މުއިއްޒުއާއި މުއިއްޒުގެ "ޒަމާނީ އަނދަގޮނޑި"
މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކުއްލި ގޮތަކަށް ވަކިކުރަމުންދާއިރު، މިއީ ސިޔާސީ ބާރުވެރިކަން ދެމެހެއްޓުމަށް ކުރާ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ. ސަރުކާރުގެ ކުންފުނިތަކުގެ އާދައިގެ މުވައްޒަފުންނަށް ބިރުދައްކައި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މީހުން ވަޒީފާއިން ވަކިކުރުމުގެ ސަގާފަތެއް މިހާރު ވަނީ އާލާވެފަ. މިފަދަ އަމަލުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އިތުރުވެ، އިންތިޚާބުތަކުން އޭގެ ނަތީޖާ ދަނީ ފެންނަމުން.


ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅާއި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ނޫސްވެރިން ދެންނެވި ސުވާލުތަކާއި އެ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބުތައް | ރައީސް އޮފީސް
ފުރަތަމަވެސް ފެށްޓެވީ ޕާޓީގެ ތެރެއިންނެވެ. ޕާޓީގެ އިސްސަފުންނެވެ. ސީދާ ވެރިކަމަށް ގެނައުމަށް ހެއްދެވި ޑީލާއި އެޑީލަތްކުން މަސައްކަތް ކުރި މީހުންގެ ތެރެއިންނެވެ. އެހެލީ އާދައިގެ މީހެއް ނޫނެވެ. ތިކެޓް ހޯދައިދީ، އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅަން ތައްގަނޑު ޖަހައިދިން އަބްދުއް ރަހީމެވެ. ވަޒީރުކަމުން އެއްލާލީ އޭނާގެ ދަރިފުޅެވެ. ރޭވެފަ އަލިވިލުނުއިރު ކުއްލިގޮތަކަށް އެހާމެ ހަޑިގޮތަކަށެވެ. އެއަށްފަހު އަދުރޭގެ ވަރަ ނުއުދުހޭވަރަށް ކޮށާލިއެވެ. އަދި ބޭންދީ ފާޑެއްގެ ކޮށްޓެއްގައެވެ. ބާރަށް ގޮވާނުލެވޭވަރު ކޮށްފައެވެ. ހުރިހާ ޒިންމާއެއް ނެގީ ހޭވެސް އަހާ ނުލައެވެ.
މެންބަރު އަސްމާއްތަގެ ކުދިންކޮޅު ވަކިކުރިއެވެ. ކޮމެޓީތަކުގެ މުގައްރިރުކަމުން ވަކިކޮށް އެކަހެރިކުރިއެވެ. ގާތްގަނޑަކަށް މެންބަރު ކަމުގެ ގޮނޑި ގެއްލޭހާ ވަރުކުރިއެވެ.
މެންބަރު އަޒާން ގައިގައިވެސް ހިސާބަކަށް ބީހިލިއެވެ. ކުޑައިކޮށް އެއްޗެހި ވިދާޅުވެ މަޖިލީހަށް މައްސަލައެއް ލީ ހިސާބުންނެވެ. މިނިވަންކަން ދައްކަން އުޅުއްވީތީ ވަޓްސްއަޕް ގުރޫޕުން ބޭރުކޮށް ސައިޒް ކުރުވިއެވެ.
މަޖިލީހުގެ ކުރީގެ ނައިބު ރައީސް އެހުންނެވީ އެމަގާމުން ދުރުކުރުވާފައެވެ. ވީކަމެއް އޭނާ ކުރެއްވިކަމެއް އާއްމު މީހަކަށް ނޭނގެއެވެ. މިފަހަރުވެސް ރޭވެ އަލިވިލުނުއިރު ކުއްލިއަކަށް ފެންމަތިވި ބޮޑު ތުހުމަތާއެކު ލަހެއްފަހެއްނުކޮށް މަޖިލީހުގެ ނައިބު ރައީސްކަމުން ބޭރުކުރީއެވެ.
މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. ދައުރު ދެބަޔަށް އެޅުނުއިރު މިކަހަލަ އެތައް އޮބިއެޅުމެކެވެ. ގާތްގަނޑަކަށް "ތިންފަށް ނުވާ" ވުޒާރާއެއް މަދެވެ. އޮއްވަޅުގޮނޑި ކުޅޭހެން ވަޒީރުން ބަދަލުކުރަމުން އެދަނީ އިންތިހާއަށެވެ. އެމީހުން ލައްވައި ގަދަކަމުން އިސްތިއުފާ ދީގެންނާއި ކުއްލިއަކަށް ވަކިކޮށްގެންނެވެ. ކުންފުނިތަކުގެ އެމްޑީންނާއި ޑީއެމްޑީންގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ދެއިރުކާ ބޭހެއްހެން އެތަންތަނުގެ ވެރިން އެދަނީ ކުއްލިކުއްލިއަށް ބަދަލު ކުރަމުންނެވެ. "ދީފާ އަތުލާ ފީފާބުރިއެއްހެން" މީހުން ލުމަށްފަހު ހަމަ އެހާމެ އަވަހަށް އެދަނީ ވަކިކުރަމުންނެވެ.
އިންތިޚާބުތަކަށް ވާދަކުރުމުގައިވެސް ހެދީ ހަދާނެ އެއްޗެކެވެ. ބައެއް މީހުންގެ ފޯމް ބަލައި ނުގަތްއިރު ޕްރައިމަރީ ކާމިޔާބު ކުރި މީހުންގެ އަތުންވެސް ޓިކެޓް އަތުލިއެވެ. ހިތްއެދޭ އެހެން މީހަކު އަމިއްލަގޮތުން ކުރިމަތިލާފައި ހުރީތީ ނަންނަގުވާ އެމީހަކަށް ތާއީދު ކުރީއެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ލީ މީހުންގެ އަދަދާއި ބާރު އޮތީތީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ގެންނަމުންދާ ބަދަލުތަކުގެ ވާހަކައާ ހަމައިން ޕާޓީގެ އެތެރޭގެ ވާހަކަ ބާއްވާލާނަމެވެ.
