އީރާނާއި އެމެރިކާ އާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ 14 ނުކުތާ ހިމެނޭ ސުލްހައިގެ ލިޔުން ހާމަވެއްޖެ
އެމެރިކާ އާއި އީރާނާ ދެމެދު ސޮއިކުރާ 14 ނުކުތާގެ އެއްބަސްވުމުގެ ދަށުން، ދެ ގައުމުގެ ދެމެދުގައިވާ ހަމަނުޖެހުންތައް ދާއިމީކޮށް ހުއްޓާލައި، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ވަނީ ހަމަޖެހިފައި. މި ފަހުމުނާމާގެ ދަށުން އީރާނުގެ އިގްތިސާދު އާރާސްތުކުރުމަށް 300 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދިނުމަށާއި، ސަރަހައްދީ ކަނޑުގެ ދަތުރުފަތުރުތަކަށް ހުރި ހުރަސްތައް ނައްތާލުމަށް ދެ ފަރާތުން އެއްބަސްވޭ. މީގެ އިތުރުން، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް މަޝްވަރާކުރުމަށާއި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހަތިޔާރު އުފެއްދުމަށް ބޭނުން ނުކުރާނެކަން ކަށަވަރުކުރުމަށް ވެސް މި އެއްބަސްވުމުގައި ހިމަނާފައިވޭ.

އެމެރިކާ އާއި އީރާނުގެ ދިދަ. | ޝަޓާ ސްޓޮކް
އެމެރިކާ އާއި އީރާނާ ދެމެދު އަންނަ ހުކުރު ދުވަހު ސޮއިކުރުމަށް ހަމަޖެހިފައިވާ 14 ނުކުތާގެ މައްޗަށް އެކުލެވޭ އެއްބަސްވުމުގެ ކޮޕީއެއް "އަލް އަރަބިއްޔާ އިނގިރޭސި" އިން ޝާއިއު ކޮށްފި އެވެ.
އެ ލިޔުމުގައި ހިމެނޭ 14 ނުކުތާ އަކީ:
1. މި ފަހުމުނާމާގައި ސޮއިކުރުމާއެކު، އީރާނާއި އެމެރިކާގެ އިތުރުން މިހާރު ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވާ ދެ ފަރާތުގެ މަދަދުގާރުން، ލުބުނާން ހިމެނޭހެން ހުރިހާ މައިދާންތަކެއްގައި ކުރަމުންދާ ހަނގުރާމަ ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމަށް އިޢުލާން ކުރެއެވެ. އަދި މިއަދުން ފެށިގެން އެއް ގައުމުން އަނެއް ގައުމަށް ދެކޮޅުވެރި އެއްވެސް އަމަލެއް ނުހިންގުމަށާއި، ބާރުގެ ބޭނުންކުރުމުން ނުވަތަ ބާރުގެ ބޭނުންކޮށްފާނެ ކަމުގެ ބިރުދެއްކުމުން އެއްކިބާވުމަށް ދެ ގައުމުން ޒިންމާވެއެވެ. މި މާއްދާ އާއި އެހެނިހެން މާއްދާތަކުގައިވާ ކަންކަން ދާއިމީ އެއްބަސްވުމުގައި ކަށަވަރުކޮށްދޭނެއެވެ.
2. އީރާނާއި އެމެރިކާއިން އެއް ގައުމުން އަނެއް ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަދި ސަރަހައްދީ ރައްކާތެރިކަމަށް އިހުތިރާމްކުރުމަށާއި، އެއް ގައުމުން އަނެއް ގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުފޫޒު ނުފޯރުވުމަށް ޒިންމާވެއެވެ.
3. އީރާނާއި އެމެރިކާއިން އެންމެ ގިނަވެގެން 60 ދުވަހުގެ ތެރޭގައި މަޝްވަރާކޮށް ދާއިމީ އެއްބަސްވުމަކަށް އައުމަށް އެއްބަސްވެއެވެ. އަދި ދެ ފަރާތުން އެއްބަސްވާ ނަމަ މި މުއްދަތު އިތުރުކުރެވިދާނެއެވެ.
