ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްޤީކުރުމުގެ ގަވާއިދު ގެޒެޓްކޮށްފި
ދައުލަތުގެ ކުންފުނިތަކަށް ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ފަޅު ކުއްޔަށް ދޫކުރެވޭނީ ސަރުކާރުގެ 45 އިންސައްތަ ހިއްސާ އޮތުމާއެކު، މާލީ އަދި ފަންނީ ގާބިލުކަން ހުރިނަމަ. މި ގަވާއިދުގެ ދަށުން އެކުއިޒިޝަން ކޮސްޓް ދެއްކުމުގެ އިތުރުން، އިޖުތިމާއީ ޒިންމާގެ ދަށުން 5 ލައްކަ ޑޮލަރު ފަންޑަށް ޖަމާކުރަން ނުވަތަ އެ އަދަދުގެ މަޝްރޫއެއް ހިންގަން ލާޒިމުކުރޭ. އަދި މިގޮތަށް ދޫކުރާ ތަންތަނުގެ އެއްވެސް ހައްގެއް އެހެން ފަރާތަކަށް ބަދަލުކުރުމާއި ސަބްލީސް ކުރުމަކީ މަނާކަމެއް.


ފަޅެއް ގައި ހިއްކައިގެން ތަރައްގީ ކުރަމުންދާ ރިސޯޓު ތަކެއް. | ރާއްޖެ އެމްވީ
ދައުލަތުގެ ކުންފުނިތަކަށް ޓޫރިސްޓް ރިސޯޓާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓް ތަރައްޤީކޮށް ހިންގުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދޫކުރުމާ ގުޅޭ އާ ގަވާއިދެއް ސަރުކާރުން މިއަދު ގެޒެޓްކޮށްފި އެވެ.
ގަވާއިދު ނަންބަރު 2026/R-55 ގެ ދަށުން އެކުލަވައިލި މި ގަވާއިދަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނަށް ލިބިދޭ ބާރުގެ ދަށުން އެކުލަވައިލާފައިވާ ގަވާއިދެކެވެ. މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ކުންފުނިތަކަށް ފަތުރުވެރިކަމުގެ ބޭނުމަށް ތަންތަން ކުއްޔަށް ދިނުމުގައި ބަލާނެ ޝަރުތުތަކާއި، އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމެވެ.
މި ގަވާއިދުގެ ދަށުން ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރެވޭނީ މައިގަނޑު ތިން ޝަރުތެއް ފުރިހަމަވާނަމައެވެ. އެގޮތުން އެ ކުންފުންޏަކީ އެފަދަ މަޝްރޫޢެއް ހިންގުމުގެ މާލީ އަދި ފަންނީ ޤާބިލުކަން ހުރި ކުންފުންޏަކަށް ވާންޖެހޭނެ އެވެ. އަދި އެ ކުންފުންޏެއްގައި ސަރުކާރުގެ ހިއްސާ މަދުވެގެން 45 އިންސައްތަ އޮންނަންޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، އެ ތަނެއް ދޫކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، ރައީސުލްޖުމްހޫރިއްޔާ އެ ތަނަކީ ފަތުރުވެރިކަމުގެ ބޭނުމަށް ކަނޑައަޅާފައިވާ ތަނެއްގެ ގޮތުގައި ކަނޑައަޅުއްވަން ޖެހޭނެ އެވެ.
ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ކުންފުނިތަކުން މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ކުންފުނީގެ ޕްރޮފައިލާއި، މާލީ އަދި ފަންނީ ޤާބިލުކަން އަންގައިދޭ ލިޔުންތަކާއި، ބޯޑު ރިޒޮލިއުޝަންގެ އިތުރުން މަޝްރޫޢުގެ ތަފުސީލު ހިމެނެއެވެ. އަދި ލީސް އެކުއިޒިޝަން ކޮސްޓް ދައްކާނެ ގޮތުގެ ތަފުސީލުވެސް ހުށަހަޅަންޖެހެ އެވެ. މި ލިޔެކިޔުންތައް ހުށަހެޅުމުން މިނިސްޓްރީން އިބްތިދާއީ ގޮތުން ބަލައި، އުނިކަމެއް ހުރިނަމަ އެކަން އިސްލާހުކުރަން 10 ދުވަހުގެ މުއްދަތެއް ދޭނެއެވެ. މި މުއްދަތުގައި އިސްލާހު ނުކޮށްފިނަމަ ހުށަހެޅުން ބާތިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީއަށް ލިބިގެންވެ އެވެ.
ގަވާއިދުގައިވާ ގޮތުން ކުއްޔަށް ދޫކުރާ ކޮންމެ ތަނަކަށް ލީސް އެކުއިޒިޝަން ކޮސްޓެއް ދައްކަންޖެހޭނެއެވެ. މި ފައިސާ ދައްކަންޖެހޭނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ. ނަމަވެސް، ސަރުކާރުން އެ ކުންފުންޏަކަށް ދައްކަންޖެހޭ ފައިސާއެއް އޮތްނަމަ، އެ ފައިސާގެ ތެރެއިން އެކުއިޒިޝަން ކޮސްޓް އުނިކުރުމަށް އެދުމުގެ ފުރުސަތު ކުންފުނިތަކަށް އޮންނާނެއެވެ. މިގޮތަށް އަމަލުކުރެވޭނީ ފިނޭންސް މިނިސްޓްރީން އެކަން ކަށަވަރުކޮށްދޭ ލިޔުމެއް ހުށަހެޅުމުންނެވެ.
މީގެ އިތުރުން، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރް) ގެ ގޮތުގައި 500,000 އެމެރިކާ ޑޮލަރު ޓޫރިޒަމް ޓްރަސްޓް ފަންޑަށް ޖަމާކުރަންޖެހޭނެ އެވެ. ނުވަތަ އެ އަދަދަށް މިނިސްޓްރީން ކަނޑައަޅާ އިޖުތިމާޢީ މަޝްރޫޢެއް ހިންގަންޖެހޭނެއެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި އިޖުތިމާޢީ މަރުކަޒު ބިނާކުރުމާއި، އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި، ކުޅިވަރު ދަނޑުތައް ހެދުން ފަދަ ކަންކަން ހިމެނެ އެވެ. މި މަޝްރޫޢުތައް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުގެންގޮސްފިނަމަ ކުލީގެ އެއްބަސްވުން ބާތިލުކުރުމުގެ ބާރު މިނިސްޓްރީއަށް އޮންނާނެ އެވެ.
މި ގަވާއިދުގެ ދަށުން ލިބޭ އެއްވެސް ޙައްޤެއް އެހެން ފަރާތަކަށް ބަދަލުކުރުމަކީ ނުވަތަ ސަބްލީސް ކުރުމަކީ މަނާކަމެކެވެ. ނަމަވެސް، ރިސޯޓުގެ މެނޭޖްމަންޓް ހިންގުން ތިންވަނަ ފަރާތަކާ ހަވާލުކުރެވޭނީ ކަމާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މީހުން ދިރިއުޅޭ ރަށްރަށުގެ އިޚުތިޞާޞްގެ ތެރޭގައި ހިމެނޭ ތަންތަނުގައި ދައުލަތުގެ ކުންފުނިތަކަށް ތަރައްޤީކުރެވޭނީ އިންޓަގްރޭޓަޑް ޓޫރިޒަމް މަޝްރޫޢުތަކުގެ ދަށުން ހިންގާ ގެސްޓްހައުސްތަކާއި ހޮޓާތައް އެކަންޏެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.







