ރައީސް މުއިއްޒު ވަޒީފާގެ ބިރު ދައްކަވަނީ އެހެން ލެވެލްއެއްގަ: އިންތި
ސަރުކާރަށް ތާއީދު ނުކުރާ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް ބުނެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. އެމްޑީޕީން ބޭއްވި އިހުތިޖާޖެއްގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ، އިންތިޚާބުތަކާ ގުޅުވައިގެން ވަޒީފާގެ ބިރުދެއްކުމުގެ އިތުރުން ފަނޑިޔާރުންގެ މިނިވަންކަމަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް. އަދި ވަޒީފާ ގެއްލުނު ފަރާތްތަކުގެ ހައްގުގައި އެމްޑީޕީން އަބަދުވެސް ވަކާލާތުކުރާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފަ.


އެމްޑީޕީ އިން ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވާހަކަ ދައްކަވަނީ. | އެމްޑީޕީ ސެކްރިޓޭރިއެޓް
ސަރުކާރަށް ތާއީދު ނުކުރާ ފަރާތްތައް ވަޒީފާއިން ވަކިކުރުމަކީ ދުނިޔޭގެ އެއްވެސް ތަހުޒީބު މުޖުތަމައެއްގައި ކަންކުރާ ގޮތެއް ނޫންކަމަށާއި، ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ މުޅިން އެހެން ލެވެލްއެއްގައި ވަޒީފާގެ ބިރު ދައްކަވަމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ވަޒީފާ ބުރާސްފަތި އިހުތިޖާޖުގައި ވާހަކަ ދައްކަވަމުން އިންތި ވަނީ ރައީސް މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އިންތި ވިދާޅުވީ ސަރުކާރަށް ތާއީދު ނުކުރާ ފަރާތްތައް ވަޒީފާއިން ވަކި ކުރުމާއި، ސަރުކާރަށް ވޯޓު އިތުރުކުރުމަށްޓަކާ ވަޒީފާ ބަހާ ވާހަކަ އަކީ ތަހުޒީބު މުޖުތަމައުތަކުގަ ދައްކާ ވާހަކަ އެެއް ނޫންކަމަށެވެ. ނަމަވެސް އިންތި ވިދާޅުވީ ވަކިން ހާއްސަކޮށް ރައީސް މުއިއްޒުގެ މި ސަރުކާރުގައި މުޅިން އެހެން ލެވެލްއެއްގައި މިކަން ކުރައްވާ ކަމަށެވެ.
ދުނިޔޭގެ އެއްވެސް ތަހުޒީބީ ކަންފުޅެއް ވެސް އޮތް އެއްވެސް މުޖުތަމައެއްގަ މިއަދު ދައްކާ ވާހަކައެއްތޯ ސަރުކާރަށް ތާއީދު ނުކުރާތީވެ ވަޒީފާ އިން ކަނޑާލާ ވާހަކަ. ނޫނީ ސަރުކާރަށް ވޯޓު އިތުރުކުރުމަށްޓަކާ ވަޒީފާ ބަހާ ވާހަކަ މިއީ، ދުނިޔޭގެ މި އުޑުދަށުގަ ތަހުޒީބުގެ ކަންފުޅެއްވެސް އޮތް ތަނެއްގަ ދައްކާ ވާހަކަ އެއްތޯ. މިއީ ދައްކާ ވާހަކައެއްތޯ؟ އަޅުގަނޑުމެންގެ ގައުމުގަ އަދިވެސް ބައްލަވާ މިކަން އޮތް ގޮތް. ވަކިން ހާއްސަކޮށް މިސަރުކާރުގަ، ރައީސް މުއިއްޒުގެ ސަރުކާރުގަ މުޅިން އެހެން ލެވެލް އެއްގަ މިކަން ކުރައްވަނީ. ޕާޓީ އެއްގެ އެތެރޭގެ އިންތިހާބަކާ ގުޅިގެންވެސް މީހުން ވަޒީފާ އިން ކަނޑަނީ. މީނަޔަކާ ބެހޭ ކަމެއްގަ އެއްވެސް ނޫން. ބައި- އިލެކްޝަން ތަކާ ގުޅިގެން ވާޒީފާއިން ކަނޑަމުން ދަނީ.ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ
އިންތި ވަނީ ފަނޑިޔާރުންގެ މިނިވަންކަން ނަގާލުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ވެސް ފާޑުވިދާޅުވެފަ އެވެ. ފަނޑިޔާރުންނަކީ ވަކި އަތަކަށް ނުޖެހި ވަޒީފާ އަދާކުރަން ޖެހޭ ބައެއް ކަމަށާއި، އެއީ ސަރުކާރަކާ ގުޅުމެއް އޮންނަ ބައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ސަރުކާރުގެ ވެރިންނާއި ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގަތީމާއި މަރުހަބާ ދެންނެވުމަށްޓަކައި ފަނޑިޔާރުން ނިކުންނަން ޖެހޭ ގޮތަށް ގަވާއިދު ހަދާފައި އޮތް ކަމަށް އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވީ ފަނޑިޔާރުންނަކީ ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާތީ ލައިން ހަދަން ރާއްޖޭގެ ރަށްރަށުގައި އެތުރެން ޖެހޭ ބައެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އޭގެ އަނެއްކޮޅަކީ އެ ހައްގު މުތުލަގުކޮށް ލިބޭ ވަޒީފާ އަދާކުރާ ފަރާތްތައް، މީހަކަށް މަރުހަބާ ދެންނެވުމަށް ސަފު އަތުރާލިކަމަށްޓަކާ، ވަކިކުރަމުން ދާކަމަށާއި، ވަޒީފާ އަދާކުރާ ތަން ބަދަލުކުރަމުން ދާކަމަށް އިންތި ވިދާޅުވި އެވެ.
