Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
އެބޯލާ

އެބޯލާ ބަލި ކޮންޓްރޯލް ކުރުން ގޮންޖެހުމަކަށް ވަނީ ކީއްވެ؟ ބަލި ޖެހެނީ ކިހިނެއް؟

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ "ބުންޑިބުގްޔޯ" ކޮންޓްރޯލް ކުރުމަށް، ވެކްސިނެއް ނެތުމާއި ހަނގުރާމައިގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި. ބަލިޖެހިފައިވާ މީހުންގެ ޖިސްމާނީ މާއްދާތަކުން މި ވައިރަސް ފެތުރޭއިރު، ކަށުކަމާކެމީގެ އާދަކާދަތަކާއި ސިއްހީ ފަރުވާ ހޯދުމުގެ ބަދަލުގައި ސިހުރުވެރިންގެ އެހީ ހޯދުމުގެ ސަބަބުން ބަލި ފެތުރުން ވަނީ އިތުރުވެފައި. މި ބަލިމަޑުކަން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ބިރު އޮތުމާއެކު، ބޯޑަރުތަކުގައި ސްކްރީން ކުރުން ވަރުގަދަކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުން.

ރާއްޖެ އެމްވީ | 18 މެއި 2026 | ހޯމަ 18:17
އިންފެކްޓްވެފައިވާ "ވީއީއާރުއޯ އީ6" (VERO E6) ސެލްއަކުން (ރީނދޫ ކުލައިގައި)، އެބޯލާ ވައިރަސްގެ ޕާޓިކަލްތައް (ނޫ ކުލައިގައި) އުފެދި ބޭރުވަމުންދާ މަންޒަރު.

އިންފެކްޓްވެފައިވާ "ވީއީއާރުއޯ އީ6" (VERO E6) ސެލްއަކުން (ރީނދޫ ކުލައިގައި)، އެބޯލާ ވައިރަސްގެ ޕާޓިކަލްތައް (ނޫ ކުލައިގައި) އުފެދި ބޭރުވަމުންދާ މަންޒަރު. | ގެޓީ އިމޭޖަސް

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރު ކޮންގޯ) ގައި ފެތުރެމުންދާ އެބޯލާ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވަނީ، މިހާރު ފެތުރެމުންދަނީ ވެކްސިނެއް އުފެއްދިފައިނުވާ ނިސްބަތުން މަދުވައްތަރެއްގެ ވައިރަހަކަށް ވެފައި، ހަނގުރާމައިގެ ސަބަބުން ހާލަތު ގޯސްވެފައިވާ ސަރަހައްދަކުން މި ބަލި ފެނިފައިވާތީއެވެ.

މި ބަލިމަޑުކަމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަންދޭންޖެހޭ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ  ކަނޑައަޅައިފައެވެ.

އެބޯލާއަކީ ވައިރަހެއްގެ ސަބަބުން ޖެހޭ، ނިސްބަތުން މަދު ނަމަވެސް ފުރާނައަށް ނުރައްކާތެރި ބައްޔެކެވެ.

އާންމުގޮތެއްގައި އެބޯލާ ވައިރަސް ޖެހެނީ ޖަނަވާރުންނަށް، ޚާއްސަކޮށް ވާލަށެވެ. ނަމަވެސް ބަލިޖެހިފައިވާ ޖަނަވާރު ކެއުމުން ނުވަތަ އެފަދަ ޖަނަވާރަކާ ކޮންޓެކްޓްވުމުން އިންސާނުންގެ ތެރޭގައި މި ބަލި ފެތުރެން ފަށައެވެ.

މި ބަލީގެ އަލާމާތްތައް ފެންނަން ދެ ދުވަހާއި 21 ދުވަހާ ދެމެދުގެ މުއްދަތެއް ނަގައެވެ. ބަލީގެ އަލާމާތްތައް ކުއްލިއަކަށް ފެންނަން ފަށާއިރު، ފުރަތަމަ ފެންނަނީ ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ވަރުބަލިވުން ފަދަ އިންފްލުއެންޒާ ނުވަތަ ރޯގާގެ އަލާމާތްތަކެވެ.

