މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރުމަށް ނިންމާފައިވަނިކޮށް ނާޒިމް އެ މަގާމުން އިސްތިއުފާދެއްވައިފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވައިފި. ނާޒިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، ނަމަވެސް އޭނާ އިންތިޚާބުކުރި މެންބަރުންގެ އިތުބާރު ނެތުމުން މަގާމުން ދުރުވުމަކީ ޑިމޮކްރަސީގެ އެންމެ ތަހުޒީބީ ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށް. ވެރިކަންކުރާ ޕީއެންސީގެ 73 މެންބަރުންގެ ސޮޔާއެކު މި މައްސަލަ ހުށަހެޅީ މަގާމުގެ ނުފޫޒު ބޭނުންކުރާ ކަމަށް ތުހުމަތުކޮށް.


ހޫނު ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާ އަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން މި މަހުގެ 13 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ނާޒިމަށް އިތުބާރު ނެތް ކަމަށް ނިންމައި، އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މި މަހުގެ 14 ވަނަ ދުވަހު އެވެ. ޕީއެންސީގެ 73 މެންބަރުންގެ ސޮޔާއެކު ހުށަހެޅި މި މައްސަލައިގައި، މަޖިލީހުގެ ގަވާއިދާ އެއްގޮތަށް 14 ދުވަހުގެ ނޯޓިސް ނާޒިމަށް ވަނީ ދީފަ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން، ނޯޓިސްގެ މުއްދަތު ހަމަވުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެއްގައި އެ މައްސަލައަކާ މެދު ގޮތެއް ނިންމުމަށް ޖަލްސާއެއް ބާއްވަން ޖެހެ އެވެ. ނާޒިމަށް ދިން ނޯޓިސްގެ މުއްދަތު މި މަހުގެ 29 ވީ ހުކުރު ދުވަހަށް ހަމަވިއިރު އޭގެ ފަހުން ދެން އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހަކީ އާދިއްތަ ދުވަސްކަމުން އާދިއްތަ ދުވަހު ޖަލްސާއެއް ބޭއްވުމަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.
އެ ޖަލްސާގެ އެޖެންޑާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުން އެކަންޏެވެ.
ޖަލްސާ ފެށެން ކުޑަތަން ވެފައިވަނިކޮށް މަގާމުން އިސްތިއުފާ ދެއްވައި ނާޒިމް ވަނީ ބަޔާނެއް ނެރުއްވާފަ އެވެ. އެ ބަޔާނުގައި ނާޒިމް ވިދާޅުވީ އޭނާ މަގާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ ގަރާރުގައި އޭނާ ގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެތް ނުވަތަ ގަރީނާ އެއް އެ ގަރާރުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި މިހާތަނަށް ވެސް މަޖިލީހުގެ ނައިބުރައީސްގެ ހައިސިއްޔަތުން ނުވަތަ މެންބަރެއްގެ ހައިސިއްޔަތުން ވިޔަސް ކޮށްފައިވާ ނުވަތަ ނުކޮށް ދޫކޮށްލާފައިވާ ކަމަކާ ގުޅިގެން އެއްވެސް މެންބަރަކު ނުވަތަ އެހެން ވެސް ފަރާތަކުން ގާނޫނު އަސާސީ އާއި ނުވަތަ މަޖިލީހުގެ ގަވާއިދާ ޚިލާފުވެއްޖެކަމުގެ ޝަކުވާއެއް އުފުލާފައި ނުވާތީ، މި ހުރިހާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ކަންތައްތަކެއްކަން ފާހަގަ ކުރެވޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގެ ވާޖިބުތަކާ ޒިންމާތައް އަދާކޮށްފައިވާނީ ގާނޫނީ ހަމަތަކުގެ މަތިން ތެދު ވެރިކަމާ އަމާނާތްތެރި ކަމާއެކުގައި ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި އެއްވެސް ހާލެއްގައި މަގާމުގެ ޒިންމާއިން ބަރީއަވެ، މަގާމުގެ ޒިންމާތައް އަދާކުރުމުގައި ފަސްޖެހިފައެއް ނުވާނެ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
އެއްވެސް މެންބަރެއްގެ ވާޖިބެއް ނުވަތަ މަސްއޫލިއްޔަތެއް އަދާކުރުމަށް ހުރަސްއަޅާފައި ނުވާ ހިނދު މެންބަރުންގެ ވާޖިބުތަކާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ގާނޫނުތަކާއި ގަވާއިދުތައް ތަންދޭ އެންމެ ފުޅާމިނެއްގައި ކަންކަން ފަހި ކޮށްދީ މަގު ތަނަވަސް ކޮށްދީފައި ވާނެ ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
ނާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި މަސްލަހަތު ގެއްލޭނެ ކަމެއް ކޮށްފައި ނުވާނެ ކަމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްފައި ނުވާނޭ ކަމާއި މަގާމުގެ ނާޖާއިޒް ފައިދާ ނަގާފައި ނުވާނެކަން ވެސް ބަޔާންކުރައްވާ ކަމަށެވެ.
އެ ބަޔާނުގައި ބުނީ އޭނާ ގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކޮށްފައި ވާނީ ގާނޫނީ ހަމަތަކުގެ މަތިން މެންބަރުންގެ މެދުގައިު އެއްވެސް ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކުގައި ކަމަށެވެ. ވަކި ސިޔާސީ ފިކުރަކަށް ތަބާވެ އެއްވެސް ކަމެއް ގާނޫނާއި ގަވާއިދާ ޚިލާފަށް ކޮށްފައި ނުވާހިނދު އޭނާ މަސައްކަތް ކޮށްފައިވާނީ ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ހުރިހާ މެންބަރުންނަށް ހަމަހަމަ ފުރުސަތުތައް ތަނަސްވަސްކޮށްދިނުމަށް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކާ ބާރުތަކުގެ ގާނޫނާއި މަޖިލީހުގެ ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އެންމެހާ މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒުތައް ވަކިފަރާތަކަށް ނުޖެހި ހަމަހަމަ ކަމާއެކު ރައްކާތެރިކޮށްދީ ހިމާޔަތް ކޮށްދިނުމާއެކު ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން އަބަދުވެސް މަސައްކަތް ކޮށްދީފައި ވާނެ ކަމަށެވެ.
ކަން މިހެން ހުރުމާއެކު ވެސް ވެރިކަން ކުރާ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ހުރިހާ މެންބަރުން ސޮއިކުރައްވާ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ނާޒިމް ވަކިކުރުމަށް ހުށަހަޅުއްވާފައި ވުމުން އޭގައިވާ ސަބަބުތަކަކީ ތެދު ހަގީގަތް ކަމުގައި ނުވި ނަމަވެސް ނަމަވެސް އިންތިޚާބީ މަގާމަކަށް ވޯޓުލީ އެންމެންހެން އެ މަގާމުން އެ މީހަކު ދުރުވުމަށް އެދުމުން އެކަމަށް އިޖާބަދިނުމަކީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ތަހުޒީބީ ގޮތެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ވުމާއެކު ނާޒިމަށް ކޮށްފައިވާ އެންމެހައި ތުހުމަތުތަކަށް އެއްވެސް އިސްތިސްނާއެއްނެތި އިންކާރު ކުރަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.







