ޑްރާފްޓް ޑީލުގައި ކަނޑުގެ ބްލޮކޭޑް އުވާލުން ވަނީ ހިމަނާފައި: އީރާން
މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމަށް ތެހެރާނާއި ވޮޝިންގޓަނުން ހުށަހެޅުންތަކެއް ބަދަލުކުރަމުންދާއިރު، ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރުތައް އާންމު ހާލަތަށް ގެނައުމަށް ދެ ގައުމުގެ ދެމެދުގައި ފަހުމުނާމާއެއްގެ ދެލިކޮޕީއެއް އެކުލަވާލާފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައި. ނަމަވެސް އެމެރިކާގެ ވައިޓް ހައުސްއިން ވަނީ އެއީ ހަދައިގެން އުޅޭ ދޮގު މައުލޫމާތުތަކެއް ކަމަށް ބުނެ އެ ރިޕޯޓުތައް ކަނޑައެޅިގެން ދޮގުކޮށްފައި. މި ދެލިކޮޕީގައިވާ ގޮތުން، ފައިނަލް އެއްބަސްވުމަކަށް އައުމަށްޓަކައި ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ދެ ގައުމުގެ މެދުގައި އިތުރު މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހުށަހަޅާފައި.

އީރާނުގެ ލާރަކް އައިލެންޑް ކައިރީގައިވާ ހޮރްމޫޒް ކަނޑުއޮޅީގައި ގިނަ އަދަދެއްގެ އުޅަނދުފަހަރު ބަނދަރުކޮށްފައި އޮތްއިރު، 2026 ވަނަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހު އެ ސަރަހައްދުގައި އީރާނުގެ ދިދައެއް ވިހުރެނީ. | ގެޓީ އިމޭޖަސް
އެމެރިކާއާއެކު އެކުލަވާލާފައިވާ ސުލްހައިގެ އޮނިގަނޑުގެ ދެލިކޮޕީއެއްގައި، އީރާނަށް އަޅާފައިވާ ކަނޑުގެ ބަންދު އުވާލުމަށާއި، ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރުތައް އާންމު ހާލަތަށް ގެނައުމަށާއި، ގަލްފް ސަރަހައްދުން އެމެރިކާގެ ސިފައިން ބޭލުމަށް އެމެރިކާއިން އެއްބަސްވެފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުދަ ދުވަހު ބުނެފިއެވެ. ނަމަވެސް، ވައިޓް ހައުސްއިން ވަނީ ވަގުތުން އެކަން ދޮގުކޮށްފައެވެ.
ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށި، މުޅި މެދުއިރުމައްޗަށް ފެތުރިގެންދިޔަ ހަނގުރާމަ ހުއްޓާލުމަށްޓަކައި ތެހެރާނާއި ވޮޝިންގޓަނުން ފާއިތުވި ދުވަސްތަކުގައި ދަނީ އެކި ހުށަހެޅުންތައް ބަދަލުކުރަމުންނެވެ. މި ހަނގުރާމައިގައި އޭޕްރީލް 8 ވަނަ ދުވަހުން ފެށިގެން އަންނަނީ ނާޒުކު ސުލްހައިގެ އެއްބަސްވުމަކަށް އަމަލުކުރަމުންނެވެ.
އީރާނުގެ މީޑިއާ ރިޕޯޓުގައި ބުނެފައިވަނީ މިއީ ދެ ގައުމުގެ ދެމެދުގައި ވެވޭ ފަހުމުނާމާއެއްގެ ދެލިކޮޕީއެއް ކަމަށާއި، ނަމަވެސް މީގެ އިބާރާތްތައް އަދި މުޅިން ފައިނަލް ނުވާ ކަމަށެވެ.
ދުނިޔޭގެ ހަކަތައިގެ މުހިންމު މަގަކަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުން ވަރުގަދަކޮށްފައިވާއިރު، އެމެރިކާއިން ވަނީ އޭޕްރީލް 13 ވަނަ ދުވަހުން ފެށިގެން އީރާނުގެ ބަނދަރުތަކާއި ކަނޑުގެ މަގު ބަންދުކޮށް (ނޭވަލް ބްލޮކޭޑް) ހުރަސްތަކެއް ކުރިމަތިކޮށްފައެވެ.
"އީރާނަށް އަޅާފައިވާ ކަނޑުގެ ބަންދު އުވާލުމަށާއި، އިސްލާމީ ޖުމްހޫރިއްޔާ އީރާނަށް ވަންނަ އަދި އެ ގައުމުން ބޭރުވާ އުޅަނދުފަހަރަށް ހުރަސްއެޅުން ހުއްޓާލުމަށް އެމެރިކާއިން ވަނީ ހުށަހަޅާފައި،" ދައުލަތުގެ ޓީވީ ރިޕޯޓުގައި ބުނެފައިވެއެވެ.