ފަނޑިޔާރުންނަކީ ވަކި އަތަކަށް ނުޖެހި ވަޒީފާ އަދާކުރަން ޖެހޭ ބައެއް. ސަރުކާރަކާ ގުޅުމެއް އޮންނަ ބައެއް ނޫން އެއީ. އެހެން ނަމަވެސް ބައްލަވާ ސަރުކާރުގެ ވެރިން، ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގަތީމާ މަރުހަބާ ދެންނެވުމަށްޓަކާ، ދިދަ ހިއްޕަވައިގެން، ގައިގަ ފޮތި އޮޅައިގެން ފަނޑިޔާރުން ނިކުންނަން ޖެހޭ ގޮތަށް އެ އޮތީ ގަވާއިދު ހަދާފަ. ފަނޑިޔާރުންނަކީ ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާތީ ލައިން ހަދަން ރާއްޖޭގެ ރަށްރަށުގައި އެތުރެން ޖެހޭ ބައެއް ނޫން. ފަނޑިޔާރުގޭގެ މިނިވަންކަން ނަގާލުމަށްޓަކާ ގަވާއިދު ހަދާ އުސޫލު ހަދާފަ އެ އޮތީ ބައެއް މުވައްސަސާތަކުން. އެހެން ނަމަވެސް އޭގެ އަނެއްކޮޅަކީ އެ ހައްގު މުތުލަގުކޮށް ލިބޭ ވަޒީފާ އަދާކުރާ ފަރާތްތައް، މީހަކަށް މަރުހަބާ ދެންނެވުމަށްޓަކާ، އެބޭފުޅުން ލޯބިވާ އިހްތިރާމްކުރާ ބަޔަކަށް މަރުހަބާ ދެންނެވުމަށް ސަފު އަތުރާލިކަމަށްޓަކާ، އެ އޮތް ވަކި ކުރަމުން ދަނީ، ވަޒީފާ އަދާކުރާ ތަން ބަދަލު ކުރަމުންދަނީ. މި ފުރުސަތެއް ރައީސް މުއިއްޒު އަކަށް ނުދޭނަން. މިކަހަލަ ކޮންމެ ހާލަތެއްގަ އެމްޑީޕީ ތެދުވާނެ.ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ
އިންތި ވަނީ ވަޒީފާ ގެއްލިފައިވާ އަދި ވަޒީފާގެ ބިރުވެރިކަމެއްގެ ތެރޭގައި ތިބި ފަރާތްތަކަށް ބިރުކަނޑާލުމަށް ގޮވާލައްވާފަ އެވެ. އަދި އެމްޑީޕީން ނިކުމެ މި ތިބީ މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކުގެ ހައްގުގައި ކަމަށާއި، ވަޒީފާ ގެއްލުނު ހުރިހާ ފަރާތްތަކަށް ވަޒީފާ އިއާދަކޮށްދިނުމަށް ސަރުކާރަށް މަޖުބޫރުކުރުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މި ފުރުސަތެއް ރައީސް މުއިއްޒަށް ނުދޭނެ ކަމަށާއި، މިކަހަލަ ކޮންމެ ހާލަތެއްގައި އެމްޑީޕީ ތެދުވާނެ ކަމަށް އިންތި ވިދާޅުވި އެވެ.