ބަލި ބޮޑުވަމުންދާ ވަރަކަށް ހޮޑުލުމާއި ބޮޑުކަމުދާ ތަކެތި ދިޔާވުން ފަދަ އަލާމާތްތައް ފެނި، ހަށިގަނޑުގެ ގުނަވަންތައް ފެއިލްވުމަށް މެދުވެރިވެއެވެ. އަދި ބައެއް ބަލިމީހުންގެ ހަށިގަނޑުގެ އެތެރެއަށާއި ބޭރަށް ލޭ އައުމުގެ މައްސަލަ ކުރިމަތިވެއެވެ.

މި ވައިރަސް އެކަކު އަނެކަކުގެ ގަޔަށް ފެތުރެނީ ބަލިޖެހިފައިވާ މީހެއްގެ ލޭ ނުވަތަ ހޮޑު ފަދަ ހަށިގަނޑުން ބޭރުވާ ދިޔާ ތަކެތީގައި ޖެހުމުގެ ސަބަބުންނެވެ.

މިފަހަރުގެ ބަލިމަޑުކަން ފެތުރެނީ "ބުންޑިބުގްޔޯ" ނަމަކަށް ކިޔާ އެބޯލާގެ ބާވަތަކުންނެވެ. މިއީ ފާއިތުވި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ފެނިފައިނުވާ ބާވަތެކެވެ.

މީގެ ކުރިން ބުންޑިބުގްޔޯ ފެނިފައިވަނީ އެންމެ ދެ ފަހަރުއެވެ. އެ ދެ ފަހަރުވެސް ބަލިޖެހުނު މީހުންގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުން ވަނީ މަރުވެފައެވެ.

އެބޯލާގެ މި މަދު ބާވަތުގެ ސަބަބުން ބަލި ދެނެގަތުމަށާއި ފަރުވާ ދިނުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

ބަލި ދެނެގަތުމަށް ފުރަތަމަ ހެދި ލޭގެ ޓެސްޓުތައް ނެގެޓިވްވީ، އެ ޓެސްޓުތަކަކީ އާންމުކޮށް ފެންނަ އެބޯލާގެ ބާވަތްތަކަށް ހާއްސަކޮށްފައިވާ ޓެސްޓުތަކަކަށް ވާތީއެވެ.

ބުންޑިބުގްޔޯ ބާވަތަށް ހާއްސަ، ހުއްދަދެވިފައިވާ ވެކްސިނެއް އަދި ނެތް ނަމަވެސް، ތަޖުރިބާގެ މަރުހަލާގައި ބައެއް ވެކްސިންތައް އެބަހުއްޓެވެ. އަދި އެބޯލާގެ އެހެން ބާވަތެއް ކަމަށްވާ "ޒައީރް" އަށް އުފައްދާފައިވާ ވެކްސިނުން ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް ލިބިދާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، ބުންޑިބުގްޔޯއަށް އަމާޒުކޮށްގެން އުފައްދާފައިވާ ވަކި ބޭހެއް ނެތުމަކީ ބަލިމީހުންނަށް ފަރުވާ ދިނުމަށް އޮތް އިތުރު ދަތިކަމެކެވެ.

މި ހާލަތު އިތުރަށް ގޯސްވަނީ، ބަލިމަޑުކަން ފެތުރެމުންދަނީ ހަނގުރާމަ ހިނގަމުންދާ ސަރަހައްދެއްގައި ކަމަށްވެފައި، ދެލައްކަ ފަންސާސް ހާހެއްހާ މީހުން ގެދޮރު ދޫކޮށް ގޮސްފައިވުމާއި، އަދި އަވަށްޓެރި ގައުމުތަކުގެ ބޯޑަރުތަކުން މީހުން ހުރަސްކުރަމުންދާތީއެވެ.

