އިޒްރޭލުން އދ. ގެ ސެކްރެޓަރީ ޖެނެރަލްއާ ހުރިހާ ގުޅުމެއް ކަނޑާލައިފި
ހަނގުރާމައިގެ ސަރަހައްދުތަކުގައި ޖިންސީ އަނިޔާދޭ ގައުމުތަކުގެ "ކަޅު ލިސްޓުގައި" އިޒްރޭލު ހިމެނުމާ ގުޅިގެން، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލިކަން އިޒްރޭލުން އިއުލާންކޮށްފިއެވެ. އިޒްރޭލުން ތުހުމަތުކުރާ ގޮތުގައި އދ. އިން ދަނީ އެ ގައުމާ ދެކޮޅަށް ދޮގު މައުލޫމާތު ފަތުރައި ހަމާސްއާ އެއް ދަރަޖައެއްގައި އިޒްރޭލު ގިންތިކުރަމުން. ނަމަވެސް އދ. އިން ބުނެފައިވަނީ އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ފަލަސްތީނުގެ އަސީރުންނަށް ޖިންސީ އަނިޔާކުރާ ކަމުގެ އިތުބާރު ހުރި މައުލޫމާތު ލިބިފައިވާ ކަމަށް.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް. | ރޮއިޓާސް
އިޒްރޭލުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލައިފި ކަމަށް އެ ގައުމުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބުރާސްފަތި ދުވަހު އިއުލާން ކުރައްވައިފިއެވެ. ސަފީރު މިކަން ހާމަކުރެއްވީ ހަނގުރާމައިގެ ސަރަހައްދުތަކުގައި ޖިންސީ އަނިޔާ ދޭ ކަމުގެ ތުހުމަތުގައި އިޒްރޭލު "ބްލެކްލިސްޓް" ނުވަތަ ކަޅު ލިސްޓަށް އެރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވަމުންނެވެ.
އެކްސްގައި އާންމުކުރެއްވި ވީޑިއޯއެއްގައި ސަފީރު ޑެނީ ޑެނަން ވިދާޅުވީ، މިހާރު ހުންނެވި ސެކްރެޓަރީ ޖެނެރަލާއެކު އިޒްރޭލުން ބާއްވާ ހުރިހާ މުއާމަލާތެއް ނިމުމަކަށް އައިސްފައިވާ ކަމަށެވެ.
ގުޓަރޭޒްގެ އޮފީހުން ނެރުމަށް ހަމަޖެހިފައިވާ ރިޕޯޓަކަށް އިޝާރާތް ކުރައްވައި ޑެނަން ވިދާޅުވީ، އިޒްރޭލު ކަޅު ލިސްޓަށް އަރުވައި، ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ޖިންސީ އަނިޔާ ބޭނުންކުރާ ކަމަށް ތުހުމަތު ކުރުމަކީ ނުހަނު ބޮޑު ގޯހެއް ކަމަށެވެ.
އަދި ސެކްރެޓަރީ ޖެނެރަލާއި އޭނާގެ ޓީމުން އިޒްރޭލާ ދެކޮޅަށް ދޮގު ފަތުރަމުންދާ ކަމަށާއި، ހަމާސްގެ ޓެރަރިސްޓުންނާއި އިޒްރޭލު އެއް ލިސްޓެއްގައި ހިމެނުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އދ. އަށް ކަނޑައަޅާފައި ހުންނަ އިޒްރޭލުގެ މިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގުޓަރޭޒް އެ މަގާމުގައި ހުންނެވިހާ ހިނދަކު ސެކްރެޓަރީ ޖެނެރަލްގެ އޮފީހާއެކު އެއްވެސް މުއާމަލާތެއް އެ ގައުމުން ނުކުރާނެ ކަމަށެވެ.
ސަފީރު ޑެނަންގެ މި ވާހަކަތަކާ ގުޅިގެން ގުޓަރޭޒްގެ ތަރުޖަމާނު ވިދާޅުވީ، އެ ބަޔާންތަކުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ތަރުޖަމާނު ސްޓެފަން ޑުޖަރިކް ވިދާޅުވީ، އދ. ގެ ފަރާތުން ސެކްރެޓަރީ ޖެނެރަލްގެ ދޮރުތައް އަދިވެސް ހުރީ ހުޅުވިފައި ކަމަށެވެ.
ހަނގުރާމަތަކާ ގުޅުންހުރި ޖިންސީ އަނިޔާގެ މައްސަލަތަކާ ބެހޭ ގޮތުން އދ. ގެ ސެކްރެޓަރީ ޖެނެރަލް ނެރުއްވާ އަހަރީ ރިޕޯޓަކީ، އެ ރިޕޯޓު އާންމުކުރުމުގެ ކުރިން އާންމު އުސޫލުން ކަމާބެހޭ ގައުމުތަކާ ހިއްސާކުރެވޭ ރިޕޯޓެކެވެ.
މިދިޔަ އޯގަސްޓް މަހު ނެރުނު ރިޕޯޓުގައި ވަނީ، ހަތިޔާރު އެޅި ހަމަނުޖެހުންތަކުގައި ޖިންސީ އަނިޔާ ދޭ ކަމަށް ތުހުމަތު ކުރެވޭ ނުވަތަ އެކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކުގެ ލިސްޓުގައި އިޒްރޭލު ހިމެނިދާނެ ކަމުގެ އިންޒާރު ދީފައެވެ.
މިހާރުވެސް އެ ލިސްޓުގައި ހަމާސް ޖަމާއަތް ހިމެނެއެވެ.
އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ފަލަސްތީނުގެ އަސީރުންނާއި ޖަލުތަކުގައި ތިބި މީހުންނަށް ޖިންސީ އަނިޔާ ކުރާ ކަމަށް ބުނާ "އިތުބާރު ހުރި މައުލޫމާތު" ލިބިފައިވާ ކަމަށް އދ. އިން އޭރު ބުނެފައިވެއެވެ. އަދި އދ. ގެ އިންސްޕެކްޓަރުން އެ ތަންތަނަށް ވަނުމަށް އިޒްރޭލުން ހުރަސްއަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް ސަފީރު ޑެނަން ވިދާޅުވީ، އެ ތުހުމަތުތައް ބެލުމަށް އދ. ގެ މަންދޫބުންނަށް އިޒްރޭލަށް ޒިޔާރަތް ކުރުމަށް ދައުވަތު ދިން ކަމަށާއި، އެހެންނަމަވެސް އެ ބޭފުޅުން ވަޑައިނުގަތުމަށް ނިންމެވީ ކަމަށެވެ.
އދ. އާއި އިޒްރޭލާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، 7 އޮކްޓޯބަރު 2023 ގައި ހަމާސްއިން ދިން ހަމަލާއާ ގުޅިގެން އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކަށްފަހު މި ގުޅުން ވަނީ ތާރީހީ ގޮތުން އެންމެ ދަށު ދަރަޖައަކަށް ވެއްޓިފައެވެ.
ޣައްޒާ އަށް އިޒްރޭލުން ދެމުންދާ ނުރައްކާތެރި ހަމަލާތަކަށް ފާޑުވިދާޅުވުމާ ގުޅިގެން، އިޒްރޭލު ސަރުކާރުން ވަނީ ގުޓަރޭޒްއަށާއި އދ. ގެ އެހެން އިސްވެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި 2024 ވަނަ އަހަރު އިޒްރޭލުން ވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލަކީ އެ ގައުމަށް ވަނުން މަނާ "ޕާސަނާ ނަން ގްރާޓާ" އެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
މަސްދަރު: އޭއެފްޕީ







