އެކައުންޓަކަށް ޖަމާކުރެވުނު ފައިސާ ރައްދުކޮށްނުދީ ބޭނުންކުރި މީހަކަށް ޖޫރިމަނާގެ އަދަބެއް!
އެކައުންޓަށް އޮޅިގެން ޖަމާވި 4،500 ރުފިޔާ އަނބުރާ ނުދީ ބޭނުންކުރި މީހަކު 13،200 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. މި މައްސަލައިގައި ދައުވާ އުފުލި އަލީ ޝަފާޒު ކުށަށް އިއުތިރާފުވުމާ ގުޅިގެން، އޭނާގެ މައްޗަށް އައި ޖަލު އަދަބު ވަނީ ޖޫރިމަނާއަކަށް ބަދަލުކޮށްފައި. މީގެ އިތުރުން، ގެއްލުން ލިބުނު ފަރާތަށް ދޭންޖެހޭ ފައިސާ 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށްވެސް ގާޒީ އަލީ ނަދީމް ވަނީ އަމުރުކުރައްވާފައި.


ކްރިމިނަލް ކޯޓު | ރާއްޖެއެމްވީ
އެކައުންޓަކަށް ޖަމާކުރެވުނު ފައިސާ އަނބުރާ ރައްދުކޮށްނުދީ އެ ފައިސާ ބޭނުންކުރިކަން ސާބިތުވި މީހަކު ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ އަލީ ޝަފާޒު ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް މި ދައުވާ ކުރި ސަބަބަކީ އެހެން މީހެއްގެ އެކައުންޓުން އޭނާގެ އެކައުންޓަށް ޖަމާކުރި ފައިސާ އެ ފަރާތަށް ރައްދުނުކޮށް ބޭނުންކޮށްފައިވާކަމަށް ބުނެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިއީ ވައިބަރ މެދުވެރިކޮށް، ފައިސާ ހޯދުމާ ގުޅޭ މައްސަލައެކެވެ. މި ދައުވާއާ ގުޅޭ ޙާދިސާ ހިނގާފައިވަނީ 22 ފެބްރުއަރީ 2026 ގައެވެ. އެގޮތުން އޭނާގެ އެކައުންޓަށް މީހަކު 4500 ރުފިޔާ ފޮނުވުމުން، އެ ފައިސާ ދޭންޖެހޭ މީހާއަށް ރައްދުކޮށްނުދީ އޭނާ ވަނީ އަމިއްލައަށް އެ ފައިސާ ބޭނުންކޮށްފައެވެ.
މި މައްސަލައިގެ ދައުވާ އިއްވުމުން އޭނާ ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ. އަދި ކަން ހިނގި ގޮތް އޭނާ ވަނީ ޝަރީއަތުގައި ކިޔާދީފައެވެ. އެގޮތުން ދައުވާގައި ބަޔާންކުރާ ފައިސާއަކީ އޭނާގެ އެކައުންޓަށް ޖަމާވުމުން ނެގި ފައިސާ ކަމަށާއި، އެ ފައިސާ ގެއްލުން ލިބުނު ފަރާތަށް އަނބުރާ ރައްދުކުރަން ބޭނުންވާކަމަށްވެސް އޭނާ ކިޔާދިނެވެ.
އޭނާގެ އިއުތިރާފަކީ ސައްޙަ އިއުތިރާފެއްކަމަށް ކަނޑައަޅައި، އަވަސްނިޔާގެ އަޑުއެހުމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މި ދައުވާ އޭނާގެ މައްޗަށް ސާބިތުވާކަމަށް ވަނީ ކަނޑައަޅާފައެވެ.
މި ދައުވާގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު އަދަބެކެވެ. ނަމަވެސް އޭނާ އިއުތިރާފުވެފައިވާތީއާއި، މި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު، އޭނާގެ ޖަލު އަދަބު ޖޫރިމަނާގެ އަދަބަކަށް ބަދަލުކުރަން ފެންނަކަމަށް ޝަރީއަތުން ވަނީ ނިންމާފައެވެ.
އެހެންކަމުން އޭނާ 13،200 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ ދެމަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސް ކުރުމަށް ވަނީ ޙުކުމްކޮށްފައެވެ. އަދި ފައިސާގެ ގެއްލުން ޝަރީއަތަށް ސާބިތުވެފައިވާތީ، ގެއްލުން ލިބުނު ފަރާތަށް ލިބެންޖެހޭ 4500 ރުފިޔާ 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށްވެސް ވަނީ ޙުކުމްކޮށްފައެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ އަލީ ނަދީމެވެ.
މިފަހަކަށް އައިސް ސްކޭމްގެ މައްސަލަަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންކަމުން ތިމާގެ އެކައުންޓުން ކުރެވޭ މުއާމަލާތްތަކާމެދު މިހާރަށްވުރެ ބޮޑަށް ސަމާލުވާން ޖެހެއެވެ.







