އެންމެ ގިނަ ދުވަހު ބޮޑު ވަޒީރުގެ ގޮތުގައި ހުންނެވި ޝަރަފާ އެކު، މޯދީ ތާރީޚުގެ ތެރެއަށް
މޯދީ މި ރެކޯޑު މުގުރާލެއްވީ ބޮޑު ވަޒީރުގެ މަގާމުގައި މެދު ނުކެނޑި 4،399 ދުވަސް ފުރިހަމަ ކުރެއްވުމާ ގުޅިގެން. މިއާއެކު، މޯދީ މިވަނީ އިންޑިއާގެ ފުރަތަމަ ބޮޑު ވަޒީރު ޖަވާހަރްލާލް ނެހުރޫ ގާއިމު ކުރައްވާފައިވާ ރެކޯޑު މުގުރާލައްވާފައި.


އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ. | ގެޓީ އިމޭޖަސް
އިންތިޚާބު ކުރެވުނު ބޮޑު ވަޒީރެއްގެ ގޮތުގައި އެންމެ ގިނަ ދުވަހު މަގާމުގައި ހުންނެވި ބޭފުޅާގެ ޝަރަފު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ހޯއްދަވައިފި އެވެ.
މޯދީ މި ރެކޯޑު މުގުރާލެއްވީ ބޮޑު ވަޒީރުގެ މަގާމުގައި މެދު ނުކެނޑި 4،399 ދުވަސް ފުރިހަމަ ކުރެއްވުމާ ގުޅިގެންނެވެ. މިއާއެކު، މޯދީ މިވަނީ އިންޑިއާގެ ފުރަތަމަ ބޮޑު ވަޒީރު ޖަވާހަރްލާލް ނެހުރޫ ގާއިމު ކުރައްވާފައިވާ ރެކޯޑު މުގުރާލައްވާފައި އެވެ.
އިންޑިއާގެ ފުރަތަމަ ބޮޑު ވަޒީރު ޖަވާހަރްލާލް ނެހުރޫ އިންތިޚާބީ ބޮޑު ވަޒީރެއްގެ ގޮތުގައި މަގާމުގެ ހުވާކުރެއްވީ 1952 ވަނަ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު އެވެ. އޭނާ 1964 ވަނަ އަހަރުގެ މެއި 27 އާ ހަމައަށް މަގާމުގައި ހުންނެވިއިރު، އެއީ ޖުމްލަ 4،398 ދުވަހެވެ. ނެހުރޫ 1947 އިން 1952 އަށް ބޮޑު ވަޒީރުކަން ކުރެއްވި ނަމަވެސް، އެއީ އިންތިޚާބެއް ބޭއްވުމުގެ ކުރިން އޮތް ވަގުތީ ސަރުކާރެއްގެ އިސްވެރިޔާގެ ހައިސިއްޔަތުންނެވެ.
މީގެ އިތުރުން އިންދިރާ ގާންދީ 1966 އިން 1984 އަށް 14 އަހަރު ބޮޑު ވަޒީރުކަން ކުރެއްވި ނަމަވެސް، އެއީ މެދު ކެނޑުން ތަކަކާ އެކުގައި އެވެ. އެގޮތުން 1977 ވަނަ އަހަރު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް ފަހު ބޭއްވި އިންތިޚާބުން އޭނާ ވަނީ ބަލިވެ ވަޑައިގެންފައި އެވެ.
މޯދީ ހޯއްދެވި މި ތާރީޚީ ކާމިޔާބީއާ ގުޅިގެން ބީޖޭޕީގެ އިސްވެރިން ވަނީ އޭނާ އަށް މަރުހަބާ ވިދާޅުވެފައި އެވެ. އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އިންޑިއާގެ ރައްޔިތުން މޯދީގެ ލީޑަޝިޕް އަށް ކުރާ އިތުބާރު ހާމަވާ ކަމެއް ކަމަށެވެ. މޯދީ އަކީ ގައުމަށް އިސްކަންދޭ، ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައި ސިފަ ކުރައްވަމުން ރާޖްނާތު ވިދާޅުވީ، ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި އިންޑިއާގެ ތަރައްގީ އަށާއި، ދުނިޔޭގެ ފެންވަރުގައި ގައުމުގެ ދައުރު ފުޅާކުރުމަށް ބޮޑެތި ކުރި އެރުން ތަކެއް ލިބިފައިވާ ކަމަށެވެ.
2014 ވަނަ އަހަރު ފުރަތަމަ ފަހަރަށް ބޮޑު ވަޒީރުކަމާ ހަވާލުވެ ވަޑައިގަތް މޯދީ މިހާރު ހުންނެވީ އޭނާގެ ޖެހި ޖެހިގެން ތިން ވަނަ ދައުރުގައި އެވެ. މޯދީގެ މި ދިގު ދައުރަކީ އިންޑިއާގެ ސިޔާސީ އަދި ތަރައްގީގެ ދަތުރުގައި ފާހަގަ ކޮށްލެވޭ މުހިންމު ކާމިޔާބެއްގެ ގޮތުގައި ސަރުކާރުގެ އިސްވެރިން ގަބޫލު ކުރައްވަ އެވެ.