4. މި ފަހުމުނާމާގައި ސޮއިކުރުމާއެކު، އެމެރިކާއިން އީރާނަށް ކުރިމަތިކޮށްފައިވާ ކަނޑުގެ ހުރަސްތައް (ނޭވަލް ބްލޮކޭޑް) ވަގުތުން އުވާލައި، އީރާނަށް ހުރަސްއެޅުމުގެ އެއްވެސް އަމަލެއް ނުހިންގުމަށް އެމެރިކާއިން އެއްބަސްވެއެވެ. އަދި ގިނަވެގެން 30 ދުވަހުގެ ތެރޭގައި ކަނޑުދަތުރުފަތުރުގެ ކަންކަން ހަނގުރާމައިގެ ކުރިން އޮތް މިންވަރަށް އިއާދަކުރުމަށް އެމެރިކާއިން އެއްބަސްވެއެވެ. މީގެ އިތުރުން، ދާއިމީ އެއްބަސްވުމުގައި ސޮއިކުރާތާ 30 ދުވަހުގެ ތެރޭގައި އީރާނުގެ ވަށައިގެންވާ ސަރަހައްދުތަކުން އެމެރިކާގެ ސިފައިން ބޭލުމަށް ވެސް އެމެރިކާއިން އެއްބަސްވެއެވެ.
5. މި ފަހުމުނާމާގައި ސޮއިކުރުމާއެކު، ޕާޝިއަން ގަލްފުން ފެށިގެން އޮމާން ކަނޑާ ދެމެދު މުދާ އުފުލާ އުޅަނދުފަހަރުގެ ދަތުރުފަތުރުތައް 30 ދުވަހުގެ ތެރޭގައި ހަނގުރާމައިގެ ކުރިން އޮތް މިންވަރަށް އިއާދަކުރުމަށް އީރާނުން ވަގުތުން ފިޔަވަޅު އަޅާނެއެވެ. މީގެ ތެރޭގައި ފަންނީ ހުރަސްތައް ނައްތާލުމާއި އީރާނުން ވަޅުލާފައިވާ މައިންތައް ނައްތާލުން ހިމެނެއެވެ.
6. އީރާނު އަލުން އާރާސްތުކުރުމަށާއި އެ ގައުމުގެ އިގްތިސާދީ ތަރައްގީއަށްޓަކައި، ދެ ފަރާތުން އެއްބަސްވާ ފުރިހަމަ ޕްލޭނެއް އެމެރިކާ އާއި އެ ސަރަހައްދުގެ ބައިވެރިން ގުޅިގެން އެކުލަވާލުމަށް އެމެރިކާއިން އެއްބަސްވެއެވެ. މި ޕްލޭނުގެ ދަށުން މަދުވެގެން 300 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ކަށަވަރުކޮށްދޭން ޖެހޭނެއެވެ. މި ޕްލޭން ތަންފީޒުކުރާނެ ގޮތުގެ އުސޫލުތައް، ދާއިމީ އެއްބަސްވުމުގެ ބައެއްގެ ގޮތުގައި 60 ދުވަހުގެ ތެރޭގައި އެކުލަވާލެވޭނެއެވެ.
7. އީރާނާ ދެކޮޅަށް މިހާރު އަޅާފައިވާ ހުރިހާ ބާވަތެއްގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެމެރިކާއިން އެއްބަސްވެއެވެ. މީގެ ތެރޭގައި އދ. ގެ ސަލާމަތީ މަޖިލީހާއި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައި.އޭ.އީ.އޭ) ގެ ބޯޑް އޮފް ގަވަރުނަރުންގެ ނިންމުންތަކާއި، އެމެރިކާއިން އަމިއްލައަށް އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް ހިމެނެއެވެ. މި ފިޔަވަޅުތައް އުވާލާނެ ތާވަލެއް ދާއިމީ އެއްބަސްވުމުގެ ބައެއްގެ ގޮތުގައި ކަނޑައެޅޭނެއެވެ.
