އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި ކޮންގްރެސްގެ ހުއްދަ ހޯދަން ޖެހޭ ކަމަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ފާސް ކޮށްފި
މި ގަރާރު ފާސް ކޮށްފައި ވަނީ 208 ވޯޓަށް ވުރެ ގިނައިން، 215 ވޯޓު ލިބިގެން. ފާހަގަ ކޮށްލެވޭ ގޮތުގައި ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ހަތަރު މެންބަރަކު ވެސް ވަނީ ޑިމޮކްރެޓިކް ޕާޓީއާ އެކު މި ގަރާރަށް ތާއީދުކޮށް ވޯޓު ދެއްވާފައިވޭ.


ޔޫއެސް ކެޕިޓަލް (އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ކުރާ ގެ). | ގެޓީ އިމޭޖަސް
އީރާންއާ ދެކޮޅަށް އެމެރިކާ އިން ކުރަމުންދާ ހަނގުރާމައިގެ އަމަލުތައް، ކޮންގްރެސްގެ ހުއްދަ ލިބިގެން މެނުވީ ކުރިއަށް ނުގެންދެވޭ ގޮތަށް ހެދުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ނުވަތަ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ބުދަ ދުވަހު ފާސް ކޮށްފި އެވެ.
އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ އިން އިސްވެ އޮވެ ހުށަހެޅި މި ގަރާރަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ކުރިމަތިވި ސިޔާސީ ނުތަނަވަސް ކަމެއްގެ ގޮތުގައި ވަނީ ސިފަ ކޮށްފައި އެވެ.
މި ގަރާރު ފާސް ކޮށްފައި ވަނީ 208 ވޯޓަށް ވުރެ ގިނައިން، 215 ވޯޓު ލިބިގެންނެވެ. ފާހަގަ ކޮށްލެވޭ ގޮތުގައި ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ހަތަރު މެންބަރަކު ވެސް ވަނީ ޑިމޮކްރެޓިކް ޕާޓީއާ އެކު މި ގަރާރަށް ތާއީދުކޮށް ވޯޓު ދެއްވާފައިއެވެ.
މިއީ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ރިޕަބްލިކަން ޕާޓީ އަށް އޮތް ނަމަވެސް، ހަނގުރާމައިގެ މައްސަލައިގައި ޓްރަމްޕް އަށް ކުރިމަތިވި ބޮޑު ނާކާމިޔާބީ އެކެވެ.
މި ވޯޓަކީ ރަމްޒީ ގޮތުން ނެގުނު ވޯޓެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، މީގެ ސަބަބުން ހަނގުރާމައާ މެދު ކޮންގްރެސްގެ މެންބަރުންގެ މެދުގައި އޮތް ކަންބޮޑުވުންތައް ހާމަވެގެންދެ އެވެ. މި ގަރާރު ތަންފީޒު ވުމަށްޓަކައި ސެނެޓުން ވެސް ފާސް ވާން ޖެހެ އެވެ. އަދި ރައީސް ޓްރަމްޕް މި ގަރާރު ވީޓޯ ކުރައްވާނެ ކަމަށް ބެލެވޭއިރު، އެ ވީޓޯ އުވާލުމަށްޓަކައި ދެ މަޖިލީހުގެ ތިން ބައިކުޅަ ދެބައި އަޣުލަބިއްޔަތު ބޭނުން ވާނެ އެވެ.
މީގެ ކުރިން ވެސް ހަނގުރާމައިގެ ބާރު ތަކާ ގުޅޭ ތިން ގަރާރެއް ހައުސް އަށް ހުށަހެޅި ނާކާމިޔާބު ވެފައިވެ އެވެ. ނަމަވެސް، ކޮންމެ ފަހަރަކު ވެސް ވޯޓުގެ ފަރަގު ދިޔައީ ކުޑަ ވަމުންނެވެ. މީގެ އިތުރުން، މިދިޔަ މަހު ސެނެޓުގައި ވެސް މިފަދަ ގަރާރެއް ކުރިއަށް ގެންދިއުމަށް އިޖުރާއީ ވޯޓެއް ނަގާފައިވެ އެވެ. އެއީ މީގެ ކުރިން ހަތް ފަހަރެއްގެ މަތިން އެ މަސައްކަތް ނާކާމިޔާބު ވުމަށް ފަހު ލިބުނު ކުރިއެރުމެކެވެ.
އީރާންއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމުގައި ކޮންގްރެސްގެ ދައުރު ބޮޑު ކުރުމަށް ކުރާ މި މަސައްކަތަކީ، މެދު އިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުން ތަކުގެ ތެރެއިން އެމެރިކާ އިތުރު ހަނގުރާމައެއްގެ ތެރެއަށް ވަދެ ދާނެތީ މެންބަރުން ކުރަމުންދާ އިހުތިޖާޖެއްގެ ގޮތުގައި މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ބުނެ އެވެ.
މަސްދަރު: ރޮއިޓާސް





