މި ސަރުކާރުގައި މުޒާހަރާ ކޮށްގެން ހައްޔަރު ކޮށްފައި ތިބި މީހުންނަކީ ސިޔާސީ ހައްޔަރީނެއް ނޫން: މުންދު
މުންދު ވިދާޅުވީ މި ސަރުކާރުން ސިޔާސީ ވާދަވެރިންނަށް ބަދަލުހިފުމުގެ ރޫހެއް ނުގެންގުޅޭނެ ކަމަށާއި، މުޒާހަރާތަކުން ހައްޔަރުކުރާ މީހުންނަކީ ސިޔާސީ ހައްޔަރީން ނޫން ކަމަށް. އޭނާ ވިދާޅުވީ މުޒާހަރާގެ ބައިވެރިން ހައްޔަރުކުރަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި އާންމު ދަތުރުފަތުރަށް ހުރަސްއެޅުމާ ގުޅިގެން ކަމަށް. މީގެ އިތުރުން، ކުރީގެ ރައީސުންނަށް މި ސަރުކާރުން އެއްވެސް ޖެއްސުމެއް ނުކުރާނެ ކަމަށާއި، އެއްވެ އުޅުމުގެ މިނިވަންކަން މިހާރު ކުރިއަށްވުރެ ފުޅާކޮށްދީފައިވާނެ ކަމަށްވެސް ތަރުޖަމާނު ފާހަގަކުރެއްވި.


ހޮނިހިރު ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވާހަކަ ދައްކަވަނީ. | ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މުޒާހަރާ ކޮށްގެން ހައްޔަރު ކޮށްފައި ތިބި މީހުންނަކީ ސިޔާސީ ހައްޔަރީނެއް ނޫން ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، ދާދި ފަހުން ދައުލަތުގެ މީޑިއާއިން ފެށި ނޭޝަން ޓޯކް ޕްރޮގްރާމްގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތްކޮށް، މިހާރު ކުރަމުންދާ މުޒާހަރާތަކުގައި ހައްޔަރު ކުރާ މީހުންނަކީ ސިޔާސީ ހައްޔަރީންނަށް ނުވާނެތޯ ސުވާލު ކޮށްފަ އެވެ. އަދި މިދިޔަ ދައުރު ސިޔާސީ ގޮތުން ހައްޔަރު ކުރީ ކޮން ބޭފުޅެއްތޯ ވެސް ސުވާލު ކުރި އެވެ.
މި ސުވާލުތަކަށް މުންދު ވިދާޅުވީ ބަދަލުހިފުމުގެ ގޮތުން ސިޔާސީ ވާދަވެރިން ހައްޔަރު ނުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށާއި، އެއީ ވަރަށް ބޮޑު ތެދެއް ކަމަށެވެ. އަދި އެކަން އެއްވެސް ރައީސްއަކަށް ދޮގު ނުކުރެވޭނެ ކަމަށް މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ މި ސަރުކާރުން ކުރިން ވެރިކަން ކޮށްފައިވާ އެއްވެސް ރައީސަކަށް ސިޔާސީ ގޮތުން ޖެއްސުން ނުކުރާ ކަމަށެވެ.
މީގެ އިތުރުން މުންދު ވިދާޅުވީ، މިހާރު ކުރަމުންދާ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރާ މީހުންނަކީ ސިޔާސީ ހައްޔަރީން ނޫން ކަމަށާއި، އެމީހުން ހައްޔަރު ކުރަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ސަބަބުން ކަމަށެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން އެއޮންނަ އުސޫލުން ހައްޔަރުކުރެވި މުއްދަތު ވެސް ޖަހާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބަދަލު ހިފުމުގެ ގޮތުން ސިޔާސީ ވާދަވެރިން އެއީ ތެދެއްތޯ އެންމެފަހުން ވިދާޅުވި އެއްޗަކީ. ސިޔާސީ ވާދަވެރިން ހައްޔަރެއް ނުކުރޭ. އެއީ ތެދު ފުޅެއް ކަންނެންނެ ވަރަށް ބޮޑު. އެއީ އަޅުގަނޑަށް ހިޔެއް ނުވޭ ކުރީގެ ރައީސުންނަށް ވެސް ޑިނާއީ ކުރެއްވޭނެ ވާހަކައެއްހެން. މީގެ ކުރިން ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުން އޭގެކުރިން ތިއްބެވި އެބޭފުޅުންގެ ވާދަވެރިން ހައްޔަރު ކުރެއްވި. ނޫނިއްޔާ އެބޭފުޅުންގެ ސަރުކާރުގައި ހައްޔަރުވި. ރައީސް ޔާމީން ވިދާޅުވި ތިމަންނައެއް ނޫނޭ ކުރެއްވީއެއް. ރައީސް ވަހީދު ކުރައްވައިގެން އެބައޮތް އަޅުގަނޑަށް ޖަވާބެއް ދެއްވާފައި ކުރިން ދުވަހު އަޅުގަނޑު ބުނި އެއްޗަކަށް. ދެން ރައީސްއެއް ވީމަ އިހުތިރާމްއާއެކު ވަރަށް ބަލާގާތްތެރިކޮށް އަޅުގަނޑު ޖަވާބެއް އެރުވޭތޯ ބެލިން. އެއީ އެއް ވާހަކަ. މާނައަކީ ރައީސްގެ ޒައާމަތުގައި އިރާދަކުރެއްވިއްޔާ ރައީސް ސޯލިހު ރައީސް ޔާމީން ރައީސް ވަހީދު ވިޔަސް ރައީސް ނަޝީދު ވިޔަސް ރައީސް މައުމޫނު ވިޔަސް އޭގެން އެއްވެސް ބޭފުޅަކަށް އޯނައަރ އެއް ނުކުރަންތާއޭ.ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)
އެއްވެ އުޅުމުގެ ހައްގު މިއީ ރާއްޖޭގެ ގާނޫނަކުން ލިބިދޭ ހައްގެއްކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ މިސަރުކާރުގައި އެހައްގު 5 ގުނައަށް އިތުރު ކޮށްދީފައިވާ ކަމަށާއި، މުޒާހަރާ ކުރެވޭނެ ސަރަހައްދުތައް އިތުރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރަނީ މަޖީދީ މަގުން ކުރިއަށް ގޮސް އިތުރަށް މަގުތައް ޓްރެފިކް ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
މުންދު ވިދާޅުވީ އެކި މުޒާހަރާތަކަށް ފުލުހުން ޖާގަ ވެސް ދިން ނަމަވެސް ވަކި މަގުތަކަކުންދާން ބުނާނަމަ އެކަމުގައި ދިމާވާ ދަތިތަކަށް ބެލުމަށްފަހު ފުލުހުން އެބަޔަކު ހުއްޓުވާނެ ކަމަށެވެ. މުންދު ވިދާޅުވީ ފުލުހުން އެތައް ފަހަަރެއްގެ މަތިން މުޒާހަރާ ނިންމާލަން ބުނުމުން ވެސް ގަޑިއަށް ނުނިންމާ ކަމަށެވެ. އަދި ލިމިޓަށް ބެލުމަށް ފަހު ފުލުހުން ވެސް އެމީހުންގެ ޒިންމާ އަދާކުރާނެ ކަަމަށް މުންދު ވިދާޅުވި އެވެ.
މުންދު މިހެން ވިދާޅުވި ނަމަވެސް މިފަހުން ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި އެތައް ބަޔަކު ހައްޔަރު ކުރެ އެވެ.








