އީރާނުން ފޮނުވާލި ޑްރޯންތަކެއް އެމެރިކާއިން ވައްޓާލައި، ރޭޑާ ސައިޓްތަކަށް ހަމަލާދީފި
އީރާނުގެ ރޭޑާ ސައިޓްތަކަށް އެމެރިކާއިން ހަމަލާދީފައިވަނީ، ކުވެއިތުގެ އެއާޕޯޓަށް އީރާނުން ދިން ޑްރޯން ހަމަލާތަކަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ބުރޫއަރާފައިވާ ދަނޑިވަޅެއްގައި. މި ހަމަނުޖެހުންތަކުގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާއިރު، އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި. ރަސްމީ އެއްބަސްވުމެއްގައި ސޮއިކުރެވެންދެން މި ބްލޮކޭޑް ދެމިއޮންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައި.

މާރިޗް 7، 2026 ގައި ތެހެރާނަށް ދިން ވައިގެ ހަމަލާތަކަށްފަހު، އުޑުމަތި އަލިވެފައިވަނިކޮށް އީރާނުގެ އެންމެ އުސް ބިނާ ކަމަށްވާ 435 މީޓަރުގެ މިލާދު ޓަވަރު ފެންނަ މަންޒަރު. އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ފެބްރުއަރީ 28 ވަނަ ދުވަހު އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، އީރާނުން ވަނީ އޭގެ ބަދަލުހިފުމުގެ ގޮތުން މުޅި ސަރަހައްދަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ފޮނުވާލާފައި. | ގެޓީ އިމޭޖަސް
އީރާނުން ހޮރްމޫޒް ކަނޑުއޮޅިއަށް އަމާޒުކޮށް ފޮނުވާލި "ވަން-ވޭ އެޓޭކް" ނުވަތަ އަމިއްލައަށް ގޮވާ ޒާތުގެ ހަތަރު ޑްރޯން އެމެރިކާގެ އަސްކަރިއްޔާއިން ވައްޓާލައިފިއެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި މި ޑްރޯންތަކަކީ އެ ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިތުރު ހަމަލާތަކުން ދިފާއުވުމަށްޓަކައި، އީރާނުގެ ގޯރޫކް އަދި ގޭޝްމް އައިލެންޑްގައި ހުރި އެ ގައުމުގެ ކޯސްޓަލް ސަަވައިލަންސް ރޭޑާ ސައިޓްތަކަށް އެމެރިކާ ސިފައިން ފަހުން ހަމަލާދީފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅޭގޮތުން އީރާނުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މި ކުރިމަތިލުންތައް ހިނގާފައި މިވަނީ، އެމެރިކާއާއި އީރާނާ ދެމެދު ގާއިމުކޮށްފައިވާ ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ބުރޫއަރާ ފަދަ ގޮތަކަށް، ދެ ގައުމުގެ ދެމެދުގައި ހަމަލާތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ކުވެއިތުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، މިދިޔަ ބުދަ ދުވަހު ކުވެއިތުގެ އިންޓަނޭޝަނަލް އެއާޕޯޓަށް އީރާނުން ދިން ޑްރޯން ހަމަލާތަކުގައި އެކަކު މަރުވެ، 60 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން އެއާޕޯޓަށް ދިން ހަމަލާގެ ޒިންމާ އުފުލަން އިންކާރުކޮށްފައިވެއެވެ. އެ ޖަމާއަތުން ބުނާ ގޮތުގައި އެއާޕޯޓަށް ލިބުނު ގެއްލުމަކީ އެމެރިކާގެ މިސައިލް އިންޓަރސެޕްޓަރަކަށް އެރި އޮޅުމެއްގެ ސަބަބުން ލިބުނު ގެއްލުމެކެވެ.
ނަމަވެސް ސެންޓްކޮމް އިން ވަނީ އީރާނުގެ އެ ވާހަކަތައް ދޮގުކޮށްފައެވެ. އެމެރިކާއިން ބުނާ ގޮތުގައި އީރާނުން އެއާޕޯޓަށް ހަމަލާދީފައިވަނީ އެއްވެސް އުސޫލެއް ނެތި، ކުރިން ރާވައިގެން ގަސްތުގައެވެ.
އައި.އާރް.ޖީ.ސީ އިން މީގެ ކުރިން ބުނެފައިވަނީ، އީރާނުގެ ތެޔޮ ޓޭންކަރަކަށާއި ގޭޝްމް އައިލެންޑަށް އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާނެ ކަމަށެވެ.
މި ހަމަލާތައް ދީފައިވަނީ އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ހުއްޓި، އެއްބަސްވުމަކަށް އައުމަށް ކުރާ މަސައްކަތްތައް ނާކާމިޔާބުވެފައިވާ ދަނޑިވަޅެއްގައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނަށް ދިން ވަރުގަދަ ހަމަލާތަކާއެކު، މުޅި މެދުއިރުމަތީގައި ވަނީ ބޮޑު ހަމަނުޖެހުމެއް އުފެދިފައެވެ.
އެ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ އިޒްރޭލަށާއި ގަލްފް ސަރަހައްދުގައި ތިބި އެމެރިކާގެ ބައިވެރި ގައުމުތަކަށް ހަމަލާދީފައެވެ. އަދި ދުނިޔޭގެ ތެލާއި ގުދުރަތީ ގޭހުގެ 20 އިންސައްތަ އުފުލާ މައި މަގު ކަމަށްވާ ހޯރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.
އޭޕްރީލް މަހުގެ ކުރީކޮޅު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށްފައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށް، އެކަން ކަށަވަރުވަންދެން އެ ބްލޮކޭޑް ނުވަތަ ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުން އެގޮތުގައި ދެމިއޮންނާނެ ކަމަށެވެ.







