އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީއާ ބައްދަލު ކުރަން ބޭނުން: ޓްރަމްޕް
ނިއު ޔޯކް ޕޯސްޓްގެ ޕޮޑް ފޯސް ވަން ޕޮޑްކާސްޓްގައި ވާހަކަ ދައްކަމުން އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ، އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީއާ ބައްދަ ލުކުރަން ބޭނުންވާ ކަމަށާއި، މިކަންކަން ހިނގައި ދިޔައީ ކިހިނެއްތޯ ބަލަަން ކޮންމެ ވެސް ވަގުތެއްގައި ބައްދަލު ކުރާ ނެކަމަށް ޤަބޫލު ކުރައްވާ ކަމަށް.


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް
އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީއާ ބައްދަލު ކުރައްވަން ބޭނުންފުޅުވާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް މިހެން ވިދާޅުވީ، ބުދަ ދުވަހު އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. ޓްރަމްޕް މިހެން ވިދާޅުވެފައި މި ވަނީ، އެމެރިކާ އާއި އީރާންއާ ދެމެދު އެއްބަސްވުމެއް ޤާއިމު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އަދި ހަމަލާ ތަކެއް ބަދަލު ކުރުމުގެ ސަބަބުން ދެ ޤައުމުގެ ދެ މެދުގައި ނުތަނަވަސްކަން އިތުރުވެފައިވާ ވަގުތެއްގަ އެވެ.
އީރާންގެ ރޫހީ ލީޑަރުގެ މަގާމަށް މުޖުތަބާ ޚާމަނާއީ އައްޔަން ކުރައްވާފައި ވަނީ، އެމެރިކާ އާއި އިޒްރޭލް އިން ދިން ހަމަލާ ތަކެއްގައި އޭނާގެ ބައްޕަ އަދި އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެންނެވެ. އެ ހަމަލާގައި މުޖުތަބާ ޚާމަނާއީ އަށް ޒަޚަމު ތަކެއް ލިބުނު ކަމަށް ރިޕޯޓު ކޮށްފައިވާއިރު، އޭގެ ފަހުން އޭނާ އާންމުންގެ ތެރެއިން ފެނިވަޑައިގެންފައި ނުވެ އެވެ.
ނިއު ޔޯކް ޕޯސްޓްގެ ޕޮޑް ފޯސް ވަން ޕޮޑްކާސްޓްގައި ވާހަކަ ދައްކަމުން އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ، އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީއާ ބައްދަ ލުކުރަން ބޭނުންވާ ކަމަށާއި، މިކަންކަން ހިނގައި ދިޔައީ ކިހިނެއްތޯ ބަލަަން ކޮންމެ ވެސް ވަގުތެއްގައި ބައްދަލު ކުރާ ނެކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.
މީގެ އިތުރުން މުޖުތަބާ ޚާމަނާއީގެ ޞިއްޙީ ޙާލަތާ ބެހޭ ގޮތުން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، މުޖުތަބާ ޚާމަނާއީ ޙަރަކާތްތެރި ވެފައިވާ ކަމުގެ މައުލޫމާާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް، މުޖުތަބާ ޚާމަނާއީގެ ޞިއްޙީ ޙާލު ކޮޅު ރަނގަޅު ކަމަށް އަޑު ނާހާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. އެއާ އެކު ޓްރަމްޕް ވިދާޅުވީ، ބައެއް ރިޕޯޓު ތަކަށް ބަލާއިރު މުޖުތަބާ ޚާމަނާއީގެ ހަށިގަނޑުން ބައެއް މަދުވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެހެން ނަމަވެސް، މުޖުތަބާ ޚާމަނާއީ ގެންދަވަނީ އެކި އެކި ކަންކަމުގައި ލަފަޔާއި، ހުއްދަ ދެއްވަމުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަންގާރަ ދުވަހު ކޮންގްރެސްގެ ކޮމިޓީ އަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މުޖްތަބާ ޚާމަނާއީ ދިރި ހުރި ކަމާއި، އޭނާގެ ހަރަކާތް ތެރިކަން އިތުރު ވަމުންދާ ކަމަށް ބެލެވޭ ކަމަށެވެ. ސެނެޓުގެ ބައިނަލްއަގްވާމީ ގުޅުން ތަކުގެ ކޮމިޓީ އަށް ރޫބިއޯ ވިދާޅުވީ އޭނާ ކޮންމެ ވެސް ވަރަކަށް ހަރަކާތްތެރި ވަމުންދާ ކަމަށް ބެލެވޭ ކަމުގެ ހެއްކި ލިބިފައިވާ ކަމަށެވެ.
މަސްދަރު: އޭއެފްޕީ