މިކަމެއް ފަށައިގަތީ ރައްޔިތުންގެ ވޯޓުން ހޮވިފައިތިބި މަޖިލިސް މެންބަރުންކޮޅު ހަންމަތަ ކުރުވައިގެންނެވެ. އެވެރިންގެ ކޮންޓްރޯލް އަތައް ނަގައިގެންނެވެ. އަމިއްލައަށް އެމީހުން ލައްވައި އެމީހުންގެ ކަރަށް މަހާލި މަޅިގަނޑުގެ ވާގަނޑުގެ ކޮޅު މުއިއްޒު އަތުގައި ބާއްވައިގެންނެވެ. ބޭނުންވީމާ ބޭނުންވެއްޖެ ހިނދަކު ބޭނުންވި މީހެއްގެ މަޅިގަނޑަށް ބާރުކޮށްލެވޭފަދަ ބާރެއް އަތައް ނަންގަވައިގެންނެވެ.
މިހާރު އެފެށުނީ ސީދާ އާއްމު ރައްޔިތު މީހާއާއެވެ. ލަސްވާން އެފެށީ އެންމެ ބުރަ މަސައްކަތެއް ކުރާ އެއްބައެއް ކަމުގައިވާ ވެމްކޯގެ އާދައިގެ މުވައްޒަފުންގެއެވެ. އެވެރިންގެ އަތުން ނަގާފައިސާ ޕެންޝަން އޮފީހަށް ޖަމާނުކުރާތާ ދެއަހަރާ ގާތްވާން ދަނީއެވެ. އެކަމާ ދެކޮޅަށް ޕެޓިޝަނެއް ބަހެއް ބުނެލާ އަޑެއް އުފުލާލި މީހުންނަށް އެދަނީ ފިޔަވަޅު އަޅަމުންނެވެ. އިންޒާރުދީ ސަސްޕެންޑް ކުރަމުންނެވެ. އަދި ސީދާ ވަޒީފާއިން ވަކިވެސް ކުރަމުންނެވެ.
ކެންޕޭނުގައި ވަޒީފާތަކަށް ނެގި މީހުންނާއި ވަޒީފާދޭނެކަމުގެ ދަޅަދައްކައިގެން ގެންގުޅުނު ކުދިންކޮޅު ބައިތިއްބާފައި އެތިބީ ހާސްކަމެއްގެ ތެރޭގައެވެ. ވަޒީފާގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން ވަކިކުރަމުންދާއިރު އަނެއް ބަޔަކު އެތިބީ ލިސްޓެއް ހަދާ އޭގެ ތެރެއަށް ލައިގެން ނުގޮތަކަށް ހިރިލިޔަވެސް ނުދީ ހިފަހައްޓައިގެންނެވެ. ވަޒީފާ ދޭނެ ކަމުގެ ހުވަފެން ދައްކާފައި ތިބި މީހުން އެއަވައިގައި ވާނުވާގައެވެ.
މިހާރު އެފެށުނީ މުޅިން އެހެން ކަމެކެވެ. އިދިކޮޅު ހަރަކާތަކުން ފެނިއްޖިއްޔާ އެމީހެއްގެ ކަންކަން ނިންމާލުމުގެ އަނިޔާވެރިކަމެވެ. ނިމިދިޔަ އިންތިޚާބުގައި ސޯބެއާއެކު ފޮޓޯއެއް ނެގީތީ މީހަކު ވަޒީފާއިން ވަކިކޮށްފިއެވެ. ރައީސް ނަޝީދު ވަޑައިގަންނަވާތީ މަރުހަބާކިޔަން އެއަރޕޯޓަށް ދިޔަ ނަޔަކު އެތިބީ ސަސްޕެންޑްކޮށްފައެވެ. ނަޝިދުގެ ކެންޕޭނުގައި ލަވައެއް ކިޔާލި މީހާގެ ފިރިމީހާއަށްވެސް އެޖެހުނީ ހަމައެހާލެވެ.
ކޮންމެއަކަސް ކުރުކޮށް ފޮނިކޮށް ބުނަންޏާ "އަތްލެވޭ ހިސާބުގައި ހުރި އެއްވެސް މީހަކު" މިނިވަންކަމާއެކު އުޅެވޭނޭ މަގު އެވަނީ ބަންދުކޮށްފައެވެ. ވަޒީފާ ގެއްލި އަނބިދަރިން ބިކަވާނެ ކަމުގެ އިހްސާސް އެމީހަކަށް ކުރުވާފައެވެ. ހުރަގެއެއްގައި ބަންދު ނުކުރިއަސް "ޒަމާނީ އަނދަގޮނޑިއަކުން" އަނދަގޮނޑި ޖަހާފައެވެ. އެކަމަކު އެނގޭހާވެސް ކަމަކީ މިގޮތައް އަނދަގޮނޑި ޖަހައިގެން އަބަދަކު ނުބޭތިއްބޭނެ ކަމެވެ. ހަށިފޮޅާލާފައި ތެދުވާނެ ކަމެވެ. އިސާހިތަކު އަނދަގޮނޑިތަކުގެ ތަޅުއިލި ނައްޓާލާ އޭގެ ބޭނުން ކަނޑުވާލާނެއެވެ. ބާއްވާ އިންތިޚާބުތަކުން އެފެންނަނީ އެމަންޒަރުތަކެވެ.





