އިރާން ފުޓްބޯޅަ ޓީމަށް ވިސާ ދިން އިރު އޮފިޝަލުންނަށް އެމެރިކާ އިން ވިސާ ދޭން ދެކޮޅު ހަދައިފި
2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ އިރާން ޓީމުގެ ކުޅުންތެރިންނަށް އެމެރިކާއިން ވިސާ ދިން ނަމަވެސް، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ އިސްވެރިން ހިމެނޭހެން 15 އޮފިޝަލަކަށް ވިސާ ދޭން އެމެރިކާއިން ވަނީ ދެކޮޅު ހަދާފައި. މިއީ ކުޅިވަރުގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވުން ކަމަށް ބުނެ އިރާނުން ތުހުމަތުކުރާއިރު، އެމެރިކާއިން ބުނަނީ އެ ގައުމުގެ ސަލާމަތަށް ނުރައްކާވެދާނެ އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށް. މި މައްސަލައިގެ ތެރެއަށް ވަނުމަށް އިރާނުން ފީފާއަށް ގޮވާލާފައިވާއިރު، ވިސާގެ ދަތިތަކާއެކުވެސް އިރާން ޓީމު މިހާރު ވަނީ މުބާރާތަށް ތައްޔާރުވުމަށް މެކްސިކޯއަށް ގޮސްފައި.

ވޯލްޑް ކަޕަށްދާ އީރާނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް އެމެރިކާގެ ވިސާ ދީފައިވީ ނަމަވެސް، އެ ޓީމުގެ ބައެއް އޮފިޝަލުން އެމެރިކާއަށް އެތެރެވުން ހުރަސްއަޅާފައިވާ ކަމަށް އީރާނުން ބުނެފި. | ރޮއިޓާސް
އަންނަ ވޯލްޑް ކަޕްގައި ވާދަކުރާ އިރާންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ދީފައިވާކަން ވޮޝިންގްޓަނުން ކަށަވަރުކޮށްދިންތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އެ ޓީމުގެ މުހިންމު އޮފިޝަލުންނަށް ވިސާ ދޭން އެމެރިކާއިން ދެކޮޅު ހަދާފައިވާ ކަމަށް ބުނެ އިރާނުން ނުރުހުން ފާޅުކޮށްފި އެވެ.
އެމެރިކާގެ އޮފިޝަލުން ހުކުރު ދުވަހު ވިދާޅުވީ، ޖޫން މަހުގެ 15 ވަނަ ދުވަހު ލޮސް އެންޖެލިސްގައި އިރާނުން ކުޅޭ ފުރަތަމަ މެޗުގެ 10 ދުވަސް ކުރިން، ހުރިހާ ކުޅުންތެރިންނަށާއި "ޒަރޫރީ ސަޕޯޓް ސްޓާފުންނަށް" ވިސާ ދޫކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، ދޮގު މައުލޫމާތު ދީގެން ޓެރަރިސްޓުން އެމެރިކާއަށް އެތެރެކުރުމަށް މި ނިޒާމުގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އިރާނަށް ނުދޭނެ ކަމަށްވެސް އެމެރިކާގެ އޮފިޝަލުން ވިދާޅުވިއެވެ.
ތުރުކީގައި ހުންނަ އިރާންގެ އެމްބަސީން ވަނީ، ޓީމުގެ މެނޭޖީރިއަލް އަދި އެގްޒެކެޓިވް ސްޓާފުންގެ ބޮޑު ބަޔަކަށާއި "ޓެކްނިކަލް އެޑްވައިޒަރުންނަށް" ވިސާ ނުދީ ހިފެހެއްޓުމަކީ ކުޅިވަރުގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވުން ކަމަށް ބުނެ އެމެރިކާއަށް ތުހުމަތުކޮށްފައެވެ.
އިރާންގެ ސަރުކާރާ ގުޅުންހުރި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުލިބުނު މީހުންގެ ތެރޭގައި އިރާންގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސާއި، އޭނާގެ ނައިބާއި، މީޑިއާ ޑައިރެކްޓަރު ހިމެނޭހެން އިދާރީ 15 އޮފިޝަލުން ހިމެނެއެވެ.
