ބަޖެޓް ތަންފީޒު ކުރުމުގެ މިންގަނޑުތަކާއި ދަރަނި ނެގުމުގެ ހުދޫދުތަކާ ސަރުކާރުން ތަކުރާރުކޮށް ވަނީ ޚިލާފުވެފައި: އޮޑިޓް އޮފީސް
2025 ވަނަ އަހަރުގެ ބަޖެޓާއި ދަރަނީގެ ސްޓްރެޓަޖީ އާ ދެމެދު ބޮޑެތި ފަރަގުތަކެއް ހުރިއިރު، ބޭރުން ފައިސާ ހޯދުމަށް ހުރި ދަތިތަކުގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމަށް އޮތް ނުރައްކާ ބޮޑުވަމުންދާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ދިރާސާއިން ދައްކާ. ޚާއްސަކޮށް 2026 ގައި ދައްކަންޖެހޭ ބޮޑެތި ދަރަނިތައް އަދާކުރުމަށް އެކަށީގެންވާ ރޭވުމެއް ނެތުމާއި، ސަރުކާރުގެ ގެރެންޓީތަކުގެ ސަބަބުން ބޭރު ފައިސާގެ ރިޒާވަށް ބާރުބޮޑުވެދާނެ ކަމުގެ ބިރު އެބައޮތް. އެހެންކަމުން، ފިސްކަލް އިސްލާހީ ފިޔަވަޅުތައް އަވަސްކޮށް، ދަރަނި މެނޭޖުކުރުމުގައި ސަރުކާރު ޒިންމާދާރުކުރުވުމަށް މަޖިލީހުން މަސައްކަތްކުރުމަށް ވަނީ ލަފާދީފައި.

އޮޑިޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ނިޔާޒީ، ޗައިނާގެ ނަންޖިންގ އޮޑިޓް ޔުނިވަރސިޓީގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ. | އޮޑިޓަރ ޖެނެރަލް އޮފީސް
ފާއިތުވި އަހަރުތަކުގެ ތެރޭގައި، ބަޖެޓު އެކުލަވައިލުމުގެ މަރުހަލާގައާއި ބަޖެޓު ތަންފީޒުކުރުމުގެ މަރުހަލާގައިވެސް، މެދު ރާސްތާގެ ފިސްކަލް ސްޓްރެޓަޖީ އާއި މެދު ރާސްތާގެ ދަރަނީގެ ސްޓްރެޓަޖީ ގެ އޮނިގަނޑުގެ ދަށުން ކަނޑައަޅާފައިވާ ބަޖެޓުގެ މިންގަނޑުތަކާއި ދަރަނި ނެގުމުގެ ހުދޫދުތަކާ ސަރުކާރުން ތަކުރާރުކޮށް ޚިލާފުވެފައިވާކަމަށް އޮޑިޓަރ ޖެނެރަލުގެ އޮފީހުން ބުނެފި އެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމު ކުރި "ރިޕޯޓް އޮން ދަ ރިވިއު އޮފް މީޑިއަމް ޓާމް ޑެޓް ސްޓްރެޓަޖީ" ގައި ބުނެފައިވާ ގޮތުގައި މިގޮތަށް ކަން ކުރުމުގެ ސަބަބުން މެދު ރާސްތާގެ ދަރަނީގެ ސްޓްރެޓަޖީ އެންމެ އެދެވޭ ގޮތެއްގައި ތަންފީޒުކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. މިކަން މިގޮތަށް މެދުވެރިވާ މައިގަނޑު ސަބަބަކީ މާލީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ނުކުރުމާއި، ސަރުކާރުގެ ސިޔާސަތުތަކަށް ތަކުރާރުކޮށް ބަދަލުތައް ގެނައުން ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން، 2025 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ދަރަނި ނެގުމަށް ކަނޑައަޅާފައިވާ މިންވަރު، 2025 އިން 2027 އަށް އެކުލަވައިލާފައިވާ މެދު ރާސްތާގެ ދަރަނީގެ ސްޓްރެޓަޖީ އާ ބޮޑުތަނުން ތަފާތުވާކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. އަދި ބަޖެޓު ފާސްކުރުމަށްފަހު، މުހިންމު މާލީ އިސްލާހުތައް ތަންފީޒުކުރުން ފަސްކުރުމަށް ސަރުކާރުން ވަނީ ސިޔާސަތަށް ބަދަލުތަކެއް ގެނެސްފައި ކަމަށާއި މި ބަދަލުތަކުގެ ސަބަބުން ދަރަނީގެ ސްޓްރެޓަޖީ އާ އިތުރަށް ޚިލާފުވާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުގައިވެއެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދެކޭގޮތުގައި، މާލީ ސިޔާސަތަށް އައިސްފައިވާ ބަދަލުތައް ދަރަނީގެ ސްޓްރެޓަޖީގައި ހިމަނައި އެ ސްޓްރެޓަޖީ އިސްލާހުކޮށްފައި ނުވާތީ، 2025 އިން 2027 އަށް އެކުލަވައިލާފައިވާ މެދު ރާސްތާގެ ދަރަނީގެ ސްޓްރެޓަޖީ ފުރިހަމައަށް ތަންފީޒުކުރުމަށް ހުރަސްތަކެއް ކުރިމަތިވެދާނެއެވެ.
ހަމައެއާއެކު، 2025 ވަނަ އަހަރުގެ ބަޖެޓު އެކުލަވައިލިއިރު، ދަރަނި އަލުން ދެއްކުމުގެ (ރީފައިނޭންސިންގ) ޕްލޭނަށް ބަދަލުތަކެއް ގެނެސްފައިވާކަން ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. އެގޮތުން، 2026 ވަނަ އަހަރު މުއްދަތު ހަމަވާ ސުކޫކު، މުއްދަތުގެ ކުރިން އަނބުރާ ދެއްކުމަށް 2025-2027 ގެ ދަރަނީގެ ސްޓްރެޓަޖީގައި ކަނޑައަޅާފައިވާ އުސޫލު 2025 ގެ ބަޖެޓުގައި ހިމަނާފައެއް ނުވެއެވެ. ނަމަވެސް، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ފައިނޭންސިންގ ޕްލޭނުގައި، އެ އަހަރުގެ އޭޕްރިލް މަހު މުއްދަތު ހަމަވާ ސުކޫކު ހިމެނޭހެން، ދައްކަންޖެހޭ ބޮޑެތި ދަރަނިތައް އަލުން ދެއްކުމަށް ނުވަތަ ރީފައިނޭންސް ކުރުމަށް ފިޔަވަޅުތަކެއް ހިމަނާފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.
އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައިވަނީ ދަރަނި ދެއްކުމުގެ ގާބިލުކަމަށް އޮތް ނުރައްކާ އިތުރުވަމުންދާއިރު، ބަޖެޓުގައި ކަނޑައަޅާފައިވާ ފައިނޭންސިންގ ޕްލޭންތަކާ ބޮޑުތަނުން ޚިލާފުވެފައިވާކަން ފާހަގަކުރެވޭ ކަމުގައެވެ. ވަކިން ހާއްސަކޮށް، ބޭރުގެ ފަރާތްތަކުން ފައިސާގެ ބޮޑު ބައެއް ހޯދުމަށް ކުރިން ރޭވި ނަމަވެސް، އަމަލީ ގޮތުން ބޮޑަށް ބަރޯސާވެފައިވަނީ އެތެރެއިން ނަގާ ދަރަންޏަށް ކަމަށް ބުނެފައިވެއެވެ.
ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި 2024 ވަނަ އަހަރުގެ ބަޖެޓު ދިރާސާކުރިއިރު، އެ ބަޖެޓަށް ބޭނުންވާ ފައިސާ އެއްކޮށް ހަމަޖެހިފައި ނުވާކަން ވެސް ވަނީ ހާމަވެފައެވެ. މިކަންކަމުން ދޭހަވަނީ ބޭރުގެ ފަރާތްތަކުން ލުއި ލޯނު ނުވަތަ ކޮންސެޝަނަލް ފައިނޭންސިންގ ހޯދުމަށް ހުރަސްތަކެއް ހުރިކަން ކަމުގައި ރިޕޯޓުގައިވެއެވެ.