8. އީރާނުން ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރު ނުއުފައްދާނެ ކަމަށް ބުނާ ބުނުން އެ ގައުމުން އަލުން ތަކުރާރުކުރެއެވެ. އަދި މުއްސަނދިކޮށްފައިވާ ނިއުކްލިއާ މާއްދާތަކާއި، އީރާނުގެ ނިއުކްލިއާ ބޭނުންތަކާ ގުޅޭ އެހެނިހެން ކަންކަމާ މެދު ދާއިމީ އެއްބަސްވުމެއްގައި ގޮތްތަކެއް ނިންމުމަށް އީރާނާއި އެމެރިކާއިން ވަނީ އެއްބަސްވެފައެވެ. ދާއިމީ އެއްބަސްވުމުގައި މި މާއްދާގެ މައްޗަށް ބިނާކޮށް ކަންކަން ކަށަވަރުކުރެވޭނެއެވެ.
9. ދާއިމީ އެއްބަސްވުމަކަށް އާދެވެންދެން، މިހާރު އޮތް ހާލަތު ދެމެހެއްޓުމަށް އީރާނާއި އެމެރިކާއިން އެއްބަސްވެއެވެ. އެގޮތުން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް މިހާރު އޮތް މިންވަރުގައި ހިފެހެއްޓުމަށާއި، އެމެރިކާއިން އީރާނާ ދެކޮޅަށް އާ ފިޔަވަޅުތައް ނޭޅުމަށާއި އެ ސަރަހައްދުގައިވާ އެމެރިކާގެ އަސްކަރީ ބާރު ވަރުގަދަ ނުކުރުމަށް ވަނީ އެއްބަސްވެފައެވެ.
10. މި ފަހުމުނާމާގައި ސޮއިކުރުމާއެކު، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލެވެންދެން، އީރާނުގެ ތެލާއި، ޕެޓްރޯކެމިކަލް އުފެއްދުންތަކާއި، ބޭންކިން އަދި އިންޝުއަރެންސް ފަދަ ޚިދުމަތްތައް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ހުއްދަތައް (ވޭވަރސް) އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ދޫކުރުމަށް އެމެރިކާއިން ޒިންމާވެއެވެ.
11. ދާއިމީ އެއްބަސްވުމަކަށް ދިއުމަށް ކުރެވޭ މަޝްވަރާތަކުގެ ކުރިއެރުމަށް ބަލައި، ހިފަހައްޓާފައިވާ އީރާނުގެ ފައިސާ އާއި މުދާ ދޫކޮށްލުމަށް އެމެރިކާއިން އެއްބަސްވެއެވެ. މި ފައިސާ ބޭނުންކުރާނެ ގޮތް ނިންމާނީ އީރާނުގެ މަރުކަޒީ ބޭންކުންނެވެ. އަދި މިކަމަށް ބޭނުންވާ ހުރިހާ ހުއްދަތަކެއް ދޫކުރުމަށް އެމެރިކާއިން ޒިންމާވެއެވެ.
12. ދާއިމީ އެއްބަސްވުން ތަންފީޒުކުރާ މިންވަރު ބަލައި، އެ އެއްބަސްވުމަށް އަމަލުކުރާކަން ކަށަވަރުކުރުމަށްޓަކައި މޮނިޓަރިން މެކޭނިޒަމެއް ގާއިމްކުރުމަށް އީރާނާއި އެމެރިކާއިން އެއްބަސްވެއެވެ.
13. މި ފަހުމުނާމާގައި ސޮއިކުރުމަށްފަހު، 4، 5، 10 އަދި 11 ވަނަ މާއްދާގައިވާ ކަންކަން ތަންފީޒުކުރަން ފަށާފައިވާ ކަމުގެ ޔަގީންކަން ލިބުމުން، ބާކީ ހުރި މާއްދާތަކާ ގުޅޭގޮތުން ދާއިމީ އެއްބަސްވުމަކަށް އައުމަށް އީރާނާއި އެމެރިކާއިން މަޝްވަރާތައް ފަށާނެއެވެ.
14. ދާއިމީ އެއްބަސްވުން ފާސްކުރާނީ އދ. ގެ ސަލާމަތީ މަޖިލީހުން ނެރޭ ގާނޫނީ ގޮތުން ބާރުލިބިދޭ ގަރާރެއްގެ ދަށުންނެވެ.