ނަމަވެސް ވޮޝިންގޓަނުން ވަނީ އެ ރިޕޯޓަށް ވަރަށް ބޮޑަށް ފާޑުކިޔައި، އެއީ ދޮގު މައުލޫމާތެއް ކަމަށް ބުނެފައެވެ.
"އީރާނުގެ ސަރުކާރުގެ ކޮންޓްރޯލް އޮންނަ މީޑިއާއިން ފަތުރާފައިވާ މި ރިޕޯޓަކީ ދޮގެއް. އަދި އެމީހުން އާންމުކުރި ފަހުމުނާމާއަކީ ކަނޑައެޅިގެން ހަދައިގެން އުޅޭ އެއްޗެއް. އީރާނުގެ ދައުލަތުގެ މީޑިއާއިން ފަތުރާ ވާހަކަތައް އެއްވެސް މީހަކު ގަބޫލުކޮށްގެން ނުވާނެ. ހަގީގަތަކީ މުހިންމު އެއްޗެއް،" މި ޚަބަރު ފެތުރި އެމެރިކާގެ މީޑިއާތަކަށް ރައްދުދެމުން ވައިޓް ހައުސްއިން އެކްސްގައި ބުނެފައިވެއެވެ.
އެ ދެލިކޮޕީގައިވާ ގޮތުން، އެމެރިކާގެ މި ނިންމުމުގެ ބަދަލެއްގެ ގޮތުން، އެއް މަސް ދުވަހުގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅިން ވިޔަފާރި އުޅަނދުފަހަރަށް ހަނގުރާމައިގެ ކުރިން އޮތް ގޮތަށް ދަތުރުކުރުމުގެ ހުއްދަ އީރާނުން ދޭންޖެހެއެވެ.
އަދި ހަނގުރާމަ ފެށުނު ފަހުން އަމަލުކުރަން ފެށި އުސޫލުތަކުގެ ދަށުން، ކަނޑުގެ ދަތުރުފަތުރުގެ މަގުތައް ބެލެހެއްޓުމާއި، އުޅަނދުފަހަރު ބަލައި ފާސްކުރުމާއި، ޚިދުމަތުގެ ފީ ނެގުމުގެ ބާރު އީރާނަށް އޮންނާނެ ކަމަށްވެސް އެ ދެލިކޮޕީގައި ބުނެފައިވެއެވެ.
ސަރަހައްދުން އެމެރިކާ ސިފައިން ބޭލުމާ ގުޅޭގޮތުން އެ ދެލިކޮޕީގައި ބުނެފައިވަނީ، އެކަމާ ގުޅޭގޮތުން ވޮޝިންގޓަނުން އީރާނަށް ވައުދެއް ވެފައިވާ ކަމަށެވެ.
ދައުލަތުގެ ޓީވީން އިތުރަށް ބުނެފައިވަނީ، އެމެރިކާގެ މި ވައުދަކީ ހަމައެކަނި ހަނގުރާމައިގެ ތެރޭގައި އަދި ހަނގުރާމައިގެ ކުރިން ފޮނުވި ސިފައިންނާ ގުޅޭ ވައުދެއް ކަމެއް ނުވަތަ ގަލްފުގައި ކުރިންވެސް ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތައްވެސް ހިމެނޭ ގޮތަށް ވެފައިވާ ވައުދެއް ކަމެއް އަދި ސާފުނުވާ ކަމަށެވެ.
މި އޮނިގަނޑަށް އެއްބަސްވުމަށްފަހު، ތެހެރާނާއި ވޮޝިންގޓަނުން 60 ދުވަހުގެ މަޝްވަރާގެ މަރުހަލާއަކަށް ދާނެ ކަމަށް އެ ދެލިކޮޕީގައި ބުނެފައިވީ ނަމަވެސް، މަޝްވަރާ ކުރާނީ ކޮން ކަންތައްތަކަކާ ގުޅޭގޮތުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
"މި 60 ދުވަހުގެ ތެރޭގައި މަޝްވަރާތަކުން ފައިނަލް އެއްބަސްވުމަކަށް އާދެވިއްޖެނަމަ، އެ އެއްބަސްވުން އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރަކުން ފާސްކުރާނެ ކަމަށް ބެލެވޭ،" އެ ރިޕޯޓުގައި އިތުރަށް ބުނެފައިވެއެވެ.