2025-2027 ގެ މެދު ރާސްތާގެ ދަރަނީގެ ސްޓްރެޓަޖީގައި ބޭރުގެ ފަރާތްތަކުން ބޮޑު މިންވަރެއް ހޯދުމަށް ރޭވިފައިވީ ނަމަވެސް، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދެކޭގޮތުގައި ބޭރުން ފައިސާ ހޯދުމަށް ހުރި ދަތިތަކުގެ ސަބަބުން މި ޕްލޭން ތަންފީޒުކުރުމުގެ ފުރުސަތު ވަރަށް ކުޑައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ކުރިއަށް އޮތް ކުރު އަދި މެދު ރާސްތާގައި ބޭރު ފައިސާގެ ރޭޓަށް އޮތް ނުރައްކާ އިތުރަށް ބޮޑުވެގެންދާނެ ކަމަށް ރިޕޯޓުގައިވެއެވެ.
މީގެ އިތުރުން، 2026 ވަނަ އަހަރު މުއްދަތު ހަމަވާ ބޮޑެތި ދަރަނިތައް ރީފައިނޭންސް ކުރުމަށް ސަރުކާރުން ގެންގުޅޭ މިހާރުގެ ޕްލޭންތަކުގެ ސަބަބުން، އިންޓްރެސްޓް ރޭޓަށް އަންނަ ބަދަލުތަކުގެ ނުރައްކާ ދަރަނީގެ ޕޯޓްފޯލިއޯއަށް އިތުރަށް ބޮޑުވެދާނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި 2025-2027 ގެ ދަރަނީގެ ސްޓްރެޓަޖީގައި ކޮންޓިންޖެންޓް ލައިބިލިޓީ ނުވަތަ ދިމާވެދާނެ އިތުރު ދަރަނީގެ ނުރައްކާ މެނޭޖުކުރުމުގެ ޕްލޭނެއް ނެތްކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓަރ ޖެނެރަލުގެ އޮފީހުގެ ހޯދުންތަކުން ދައްކާގޮތުގައި، ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނިތަކުގެ ތެރެއިން މެދު ރާސްތާގައި މުއްދަތު ހަމަވާ ގިނަ ދަރަނިތަކަކީ ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާއެވެ. މި ދަރަނިތައް އަދާކުރުމަށްޓަކައި މަރުކަޒީ ސަރުކާރުގެ އެހީތެރިކަން ނުވަތަ ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް ބޭނުންކުރަން ޖެހިދާނެކަމަށް ބެލެވޭ ކަމަށް ބުނެފައިވެއެވެ.
އޮޑިޓަރ ޖެނެރަލުގެ އޮފީހުން ދެކޭގޮތުގައި، ސަރުކާރުގެ ގެރެންޓީތަކުގެ ސަބަބުން ކުރިމަތިވެދާނެ މިފަދަ ނުރައްކާތަކަކީ ބޮޑު ނުރައްކަލެކެވެ. މީގެ ސަބަބުން ބޭރު ފައިސާގެ ބާޒާރަށް މިހާރުވެސް ކުރިމަތިވެފައިވާ ލޮޅުންތައް އިތުރަށް ގޯސްވެ، ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ކުރާ މަސައްކަތަށް ބާރުބޮޑުވާނެއެވެ.
މިފަދަ ނުރައްކާތަކެއް ހުރި ނަމަވެސް، 2025-2027 ގެ ދަރަނީގެ ސްޓްރެޓަޖީ ގައި މިކަންކަން ފާހަގަކޮށްފައި ނުވާ ފަދައިން، މި ނުރައްކާތަކުން ސަލާމަތްވުމަށް ވަކި ހާއްސަ ޕްލޭނެއް ވެސް ހިމަނާފައެއް ނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
މެދު ރާސްތާ ދަރަނީގެ ސްޓްރެޓަޖީގެ ކަންކަން އިސްލާހު ކުރުމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ވަނީ ސަރުކާރަށް ހުށަހަޅާފައެވެ.
