ކުރިއަށް އޮތް ދުވަސްތަކަށް އީރާނުން ހައިރާންކުރުވަނިވި އައު ކަންތައްތަކެއް ރާވާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން ބުނެފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ އަސްކަރީ ސިޔާސަތުތައް ނާކާމިޔާބުވަމުންދާ ކަމަށާއި، އޭނާ މިހާރު މަސައްކަތް ކުރައްވަނީ މި ކުރިމަތިވެފައިވާ މަރުތަޅުން ސަލާމަތްވާނެ މަގެއް ހޯއްދެވުމަށް ކަމަށް އީރާނުގެ އަސްކަރީ މަސްދަރަކުން ބުނެފި. އެމެރިކާގެ އަސްކަރީ ގާބިލުކަން ދަށްވެފައިވާތީ އޭނާ މިހާރު ބޭނުންކުރައްވަނީ ހަމައެކަނި ބަހުގެ ހަމަލާތައް ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އީރާނުން ދައްކާލާނެ އާ ކަންތައްތަކުގެ ސަބަބުން ހަނގުރާމައިގެ ނަތީޖާ ސާފުވެގެންދާނެ ކަމަށްވެސް އެ މަސްދަރުން ފާހަގަކުރި.

އީރާނުން އިޒްރޭލަށް އަމާޒުކޮށް ފޮނުވާލި މިސައިލް ހަމަލާތަކަކާ ގުޅިގެން، 2026 ފެބްރުއަރީ 28 ވަނަ ދުވަހު ތެލް އަވީވްގައި ބާރުގަދަ ގޮވުމެއް ގޮވައި، ބޮޑު އަލިފާންގަނޑެއް ފެތުރިފައި. | ރޮއިޓާސް
އެމެރިކާއާއި އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، ކުރިއަށް އޮތް ދުވަސްތަކަށް އީރާނުން ހައިރާންކުރުވަނިވި އައު ކަންތައްތަކެއް ރާވާފައިވާ ކަމަށް އެ ގައުމުގެ އަސްކަރީ މަސްދަރަކުން ތަސްނީމް ނިއުސް އެޖެންސީއަށް މައުލޫމާތު ދީފިއެވެ.
ތަސްނީމް ނިއުސް އެޖެންސީއާ ވާހަކަދައްކަމުން އަސްކަރީ މަސްދަރުން ބުނީ، މިހާރު ކުރިއަށްދާ ހަނގުރާމައިގެ ތެރެއިން ކުރިއަށް އޮތް ދުވަސްތަކުގައި އީރާނުން އާ ކަންތައްތަކެއް ދައްކާލުމަށް ރާވާފައިވާ ކަމަށާއި، އެކަންކަން ތަންފީޒުކުރުމުން ވަރަށް ބޮޑެތި ނަތީޖާތަކެއް ފެނިގެންދާނެ ކަމަށެވެ.
އެ މަސްދަރުން އިތުރަށް ބުނި ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ހަނގުރާމައިގައި ގެންގުޅުއްވާ އަސްކަރީ ހުރިހާ ގޮތްތަކެއް ނާކާމިޔާބުވަމުންދާ މަންޒަރު ދަނީ ފެންނަމުންނެވެ. އަދި މިހާރު ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވަނީ މި ކުރިމަތިވެފައިވާ މަރުތަޅުން ސަލާމަތްވާނެ މަގެއް ހޯއްދެވުމަށް ކަމަށްވެސް އެ މަސްދަރުން ބުންޏެވެ.
ޓްރަމްޕްގެ އަތުގައި ހުރި ހަމަލާދޭ އަދި ދިފާއީ އަސްކަރީ ހަތިޔާރުތައް ހުރީ ވަރަށް ދަށް ހާލަތެއްގައިކަން އީރާނަށް އެނގޭ ކަމަށް އެ މަސްދަރުން ބުންޏެވެ. އަދި އަސްކަރީ ގޮތުން ކާމިޔާބެއް ހޯދުމަށާއި، އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ޓްރަމްޕް ކުރައްވާ މަސައްކަތުގައި އެއްވެސް އުންމީދެއް ނެތް ކަމަށްވެސް ބުންޏެވެ.
އަސްކަރީ ހަތިޔާރުގެ ދަތިކަން ކުރިމަތިވުމުން، ޓްރަމްޕް މިހާރު ބޭނުންކުރައްވަނީ ހަމައެކަނި ބަހުގެ ހަމަލާތައް ކަމަށާއި، އޭގެ ސަބަބުން އޭނާއަށް ލިބޭ ހުތުރު ނަން އިތުރުވުން ނޫން ކަމެއް ނުވާ ކަމަށް އެ މަސްދަރުން ފާހަގަކުރިއެވެ.
ޓްރަމްޕް ވަމުންދާ ހުސް ވައުދުތަކާ ޚިލާފަށް، ކުރިއަށް އޮތް ދުވަސްތަކުގައި އީރާނުން ދައްކާލާނެ ކަންތައްތަކުގެ ސަބަބުން، މި ހަނގުރާމައިގެ ނަތީޖާ ކުރިއަށްވުރެ ބޮޑަށް ސާފުވެގެންދާނެ ކަމަށްވެސް އެ މަސްދަރުން ބުންޏެވެ.
މީގެ އިތުރުން، ފޯނާއި ސޯޝަލް މީޑިއާއާ ޓްރަމްޕް ދުރަށްޖެހިވަޑައިގެން، މީގެ ފަހުން އޭނާގެ ސަމާލުކަން ހުއްޓަންޖެހޭނީ އުޑުމައްޗަށާއި، ހިއްސާގެ ބާޒާރަށާއި، ތެލުގެ އަގަށް ކަމަށްވެސް އެ މަސްދަރުން ބުންޏެވެ.





