ބްރޯޑްކާސްޓިންގް ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަން ގެ ތެރެއިން 2024 ވަނަ އަހަރު އެއްވެސް ފައިސާއެއް ލިބުނު ކަން އެނގޭކަށް ނެތް: އޮޑިޓް ރިޕޯޓް
ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ސާވާ އަށް ދިމާވި މައްސަލައަކާ ގުޅިގެން މާލީ ހިސާބުތައް ބެލެހެއްޓުމުގައި ބޮޑެތި އިހުމާލުތަކެއް ހުރިކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފަ. މިގޮތުން 2023 ވަނަ އަހަރުގެ ނިޔަލަށް ލިބެންޖެހޭ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން މިދިޔަ އަހަރު އެއްވެސް ފައިސާއެއް ލިބުނުކަން އެނގެން ނެތް ކަމަށް އޮޑިޓާ ޖެނެރަލް ފާހަގަކުރެއްވި. އެހެންކަމުން މާލީ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށާއި، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ގަވާއިދާ އެއްގޮތަށް ފިޔަވަޅު އެޅުމަށް އޮޑިޓް އޮފީހުން ވަނީ އެ ކޮމިޝަނަށް އިރުޝާދު ދީފަ.


ބްރޯޑްކޮމްގެ ކުރީގެ ރައީސް ސަފާ ޝަފީގް ރައްޔިތުންގެ މަޖިލީހުގެ ބައްދަލުވުމެއް ގައި | މަޖިލިސް
މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަން ރުފިޔާގެ ތެރެއިން 2024 ވަނަ އަހަރު އެއްވެސް ފައިސާ އެއް ލިބުނުކަން އެނގެން ނެތް ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
އޮޑިޓް އޮފީހުން ނެރެފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަންގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނީ ކޮމިޝަނަށް ލިބެންޖެހޭ ފައިސާ އާ ގުޅޭ ހިސާބުތައް ލިބިފައި ނުވާ ކަމަށެވެ.
އެގޮތުން 2023 ވަނަ އަހަރުގެ ކޮމިޝަންގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވާ ގޮތުން ކޮމިޝަނުން ތައްޔާރު ކޮށްފައިވާ އެ އަހަރުގެ މާލީ ހިސާބުތަކުގައި ކޮމިޝަނަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެ އަހަރުގެ ނިޔަލަށް 30،578،453 (ތިރީސް މިލިއަން ފަސް ލައްކަ ހަތްދިހަ އަށް ހާސް ހަތަރު ސަތޭކަ ފަންސާސް ތިނެއް) ރުފިޔާ ނުލިބި ހުރި ފައިސާގެ ގޮތުގައި ހިމަނާފައިވާ ކަމަށް އެ ރިޕޯޓުގައި ވެ އެވެ.
ނަމަވެސް ކޮމިޝަންގެ 2024 ވަނަ އަހަރުގެ މާލީ ބަޔާންތައް ހިމަނައިގެން ތައްޔާރު ކުރަންޖެހޭ އަހަރީ ރިޕޯޓްތައް ތައްޔާރު ކޮށްފައި ނުވުމާއެކު ކޮމިޝަންގެ ސާވާ އަށް މައްސަލައެއް ދިމާވެ ސާވާގައި ހުރި ލިޔެކިޔުންތައް ނެގޭނެ ގޮތެއް ނެތުމުގެ ސަބަބުން 2024 ވަނަ އަހަރުގެ ނިޔަލަށް ކޮމިޝަނަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ ހިސާބެއް ތައްޔާތު ކުރެވެން ނެތް ކަމަށް ކޮމިޝަނުން މައުލޫމާތު ދީފައިވާތީ 2024 ވަނަ އަހަރުގެ ނިޔަލަށް ކޮމިޝަނަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ އަދަދެއް ބެލެން ނެތް ކަން އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ މިނިސްޓްރީ އޮފް ފިނޭންސް އިން ބަލަހައްޓަމުންދާ ސެޕް ސިސްޓަމްގެ 2024 ވަނަ އަހަރު ރިކޯޑް ކުރެވިފައިވާ ހިސާބުތަކަށް ބަލާއިރު 7،445،297 (ހަތް މިލިއަން ހަތަރު ލައްކަ ސާޅީސް ފަސް ހާސް ދުއިސައްތަ ނުވަދިހަ ހަތެއް) ރުފިޔާ، ކޮމިޝަނަށް އެ އަހަރު ލިބިފައިވާ ކަމަށް ދައްކާ ކަމަށެވެ.
ނަމަވެސް ލިބެންޖެހޭ ފައިސާގެ ރެކޯޑްތައް ފުރިހަމައަށް ބެލެހެއްޓި، އެއަށް ބިނާ ކޮށް، ސެޕް ސިސްޓަމްގައި އެންޓްރީ ހަދާފައި ނެތުމުން މި ފައިސާގެ ތެރޭގައި 2023 ވަނަ އަހަރުގެ ނިޔަލަށް ކޮމިޝަނަށް ލިބެންޖެހޭ ކަމަށް ބަޔާން ކޮށްފައިވާ 30 މިލިއަން ރުފިޔާގެ ތެރެއިން 2024 ވަނަ އަހަރު އެއްވެސް ފައިސާ އެއް ލިބުނުކަން އަދި ލިބުނު ނަމަ ލިބުނީ ކިހާވަރެއްކަން ކަނޑައެޅިގެން އެނގެން ނެތް ކަން އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
އެ ކޮމިޝަނަށް 2024 ވަނަ އަހަރު ލިބިފައިވާ ފައިސާގެ ތަފްސީލުތައް ފުރިހަމައަށް އެނގެން ނެތް އިރު އޮޑިޓް އޮފީހުން ވަނީ ސާވާ އަށް މައްސަލައެއް ދިމާވި ނަމަވެސް ފައިސާ އާ ގުޅޭ މުހިއްމު ލިޔެކިޔުން ނުގެއްލި ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ލަފާދީފަ އެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 5.26 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ލިބެން ޖެހޭ ފައިސާ ހޯދުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ބުނެފަ އެވެ.