ތުރުކީގައި ފަރިތަކުރުންތައް ކުރިއަށްގެންދިޔަ އިރާން ޓީމު، މުބާރާތުގެ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރާ މެކްސިކޯއަށް ދިއުމަށް ހޮނިހިރު ދުވަހު ވަނީ ފުރާފައެވެ. 20 ގަޑިއިރުގެ ދަތުރަކަށްފަހު އެ ޓީމު މެކްސިކޯއަށް ފޯރާނެ ކަމަށް ބެލެވެނީ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
ވިސާގެ ޝަރުތުތައް ހުރި ގޮތުން، މެޗު އޮންނަ ދުވަހު އެމެރިކާއަށް އެތެރެވުމަށްފަހު، ހަމަ އެ ދުވަހު އެ ގައުމުން ފުރަން ޖެހޭނެ ކަމަށް މެކްސިކޯގައި ހުންނަވާ އިރާންގެ ސަފީރު ހޮނިހިރު ދުވަހު ވިދާޅުވިއެވެ.
އިރާނުން ނެރުނު ބަޔާނެއްގައި އެމެރިކާގެ ނިންމުމަކީ "ހަގީގަތް އޮޅުވާލުން" ކަމަށް ސިފަކޮށް ބުނެފައިވަނީ، އިރާންގެ ގައުމީ ފުޓްބޯޅަ ޓީމާ މެދު ގެންގުޅޭ ތަފާތުކުރުންތަކާއި ގަސްތުގައި ދޭ ދެރަ މިހާރު އެންމެ މަތީ ދަރަޖައަކަށް އުފުލާފައިވާ ކަމަށެވެ. އަދި މިކަމުގެ ތެރެއަށް ވަނުމަށް ފީފާއަށް އިރާންގެ އެމްބަސީގެ އޮފިޝަލުން ވަނީ ގޮވާލާފައެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ޖޫން 11 ގައި ފަށާއިރު، އިރާނުން މުބާރާތުން ޖާގަ ހޯދީ 2025 ވަނަ އަހަރުގެ މާރިޗު މަހު ކޮލިފައިން ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. އެއީ ހަނގުރާމަ ފެށުމުގެ ގާތްގަނޑަކަށް އެއް އަހަރު ކުރިއެވެ.
މިއީ ވޯލްޑް ކަޕްގެ ތާރީޚުގައިވެސް، މުބާރާތް ބާއްވާ ގައުމަކުން އެ ގައުމަކާ ހަނގުރާމަކުރަމުންދާ ގައުމެއްގެ ޓީމަކަށް މަރުހަބާ ކިޔާ ފުރަތަމަ ފަހަރެވެ.
މޭ މަހުގެ ފަހުކޮޅު އިރާނުން ވަނީ އެމެރިކާގެ އެރިޒޯނާގެ ޓޫސަންގައި އޮތް އެ ޓީމުގެ ފަރިތަކުރުންތައް މެކްސިކޯއަށް ބަދަލުކޮށްފައެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން، އިރާންގެ ޓީމަށާއި އޮފިޝަލުންނަށް އެމެރިކާގައި އުޅޭއިރު އެއްވެސް ހުރަސްތަކެއް އޮންނާނެތޯ ސީދާ ބުނެފައެއް ނުވެއެވެ. ނަމަވެސް ބީބީސީއަށް ދިން ބަޔާނެއްގައި އެ އިދާރާއިން ބުނީ، އެމެރިކާގެ ރައްޔިތުންނާއި 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ޒިޔާރަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެ އިދާރާ ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.
އަދި ލޮސް އެންޖެލިސް ހިމެނޭހެން މުބާރާތް ބާއްވާ އެމެރިކާގެ 11 ސިޓީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ސަރުކާރުގެ ހުރިހާ މުއައްސަސާތަކަކާ ގުޅިގެން އެ އިދާރާއިން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
މި ހަފުތާގެ ކުރީކޮޅު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ވިދާޅުވީ، އިރާންގެ އަސްކަރިއްޔާގެ ބާރުގަދަ ގޮތްޕެއް ކަމަށްވާ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސްއާ ގުޅުންހުރި އެއްވެސް މީހަކަށް އިރާންގެ ވަފުދުގެ ތެރޭގައި ހިމެނިގެން އެމެރިކާއަށް އެތެރެވުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
އިރާން ޓީމުގެ ބައެއް ކުޅުންތެރިންނަކީ އެ ގައުމުގައި މަޖުބޫރު އަސްކަރީ ޚިދުމަތް ފުރިހަމަކުރުމުގެ ގޮތުން އެ ޖަމާއަތުގައި މަސައްކަތް ކޮށްފައިވާ މީހުންނެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އަނެއް ދެ މެޗުގައި އިރާން ނުކުންނާނީ ކެލިފޯނިއާގައި ބެލްޖިއަމާ ދެކޮޅަށާއި، ސިއެޓްލްގައި މިސްރާ ދެކޮޅަށެވެ.






