ އެހާބޮޑަށް ކޯފާ އިސްކުރައްވަން ޖެހޭފަދަ މައްސަލައެއް ކަމަކަށް ވިސްނަވިސްނާ ވެސް ނުވިއެވެ. ހުށަހެޅިފައި އޮތީ މަޖިލީހުން ފާސްކުރައްވައި ތަސްދީގް ކުރައްވަން ފޮނުވި ބިލެއް ރައީސް މުއިއްޒު ތަސްދީގް ނުކުރައްވާ މަޖިލީހަށް ފޮނުވާލެއްވީ އެބިލާމެދު ގޮތެއް ނިންމުމުގެ ބަހުސެވެ.
ހިތަށް އެރިއެވެ. ފާސްކުރީ މަޖިލީހުންނެވެ. މަޖިލީހުގައި އޮތީ ޕީއެންސީގެ ސުޕަރ މެޖޯރިޓީއެވެ. ސަރުކާރުން ބުނިއްޔާ ބުނިހާ ގޮތައް ހަދަމުން އަންނަ މެންބަރުން ތަކެކެވެ. ބިލު ހުށަހެޅީ ސަރުކާރުންނެވެ. ބިލު ފާސްކުރުމުގެ ކުރިން ބަހުސްގައި އެންމެ ގިނައިން ވާހަކަ ދެއްކެވީ ޕީއެންސީންނެޥެ. ބަހުސް ނިމުނީމާ ފޮނުވި ކޮމެޓީގައިވެސް އޮތީ ޕީއެންސީ ސުޕަރ މެޖޯރިޓީއެވެ. ބިލާ ދެކޮޅަށް އެހެން ބަޔަކު ޚާއްޞަކޮށް އިދިކޮޅުން ކޮންމެ އެއްޗެއް ކިޔަސް ބިލަށް އަންނަނާނެ އަދި ގެންނާނެ ބަދަލެއް ނޯންނާނެއެވެ. ކިތައްމެ ރަނގަޅު އިސްލާހެއް ހުށަހެޅިއަސް ކޮމެޓީގައި އެކަމަކަކަށް ރިއާޔަތެއް ނުކުރާނެއެވެ. ޕީއެންސީން ބޭނުންފުޅު ގޮތަކަށް ބިލް ފާސްކުރާނީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ކޮމެޓީއަކީވެސް ޕީއެންސީއެވެ. މަޖިލީހަކީވެސް ޕީއެންސީއެވެ. ޕީއެންސީއަކީ ރައީސް މުިއްޒެވެ. ދިއުޅި ދިގުކުރާކަށް ހާސަރުތަކެއް ދެމުމުގެ ބޭނުމެއް ނެތެވެ. ކުރުކޮށް ފޮނިކޮށް ބުނަންޏާ ބުނެވޭނީ ހަމަ އެންމެ ވާހަކައެކެވެ. މަޖިލީހަކުން މުއިއްޒު ބޭނުންފުޅު ނޫން ކަމެއް ނުނިންމޭނެއެވެ. އެފަދަ ބިލެއް ގަރާރެއް އެއްޗެއް ފާހެއްވެސް ނުކުރެވޭނެއެވެ.
ބަހުސް ކުރިއަށްދިޔަ "ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ގާނޫނުގެ ބިލްވެސް އެތަރަހައަކުން އިސްތިސްނާއެއް ނުވެއެވެ. ހުށަހެޅީ ސަރުކާރުންނެވެ. ފާސްކުރީ ސަރުކާރު މެންބަރުންނެވެ. ބިލް އަނބުރާ ފޮނުވާލެއްވީ ސަރުކާރުންނެވެ. ރައީސް މުއިއްޒެވެ. ސުވާލުތައް އުފެދެނީ އެހެން ވެގެންނެވެ. އެއްކަމަކީ ބިލް އަނބުރާ ފޮނުވާލެއްވީ ކީއްވެގެން ހެއްޔެވެ. ޖަވާބަކަށްވާނީ ރައީސް ތަސްދީގް ކުރައްވާވަރުގެ އެއްޗަކަށް ނުވަނީއެވެ. ނޫންނަމަ ބިލުގައި ކަމުނުދާ ކަންތައްތަކެއް ހުރީއެވެ. ދެން އުފެދޭ ސުވާލަކީ ސަރުކާރު މެންބަރުން އެވަރުގެ ލަނޑެއް ސަރުކާރަށް ދިނީ ކިޢްކުރަން ހެއްޔެވެ. ސަރުކާރުން ބަންޑާރަނައިބު ތައްޔާރުކުރައްވާ ސަރުކާރު މެންބަރު ލައްވައި ހުށަހެޅުއްވި އެބިލަށް ބޮޑެތި ސިންގާ އުނިއިތުރުތަކެއް ގެނެސް މުޅިބިލް ކޮށާމަށާލީ ކީއްވެ ހެއްޔެވެ. އެކަމަކު އެސުވާލަށް ލިބޭ ޖަވާބުވެސްވަރަށް ސާފެވެ. ނޫނެކެވެ. އެފަދަ ކަމެއް ކުރާކަށް މަޖިލީހުގެ ޕީއެންސީ މެންބަރުންނަކަށް ނުކެރޭނެއެވެ. އަދި އިދިކޮޅު މެންބަރުންނަށް އެފަދަ ކަމެއް ކުރުމުގެ ޖާގައެއް ޕީއެންސީ މެންބަރުންގެ ހަމަހޭވެރިކަން ހުރިހާ ހިނދަކު ނުދެއްވާނެއެވެ. މިހާތަނަށް މަޖިލީހުގައި ކަންކަންކުރަމުން އައީ އެގޮތަށެވެ. އެހެންކަމަށްވާނަމަ ބިލް ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހެޅި ގޮތައް ރައީސް މުިއްޒު ބޭނުންފުޅުވި ގޮތަށެވެ. ދެން އޮތީ ދިމާވެގެން އުޅޭ މައްސަލައެވެ. ބޭނުންފުޅުވި ގޮތައް ހުށަހަޅައި ބޭނުންފުޅިވިގޮތައް ފާސްވެ ތަސްދީގު ކުރަން ފޮނުވީމާ ތަސްދީގު ނުކުރައްވާ ފޮނުވާލެއްވީ ކިހިނެއްވީބާއެވެ. ޖަވާބުވެސް އެނގިވަޑައިގަންނަވާނީ ސަރުކާރަށާއި ރައީސް މުއިއްޒަށެވެ. ކުރިން ނޭނގި އޮތް އެއްޗެއް ފަހުމްވީއެވެ. ނޫންނަމަ މުޅިން އެހެން ގޮތަކަށް ބިލުގައި އޮންނަން ބޭނުންވީއެވެ. އެންމެ ރަނގަޅެވެ. ހެޔޮ ނިޔަތުގައި ވިސްނިވަޑައިގެން ހެޔޮކޮށް ބަދަލެއް ގެންނަން އަނބުރާފޮނުވާލެއްވީތާއެވެ. އެކަމަކު ދެން އުފެދެނީ ބޮޑު ސަވާލެވެ. މާބޮޑު ކަމެއްނުކޮށް ހައްލު ކުރެވެން އޮތް ކަމެއްގައި އެވެރިން އެވެރިންނަށް ކޯފާވެ އިދިކޮޅަށް އިނގިލި ދިއްކުރައްވާ އިދިކޮޅު މެންބަރުންނަށް ވަށިވަށިންދޭންޖެހޭ ސަބަބަކީ ކޮބައިހެއްޔެވެ. އެވެރިން ބޭނުންފުޅުވި ގޮތަކަށް އެވެރިން ނިންމެވި ކަމެއް އެވެރިންގެ ވެރިމީހާއަށް އަލުން ގޯސްވެ ފޮނުވާލީމާ ހަމައެވެރިން އެކަން އިސްލާހުކޮށްލާ ނިންމަވާލައްވައި ނިންމަވާލެއްވީމާ ނިމުނީތާއެވެ. އިދިކޮޅޭ، ކުރީ ސަރުކާރޭ، ކަލޭމެން ކަންކުރި ގޮތާ ނުކުރި ކަންކަމޭ ޅަފޮޅޭ، ކެޔޮގަނޑޭ، ފުޅަށްބުޑޭ ކިއުމުގެ ބޭނުމެއް ނެތެވެ. އެވެރިން ކެނޑި ކަނޑުލުގެ ހިތި އެވެރިން ފިލުވާލީމާ ނިމުނީތާއެވެ. އެވެރިންގެ ރޮނޑުގެ ހަން އެވެރިން ބޭނުންވާގޮތައް ދިމާ ނިންމާލީމާ ނިމުނީ ނޫންހެއްޔެވެ. އިދިކޮޅަށް ދޮންކަޅުވެސް އެކަމުގައި އަނގާލަންވެސް ޖެހޭ ކަމެއް ނޫނެވެ.
ކޮންމެއަކަސް މިފެނުނީވެސް އަނެއްކާ އަނެއް މަންޒަރެވެ. އަމިއްލައަށް އަމިއްލަ ކޮންޓްރޯލް ރައީސް މުިއްޒު އަތައް ދެއްވައިގެން އުޅުއްވާ ޕީއެންސީގެ މަޖިލީސް މެންބަރުންގެ ހާލަތެވެ. ވިދާޅުވީމާ ވިދާޅުވި ގޮތައް ކަންކުރައްވަމުން ގެންދަވާތީ ލިބޭ ލަނޑެވެ. އެޅިހާބަތަކަށް ރިހަވެ އާދެ ލައްބައާއި ވިދާޅުވި ގޮތެއްކަމަށްގައި ހިފަހައްޓައިގެން ތިއްބެވި މެންބަރުންގެ އަސްލު ހާލަތެވެ. އެވެރިން ފިތިފައިތިބިވަރާއި ނިކަމެތި ކަމެވެ.