އެހެންނަމަވެސް، ޑަބްލިއުއެޗްއޯއިން މިއީ ބައިނަލްއަގުވާމީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައެޅުމަކީ، ކޮވިޑް-19 ފަދަ ބޮޑު ބަލިމަޑުކަމެއްގެ ކުރީކޮޅުގައި އުޅޭ ކަމުގެ ނިޝާނެއް ނޫނެވެ. އިރުމަތީ އެފްރިކާއިން ބޭރުގެ ގައުމުތަކަށް މި ބަލީގެ ނުރައްކާ އޮތީ ވަރަށް ކުޑަކޮށެވެ.

މި ބަލި އެންމެ ފުރަތަމަ ޖެހުނު ކަމަށް ރިޕޯޓްކޮށްފައިވަނީ އޭޕްރިލް 24 ވަނަ ދުވަހު ބަލީގެ އަލާމާތްތައް ފެނުނު ނަރުހަކަށެވެ. މިއީ ބަލި ފެތުރެމުންދާކަން ނޭނގި އެތައް ހަފުތާއެއް ވެފައިވާކަން ހާމަވާ ކަމެކެވެ.

މީގެ މާނައަކީ ބަލި ފެތުރިފައިވާ ހަގީގީ މިންވަރު ނޭނގުމާއި، ބަލިޖެހިފައިވާ މީހުންނާއި އެމީހުންގެ ފަރާތުން ބަލި ފެތުރުނު މީހުން ހޯދުމުގެ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމެވެ.

ކޮންގޯގެ ހެލްތު މިނިސްޓަރު ސެމިއުލް ރޮޖާ ކަމްބާ ވިދާޅުވި ގޮތުގައި، އެ ނަރުސް މަރުވީ އިރުމަތީ ޑީއާރު ކޮންގޯގެ އިތޫރީ ޕްރޮވިންސްގެ ވެރިރަށް ބޫނިއާގައެވެ.

މިނިސްޓަރު ކަމްބާ ވިދާޅުވީ، މި ބަލި މިހާ ހަލުވިކަމާއެކު ފެތުރެން މެދުވެރިވި އެއް ސަބަބަކީ ހަށިގަނޑު ވަޅުލުމުގެ ކަންތައްތަކުގެ ތެރޭގައި ގިނަ ބަޔަކު އެ ހަށިގަނޑާ ކޮންޓެކްޓްވުން ކަމަށެވެ.

އެފްރިކާ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ ޑިރެކްޓަރު ޑރ. ޖީން ކަސޭޔާ ބީބީސީއަށް ވިދާޅުވީ، މީގެ ކުރީގެ އެބޯލާ ބަލިމަޑުކަންތަކުގައިވެސް ކަންބޮޑުވުން އޮތް ފަދައިން، މިފަހަރުވެސް މީހުން ވަޅުލުމުގެ ކަންތައްތަކަކީ ބަލި ފެތުރުމުގެ ބޮޑު ބިރެއް ކަމަށެވެ.

އޭނާ ވިދާޅުވީ އާންމު ސިއްހަތުގެ ހޭލުންތެރިކަމުގެ ކެމްޕޭންތަކުގެ ތެރެއިން، މީހުން ވަޅުލުމުގެ ކަންތައްތައް ކުރިއަށްގެންދާނެ ގޮތާއި، ސާފުތާހިރުކަމުގެ މުހިންމުކަމުގެ މައުލޫމާތު ދެމުންދާ ކަމަށެވެ. އަދި ސިއްހީ އެހީތެރިންނަށް ބޭނުންވާ ރައްކާތެރިކަމުގެ ސާމާނު ފޯރުކޮށްދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ކަމްބާ އިތުރަށް ވިދާޅުވީ، ބަލި ރިޕޯޓްކުރުން ލަސްވީ ބަލިޖެހިފައިވާ މީހުންނަކީ "ސިހުރު" ނުވަތަ "ގޮތްނޭނގޭ ރޫހާނީ ބައްޔެއް" ޖެހިފައިވާ ބައެއް ކަމަށް އާންމުން ގަބޫލުކުރުމުގެ ސަބަބުން، ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި ދީނީ މަރުކަޒުތަކާއި ފަންޑިތަވެރިންގެ އެހީތެރިކަން ހޯދާތީ ކަމަށެވެ.

ބަލީގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ އިތޫރީގެ ރަށްތައް ކަމަށްވާ މޮންގްވާލޫ، ރްވަމްޕާރާ އަދި ބޫނިއާއިންނެވެ.

މީގެ އިތުރުން، އިރުމަތީ ޑީއާރު ކޮންގޯގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ގޯމާއިންވެސް ބަލީގެ ކޭސްއެއް ވަނީ ފެނިފައެވެ. ގާތްގަނޑަކަށް 850,000 މީހުންގެ އާބާދީއެއް އޮންނަ މި ސިޓީ މިހާރު އޮތީ ހަނގުރާމަވެރި ގްރޫޕެއްގެ ކޮންޓްރޯލްގެ ދަށުގައެވެ.

ގޯމާއިން ބަލި ފެނުނު އަންހެން މީހާއަކީ، އޭނާގެ ފިރިމީހާ ބޫނިއާގައި އެބޯލާ ޖެހިގެން މަރުވުމުން އެ ސިޓީއަށް ދަތުރުކުރި މީހެއް ކަމަށް ކޮންގޯގެ ނޭޝަނަލް އިންސްޓިޓިއުޓް ފޯ ބަޔޯމެޑިކަލް ރިސާޗް (އައިއެންއާރުބީ) ގެ ޑިރެކްޓަރު ޖީން-ޖެކްސް މުޔެމްބޭ އޭއެފްޕީ ނިއުސް އެޖެންސީއަށް ވިދާޅުވިއެވެ.

އަވަށްޓެރި ޔުގެންޑާގެ ވެރިރަށް ކަމްޕާލާއިންވެސް އެކަކު ވަނީ މި ބަލީގައި މަރުވެފައެވެ. އަދި އެހެން މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މި ދެ މީހުންނަކީވެސް ދާދިފަހުން އެ ގައުމަށް ދަތުރުކުރި ކޮންގޯގެ ރައްޔިތުންނެވެ.

ކޮންގޯ ސަރުކާރުން މިހާރު ވަނީ ރައްކާތެރިކަމުގެ ސާމާނާއެކު ސިއްހީ ޓީމުތައް ބޫނިއާއަށް ފޮނުވާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި މެޑިސިން ސަން ފްރޮންޓިއަރސް (އެމްއެސްއެފް) އިންވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެ ޖަމިއްޔާތަކުން ދަނީ ބަލިމީހުންނަށް ފަރުވާދޭ މަރުކަޒުތައް ގާއިމުކޮށް، ބަލިމަޑުކަމުން އަރައިގަތުމުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

އާންމު ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

ބަލީގެ އަލާމާތެއް ފެނުމާއެކު ލަސްނުކޮށް ގުޅުން، ބަލީގެ އަލާމާތްތަކާއެކު މަރުވެފައިވާ މީހުންގެ ހަށިގަނޑުގައި ނުވަތަ މަރުވެފައިވާ ޖަނަވާރުގައި އަތްނުލުން، ރަނގަޅަށް ކައްކާފައިނުވާ މަސް ނުކެއުން، އަދި ގައިދުރުކަން ބެހެއްޓުމެވެ.

ނޯތު ކީވޫ ޕްރޮވިންސްގެ ވެރިރަށް ގޯމާ މިހާރު އޮތީ އޭއެފްސީ-އެމް23 ކިޔާ ހަނގުރާމަވެރި ގްރޫޕެއްގެ ދަށުގައެވެ. އެ ގްރޫޕުން ބުނާ ގޮތުގައި އެމީހުން ދަނީ އެބޯލާއަށް އިޖާބަދޭނެ ޓީމެއް އެކުލަވާލަމުންނެވެ.

