ޣައްޒާއަށް އިޒްރޭލުން ދޭ ހަމަލާތަކުގައި 4 މީހުން ޝަހީދު ކޮށްލައިފި
ޣައްޒާގެ އެކި ސަރަހައްދުތަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި ހޯމަ ދުވަހު ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުވެފައިވާއިރު، މީގެ ތެރޭގައި ސިއްހީ ދާއިރާގެ މުވައްޒަފަކާއި އޭނާގެ ދަރިފުޅު ހިމެނޭ. މި ހަމަލާތައް ދީފައިވަނީ އެމެރިކާ މެދުވެރިވެގެން ހުށަހަޅާފައިވާ ސުލްހައިގެ މަޝްރޫއާ ގުޅޭގޮތުން ގާހިރާގައި މަޝްވަރާތައް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި. ނަމަވެސް ހަމާސްއިން ހަތިޔާރު ބެހެއްޓުމާއި އިޒްރޭލު ސިފައިން ޣައްޒާއިން ފޭބުމާ މެދު އެއްބަސްވުމަކަށް ނާދެވި މަޝްވަރާތަކަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައި.

ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވައިދާގައި ހުރި ގެއަކަށް އިޒްރޭލުން ދިން ހަމަލާއަކާ ގުޅިގެން، އެ ސަރަހައްދަށް ލިބިފައިވާ ގެއްލުންތައް ފަލަސްތީނުގެ މީހަކު ބަލަނީ. 2026 ޖޫން 5 ވަނަ ދުވަހު އިޒްރޭލުން މި ހަމަލާ ދީފައިވަނީ، އެ ގޭގައި ދިރިއުޅޭ މީހުން ތަން ހުސްކުރުމަށް އިންޒާރު ދިނުމަށްފަހުގައި. | ރޮއިޓާސް
ޣައްޒާގައި އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ހޯމަ ދުވަހު ފަލަސްތީނުގެ މަދުވެގެން ހަތަރު މީހަކު ޝަހީދުވެފައިވާ ކަމަށް ސިއްހީ އޮފިޝަލުން ބުނެފިއެވެ. މި ހަމަލާތައް ދީފައިވަނީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ފަލަސްތީނުގެ ޣައްޒާ އަށް އެމެރިކާ މެދުވެރިވެގެން އެކުލަވާލާފައިވާ ސުލްހައިގެ އެއްބަސްވުން ސަލާމަތްކުރުމަށް، ގާހިރާގައި ބާއްވާ ސުލްހައިގެ ވާހަކަތަކަށް މެދުވެރިން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
މެޑިކަލް އޮފިޝަލުން ބުނި ގޮތުގައި ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވައިދާ އަވަށަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި އަންހެނަކު ޝަހީދުވެފައިވާއިރު، އެތާ ކައިރީގައި އޮންނަ ނުސީރާތު ރެފިއުޖީ ކޭމްޕަށް ދިން އެހެން ހަމަލާއެއްގައި ވެސް މީހަކު ވަނީ ޝަހީދުވެފައެވެ.
ހޯމަ ދުވަހުގެ ފަހުގެ ވަގުތެއްގައި އިޒްރޭލުން ޣައްޒާ ސިޓީގެ އިމާރާތެއްގެ ފުރާޅަށް އަމާޒުކޮށް ދިން ވައިގެ ހަމަލާއެއްގައި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހަކާއި އޭނާގެ ފިރިހެން ދަރިފުޅު ޝަހީދުވެފައިވާ ކަމަށް ސިއްހީ އޮފިޝަލުން ބުނެއެވެ.
އިޒްރޭލު ސިފައިން ބުނި ގޮތުގައި ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ވަކިވަކި ހަމަލާތަކެއްގައި ހަމާސްގެ ދެ ހަނގުރާމަވެރިއަކު ވަނީ މަރާލާފައެވެ. އިޒްރޭލުން ބުނާ ގޮތުގައި އެ މީހުން ރާވަމުންދިޔައީ އިޒްރޭލު ސިފައިންނަށް ހަމަލާދިނުމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޣައްޒާގެ ސުލްހައާ ބެހޭ މަންދޫބު ނިކޮލާއި މިލަޑެނޯވް ހޯމަ ދުވަހުގެ ފަހުގެ ވަގުތެއްގައި ގާހިރާއަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ދަނޑިވަޅެއްގައެވެ. މިއީ ފާއިތުވި ހަފުތާތަކުގައި އޭނާ ހުށަހެޅުއްވި 15 ނުކުތާގެ ސުލްހައިގެ މަޝްރޫއަށް ހަމާސްއިން ޖަވާބު ދިންތާ އެއްދުވަސް ފަހެވެ.
މަޝްވަރާތަކާ ގާތް މަސްދަރުތަކުން ބުނާ ގޮތުގައި، ހަމާސްއިން ހަތިޔާރު ބެހެއްޓުމަށް އޮތް ނުކުތާ ފިޔަވައި އެހެން ހުރިހާ ކަމަކަށް ހަމާސްއާއި އެހެނިހެން ޖަމާއަތްތަކުން ވަނީ އެއްބަސްވެފައެވެ. ހަމާސްއިން ބުނަނީ ހަތިޔާރު ބެހެއްޓޭނީ އިޒްރޭލު ސިފައިން ޣައްޒާއިން ފޭބުމުންނާއި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ސިޔާސީ މަޝްވަރާތަކެއް ފެށުމުން ކަމަށެވެ.
