އީރާންގެ ނިއުކްލިއަރ ހަމަލާގެ ބިރުން އިޒްރޭލް ފަނާވުމުން ސަލާމަތް ވެއްޖެ: ނަތަންޔާހޫ
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ، އެންމެ މުހިންމު ކަމަކީ ނިއުކްލިއަރ ހަމަލާއެއްގެ ނުރައްކަލުން އިޒްރޭލް ސަލާމަތް ކުރެވުން ކަމަށް. އަދި އެ ނުރައްކަލުގެ ސަބަބުން އިޒްރޭލްގެ އެތައް މިލިއަން ރައްޔިތުުންނަށް މަރުގެ ބިރު އޮތް ކަމަށާއި، ނަމަވެސް ކުރެވުނު މަސައްކަތުން ކުރިއަށް އޮތް އެތައް އަހަރަކަށް އެ ބިރުވެރިކަން ދުރު ކުރެވިފައިވާ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި.


އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. | ގެޓީ އިމޭޖަސް
އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދިޔަ އަސްކަރީ އޮޕަރޭޝަންގެ ސަބަބުން، އީރާންގެ ނިއުކްލިއަރ ހަމަލާ އަކުން އިޒްރޭލް ފަނާވެގެން ދިޔުމުގެ ބިރުން ސަލާމަތް ވެފައިވާ ކަމަށް، އެ ޤައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
މިއީ މެދު އިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނެސް، އެ ސަރަހައްދުގައި ސުލްޙަ ޤާއިމު ކުރުމަށް އެމެރިކާ އާއި އީރާން އިން އެއްބަސްވުމަކަށް އައި ފަހުން ނަތަންޔާހޫ ދެއްވި ފުރަތަމަ ބަޔާން އެވެ.
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ، އެންމެ މުހިންމު ކަމަކީ ނިއުކްލިއަރ ހަމަލާއެއްގެ ނުރައްކަލުން އިޒްރޭލް ސަލާމަތް ކުރެވުން ކަމަށެވެ. އަދި އެ ނުރައްކަލުގެ ސަބަބުން އިޒްރޭލްގެ އެތައް މިލިއަން ރައްޔިތުުންނަށް މަރުގެ ބިރު އޮތް ކަމަށާއި، ނަމަވެސް ކުރެވުނު މަސައްކަތުން ކުރިއަށް އޮތް އެތައް އަހަރަކަށް އެ ބިރުވެރިކަން ދުރު ކުރެވިފައިވާ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ.
މެދު އިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އާއި އީރާން އިން އެއްބަސްވި ނަމަވެސް، ޣައްޒާ އާއި ލުބުނާން އަދި ސީރިޔާގައި އިޒްރޭލްގެ ސިފައިން ދެމި ތިބޭނެ ކަމަށް ނަތަންޔާހޫ ވަނީ ވިދާޅުވެފައި އެވެ. އޭނާ ވިދާޅުވީ އިޒްރޭލްގެ ސަލާމަތަށްޓަކައި އެ ގައުމުގެ ވަށައިގެން ވަރުގަދަ ސަލާމަތީ ސަރަހައްދު ތަކެއް ގާއިމު ކޮށްފައިވާ ކަމަށާއި، ގައުމުގެ ރައްކާތެރި ކަމަށްޓަކައި ބޭނުންވާހާ ހިނދަކު އެ ސަރަހައްދު ތަކުގައި ސިފައިން ތިބޭނެ ކަމަށެވެ.
މީގެ އިތުރުން ހަނގުރާމައާ ގުޅިގެންނާއި، އޭގެ ފަހުން ކަންތައްތައް މެނޭޖުކުރި ގޮތާ މެދު އިޒްރޭލްގެ އެތެރެ އިން ބޮޑެތި ފާޑުކިޔުން ތަކެއް އަމާޒުވެފައި ވީ ނަމަވެސް، މިއަހަރު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް ނަތަންޔާހޫ ވަނީ އިއުލާން ކުރައްވާފައި އެވެ. އޭނާ ވިދާޅުވީ އިންތިޚާބުގައި ވާދަ ކުރައްވައި، ކާމިޔާބު ހޯއްދެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށެވެ.
މަސްދަރު: އޭއެފްޕީ