އާދީއްތަ ދުވަހު އެ ގްރޫޕުގެ ތަރުޖަމާނު ލޯރެންސް ކަންޔޫކާ ބުނީ، އެމީހުންގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތަކުގައި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި، ސިއްހީ ޚިދުމަތްތެރިންނާ ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރާއި ހަނގުރާމަވެރި ގްރޫޕްތައް ގުޅިގެން މަސައްކަތް ކުރާނެތޯ ނުވަތަ ނޫންތޯ އެއްވެސް ފަރާތަކުން އަދި ސާފުކޮށް ބުނެފައެއް ނުވެއެވެ.

އެހެންނަމަވެސް، ގޯމާއިން ފެނުނު ކޭސް ކަށަވަރުކޮށްދިނީ ސަރުކާރުގެ އިދާރާއެއް ކަމަށްވާ އައިއެންއާރުބީ އިން ކަމަށްވާތީ، މިއީ މިކަމުގައި އެކުގައި މަސައްކަތް ކުރެވިދާނެ ކަމުގެ އުންމީދެއް އޮތް ކަމެކެވެ.

އެފްރިކާ ސީޑީސީއިން ވަނީ ކޮންގޯއާ ބޯޑަރު ހިއްސާކުރާ ގައުމުތައް ކަމަށްވާ ޔުގެންޑާ، ރުވާންޑާ އަދި ދެކުނު ސޫދާނަށް ބަލި ފެތުރުމުގެ ބޮޑު ނުރައްކަލެއް އޮތް ކަމުގެ އިންޒާރު ދީފައެވެ.

ބަލިމަޑުކަމަށް އިޖާބަދޭނެ ގޮތްތަކާ ގުޅޭގޮތުން އެ ހަތަރު ގައުމާއެކު މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރުވާންޑާގެ ބޯޑަރު ކައިރީގައި އޮންނަ ގޯމާއިން ބަލި ފެނުމާ ގުޅިގެން، އެ ގައުމަށް އެތެރެވާ މީހުން ސްކްރީން ކުރުމުގެ މަސައްކަތް ވަނީ ވަރުގަދަކޮށްފައެވެ.

މަސްދަރު: ބީބީސީ

ކޮންގޯއެބޯލާޑަބްލިޔުއެޗްއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންގޯގައި ފެތުރޭ އެބޯލާ އަކީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލެއް ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅައިފި

ކޮންގޯގައި ފެތުރޭ އެބޯލާ އަކީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލެއް ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅައިފި

17 މެއި 2026
ޔޫތު އިންޓަނޭޝަނަލް މޮޑެލް ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް: ޕްރިންސިޕަލުންނާ ބައްދަލުކޮށް މައުލޫމާތު ފޯރުކޮށްދީފި

ޔޫތު އިންޓަނޭޝަނަލް މޮޑެލް ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް: ޕްރިންސިޕަލުންނާ ބައްދަލުކޮށް މައުލޫމާތު ފޯރުކޮށްދީފި

17 މެއި 2026
އެބޯލާއާ ގުޅިގެން ޑަބްލިއުއެޗްއޯއިން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފި، މިނިސްޓްރީން ބުނީ ޙާލަތު މޮނިޓަރ ކުރަމުންދާކަމަށް

އެބޯލާއާ ގުޅިގެން ޑަބްލިއުއެޗްއޯއިން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފި، މިނިސްޓްރީން ބުނީ ޙާލަތު މޮނިޓަރ ކުރަމުންދާކަމަށް

17 މެއި 2026
ނިޕާ ވައިރަސް ފެތުރުމުގެ ނުރައްކާ ކުޑަކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

ނިޕާ ވައިރަސް ފެތުރުމުގެ ނުރައްކާ ކުޑަކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

31 ޖެނުއަރީ 2026
ނިޕާ ވައިރަސްގެ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އިންޑިއާ އިން ބުނެފި

ނިޕާ ވައިރަސްގެ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އިންޑިއާ އިން ބުނެފި

28 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު