ރަސްމާލެ މަޝްރޫއު އަކީ ދައުލަތުގެ އާމްދަނީ އިން ވައްކަން ކުރަން ޖަހާ ސަކަރާތެއް: މައުރޫފް
ރަސްމާލެ މަޝްރޫއަކީ ބަޖެޓުގައި ފައިސާ ނެތް ނަމަވެސް ދައުލަތުގެ އާމްދަނީން ބޮޑު ހޭދައެއް ކުރަމުންދާ މަޝްރޫއެއް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ. ކުރީގެ ސަރުކާރުން ފަށާފައިވާ ގުޅީފަޅާއި ގިރާވަރުފަޅުގެ މަސައްކަތް ނިންމުމުގެ ބަދަލުގައި، އާ މަޝްރޫއަކަށް އިސްކަންދިނުމުގެ ސަބަބުން ބޯހިޔާވަހިކަމުގެ އުންމީދު ގެއްލިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި. އަދި މި ދައުރުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ވީ ވައުދާ އެއްގޮތަށް އަމަލީ މަސައްކަތް ކުރިއަށް ނުދާކަމަށް ވެސް މައުރޫފް ތުހުމަތު ކުރެއްވި.


ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު | ރައްޔިތުންގެ މަޖިލިސް
ފުށިދިއްގަރު ފަޅު ހިއްކުމުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަނީ ސަރުކާރަށް ލިބޭ އާމްދަނީން ވައްކަން ކުރުމުގެ މަސައްކަތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، ފުށިދިއްގަރު ފަޅު ހިއްކުމުގެ ނަމުގައި މިހާރު ހިންގަމުންދާ ކަންކަމަކީ ދައުލަތަށް ލިބޭ ފައިސާއަށް ޚިޔާނާތްތެރިވުމަށް ހިންގާ "ސަކަރާތެއް" ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
މައުރޫފް ވިދާޅުވީ 2024 ވަނަ އަހަރުގެ ބަޖެޓު ކުރީގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރިއިރު، ފުށިދިއްގަރު ފަޅު ހިއްކުމަށް ބަޖެޓުގައި ފައިސާ ހިމަނާފައި ނެތް ކަމަށެވެ. ނަމަވެސް ކޮންމެ ތާކުން ލާރި ހޯދައިގެން ވެސް އެ ފަޅު ހިއްކާނެ ކަމަށް ވިދާޅުވެ، ހުޅުމާލެއިން ބޮޑު އަގުގައި ބިންތަކެއް ބޭރުގެ ކުންފުނިތަކަކަށް ވިއްކާލަން ސަރުކާރުން އެއްބަސްވި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެކަމާ ދެކޮޅަށް ރައްޔިތުން ނުކުމެ، މަޖިލީހަށް މައްސަލަ ހުށަހެޅުމުން އެކަން ހުއްޓުނު ނަމަވެސް، ފަހުން ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ ހޭދަކޮށްގެން އެ މަސައްކަތް ފެށި ކަމަށް މައުރޫފް ވިދާޅުވި އެވެ.
އެއް ދުވަހެއްގައި ތިބެފަ އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ، ސަރުކާރަށް ލިބޭ އާމްދަނީ އިން ވައްކަން ކުރުމަށްޓަކައި ރައީސް މުޢިއްޒުކުރައްވާ ކަމެއް ކަމަށް ފުށިދިއްގަރު ފަޅު ހިއްކުމުގެ ނަމުގައި މި ޖަހާ ސަކަރާތަކީ. އޭރުގައި 2024 ވަނަ އަހަރުގެ ބަޖެޓު ކުރީގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ގެނައިރު ފުށިދިއްގަރު ފަޅު ހިއްކުމަށްޓަކައި ބަޖެޓުގައި އެ ފައިސާ ޖަހާފައި ނެތަތީވެ، އަނދޮގޭ ކިޔާފައި ތިމަންނަ ކޮންމެ ތާކުން ލާރި ހޯދައިގެން ވެސް ފުށިދިއްގަރުފަޅު ހިއްކާނަމޭ ބުނެ، ހުޅުމާލެއިން ބޮޑު އަގުގައި ބިންތަކެއް ބޭރުގެ ކުންފުނިތަކަކަށް ވިއްކާލަން އެއްބަސްވެ، އެކަމާ ދެކޮޅަށް އަނެއްކާ ރައްޔިތުން ނުކުމެ އަޅުގަނޑުމެން އެކަމާ ގުޅޭ ގޮތުން މައްސަލަތަކެއް މަޖިލީހަށް ލައިގެން ކުރި މަސައްކަތާ ގުޅިގެން އެކަން ހުއްޓިފައި، ދެން ފުށިދިއްގަރުފަޅު އަށް މަސްދުވަހުގެ ތެރޭގައި ހިއްކާނަމޭ ބުނެ، އެ މަސައްކަތް ފެށީ ދައުލަތުގެ ބޮޑު އަދަދެއް، 400 މިލިއަން ރުފިޔާ އަޅުގަނޑު ހަނދާން ވަނީ އެއަށް ހޭދަކޮށްގެން ފެށީރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
ރައީސް މުޢިއްޒުގެ މި "ވެނިޓީ ޕްރޮޖެކްޓް" ނުވަތަ ރަސްމާލެ މަޝްރޫޢަކީ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން" ކަމަށް ވިދާޅުވި ނަމަވެސް، އެއީ ހަގީގަތެއް ނެތް ވައުދުތަކެއްގެ ގޮތުގައި މައުރޫފް ސިފަކުރެއްވި އެވެ. ދައުރު ނިމޭއިރު 64,000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ގާއިމުކުރާނެ ކަމަށް ވިދާޅުވުމަކީ އަހަރަކު 20,000 ޔުނިޓް އެޅުން ކަމަށާއި، ނަމަވެސް މިހާތަނަށް އަމަލީ އެއްވެސް ނަތީޖާއެއް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހިސާބުތަކަށް ބަލާއިރު އަހަރަކު 20،000 ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭއިރު، ސަރުކާރުގެ ދައުރުގެ ދެބައި ވީއިރުވެސް ފެންނަން އޮތީ ފުށިދިއްގަރު ފަޅުގެ ބޮޑު ބައެއް ނުހިއްކި އޮތް މަންޒަރު ކަމަށް މައުރޫފް ވިދާޅުވި އެވެ. އަދި އެތަނަށް ގޮސް ސަރުކާރަށް ޕްރެޝަރު ކުރުމުން، މަޝްރޫއު ކުރިއަށް ގެންދަން މަޖުބޫރުވެ، ދައުލަތަށް ލިބޭ ހުރިހާ ޑޮލަރެއް ޑްރެޖަރުތަކަށް ޚަރަދުކޮށްގެން އެ ފަޅަށް އަޅަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
މި ކަންކަން އަޅުގަނޑުމެން އެ ވަގުތު ހިސާބަށް ބަލައިލިން. އެއީ އަހަރެއްގެ މައްޗަށް ވިހި ހާސް ފްލެޓް ނުވަތަ ވިހި ހާސް ބޯހިޔާވަހިކަން. މިއަދާ ހަމައަށް އައިއިރު އަޅުގަނޑުމެންނަށް ފެންނަން މި އޮތީ އަދި އޭގައި ދެބައިކޮށްފައި އޮތް ބައި ނުހިއްކި އުޅޭތަން. މިހާރު ދައުރު ދެބައިވެގެން މި ދިޔައީ. އަޅުގަނޑުމެން ގޮސް އެތަނަށް އަރައި، އެތަނުގައި އެ ޕްރެޝަރ ސަރުކާރަށް ކުރުވީމާ، ސަރުކާރަށް މަޖުބޫރުވެގެންދިޔައީ އެހެން ލެވެލެއްގައި އެތަނުގެ ހިންގުމުގެ، ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދަން. ނަތީޖާއަކަށްވެގެންދިޔައީ، ސަރުކާރުން އެތައް ބައިވަރު މިލިއަން ޑޮލަރެއް ޚަރަދުކޮށްގެން، ޑުރެޖަރުތަކާ އެއްޗެހި ގެނެސް ދިވެެހި ދައުލަތަށް މި ލިބޭ ހުރިހާ ޑޮލަރެއް ފުށިދިއްގަރު ފަޅަށް އަޅަމުންދިޔައީ.ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
މައުރޫފް އިތުރަށް ވިދާޅުވީ، ކުރީގެ ސަރުކާރުން ފަށާފައިވާ ގުޅީފަޅާއި ގިރާވަރުފަޅުގެ މަސައްކަތް ނިންމައި، އެތަންތަނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ގާއިމުކުރި ނަމަ މިއަދު ރައްޔިތުންނަށް އެތަންތަނުގައި ދިރިއުޅެވޭނެ ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން އެ މަސައްކަތްތައް މަޑުޖައްސާލުމުގެ ސަބަބުން ރައްޔިތުންގެ އުންމީދުތައް ގެއްލިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ކުރިއަށް އޮތް 10 ނުވަތަ 12 އަހަރުގެ ތެރޭގައިވެސް ފުށިދިއްގަރު ފަޅު ހިއްކައި، އެތަނުގައި އަސާސީ ޚިދުމަތްތައް ގާއިމުކޮށްގެން ރަނގަޅު ދިރިއުޅުމެއް ފެށިދާނެ ކަމުގެ އެއްވެސް އުންމީދެއް މިހާރު ރައްޔިތުންގެ ނެތް ކަމަށް ވިދާޅުވެ، މައުރޫފް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.








