މާއެނބޫދޫ ބިން ހިއްކުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް، ނަމަވެސް މި މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!
މާއެނބޫދޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ނުދާތީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެ ދާއިރާގެ ރައީސް ޝާތިރު ވަނީ ކަންބޮޑުވުންފާޅު ކޮށްފައި. ޝާތިރު ވިދާޅުވީ މިމަޝްރޫއު ކުރިއަށް ގެންދިއުމަށް އެރަށުގެ ގިނަ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް. އަދި ވިދާޅުވީ އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބިމުގެ ދަތިކަމުގެ މައްސަލަ ކަމަށް.


ރައީސް ޑރ.މުހައްމަދު މުއިއްޒު މާއެނބޫދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ - 24 ފެބްރުއަރީ 2025. | ރައީސް އޮފީސް
ދ. މާއެނބޫދޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ދެ ހެކްޓަރުގެ ބިން ވަކި ރަށެއްގެ ގޮތުގައި ހިއްކައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް މިމަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ނުދާކަން ހާމަ ވެއްޖެ އެވެ.
ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން ވަނީ އެ ދާއިރާގެ ރަށްތަކުގެ ތަރައްގީ ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ.
މާއެނބޫދޫ އަށް އިޝާރާތް ކުރައްވައި ޝާތިރު ވިދާޅުވީ، އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބިމުގެ ދަތިކަމުގެ މައްސަލަ ކަަމަށާއި، އެރަށުގެ ބިން ހިއްކުމުގެ މަޝްރޫއަކީ އެރަށުގެ ގިނަ ރައްޔިތުން އެންމެ ބޮޑަށް ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއު ކަމަށެވެ.
އެގޮތުން ކޮންމެ އިންތިޚާބަކާ ދިމާކޮށް މިމަޝްރޫއުގެ އަމަލީ މަސައްކަތް ފަށާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ 2024 ވަނަ އަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިޚާބާ ދިމާކޮށް އެމްޓީސީސީ އެރަށުގައި މޯބަލައިޒްވެ، ބަންޑުވޯލް ޖެހި ކަމަށެވެ. އޭގެފަހުން އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބާ ދިމާކޮށް ވެސް ބިން ހިއްކުމަށްޓަކައި އަންނަ ބޯޓުތަކާއި، ޑްރައިޖަރުތައް އަންނަ އަޑު މުޅި ރަށުގައި ފެތުރި ކަމަށް ޝާތިރު ވިދާޅުވި އެވެ.
ނަމަވެސް މިއަދާ ހަމައަށް މާއެނބޫދޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާއެނބޫދޫގައި ބިމެއް ނުހިކުނު. އެމްޑީޕީއާއެކު ސޮއިކުރި އަދަދަށް ވުރެ ބޮޑު ކޮށް އަނެއްކާވެސް ސޮއިކުރި އެއަށްވުރެ ބޮޑު ބިމެއް އެތަނުގައި ހިއްކުމަށް. މިއަދާ ހަމައަށް އައިރު މުއިއްޒުގެ ސަރުކާރުން ތިން ވަނަ އަހަރު ގުނަމުން މިދަނީ ބާކީ އޮތީ ދެ އަހަރު ގާތްގަނޑަކަށް އަދި މާއެނބޫދޫ ބިން ހިއްކުމުގެ މަސައްކަތް ނުފެށޭ. ބަންޑުވޯލް ގިރާލައިގެން ދަނީ.އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން
މާއެނބޫދޫގެ 30 ހެކްޓަރުގެ ބިން ހިއްކުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މިމަޝްރޫއާ ގުޅޭގޮތުން 24 ފެބްރުއަރީ 2025 ގައި މާއެނބޫދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވިދާޅުވީ، އެ މަސައްކަތް ނިމޭއިރު ރައްޔިތުން ބޭނުންވާ ގޮތަށް ދެ ހެކްޓަރު ވަކި ރަށެއްގެ ގޮތުގައި ހިއްކާނެ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި މަޝްރޫއު މިހާރު އޮތީ އީއައިއޭ ހެދުމުގެ މަރުހަލާގަ އެވެ. އަދި އެ މަސައްކަތް ނިމުމާއެކު މާއެނބޫދޫގެ 30 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.