އޮކްޓޫބަރު 2025 ގައި ޓްރަމްޕް މެދުވެރިވެގެން އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ނަމަވެސް، ޣައްޒާއަށް އިޒްރޭލުން ދޭ ހަމަލާތައް ހުއްޓުވުމަށާއި ހަމާސްގެ ހަނގުރާމަވެރިންގެ އަތުން ހަތިޔާރު އަތުލުމުގައި އެ އެއްބަސްވުން ވަނީ ނާކާމިޔާބުވެފައެވެ.
މަރުތަޅު އެޅުން
ހަމާސްއިން ހަތިޔާރު ބެހެއްޓުމާއި އިޒްރޭލު ސިފައިން ޣައްޒާއިން ފޭބުމާ ގުޅޭ ގޮތުން ޓްރަމްޕް ހުށަހަޅާފައިވާ ޕްލޭންގެ ދެން އޮތް މަރުހަލާއާ މެދު އިޒްރޭލާއި ހަމާސްއާ ދެމެދު ވަނީ އެއްބަސްވުމަކަށް ނާދެވި މަރުތަޅު އެޅިފައެވެ.
ހަމާސްއިން ހޯމަ ދުވަހު ބުނި ގޮތުގައި، ފާއިތުވި ހަފުތާގައި ގާހިރާގައި މެދުވެރިން ކަމަށްވާ މިސްރު، ގަތަރު އަދި ތުރުކީއާއެކު މަޝްވަރާކުރި ފަލަސްތީނުގެ ޖަމާއަތްތަކުގެ ލީޑަރުން ވަނީ، އިޒްރޭލުން "ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ޝަރުތުތަކަށް ފުރިހަމައަށް އަދި އެއްވެސް އިސްތިސްނާއެއް ނެތި އަމަލުކުރަންޖެހޭނެ" ކަމަށް ބާރުއަޅާފައެވެ.
ޣައްޒާގެ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ފުރިހަމަ އެއްބަސްވުމަކަށް ނާދެވިގެން އުޅެނީ، އޮކްޓޫބަރު މަހު އެއްބަސްވި ފުރަތަމަ މަރުހަލާގެ ޒިންމާތައް އަދާކުރުމަށް އިޒްރޭލުން އިންކާރު ކުރާތީ ކަމަށް ހަމާސްއިން ތުހުމަތުކުރެއެވެ. އެ އެއްބަސްވުމުގެ ދަށުން ބޮޑެތި ހަމަލާތައް ހުއްޓާލި ނަމަވެސް، އިޒްރޭލުގެ ހަމަލާތައް މުޅިން ހުއްޓައެއް ނުލައެވެ. އިޒްރޭލުން ބުނަނީ އެ ގައުމުގެ ހަމަލާތަކަކީ ހަމާސްއާއި އެހެނިހެން ހަނގުރާމަވެރިން ދޭން އުޅޭ ހަމަލާތައް ހުއްޓުވުމަށް ދޭ ހަމަލާތަކެއް ކަމަށެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު ވެސް އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 990 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ސިއްހީ އޮފިޝަލުން ބުނެއެވެ. އިޒްރޭލުން ބުނާ ގޮތުގައި އެ މުއްދަތުގެ ތެރޭގައި ހަނގުރާމަވެރިންގެ ހަމަލާތަކުގައި އެ ގައުމުގެ ހަތަރު ސިފައިން ވަނީ މަރުވެފައެވެ.
އިޒްރޭލުން ބާރުއަޅަނީ ހަމާސްއިން ހަތިޔާރު ބަހައްޓައި، ޣައްޒާގެ ވެރިކަން ދޫކޮށްލުމަށާއި، އެ ސަރަހައްދުގެ މުސްތަގުބަލުގައި އެއްވެސް ދައުރެއް އެ ޖަމާއަތުން އަދާނުކުރުމަށެވެ.
އިޒްރޭލުން އަދިވެސް ދަނީ ޣައްޒާގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަހައްދެއް ހިފައިގެން ތިބެ، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެތަނުން ފޭބުމަށް އަމުރުކޮށް، ބާކީ ހުރި އިމާރާތްތައް ތަޅާލަމުންނެވެ.
ޣައްޒާގެ 2 މިލިއަނަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ އެންމެން މިހާރު ދިރިއުޅެމުންދަނީ އައްސޭރިފަށުގެ ހަނި ސަރަހައްދެއްގައި، މައިގަނޑު ގޮތެއްގައި ފޭލިގެތަކާއި ހަލާކުވެފައިވާ އިމާރާތްތަކުގައެވެ. އެ ސަރަހައްދު އޮތީ ހަމާސްގެ ކޮންޓްރޯލްގެ ދަށުގައެވެ.