އެ ގޮތުން ދައުލަތުގެ ބަޖެޓަކީ މާލީ ގޮތުން ދެމެހެއްޓެނިވި މިންގަނޑެއްގައި ރޭވިފައިވާ ބަޖެޓެއްކަން ފިނޭންސް މިނިސްޓްރީން ކަށަވަރުކުރަންވާނެ ކަމަށް ބުނެފައިވެ އެވެ. އަދި ދަރަނީގެ ޕޯޓްފޯލިއޯއަށް ހުރި ނުރައްކާތައް ކުޑަކުރަމުން، ދަރަނި ނަގާ މިންވަރު އަތްފޯރާފަށުގައި ހިފަހައްޓަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ބަޖެޓު އެކުލަވައިލާއިރު އަދި ބަޖެޓު ތަންފީޒުކުރާއިރު ވެސް، ދަރަނި ނަގާ މިންވަރު ސްޓްރެޓަޖީތަކުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރުނުވާނެކަން ފިނޭންސް މިނިސްޓްރީން ކަށަވަރުކުރަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ. އެގޮތުން ބަޖެޓު ތަންފީޒުކުރުމުގެ މަރުހަލާގައި، ދަރަނީގެ ސްޓްރެޓަޖީ އާ ޚިލާފުނުވާނެހެން ފައިނޭންސިންގ ކަންކަން މެނޭޖުކުރުމަށް މިނިސްޓްރީން ގާތުން މަސައްކަތް ކުރަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އަދި ދަރަނީގެ ޕޯޓްފޯލިއޯއަށް އެކްސްޗޭންޖް ރޭޓުގެ ސަބަބުން ކުރިމަތިވެފައިވާ ބޮޑު ނުރައްކަލުން ސަލާމަތްވުމަށްޓަކައި، ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ފާހަގަ ކުރުމުގެ އިތުރުން ސަރުކާރުގެ ގެރެންޓީތަކުގެ ސަބަބުން ކުރިމަތިވެދާނެ ދަރަނީގެ ނުރައްކާތަކަށް ހައްލު ހޯދުމަށްޓަކައި، ދަރަނީގެ ސްޓްރެޓަޖީގައި އަޅާނެ ފިޔަވަޅުތަކެއް ހިމަނަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމާއި މާލީ ގާބިލުކަން އިތުރުކުރުމަށް ފިޔަވަޅު އެޅުމަށް ރިޕޯޓުގައި ލަފާ ދީފައިވެއެވެ. މިއީ އެ ކުންފުނިތަކުން ސަރުކާރުގެ އެހީއާ ނުލައި ދަރަނި އަދާކުރުމުގެ ގާބިލުކަން ދެމެހެއްޓުމަށްޓަކައި މުހިންމު ކަމެއް ކަމަށް ބުނެފައިވެއެވެ.
ރާއްޖޭގެ މާލީ އިދާރާތަކަށް ބޮޑަށް ބަރޯސާވުމުގެ ސަބަބުން މާލީ ދާއިރާއަށް ކުރިމަތިވެދާނެ ނުރައްކާތައް މިނިސްޓްރީން ވަޒަންކޮށް، އެ ނުރައްކާތައް ކުޑަކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅަންވާނެ ކަމަށާއި، ސަރުކާރު ޒިންމާދާރުކުރުވާ މުއައްސަސާގެ ހައިސިއްޔަތުން، މެދު ރާސްތާގެ ފިސްކަލް ސްޓްރެޓަޖީ އާއި ބަޖެޓުގައި ބަޔާންކޮށްފައިވާ އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރުމަށާއި، ދަރަނީގެ ސްޓްރެޓަޖީ އަށް ފުރިހަމައަށް އަމަލުކުރުމަށް ސަރުކާރު ޖަވާބުދާރީކުރުވަން ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަންވާނެ ކަމަށް ވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ރިޕޯޓުގައި ބުނެފައިވެއެވެ.





