އީރާން އާއި ޕާކިސްތާން އިން އިގްތިސާދީ ބަދަލު ތަކަށް 10 ބިލިއަން ޑޮލަރު އިތުރު ކުރަން އެއްބަސްވެއްޖެ
ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރު ނަގްވީ ވިދާޅުވީ، އޭނާ އީރާން އަށް ވަޑައިގެންފައި ވަނީ ޕާކިސްތާނުގެ ސިފައިންގެ އެންމެ އިސް އޮފިސަރު ފީލްޑް މާޝަލް ޖެނެރަލް އާސިމް މުނީރު އާއި، ބޮޑު ވަޒީރު ޝަހްބާޒް ޝަރީފްގެ ހާއްސަ ސިޓީއެއް އިސްލާމީ އިންގިލާބުގެ އިސް ލީޑަރު އާޔަތުﷲ ސައްޔިދު މުޖްތަބާ ޚާމަނާއީއާ ހަވާލު ކުރެއްވުމަށް ކަމަށް.


އީރާންގެ އިންޓީރިއާ މިނިސްޓަރު އިސްކަންދަރު މޮމެނީ އާއި ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު މުހްސިން ނަގްވީ ކުރެއްވި ބައްދަލުވުމުގެ ތެރެއިން. | ސޯޝަލް މީޑިއާ
އީރާންގެ އިންޓީރިއާ މިނިސްޓަރު އިސްކަންދަރު މޮމެނީ އާއި ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު މުހްސިން ނަގްވީ ބައްދަލު ކުރައްވައި، ދެ ގައުމުގެ އިގްތިސާދީ ބަދަލުތައް 10 ބިލިއަން ޑޮލަރަށް އިތުރު ކުރުމަށް އެއްބަސްވެއްޖެ ކަމަށް އީރާންގެ އައިއެސްއެންއޭ ނޫސް އޭޖެންސީ އިން ރިޕޯޓު ކޮށްފި އެވެ.
އައިއެސްއެންއޭ ނޫސް އޭޖެންސީ އިން ބުނެފައިވާ ގޮތުގައި މި ބައްދަލުވުން އޮތީ އީރާންގެ ވެރި ރަށް ތެހެރާާންގައި އެވެ.
އީރާންގެ އިންޓީރިއާ މިނިސްޓަރު މޮމެނީ ވިދާޅުވީ، އީރާން އާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަމަ ނުޖެހުންތައް ކުޑަ ކުރުމަށް މެދުވެރި ވުމުގައި އީރާންއާ ރަހުމަތްތެރި އަދި އެކުވެރި ގައުމު ޕާކިސްތާން އިން އަދާކުރި ހަރަކާތްތެރި ދައުރަށް ޝުކުރު އަދާކުރާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރުގެ ދަތުރުގެ ބައެއް ކަންކަން، ދެ ގައުމުގެ މެދުގައި އޮންނަ ދެ ފަރާތުގެ މައްސަލަ ތަކަށް ހާއްސަ ކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ސަރަހައްދީ ސަލާމަތާއި، މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމާއި، އަދި ޓެރަރިޒަމްއާ ދެކޮޅަށް މަސައްކަތް ކުރުން ހިމެނޭ ކަމަށެވެ.
ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރު ނަގްވީ ވިދާޅުވީ، އޭނާ އީރާން އަށް ވަޑައިގެންފައި ވަނީ ޕާކިސްތާނުގެ ސިފައިންގެ އެންމެ އިސް އޮފިސަރު ފީލްޑް މާޝަލް ޖެނެރަލް އާސިމް މުނީރު އާއި، ބޮޑު ވަޒީރު ޝަހްބާޒް ޝަރީފްގެ ހާއްސަ ސިޓީއެއް އިސްލާމީ އިންގިލާބުގެ އިސް ލީޑަރު އާޔަތުﷲ ސައްޔިދު މުޖްތަބާ ޚާމަނާއީއާ ހަވާލު ކުރެއްވުމަށް ކަމަށެވެ.
މި ސިޓީގައި ހިމެނެނީ މިހާރުގެ ހާލަތާ ބެހޭ މައުލޫމާތު ކަމަށާއި، މިއީ މުހިންމު މެސެޖެއް ކަމަށް އޭނާ ވިދާޅުވި އެވެ. އީރާން އާއި އެމެރިކާ އަދި އިޒްރޭލްއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް އައުމަށް އޭނާ އުންމީދު ކުރައްވާ ކަމަށް ވެސް ނަގްވީ ވިދާޅުވި އެވެ. ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރާއި، އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީއާ ބައްދަލު ކުރައްވައި، މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވޭ ކަމުގައި ރިޕޯޓުތައް ބުނެ އެވެ.
މި ބައްދަލު ކުރެއްވުމަކީ އީރާން އާއި ޕާކިސްތާންއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވޭ މަސައްކަތް ތަކުގެ ބައެއް ކަމަށް ބެލެވެ އެވެ. ދެ ގައުމުން ވެސް ސަރަހައްދީ ސަލާމަތާއި، އިގްތިސާދީ ގުޅުން ބަދަހި ކުރުމަށް ބޭނުންވާ ކަމަށް މި ބައްދަލު ކުރެއްވުމުން ދައްކުވައިދެ އެވެ.
މަސްދަރު: އަލް ޖަޒީރާ






