ޕާކިސްތާނުގެ ދާޚިލީ ވަޒީރު އީރާނަށް "ޚާއްސަ މެސެޖެއް" ހަވާލުކުރައްވައިފި
ޕާކިސްތާނުގެ ބޮޑުވަޒީރާއި އަސްކަރިއްޔާގެ ވެރިޔާ ފޮނުއްވި މުހިންމު ސިޓީފުޅެއް އީރާނުގެ ލީޑަރަށް ރައްދުކުރެއްވުމަށް އެ ގައުމުގެ ދާޚިލީ ވަޒީރު ސައްޔިދު މުހުސިން ނަގްވީ ތެހެރާނަށް ވަޑައިގެންފި. މި ދަތުރުފުޅުގައި ސަރަހައްދީ މަސްރަހާ ގުޅޭގޮތުންނާއި، ދެ ގައުމުގެ ވިޔަފާރި 10 ބިލިއަން ޑޮލަރަށް އިތުރުކުރުމާ ބެހޭގޮތުން އީރާނުގެ އިސްވެރިންނާއެކު މުހިންމު މަޝްވަރާތަކެއް ކުރިއަށްދާނެ. މީގެ އިތުރުން، އީރާނާއި އެމެރިކާގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަކުރުމަށް ޕާކިސްތާނުން އަދާކުރާ މެދުވެރިއެއްގެ ދައުރު އީރާނުން ވަނީ ފާހަގަކޮށްފައި.

ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު ސައްޔިދު މުޙްސިން ނަޤްވީ (ވ) އާއި އީރާނުގެ އިންޓީރިއާ މިނިސްޓަރު އިސްކަންދަރު މޫމިނީ، 2026 ޖޫން 6 ވަނަ ދުވަހު ތެހެރާންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. | އައި އާރް އެން އޭ
އީރާނުގެ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް މިހާރު ތެހެރާނަށް ވަޑައިގެން އުޅުއްވާ ޕާކިސްތާނުގެ ދާޚިލީ ވަޒީރު ވިދާޅުވީ، އޭނާ އެ ގައުމަށް ވަޑައިގަތީ ޕާކިސްތާނުގެ ސަރުކާރާއި އަސްކަރީ ލީޑަޝިޕްގެ ފަރާތުން އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު މުޖުތަބާ ޚާމަނާއީއަށް "ޚާއްސަ މެސެޖެއް" ރައްދުކޮށްދެއްވުމަށް ކަމަށެވެ.
ސައްޔިދު މުހުސިން ނަގްވީ މިހެން ވިދާޅުވީ ހޮނިހިރު ދުވަހު އީރާނުގެ ދާޚިލީ ވަޒީރު އިސްކަންދަރު މޫމިނީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ނަގްވީ ވިދާޅުވި ގޮތުގައި އޭނާގެ މި ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ ޕާކިސްތާނުގެ އަސްކަރިއްޔާގެ ޗީފް އޮފް އާމީ ސްޓާފް ފީލްޑް މާޝަލް ޖެނެރަލް އާސިމް މުނީރާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ފޮނުއްވި ސިޓީފުޅެއް ހަވާލުކުރުމެވެ. އަދި އެ ސިޓީފުޅުގައި "މިހާރު އޮތް މަސްރަހާ" ގުޅޭ މުހިންމު ކަންތައްތަކެއް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ވަރަށް މުހިންމު މެސެޖެއް. އަޅުގަނޑު އުންމީދު ކުރަނީ ހުރިހާ ކަމެއްވެސް ރަނގަޅަށް ގޮސް، ރަނގަޅު ނަތީޖާއަކާ ހަމައަށް ވާސިލްވުން،" ނަގްވީ އިތުރަށް ވިދާޅުވިއެވެ.
އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް އެއްވެސް އުސޫލެއް ނެތް އުދުވާނީ ހަމަލާތަކެއް ދޭން ފެށި ފެބްރުއަރީ މަހުން ފެށިގެން، ތެހެރާނާއި ވޮޝިންޓަނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރާ މުހިންމު ގައުމެއްގެ ގޮތުގައި ޕާކިސްތާން ވަނީ ފާހަގަވެފައެވެ. މިދިޔަ އޭޕްރިލް މަހު ދެ ފަރާތުގެ މެދުގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރުމަށް އިސްލާމްއާބާދުން މަގުފަހިކޮށްދީ، މަޝްވަރާތަކުގެ ފުރަތަމަ ބުރު ބޭއްވި ނަމަވެސް، އެމެރިކާގެ ހަރުކަށި ޑިމާންޑްތަކާ ހެދި އެ މަޝްވަރާތަކުން އެދެވޭ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
"ޕާކިސްތާނުގެ ބޮޑުވަޒީރާއި އަސްކަރިއްޔާގެ ވެރިޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ސަބަބުން، މި ހަމަނުޖެހުންތަކަށް އަވަސް ހައްލެއް ލިބޭނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން،" ނަގްވީ ވިދާޅުވިއެވެ.
މީގެ އިތުރުން، އަވަށްޓެރި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް އަލިއަޅުއްވާލައްވަމުން، އީރާނާއި ޕާކިސްތާނަކީ އަޚުވަންތަ ގުޅުމެއް އޮތް ދެ ގައުމުކަން އޭނާ ފާހަގަކުރެއްވިއެވެ.
ޕާކިސްތާނުގެ ވަޒީރު ވަނީ އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް އަދި ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އުދުވާނީ ހަމަލާތަކުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަން ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުން ކާމިޔާބު ނަތީޖާއެއް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
އީރާނާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން ކުޑަކުރުމަށް ޕާކިސްތާނުން ކުރަމުންދާ މެދުވެރިއެއްގެ ދައުރު ފާހަގަކޮށް، އީރާނުގެ ދާޚިލީ ވަޒީރު މޫމިނީ ވަނީ އެކަމަށް ތައުރީފު ކުރައްވާފައެވެ.
އޭނާ ސިފަކުރެއްވި ގޮތުގައި ޕާކިސްތާނަކީ އީރާނާ ދީނީ، ސަގާފީ އަދި ތާރީޚީ ގޮތުން ފުން ގުޅުންތަކެއް އޮތް، އެކުވެރި އަދި އަޚުވަންތަ އަވަށްޓެރި ގައުމެކެވެ.
'ދެ ގައުމުގެ ވިޔަފާރި 10 ބިލިއަން ޑޮލަރަށް އިތުރުކުރުމުގެ އަމާޒު'
އީރާނުގެ ވަޒީރު ވިދާޅުވީ ނަގްވީގެ މި ދަތުރުފުޅުގެ ބައެއް ބިނާވެފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ބޯޑަރުގެ ސަލާމަތާއި، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުން ފަދަ ކަންކަމުގެ މައްޗަށެވެ.
ދެ ގައުމުގެ މެދުގައި އަހަރަކު ކުރެވޭ ވިޔަފާރީގެ މިންވަރު މިހާރު އޮތް 3 ބިލިއަން ޑޮލަރުން 10 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް ދެ ފަރާތުން އެއްބަސްވެފައިވާކަން އޭނާ އިއުލާން ކުރެއްވިއެވެ. އަދި މި އަމާޒަށް ވާސިލްވުމަށްޓަކައި ދެ ގައުމުގެ އެހެނިހެން ވުޒާރާތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަގްވީ ތެހެރާނަށް ވަޑައިގަތީ ހޮނިހިރު ދުވަހުގެ ކުރީކޮޅުގައެވެ. އެއާޕޯޓުން އޭނާއަށް މަރުހަބާ ދެންނެވީ އީރާނުގެ ދާޚިލީ ވަޒީރެވެ.
ޕާކިސްތާނުގެ ދާޚިލީ ވަޒީރު އާދީއްތަ ދުވަހު އީރާނުގެ ޚާރިޖީ ވަޒީރު އަރަގްޗީއާ ބައްދަލުކުރައްވައި އިތުރު މަޝްވަރާތައް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.






