އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ ކައުންސިލަރުންނަށް ވުރެ ބޮޑު، ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ގަރާރެއް
ކައުންސިލަރުންގެ ޒިންމާތައް އިތުރުވެފައިވާއިރު، އިދާރީ ބައެއް މުވައްޒަފުންނާއި ސިޔާސީ މަގާމުތަކަށްވުރެ އެ ފަރާތްތަކުގެ މުސާރަ ކުޑަވުމަކީ އިންތިޚާބީ ބާރުވެރިކަމަށް އުނިކަން އަންނަ ކަމެއްކަން މި ގަރާރުގައި ފާހަގަކޮށްފައިވޭ. ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ގާބިލު މީހުން ރަށްރަށުގައި މަޑުކުރުވުމަށްޓަކައި، ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް ވަނީ ގޮވާލާފަ. އެހެންކަމުން، މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއްކަމަށް މި ގަރާރުގައި ބަޔާންކޮށްފައިވޭ.


ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް | މަޖިލިސް
އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ ކައުންސިލަރުންނަށް ވުރެ ބޮޑުކަން ފާހަގަކުރައްވާ، ކައުންސިލްތަކުގެ މުސާރަ އަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް، މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ގަރާރުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފަ އެވެ. އެ ގަރާރުގައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ހ) ގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަން ވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ބަޔާން ކޮށްފައިވާއިރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ގޮތުގައި އެކަމަށް ޚާއްސަ ގާނޫނެއް އެކުލަވައިލައި އަމަލުކުރެވެމުންދާ ކަން ފާހަގަކޮށްފަ އެވެ.
ގަރާރުގައި ބުނީ އެ ގާނޫނުގެ ދަށުން އެންމެ ބޮޑު ޒިންމާއެއް އަދާކުރާ ބަޔަކީ ލޯކަލް ކައުންސިލްތަކުގައި ހިމެނޭ ކައުންސިލަރުން ކަމަށް ވެފައި ދެންނެވުނު ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ކައުންސިލަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އިތުރުވެ، އެ ފަރާތްތަކުން މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތު ނުހަނު ގިނަވެފައިވާ ކަމަށެވެ.
އެގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 37 ވަނަ މާއްދާގެ (ށ) ގައި، ހަމަހަމަ ކަމާއެކު މުއާމަލާތު ކުރެވޭ، ރައްކާތެރި މާހައުލެއްގައި މަސައްކަތްކުރުމާއި، ކުރާ މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ލިބުމާއި ކުރާ މަސައްކަތް އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން ހަމަހަމަކަމާއެކު އުޖޫރަ ލިބުމާއި ކުރާ މަސައްކަތް އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން ހަމަހަމަކަމާއެކު އުޖޫރަ ލިބުމާއި އެއް ހަމައަކުން ވަޒީފާގެ ކުރިއެރުން ލިބުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ގަރާރުގައި ވެ އެވެ.
އެހެން ނަމަވެސް، ގަރާރުގައި ވަނީ ކައުންސިލް ރައީސްގެ މުސާރަ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަށްވުރެ ކުޑަ ކަން ފާހަގަވެފައިވާ ކަމަށާ ކައުންސިލް ނައިބު ރައީސްގެ މުސާރަ ކައުންސިލް އެގްޒެކެޓިވެއްގެ މުސާރަ އަށް ވުރެ ކުޑަ ކަމަށް ކުޑޫ ވިދާޅުވި އެވެ. އަދި ކައުންސިލް މެންބަރުންގެ މުސާރަ ކައުންސިލްގެ ބައެއް މުވައްޒަފުންގެ މުސާރައާއި އިނާޔަތަކަށް ވުރެ ކުޑަ ކަން ފާހަގަ ކޮށްފަ އެވެ.
އޭގެ އިތުރުން ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބު ކުރާ ކައުންސިލަރުންގެ މުސާރަ، ކައުންސިލް އިދާރާގެ އާންމު މުވައްޒަފުންގެ މުސާރައަށްވުރެ ކުޑަކޮށް އޮތުމަތީ ކައުންސިލަރުންނަކީ އިދާރީ މުވައްޒަފުންނަށް ވުރެ ދަށް ފަންތީގެ ބައެއް ކަމަށް ބެލުމަށް މެދުވެރިވާ ސަބަބެއް ކަމަށް ވެސް ގަރާރުގައި ވެ އެވެ.
ރައްޔިތުން އިންތިޚާބު ކޮށްފައި ތިބޭ ބައެއްގެ މުސާރަ ސަރުކާރުން އައްޔަން ކުރާ ޕޮލިޓިކަލް ޑިރެކްޓަރުންނާ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންނަށް ވުރެ ކުޑަވުމުން އިންތިޚާބީ އޮފިޝަލުންގެ ބާރުވެރި ކަމަށް އުނިކަން ގެނުވާކަން ފާހަގަ ކުރައްވާ މެންބަރު ވިދާޅުވީ ކައުންސިލަރުންނަކީ 24 ގަޑިއިރުގެ ތެރޭގައި ދިމާވެދާނެ ކޮންމެ ފަދަ ހާލަތެއްގައި ވެސް އެންމެ ފުރަތަމަ ނިކުމެ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭން ތިބޭ ބަޔަކަށް ވީ ނަމަވެސް އިތުރު ގަޑީގެ އިނާޔަތް ވެސް ލިބޭ ބަޔަކަށް ނުވާތީ ކައުންސިލަރުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އެކި ފަހަރުމަތިން ގެނެވުނު އިސްލާހުތަކުގެ ސަބަބުން ކައުންސިލަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އިތުރުވެ، އެ ފަރާތްތަކުން މަސައްކަތުގައި ހޭދަކުރަން ޖެހޭ ވަގުތު ނުހަނު ގިނަވެފައިވާތީ އެކަމަށް އެކަށީގެންވާ އުޖޫރައެއް ދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް މެންބަރު ގަރާރުގައި ފާހަގަކުރައްވާފައި ވެ އެވެ.
މި ކަމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ހިންގުމަށާ ތައުލީމީ އަދި ގާބިލު މީހުން ރަށްތައް ދޫކޮށް، މާލެ ސަރަހައްދަށް ބަދަލުވިޔަ ނުދީ، ރަށްރަށުގެ ހިންގުމުގެ މަގާމުތަކުގައި ދެމެހެއްޓުމަށް މުހިއްމު ކަމެއްކަން ފާހަގަކޮށް ގަރާރުގައި ބުނީ މި ކަމަކީ ރަށްރަށުގެ އާބާދީ މަދުވަމުންދާ މައްސަލައާ ނުހަނު ބޮޑަށް ގުޅިގައި އޮތް ކަމެއް ކަމަށް ވެފައި، ކައުންސިލުން ރަށުގެ ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކާ ގުޅިފައިވާ ކަމެއް ކަމަށެވެ.
އެހެން ކަމުން ކައުންސިލަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނާން ޖެހިއްޖެކަން ބަޔާންކޮށް މިފަދައިން ގެންނަ ބަދަލާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުން ވެސް ޝާމިލުކުރުން މުހިއްމު ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
މެންބަރު މީކާއިލް މި ގަރާރު ހުށަހެޅުއްވި އިރު ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ މިކަމާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީ އެއްވެސް ފޮނުވާފަ އެވެ.






